މިއަދުގެ ހުކުރު ހުތުބާގައި ވެސް އޮތީ އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރުމެވެ. "އަމާންރާއްޖެ" އަކީ އެމް.ޑީ.ޕީގެ ކެމްޕެއިން ސްލޯގަންއެވެ. ހުކުރު ހުތުބާގެ މައުލޫއަކީ އިސްލާމް ދީނުގައި ޤައުމެއްގެ "އަމާން" ކަމަށް ދީފައިވާ އަހައްމިއްޔަތުގެ ކަމެވެ. އަދާލަތުޕާރޓީގެ ރައީސް ޝެއިހް އިމްރާން އަޑީގައި ހުންނަވައިގެން، އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ އިސްލާމިކް މިނިސްޓަރު ލައްވާ މިއަދުގެ ހުކުރު ހުތުބާ ހަދާލެއްވީ ސިޔާސީ ފޮޅިއަކަށެވެ! އެވަރުން ވެސް އެމް.ޑީ.ޕީން ތުހުމަތު ކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވަނީ އިދިކޮޅުން ކަމަށެވެ.
އިބޫ ސޯލިހުގެ ކެމްޕެއިން ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން އިމްރާން ގެންދަވަނީ ޑރ. މުއިއްޒަށް ނިސްބަތް ކުރައްވައި ސާބިތެއްނެތް ބޮޑެތި އެތައް ތުހުމަތެއް މުއިއްޒުގެ އިސްތަށިފުޅުގައި އަޅުއްވަމުންނެވެ. އެފަދަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ރޭގައި ވިދާޅުވީ ޑރ. މުއިއްޒު އަަށް ރައީސުލް ޖުމްހޫރިއްޔާކަން ލިބިވަޑައިގަތަސް އަހަރަކަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ނުހުންނެވޭނެ ކަމަށެވެ. އެގޮތުން، ރައީސް ޔާމީނާއި ޑރ. މުއިއްޒާ ދެމެދު ހިޔާލްތަފާތުވުމާއި މައްސަލަތައް އުފެދި އަހަރެއްހާ ދުވަހުގެ ތެރޭ ޑރ. މުއިއްޒަށް ވެރިކަން ގެއްލިވަޑައިގަންނަވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ގައިބުގައިވާ ވަރަށް ގިނަ ކަންތައް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވާ އިމްރާން މީގެ ކުރިން ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި އަޅުއްވާފައިވާ އިލްޒާމުތަކުގެ ތެރޭގައި، މުއިއްޒުގެ ވެރިކަމެއްގައި ޕޮލިސް ކޮމިޝަނަރަކަށް ލާނީ ވެސް ގޭންގެއްގެ ބޮޑެއް ކަމުގައި ވިދާޅުވިއެވެ. އަދި މުއިއްޒުގެ ވެރިކަމެއްގައި ހައްޔަރުކޮށް ޖަލަށް ލާންވީ މީހުުންގެ ލިސްޓެއް ޕީ.ޕީ.އެމުން މިހާރު ހަދާފައިވާ ކަމަށް ވެސް އިމްރާން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
އިމްރާނަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކަ އަކީ ހައްޔަރުކޮށް ޖަލަށް ލާންވީ މީހުންގެ ލިސްޓެއް ޑރ. މުއިއްޒު ނުހެއްދެވިއަސް، އެފަދަ ލިސްޓެއް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އެބައޮތެވެ. އެ ލިސްޓުގައި، ރައީސް ސޯލިހުގެ ނަމަށް ފަހު ދެވަނައިގައި އޮތީ ޝެއިހު އިމްރާންގެ ނަމެވެ. ތިންވަނައިގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ހަތަރު ވަނައިގައި ދިފާއީ ވަޒީރު މާރިޔާ ދީދީ އަދި ފަސް ވަނައިގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެވެ. މީގެ އިތުރުން ވެސް މާލީ ވަޒީރު އަމީރު އާއި އަކޔރަމް ކަމާލުއްދީން އާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު ފަދަ އެތައް ނަމެކެވެ.
މިއީ އިންޑިއާ އަށް މި ޤައުމު ވިއްކައިގެން، ޤައުމުގެ މާލީ މުއްސަނދިކަން ތިމާމެން ހިތުހުރި ގޮތަކަށް ތަޅައި ބުރުއްސައި، ފަސާދަ ހިންގި ކަމަށް ރައްޔިތުން ޤަބޫލު ކުރާ މީހުންނެވެ. ކޮންމެ ވެރިކަމެއް އައިސް މިފަދަ އެތައް ކަމެއް ކޮށްފައި، ޖަވާބުދާރީ ނުވެ، އަދަބެއް ނުލިބި ދަނީ އެވެ. އިމްރާންމެން ހިންގި ޖަރީމާ އަށް އިމްރާންމެން ޖަލަށްލުން ވާނީ އަނިޔާ އަކަށް ނޫނެވެ. އެކަން ވާނީ އިންސާފަށެވެ.
