...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ބޮޑު ދުވަސް!

މިހާރު ގަޑިން ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވެ 12 ޖަހައި ބޮޑުވެއްޖެއެވެ. ރަސްމީކޮށް ހުކުރު ދުވަސް ފެށުނީ އެވެ. އަދި 48 ގަޑިއިރު ފަހުން މި ޤައުމުގެ ކުރިއަށް އޮތް ފަސް އަހަރުގެ މިސްރާބު އޮންނާނީ ކަނޑައެޅި ނިމިފައެވެ. ހޮނިހިރު ދުވަހުގެ ރޭ މެންދުމުން އަލިވެ 12 ޖަހާއިރު ނަތީޖާ އޮންނާނީ އެނގިފައެވެ. ރިއާސީ އިންތިހާބު ކާމިޔާބު ކުރައްވާ ފަރާތެއް އެނގެން ދެން އޮތީ އެންމެ 48 ގަޑިއިރެވެ. ހޮނިހިރު ދުވަހަކީ ދިވެހި ރައްޔިތުން މި ބޮޑު ނިންމުން ނިންމާ ދުވަހެވެ. ބޮޑު ދުވަހެކެވެ!

މުޅި ޤައުމު ކަހަލަ ގޮތަކަށް މިއޮތީ ބަދަލަކަށް ފެންބޮވައިގެންފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ނަންނަމުގައި ބިމާއި ފައިސާ ބައްސަވައި، ރިޝްވަތުގެ ގޮތުގައި މާނަކުރެވިދާނެ އެތައް ކަމެއް ކުރައްވައި، ނުފުއްދޭނެ ވައުދުތައް ވެވަޑައިގެން، ރައްޔިތުން ގުނބޯ ހެއްދެވުމުގައި ވަރަށް ބިޒީ އެވެ. ޑރ. މުހައްމަދު މުއިއްޒުގެ ހަސަދަވެރީން ވަރަށް ގިނައެވެ. ސިޔާސީ ވާދަވެރިން މިއަދު ތިބީ ހަސަދައިން ފޯވެފައެވެެ. ޤައުމީ ލޯބި އިސްކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތް އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް ވެސް މިހާރު ހުންނެވީ ރައީސް ސޯލިހު ފަޅީގައެވެ. ޤާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހިމާއި އެ ޕާޓީގެ އިސް ވަރަށް ގިނަ ބޭފުޅުންވެސް ވަޑައިގަތީ ރައީސް ސޯލިހު ފަޅިއަށެވެ. ފާރިސް މައުމޫން ވެސް ވަކި ކޮޅެއް ނުނަންގަވާނެ ކަމަށް ވިދާޅުވެ ސްޓޭޖް ދޫކުރައްވައި ފިލާވަޑައިގެންފިއެވެ. ރައީސް ޔާމީން އޮންނެވީ ޖަލުގައެވެ. ސިޔާސީ މިފަދަ ވާދަވެރިންގެ މުނާފިޤްކަން ހާމަވެގެންދާ މި އިންތިހާބުގައި ޑރ. މުއިއްޒު ފަޅީގައި ތިއްބެވީ ދިވެހި ރައްޔިތުންނެވެ. ވިއްސަކަށް ސިޔާސީ ވާދަވެރީންނަށް ވުރެ ހަމަ ގައިމުވެސް ބާރުގަދަ ވާނީ ދިވެހި ރައްޔިތުންނެވެ.

ސައިންޓިފިކް އެނަލިސިސް ބޭނުންކޮށްގެން ހެދި ހުރިހާ ފޯކާސްޓަކުން ވެސް ދައްކަނީ ހޮނިހިރު ދުވަހުގެ އިންތިހާބު ޑރ.މުއިއްޒު 60%- 40% އިން ނަންގަވާނެ ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ އެމް.ޑީ.ޕީން ވަރަށް ދެކޮޅު ނުޖެހޭ ބަޔާނެއް އިއްޔެ ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވަން އިދިކޮޅުން ރާވަމުންދާ ކަމަށެވެ. މިއީ ބުއްދި ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫނެވެ. ހުރިހާ ފައިސާ އަކާއި ބާރަކާއި އެކު އޮތް ސަރުކާރަކުން މުޅި ދައުލަތް ބޭނުންކޮށްގެން ކެމްޕެއިން ކުރަމުންދާއިރު އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅަށް ކުރެވޭނީ ފަހެ ކޮންކަމެއް ބާވައެވެ؟ އިންތިހާބަށް މިހާރުވެސް ނުފޫޒު ފޯރުވަމުން އެދަނީ ރައީސް ސޯލިހެވެ. އަދި ނަތީޖާ އަށް ވެސް ނުފޫޒެއް ފޯރުއްވުނިއްޔާ ފޯރުއްވޭނީ ރައީސް ސޯލިހަށެވެ. މިފަދަ ބަޔާނެއް އެމް.ޑީ.ޕީން ނެރުމުގެ ބޭނުމެއް ކަމަށް ފެންނަނީ އެމް.ޑީ.ޕީން އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވާފައި އިދިކޮޅުގެ ބޮލުގައި އެޅުވުމަށް ކަމަށް ފެެނެއެވެ.

އިންތިހާބުން އެމް.ޑީ.ޕީ ބަލިވާކަން އެނގިއްޖެނަމަ ހޮނިހިރު ދުވަހުގެ ވަކި ހިސާބަކުން، އެމް.ޑީ.ޕީގެ ތާއީދާއެކު މާލެތެރެއަށް ގުންޑާއިން ނެރެގެން ހަމަނުޖެހުން އުފައްދަން ބަޔަކު ރާވާކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައި ވެއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން ތެރެއަށް ވަދެގަނެ، ތަކެއްޗަށް ގެއްލުންދީ، އިންތިހާބު ބައްވާނެ މާހައުލެއް ނެތްކަން ދައްކައި، އިންތިހާބު ފަސް ކުރުމަށް އެމްޑީ.ޕީން މަސައްކަތް ކުރުމަކީ ހަމަވެދާނެ ގޮތެކެވެ.

ޤައުމު ދެކެ ލޯބިވާ، ޤައުމަށް ހެޔޮއެދޭ، އިހްލާސްތެރި، ފައިސާ އަށް ނުވިކޭ ރައްޔިތުން މިކަމަށް ފާރަވެރިވެ، ސުލްހަވެރިކަމާއި، އަމާންކަމާއި، އިންސާފުވެރިކަމާއެކު މި އިންތިހާބު ނިންމާލެވޭތޯ ވަރަށް ބޮޑަށް ފާރަވެރިވާން ޖެހެއެވެ. ދިވެހި ފުލުހުންނާއި ސިފައިން މިކަމުގައި ދިވެހި ރައްޔިތުންނާ އެކުގައި ވުމަކީ ރައްޔިތުންގެ އެދުމަކަށް ވާނެކަން ޔަޤީނެވެ. މިއީ ޑރ. މުއިއްޒަށް ކޮށްދޭ ކަމެއް ނޫނެވެ. މިއީ ފަރަންޖީ ދައުލަތަކުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދިވެހި ޤައުމުގެ މަސްލަހަތުގެ ތެރެއަށް ވަދެ، ބޭރު މީހުންގެ މަސްލަހަތު އިސްކޮށް، ދިވެހި ޤައުމު އިނދަޖައްސާލަން ކުރާ މަސައްކަތެއް ހުއްޓުވަން ރައްޔިތުން ނިކުމެ ތިބި ފަހަރެކެވެ. ފުލުހުންނާއި ސިފައިންގެ ތެރެއިން އިހްލާސްތެރި މީހުން މިކަމުގައި ރައްޔިތުންގެ ދިފާއުގައި ތެދުވާން ޖެހެއެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުވެސް މަސައްކަތް ފައްޓަވާނީ އިންޑިއާ ސިފައިން މި ޤައުމުން ބާލައި ރާއްޖޭގެ މިނިވަންކަން ޔަޤީން ކުރައްވަން ކަމުގައި ވިދާޅުވާ ކެންޑިޑޭޓަކު ހުންނަވަނިކޮށް އިންޑިއާ އަށް ޤައުމު ވިއްކާ ކެންޑިޑޭޓަކަށް ދިވެހީން ވޯޓެއް ނުލާނެއެވެ.

