Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މިހިރީއެ ހާލަކީ އުޅޭ، ކިހިނެއްތަ ދެން ހަދާނީ؟؟…

މިމަހު 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބޮޑު ތަނުން ބަލިވެވަޑައިގެން ދެވަނަ ބުރަށް ދިއުމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވީ އަދި މި ނިމުނީ މެޗުގެ ފުރަތަމަ ހާފު ކަމަށާއި، ފުރަތަމަ ހާފުގައި 3-1 އިން ބަލިވެފައި އޮތަސް ދެވަނަ ހާފުގައި އިތުރު ހަތަރު ގޯލު ޖަހައި މެޗުން މޮޅުވާނެ ކަމަށެވެ. އަދި ދެވަނަ ހާފުގައި ކުރީ ހާފަށް ވުރެ މޮޅު ފޯވާޑުން ކުޅެން ނެރުއްވާނެ ކަމަށާއި، އެޓޭކަށް ކުޅެ، ފުލުފުލުގައި ގޯލު ޖަހައި މޮޅުވާނެ ކަމަށް ވެސް، ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު އެ ރޭ ވިދާޅުވިއެވެ.

މެޗުގެ ދެވަނަ ހާފު ފެށުމުގެ ވަގުތު ކުޑަތަން ވެއްޖެއެވެ. ކުރީ ހާފުގައި ފޯވާޑަށް ކުޅުއްވި ޝޭހު އިމްރާންގެ އިތުރުން، ބޮޑު އަގުގައި މުޅިން އާ ފޯވާޑުންތަކެއް ވަނީ ސޯލިހުގެ ޓީމާ ގުޅިފައެވެ. ހަގީގަތުގައި އެއީ "ހާސްކަނޑާލާ" ޓީމުގެ ކޯޗަށް ފިސާރި ރަނގަޅަށް މެޗު ކުޅެދިން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ރިއަލިޓީ އިލްހާމާއި، ތެޔޮ ރިޔާޒާއި، ވެންޓިލޭޓަރު އަމީނާއި ސްމޯކް ބަލަކު ފަދަ "ބޯރަނގަޅު" ފޯވާޑުން ހިމެނެއެވެ. ބަލިވާހެން ހީވާނަމަ ރެފްރީއަށާއި ލައިންސްމަނުންނަށް ރިޝްވަތު ދޭން ސޯލިހު ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ސޯޓު ތެރެއަށް ފައިސާ ބޮނޑިއެއް ހުރީ ޖަހައިފައެވެ. މެޗުން މޮޅުވާން، އިތުރު ގޯލްތަކެއް ޖެހޭނެ ކަމުގެ ޔަޤީންކަމާ އެކު، ވަރަށް ހެވިފައި ސޯލިހުގެ ޓީމު ދަނޑަށް އެރިއެވެ. ސޯލިހުގެ ކެޕްޓަން ބޭންޑުގައި ހުރީ އިންޑިއާގެ ދިދައެކެވެ.

ދެ ޓީމުގެ ކުޅުންތެރީން ދަނޑުމަތީ އެތުރިލިއިރު ސޯލިހުގެ ޓީމުގައި ތިބީ 10 ކުޅުންތެރީންނެވެ. ރަނގަޅަށް ބަލައިލިއިރު ގޯލް ކީޕަރު ސިޔާމް ފެންނާކަށް ނެތެވެ. ގޯލް ކީޕަރު މި ވަނީ ފުރަތަމަ ހާފު ނިމިގެން ޗޭންޖިން ރޫމަށް ވަނތްގޮތަށް ރީނދުލާއި އޮރެންޖު ޖާޒީ އެއްލާލައި، އިދިކޮޅު ޓީމަށް ސޮއިކޮށްފައެވެ. އޭނާ ފަހު ހާފުގައި ހުރީ ޕިންކާއި ފެހި ކުލައިގެ ޖާޒީގައި، އިދިކޮޅު ޓީމުގެ ގޯލް ކީޕަރަކަށެވެ! މިއީ ދުނިޔޭގެ ރެކޯޑެކެވެ. ފުޓުބޯޅަ މެޗެއްގެ އެއް ހާފުގައި ކުޅުނު ކުޅުންތެރިއެއް ދެވަނަ ހާފުގައި އަނެއް ޓީމަށް ކުޅުމަކީ މިހާތަނަށް ދުނިޔޭގެ ތާރީހުގައި ވެސް ވީކަމެއް ނޫނެވެ. "ދުނިޔޭގެ ރައީސް"ގެ ޓީމު ފިޔަވައެވެ.