ޑރ. މުއިއްޒުގެ ވެރިކަމެއްގައި ގޭންގުތަކާއި ގުޅުން އޮންނާނެ ކަމަށް އިމްރާން ވިދާލުވުމުން ރައްޔިތުންނަށް ހަމަ ހެވެނީ އެވެ. މިސާލަކަށް އިމްރާނުގެ އެ ވާހަކައަކީ ހަޤީގަތް ކަމުގައި ވިއަސް ދިވެހި ގޭންގެއްގެ ބާރު އޮންނަ ސަރުކާރެއް ވެސް އިންޑިއާގެ ހިންދުތުވާ ބީ.ޖޭ.ޕީގެ ބާރު އޮންނަ ސަރުކާރަކަށް ވުރެ ދިވެހީންނަށް ރަނގަޅުވާނެއެވެ. މޯދީ ނަގާފައި މުސްލިމުންނާ އެންމެ އަދާވާތްތެރި އިންޑިއާގެ ލީޑަރަކީ އިންޑިއާގެ ޔުނިއަން ހޯމް މިނިސްޓަރ އަމިތު ޝާހު އެވެ. އޭނާގެ ނަމަކަށް "ޝާހު" ކިޔަސް އެއީ މުސްލިމެއް ނޫނެވެ. އަދިކިއެއްތަ، އަމިތު ޝާހަކީ މުސްލިމުންނާ ވަރަށް އަދާވާތްތެރި، މުސްލިމުންގެ ލެއިން އޭނާގެ ދެއަތް ތަތްތެޅިފައިވާ ނުބައި ނުލަފާ މީހެކެވެ. ކަނޑައެޅިގެން ﷲ ގެ އަދުއްވެކެވެ. އެވަރު މީހަކާ ދެއަތް ޖޯޑުކޮށް ސަލާމް ކޮށް، އޭނާ އަށް މުންނާރު ހަދިޔާ ކޮށް، ފޮޓޯ ނަގައި، ސަނާ ކިޔައި، އިހްތިރާމް އަދާ ކޮށްފައި އައިސް އިސްލާމް ދީނޭ ކިޔައިގެން ދިވެހިންނަށް ލެކްޗަރ ދެއްވަން އިމްރާނަކީ ފަހެ ކޮން ބޭފުޅެއް ތޯއެވެ؟ މިއީ މުނާފިޤް ކަމުގެ އަލާމާތެއް ނޫން ތޯއެވެ؟
އިހަކަށްރޭ އެމް.ޑީ.ޕީން ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިމްރާން ކީރިތިވެސް ކުރައްވައިފިއެވެ. އިބޫ ސޯލިހަށް ރައްޔިތުން ވޯޓު ނުދީފާނެ ކަމުގެ ބިރާއި ހިތާމައިގައެވެ. އިމްރާން މިގޮތަށް ކީރިތި ކުރައްވާނީ ހަމަ ގައިމުވެސް މިޤައުމުގެ ހައްްޤުގައެއް ނޫނެވެ. އެއީ އިމްރާނާއި އަދާލަތުގެ މަދު ޝެއިހުން ކޮޅެއް ނޮވެމްބަރ 17 އަށް ފަހު ވަޒީފާއެއް ނެތި، ސިޔާސީ ގޮތުން ޔަތީމުވެ، ބިކަވެ، އާރެއް ބާރެއް ނެތި މަގުމަތިވެ، ފަހަރުގައި ޖަލަށް ވެސް ދާން ޖެހިދާނެތީ އެޅުއްވި ކަރުނަ އެވެ.
އިބޫ ސޯލިހު 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމާއެކު އިބޫގެ އިސްތަށިފުޅަށް ސަވާރުވެވަޑައިގެން ވެރިކަމުގެ އެންމެ ބޮޑެތި ބާރުތައް ނެންގެވީ އިމްރާނެވެ. އެގޮތުން ރައީސްގެ އެންމެ އަރިސް މަޤާމް ކަމުގައިވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ކަން އަދާލަތުގެ އަލީ ޒާހިރަށް ދިނެވެ. އަދި ބާރުގަދަ ހޯމް މިނިސްޓަރ ކަން އިމްރާން ނެންގެވިއެވެ. ރައީސް ސޯލިހު އިންޑިއާއާ ގުޅިގެން މިހިންގެވި އަޅުވެތިކަމުގެ ސިއްރު ޕްލޭނާއި، ދިވެހީންގެ ބޮލުގައި އެޅުވި ދަރަނީގެ ދަންތުރަ އާއި، ލާދީނީ ޖަމާއަތްތައް ދިފާއުކޮށް ހިންގި އިސްލާމްދީނާ ބީރައްޓެހި ވެރިކަމުގެ މުގުލުގައި ހުންނެވީ ސީދާ އިމްރާނެވެ. އިބޫ ސޯލިހުގެ ވެރިކަން ހަރާބު ކުރައްވައި، ރައީސް ނަޝީދު ބާކީ ކުރުވައި، އިމްރާނުގެ ޕަޕެޓެއްހެން އިބޫ ލައްވާ ވެރިކަން ކުރުވައި، މިސަރުކާރު ހަލާކުކުރުވި ވެރިއަކީ ހަމަ ސީދާ ޝެއިހް އިމްރާނެވެ.
