މި ސަރުކާރުން ހުޅުމާލެއިން ދިން ގޯތިތައް އަތުލައި ވެރިކަމަށް ވަޑައިގެންނަވާތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅަށް ބަދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވާ ކަމަށް ބުނެ އާއްމުކޮށްގެން އުޅޭ އޯޑިއޯއަކީ ފޭކެއް ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިންގައި ރަސްރަނި ބަގީޗާގައި ރޭ ބޭއްވި ވަންޓު ވަން ލައިވް ޕްރޮގްރާމެއްގައި ވާހަަކަދައްކަވަމުންނެވެ.
"ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ގާތަށް" މި ނަމުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ބައިވެރިއަކު ހުށަހެޅި ސުވާލެއްގައި ބުނެފައިވަނީ ހުޅުމާލެއިން ދިން ގޯތިތައް ޑރ. މުއިއްޒުގެ ވެރިކަމެއްގައި އަތުލައި، ފުރަތަަމަ ތިން މަސްދުވަހުގެ ތެރޭގައި ފުށި ދިއްގަރު ފަޅަށް ބަދަލުކުރާނެ ކަމަށް ބުނާ، މުއިއްޒުގެ އަޑުފުޅު ކަމަށް ބުނާ އޯޑިއޯއެއް މިހާރު އެބަ ދައުރުކުރާ ކަމަށާއި އޭގެ ހަގީގަތަކީ ކޮބައިތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ އޯޑިއޯއަކީ ހަގީގަތެއް ނެތް، ފޭކް އެއްޗެއް ކަމަށެވެ. އަދި އެއީ އެ މަނިކުފާނުގެ އަޑު ބޭނުން ކޮށްގެން މެނިޕިއުލޭޓްކޮށް އެންޓި ކެންޕެއިން ކުރުމުގެ ގޮތުން ހަދައިފައި އޮތް ފޭކް އޯޑިއޯއެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުވެސް ތީތި އަޑުއެހިން އިނގޭތޯ. ދެން ތި ޓުވީޓް ކުރެއްވި ބޭފުޅާއަށް ހަމަ ރިޕްލައި ކުރިން އަޅުގަނޑު ތިއީ ހުސް ފޭކޭ ތިއީ ހަަދައިފައި އޮތް އެއްޗެކޭ ކިޔައިފައި. ޓުވީޓް ކުރީމަ އެއްކަލަ އޯޑިއޯ ޑިލީޓްކޮށްލައިފި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެފަަދަ އެޑިއޯތައް ހަދަނީ އެންޓި ކެންޕެއިން ކުރުމަށް ކަމަށާއި އެއްވެސް ވާހަކައެއް ހަގީގަތަށް ނޫނީ މިހާތަނަށް ވެސް އެ މަނިކުފާނު ދައްކަވައިފައިނުވާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގޯތި ދޫކުރަން ނިންމާފައި ހުރި ހުރިހާ ތަންތަނަކީ އަދި ހިއްކައިފައި ހުރި ތަންތަން ވެސް ނޫން ކަމަށާއި މާދަމާގެ ވޯޓުން އެ މަނިކުފާނު އިންތިހާބުވެވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ އެ ތަންތަން ހިއްކުމުގެ މަސައްކަތް ކުރެެއްވުން ކަމަށެވެ. އަދި އޭގެ އިތުރުން ވެސް މާލޭގެ ސަރަހައްދުގައި ހިއްކަން ހުރި ހުރިހާ ބިމެއް ފުށިދިއްގަރު ފަޅާއި ގުޅީފަޅާއި ގިރާވަރުފަޅު ހިމެނޭ ގޮތަށް ހަ މަހާއި 12 މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިންމަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އަދި އެ ބިންތައް ހިއްކުމުން 65،000 މީހުންނަށް ގެދޮރުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މިހާރު މިދެނީ 10 ވަރަކަށް ހާސް މީހުންނަށް ގޯތި ގެދޮރުގެ ކޮންމެވެސް ކަހަލަ އުއްމީދެއް. ދިނީމަ (ގޯތި) ނުލިބޭ 30 އާއި 40 ހާސް މީހުން މި ތިބެންޖެހެނީ އެއްވެސް ކަހަލަ އުއްމީދެއް ނުލިބި. އެހެންވެ އެންމެންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ކަހަލަ ހައްލެއް ހުށަހެޅުމަކީ އަޅުގަނޑުމެންގެ ވިސްނުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ދޫކުރާ ބިންތަކުން ލިބޭ ގޯތިތަކުގައި ގެދޮރު އެޅުމުގެ ލުއިފަސޭހަ ގޮތްތަކެއް ހޯދައިދެއްވާނެ ކަމަށާއި އެ ބިންތަކުގައި ގެދޮރު ނުހެދެނީސް ލިބިފައިވާ ބިންކޮޅެއް ދޫކޮށްލަން ނުޖެހޭނެ ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment