މި ސަރުކާރުގެ ސިޔާސީ މަގާމަކަށް ލާފައި ތިބި މުވައްޒަފުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީއާ އެކު ރަސްމީ އަދި ނުރަސްމީކޮށް ކޯލިޝަން ހަދައިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވެސް މުވައްޒަފެއް ވެސް ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް އެ ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ރިޔާސީ ކެންޕެއިންގައި އެޕްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީންނާއި ޑްރައިވަރުންނާއި މިނޫން ވެސް އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުންނާ މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޑރ. މުއިއްޒު ވިދާޅުވީ މާލެއެކޭ އެއްފަަދައިން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށެވެ. އެ މުވައްޒަފުންގެ ތެރޭގައި މިހާރު ޕީޕީއެމް/ޕީއެންސީއާ އެކު ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ކޯލިޝަން ހަދާފައިވާ ސިޔާސީ ޕާޓީއެއަކުން ކަނޑައަޅާފައި ތިބި މުވައްޒަފުން އެ ހަމަޖެހޭ އުސޫލެެއްގެ މަތިން އެ ވަޒީފާތަކުން ވަކި ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ޑރ. މުއިއްޒާއެކު ޕީޕީއެމް/ޕީއެންސީ ނުކުތީ އެކަންޏެވެ. ނަމަވެސް ދެ ވަނަ ބުރުގެ ކެމްޕެއިން ފެށީ ކާނަލް މުހައްމަދު ނާޒިމްގެ އެމް.އެން.ޕީން، އެއްވެސް ޝަރުތެއް ނެތި ޕީޕީއެމާ ގުޅިގެންނެވެ. އަދި ފުރަތަމަ ބުރުގައި އެމް.ޑީ.ޕީއާއެކު ކޯލީޝަން ހަދައިގެން ތިއްބާ، ފުރަތަމަ ބުރުގެ ނަތީޖާގައި ރައީސް ސޯލިހު ދެ ވަނަ އަށް ވެއްޓުމުން، މީގެ ދެ ރެއެއް ކުރިން، ސަން އަހުމަދު ސިޔާމުގެ އެމް.ޑީ.އޭ ވެސް ވަނީ ދެ ވަނަ ބުރުގައި ޕީ.ޕީ.އެމަށް ތާއީދުކުރަން ނިންމައިފައެވެ. އެކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ މަރުހަބާވެސް ކިޔައިފައެވެ. ނަމަވެސް މިއިން އެއްވެސް ޕާޓީއަކާއެކު ޕީޕީއެމް/ޕީއެންސީން ރަސްމީ ކޯލީޝަނެއް ނުހަދައެވެ.
"އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. ސަރުކާރުތައް ބަދަލުވާއިރު އެންމެ މަތީގައި ސިޔާސީ ގޮތުން ލާފައި ތިބޭ މަގާމުތަކަކީ ހަމަ ސަރުކާރެއް ބަދަލުވާއިރަށް ބަދަލުވާ މަގާމެއް. އެ މަގާމުތަކުގެ ވާހަކައެއް ނޫން މި ދަންނަވަނީ. އެ މަގާމުތަކުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަަށް ސިޔާސީ ގޮތުން މުހިންމު، މިހާރު ހެދިފައި މިހިރަ އެކި ކަހަލަ ނުރަސްމީ އަދި ރަސްމީ ކޯލިޝަންތަކުގެ ތެރެެއިން އެ ހަމަޖެެހޭ އުސޫލަކުން ދޭންޖެހޭ ވަޒީފާތައް އެ ސިޔާސީ މަގާމުތަކުގައިި ތިބެދާނެ. އެ ވަޒީފާތައް ނުލާ މިދެންނެވީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން މީހުން ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އިތުރު ވަޒީފާތައް ހޯދައިދީ އާމްދަނީ ހޯދާނެ އިތުރު ގޮތްތައް ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގެން، އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލަށް ގެނެސްދޭންޖެހޭ ހެޔޮ ބަދަލުތަކާއި ޕާކިންގެ މައްސަލަތަކާއި މަސައްކަތްކުރާ އިމާރާތަަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކޮންމެ ކަމަކަށް ރަނގަޅު ދާއިމީ ހައްލެއް (ގެނެސްދޭނަން). ދެން އިތުރަށް ކަންބޮޑުވާން ނުޖެހޭ ގޮތަށް އެކުއެކީގައި ހައްލު ގެނެސްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.



advertisment