އެހެންކަމުން ޝެއިހް އިމްރާން ޑރ. މުއިއްޒާ މެދު ސާބިތު ނުހިފޭ ވާހަކަ ދައްކަަވައި، ގޭންގޭ، ޔާމީނޭ، ފަލޮޅޭ ވިދާޅުވެ އިލްޒާމް އަޅުއްވައި، ޕޯޑިއަމް ތަކުގައި ކީރިތި ކުރައްވައި ވިދާޅުވެ ހެއްދެވުމަކުން ހައިރާނެއް ނުވެއެވެ. އިބޫގެ ވެރިކަން ބަދަލުވުމާ އެކު ހުރިހާ ގޮތަކުން ވެސް އެންމެ ބޮޑަށް ބިކަވެ ހާލުގައި ޖެހޭނީ އިމްރާނާއި އިމްރާން އަރިހު ތިއްބެވި ދެތިން ޝެއިހުންނެވެ. އަދާލަތު ޕާޓީވެސް އެހިސާބުން އިމްރާނަށް ގެއްލިވަޑައިގަންނަވާނެއެވެ.
ވޯޓު ފޮށި ބަންދުކުރަން ދެން ބާކީ އޮތީ އެންމެ ވިއްސަކަށް ގަޑި އިރެވެ. ބަންދުކުރެވޭ ކޮންމެ ވޯޓު ފޮއްޓަކީ އިބޫ ސޯލިހާއި، އިމްރާނާއި، ޝާހިދާއި މާރިޔާ އަދި އެމް.ޑީ.ޕީ އާއި އަދާލަތުގެ ސިޔާސީ ހަޔާތުގައި ޖެހޭ ނިމުމުގެ ސިއްކައެކެވެ. ކީރިތި ކުރައްވާށެވެ. އަޅުގަނޑުމެން ޓިޝޫ ކަރުދާސް ކޮޅެއްހާ މިންވަރުވެސް ދޭކަށް ބޭނުމެއް ނޫނެވެ. އެއްވެސް ހަމްދަރުދީ އެއް ވެސް ނެތެވެ. ޤައުމެއްގެ އިއްފަތްތެރިކަން ފަސް އަހަރު ވަންދެން ފޭރިފައި އައިސް ރައްޔިތުން ކުރިމަތީ ކޮން ރުއިމެއް ރޯކަށް ތޯއެވެ؟
ހުރިހާ އެންމެން ބޮޑު ފަޅިއަށް އަރައިފިއެވެ. އުމަރު ނަސީރު ނަޔަސް އުމަރުގެ ޓީމުގެ ހުރިހާ އިސް މީހުންވެސް ޑރ. މުއިއްޒު ފަޅިއަށް އަރައިފި އެވެ. އިބޫ ފަޅީގައި ތިބީ އިމްރާނާއި ކައިިޒީން ކަހަލަ ބޭކާރު މަދު ބައެކެވެ. ބޮޑު ފަޅިއަކީ ރައްޔިތުންގެ ފަޅިއެވެ. ފައިސާ ބަހައިގެން، ވޯޓުން މަކަރު ހަދައިގެން، ސިހުރު ހަދައިގެން ކާމިޔާބު ވާނެ ކަމަށް ނުވިސްނަވާށެވެ. ޤާސިމް އިބްރާހިމް ވިދާޅުވާހެން "އިނަފް އިޒް އިނަފް" އެވެ!

One Response
ސާބަސް ބުސްޜީ. ތިޔައީ އިންޑިއާގެ ނުފޫޒުން ދުރުވެތިބި ކެރޭހިތްވަރުގަދަ ނޫސްވެރީން.
ދުވަހަކުވެސް ނަފުސު ނުވިއްކާނެކަމަށް ހީކުރަން.
އިމްރާނުގެ ކަހީނުކަމުން ގައުމު ސަލާމަތްކުރައްވާށި. އާމީން
އިނަފް އިޒް އިނަފް