ސިޔާމް ނެތުމުން ސޯލިހު ޓީމުގެ ގޯލް ކީޕަރަކަށް ދެން ލާންޖެހުނީ ޖާބިރެވެ. އޭނާ ވަކްތުންވަކްތައް ދަނޑަށް އަރަންޖެހޭކަން އެންގީ ޗޭންޖިން ރޫމުގައި ބޯން އިންދައެވެ. ލޮލީ އެވެ. ސޯލިހު ވިދާޅުވި ގޮތަށް "އުފާވެރި އަމާންރާއްޖެ" ޓީމަށް ދެވަނަ ހާފުގައި އިތުރު ހަތަރު ލަނޑު ޖެހިއްޖެއެވެ. ނަމަވެސް ޓީމުގައި އަސްލު ގޯލް ކީޕަރު ނެތުމުން މުޅި ޓީމުގެ ފަހަތް އޮތީ ފޫގޮސްފައެވެ. ފައުލްތައް ގިނަވުމާއި ޑިފެންސް ހާއަޅައިފައި އޮތުމުން "ދިވެހީންގެ ރާއްޖެ" ޓީމުން މާ ބޮޑު ފިކުރެއް ނެތި 17 ގޯލު ޖަހައި، އީރާނުން ރާއްޖެ ލަދުގަންނަވާލި ފަދަ ސްކޯއަކުން ސޯލިހުގެ ޓީމު ބޮޑުތަނުން ބަލިކޮށްފިއެވެ. "ދިވެހީންގެ ރާއްޖެ" ޓީމުގެ ކެޕްޓަން ބޭންޑުގައި ހުރީ ދިވެހި ގައުމީ ދިދައެވެ.

މި މެޗުގައި އެންމެ މަޖާ ކަމަކަށްވީ، އެ 17 ގޯލުގެ ތެރޭގައި، އިންޑިއާގެ ކޯޗު މަހާވަރަންގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ "އުފާވެރި އަމާންރާއްޖެ" ޓީމުގެ ކެޕްޓަން، ބައިކޮޅަށް ޖެހި 12 ގޯލް ހިމެނޭތީއެވެ.

ޗެއާ-މޭން އޮފްދަ މެޗަކަށް ހޮވުނީ ޖާބިރެވެ. ޖާބިރު ވެސް މެޗު ނިމުމާ އެކު "ވަކްތުންވަކްތަށް" އިދިކޮޅު ޓީމަށް ސޮއިކޮށްފިއެވެ. ސޯލިހުގެ ޓީމުގެ އަރިމަތިން (ވިންގަށް) ކުޅެން ގެނައި ކައިޒީން އަކަށް ނުއެއް ދުވެވެއެވެ. އޭނާ ދަނޑުމަތީގައި ދުވުމުގެ ބަދަލުގައި، ގަޔަށް ބާރު އިސްކާޓު ލައިގެން ހިލޭ ފިރިހެނުން ބަލާތޯ ކެޓްވޯކުގައި ދެކޮޅަށް ހިނގުން ފިޔަވައި، އަނެއްހެން މާ ބޮޑު ކަމެއް ނުކުރެއެވެ. ދޭތެރެއަކުން ހޭންޑް ބޭގުން ޑޮލްޝީއެންޑް ގަބާނާ ރަތް ލިޕްސްޓިކެއް ނަގައި ތުންފަތުގައި ހާކާލައެވެ. އޭނާއަށް ނުދުވެވުނީ މަތިބަރުވީމައޭ، ފުލަށް ބަރުވީމައޭ ކިޔައިން ވެސް މީހުންތައް ހަޅޭއްލެވިއެވެ. ވަރަށް ފޯރި ހުއްޓެވެ. ޑިފެންސް ހަވާލުކޮށްފައި ހުރި ފިނދަނަ ޑިމާރިއޯ މުޅި މެޗުގައިވެސް ބޮޑަށް ބެލީ އިދިކޮޅު ކެޕްޓަނަށް އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުން ނަމަވެސް ހަމަލާއެއް ދެވޭތޯއެވެ. ރީތި، ނަލަ ކުޅުމެއް ކުޅޭކަށް ނޭނގުނެވެ.