ބޭސް ފަރުވާ އަށް ވަކި ޤައުމަކަށް (އިންޑިއާ އަށް) ބަރޯސާވާ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ވިދާޅުވާ ކެންޑިޑޭޓަކު ހުންނަވަނިކޮށް ބޭސް ފަރުވާއަށް މުޅި އާސަންދަ ބަޖެޓު އިންޑިއާ ހޮސްޕިޓަލްތަކަށް ތަޅާ ބުރުއްސާ ކެންޑިޑޭޓަކަށް ދިވެހީން ވޯޓެއް ނުދޭނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހައްދަވާން ވައުދުވެވަޑައިގަންނަވާ ކެންޑިޑޭޓަކު ހުންނަވަނިކޮށް، ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން އިންޑިއާގެ މީހެއްގެ ނަމަށް ބަދަލުކުރަން ހީލަތްތެރި ރޭވުމެއް ރާވާ ކެންޑިޑޭޓަކަށް ދިވެހީން ވޯޓެއް ނުދޭނެއެވެ.

އަޑި ނޭނގޭ ސިއްރު އެއްބަސްވުންތައް ހާމަކުރައްވައި، ސައްހަ މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވާ ކެންޑިޑޭޓަކު ހުންނަވަނިކޮށް، ރައްޔިތުންނަށް ސިއްރުން ޤައުމު ވިއްކާލައްވާ ވެރިއަކަށް ދިވެހީން ވޯޓެއް ނުދޭނެއެވެ. އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރާއި، އިންޑިއާގެ ނޫސްވެރިން ރައީސް ސޯލިހަށް ފާޅުގައި ކެމްޕެއިން ކުރަމުންދާ އިރު ރައީސް ސޯލިހަކީ އިންޑިއާގެ ކެންޑިޑޭޓުކަން ވަރަށް ސާފެވެ. ހިތްތިރި، ހިކްމަތްތެރި، މީހުންގެ އަބުރަށް އަރާވަޑައިނުގެން، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވައި، ޤައުމު ދަރަނިން ސަލާމަތް ކުރައްވައި، ދިބެހި ރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވާނެ ކެންޑިޑޭޓަކު ހުންނަވަނިކޮށް، އިންޑިއާގެ އަޅު ކުއްޖަކަށް ދިވެހިން ވޯޓެއް ނުދޭނެއެވެ.

ދިވެހިންނާއި ދިވެހި ޤައުމުގެ ބޮޑު ދުވަހުގައި، ދިވެހީންގެ ބޮޑު ނިންމުން ނިންމާނީ ދިވެހި ޤައުމާއި ދިވެހީންގެ ދީނުގެ ހައްޤުގައިކަން ޔަޤީނެވެ. ދިވެހި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލާން ދެން ބާކީ އޮތީ އިންޝާﷲ 48 ވަރަކަށް ގަޑި އިރެވެ. އެއް އަޒުމެއްގައި، އެއް ވާނެއްގައި ހުރިހާ ދިވެހީން، ނުފޫޒުން އެކިބާވެ ތިބެ، ބަދަލަކަށް އެދިގެން ވޯޓުލާން ޖެހެއެވެ. އިންޑިއާ އާއި ރައީސް ސޯލިހުގެ ކިބައިން ހޮނިހިރު ދުވަހު މިޤައުމު ސަލާމަތް ނުކުރެވިއްޖެ ނަމަ ދިވެހީން ގިސްލަގިސްލާފައި ރޯންޖެހޭ ދުވަސް އޮތީ މާދުރުގައެއް ނޫނެވެ. އެމަގުން ނުގޮސް ދިވެހި ޤައުމު ސަލާމަތް ކުރަން ލިބޭ މި ފަހު ފުރުސަތުގެ ބޭނުން، މި ބޮޑު ދުވަހު، ދިވެހި ރައްޔިތުން ހިފާނެކަން ޔަޤީނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. އިންޝާ الله ބްރަދަރ….
    ރައްޔިތުންނަށް ނޯޅޭ ގޮތަށް ހެއްކާއި ގަރީނާ އިން ލިއުންތެރިއެއްގެ ވާޖިބް އަދާކުރައްވަމުން ދާތީ ތެދުވެރިކަމަށް ލޯބި ކުރާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ތިޔަ ބޭފުޅާގެ މަސައްކަތަށް އައްސަރިބަހާ ސާބަސް ދަންނަވަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.