ސޯލިހުގެ ޓީމުގެ ސެންޓަރ ފޯވާޑަކަށް ކުޅެން ގެނައި އައްޑޫ އަސްލަމް އެންމެ ފަހަރަކު ދުވެލައިފައި ވަރުބަލިވެ، ގުނބުހިލިގެން، ވޯޓަރ ބްރޭކެއް ނެގިގޮތަށް ބެންޗުމައްޗަށް އަނބުރައިގަނެގެން ވެއްޓުނު ގޮތަށް ހޭވެރިކަން ވީ ވެސް މެޗު ނިމެން ދެތިން މިނިޓަށް ވީފަހުންނެވެ. އެ ތަނުގައި ވައިސް ކެޕްޓަން ފައިސަލް ހުރި ގޮތަށް ބެހެއްޓި ނަމަ ތިހެނެއް ނުވީހޭ މީހުންތައް ގޮވަމުންދިޔައެވެ. އެކަމަކު އޭރު އޮތީ މެޗުން ވާނެ އެއްޗެއްވެ ނިމިފައެވެ. އަދި ލަންކާގެ "ދޮންއަމާ" އަރުވައިގެން ހަމަލާއެއް އުފެއްދޭތޯ އެންމެ ފަހު ވަގުތު ވެސް ލައްކަ މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވީއެވެ.

ސޯލިހު ޓީމު، "ބިރަކާނުލައި" މީގެ ފަސް އަހަރު ކުރިން ހޯދި ކާމިޔާބުގެ ހަގީގީ ސިއްރަކީ އެ ޓީމުގެ ކުރީގެ ކޯޗު ނަޝީދެވެ. އެއީ ރާއްޖެ ދެކެފައިނުވާ ކާމިޔާބު ކޯޗު އަބުޖީއަށް ބޮޑުބޭބެ ކިޔާ ކޯޗެކެވެ. ނަމަވެސް ނަޝީދަށް އަންގައިވެސްނުލާ، ވަރަށް ހުތުރުކޮށް އޭނާ ޓީމުން ބާކީކޮށްލައިފައި ޓީމުގެ ކޯޗުކަން ދިނީ އިންޑިއާގެ ކޯޗެއް ކަމުގައިވާ، ދެމޫނުގެ ވެރި، މަހާވަރަން ކިޔާ މީހަކަށެވެ. އެ މީހާ ކޯޗަކަށް ލުމުން ޓީމުގެ ގިނަ ސަޕޯޓަރުން ވަނީ ސޯލިހުގެ ޓީމަށް ތާއީދު ކުރުންވެސް ހުއްޓާލައިފައެވެ.

މެޗުން ބަލިވާނެކަން ޔަޤީންވުމުން ސޯލިހު ޓީމުގެ ކުޅުންތެރިން މަސައްކަތްކުރީ އިދިކޮޅު ޓީމުގެ ކުޅުންތެރީންނަށް ޓެކްލްކޮށް، ނުޤަވާއިދުން ފައުލްތައްކޮށް، އަތްފައި ބިންދާލައި، ދަތްޕިލާ ފުނޑާލައި، ދަނޑުގައި ހުޅުޖެހުން ފަދަ ކަންކަން ކޮށްގެން ނަމަވެސް މެޗު އަލުން ކުޅެންޖެހޭ ފަދަ ހާލަތަކަށް ގެންދެވޭތޯ އެވެ. ނަމަވެސް އެ ފުރުސަތެއް ނުލިބުނެވެ. ސަޕޯޓަރުންގެ ސަބަބުންނެވެ.

މުޅި މެޗަށް ބަލާއިރު، ސޯލިހުގެ ޓީމަށް އެންމެ ބޮޑު ލަނޑެއް މި ދިނީ ފުރަތަމަ ހާފުގައި ގޯލަށް ކުޅެފައި ދެވަނަ ހާފުގައި އަނެއް ޓީމަށް ސޮއިކުރި ގޯލް ކީޕަރ ސިޔާމެވެ. އޭނައާ ދިމާލަށް މާމުޔޭ ކިޔައިގެން ވެސް މީހުންތައް ހަޅޭއްލެވިއެވެ. ސެންޓަރ ފޯވަޑަކަށް ކުޅެން ގެނައި އައްޑޫ އަސްލަމަކީ ދުވަހަކު ފުޓުބޯޅައެއްގައި ފައިން ޖެހި މީހެއް ނޫންކަން ސޯލިހަށް އެނގިވަޑައިގަތީ އަސްލަމްގެ ބަނޑައިގެން ދަނޑަށް އެރީމައެވެ. ބޯޅައަކަށްވާ ބޯޅައަކަށް އަސްލަމް މިހާތަނަށް ކުޅެ އުޅުނީ ބަކަރި ކޮށީގައި، ފައިގަތަޅާ އެކަންޏެވެ. އެ ކުޅެން ވެސް ގަޑިއަކަށް ނުދެވެއެވެ. ނިދާ ނުހޭލެވޭތީއެވެ. އެ ވަރަށް ސިނގިރޭޓް ބޯތީ ބުންވަރެއް ނުހުރެއެވެ. ވީމާ ފުޓުބޯޅަ ޓީމެއްގެ ސެންޓަރ ފޯވަޑަކަށް ކުޅެން ބޮޑުތަނުން އުނދަގޫވީ ކަމަށް ޤަބޫލު ކުރެވެއެވެ.

ބަދަލު ކީޕަރަކަށްލީ ޖާބިރު މެޗުގެ 90 މިނިޓުގެ ތެރެއިން ހަމަހޭގައި ހުރީ ދެތިން މިނިޓު އެކަންޏެވެ. އަނެއް 87 މިނިޓު އޭނާ އޮޕަރޭޓް ކުރަމުންދިޔައީ ގޯލް ދަނޑި ކައިރީ ހުރި ގަހަކަށް އަރައި އޮވެއެވެ. އޭނާ ހުންނަނީ ވެސް މުޅި މޫނުގައި ވެލި އުނގުޅައިގެންނެވެ. ހޮނޑައިދުއަށް، ސަންރައިޒް ބަލަންދިޔަ މީހުން ތިބި ގޮތަށެވެ. ސޯލިހު ގޮވަގޮވާ ވެސް ގޯލްކީޕަރ ގަހުން ނުފޭބުމުން ގޯލް އޮތީ އިދިކޮޅު ފޯވާޑުންނަށް ހިތަކަށް ލިބިފައެވެ. ވާނީ ވެސް އެހެންތާއެވެ.

މި ކަހަލަ ހާލެއްގައި ގޮސް މެޗު ނިމުނުއިރު 17-4ގެ ތަފާތުބޮޑު ލީޑަކުން ކުރީގައި އޮވެ "ދިވެހީންގެ ރާއްޖެ" ޓީމުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފިއެވެ. ސޯލިހު ޗޭންޖިން ރޫމަށް ގޮސް ބަލައިލިއިރު އެ ޓީމުގެ ހުރިހާ ކުޅުންތެރީން ގޮސް ވަނީ އިދިކޮޅުޓީމުގެ ޗޭންޖިން ރޫމަށެވެ. ސޯލިހު އިނީ ހަމަ އެކަނިމާއެކަންޏެވެ. ރެފްރީއަށް ދޭން ގެންދިޔަ ފައިސާ ބޮނޑިތައްވެސް ރެފްރީއަކަށް ނުދެއެވެ. އެ ފައިސާ ވެސް ކުޅުންތެރިން ކާލީ އެވެ. އެ ވަގުތު ސޯލިހުގެ ހިތަށް އަރައި ފައިބަން ފެށީ ނައިފަރު ދޮހޮއްކޮގެ ލަވައެއްގެ ފެށޭ ބައިތެވެ:

"މިހިރީއެ ހާލަކީ އުޅޭ. ކިހިނެއްތަ ދެން ހަދާނީ؟ …ޖެހިފައިމިވާ ގިލަން މަގޭ ކިހިނެއް ހިތުން ފިލާނީ؟؟" އެވެ.

ޗެމްޕިއަން ޓީމުގެ ޗޭންޖިން ރޫމުތެރެއަށް ނަޝީދު ވެސް ވަދެ ހުރެ އަތްތިލަބަޑި ޖަހައި، ނަށަނީއެވެ.