Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: "ދުނިޔޭގެ ރައީސް" މިއޮއްގެން ބަލިވަނީ!

ރިއާސީ އިންތިހާބުގެ ދެވަނަ ބުރު ބޯމަތިވެފައިވާ އިރު އަޅުގަނޑުގެ ހިތުގައި ވަރަށް ތަފާތު ސުވާލުތަކެއް އުފެދެމުން އެބަދެއެވެ. އޭގެ ތެރެއިން ބައެއް ސުވާލު މިތާނގައި ހިއްސާ ކޮށްލާނަމެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގައި ރާއްޖެތެރޭގެ 170 އަށް ވުރެ ގިނަ ރަށަށް ޒިޔާރަތް ކުރެއްވުމަށް ފަހު އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސް ސޯލިހު ރާއްޖެތެރެ ދޫކޮށްލައްވާފައި މުޅިންވެސް މާލޭގައި ކެމްޕެއިން ކުރައްވަނީ ކީއްވެެގެން ބާވައެވެ؟ ބުނެވޭ ގޮތުގައި ރައީސް ސޯލިހު ރާއްޖެތެރޭގައި ތަފާތު ޕްރޮޖެކްޓްތައް ހިންގެވުމުން ލިބޭނެ ކަމަށް ހީކުރެއްްވި އަދަދަށް ރާއްޖެތެރޭ ރަށްރަށުން ވޯޓު ލިބިވަޑައިނުގަތުމުން މާލެއަށް ފޯކަސް ބަދަލުކޮށްލެއްވީ އެވެ. ހުޅުމާލެ އާއި، ގިރާވަރު ފަޅާއި، އުތުރު ތިލަފަޅުން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ބައްސަވައިގެން މާލޭގެ މެޖޯރިޓީއާ އެކު އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވޭނެ ކަމަށް ބައްލަވައިގެންނެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް ސޯލިހު ޤަބޫލް ކުރައްވާ ގޮތުގައި ރާއްޖެތެރޭ ރައްޔިތުން އެމަނިކުފާނަށް "ހަރާންކޯރުވީ"އެވެ. އެހެންކަމުން މާލޭ ރައްޔިތުންނަށް ހުރިހާ ލޯތްބެއް ދެއްވަން މާލޭގައި މަޑުކުރެއްވީ އެވެ. އެހެންވެ ރާއްޖެތެރޭ ރައްޔިތުން ހަދަންވީ ގޮތަކީ އެންމެން އެކައްޗެއް ކިޔައިފައި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަންވީއެވެ. ހަރާންކޯރު ނުވަނީސް ހަރާންކޯރުވީ ކަމަށް ބުނުމުން އެންމެ ރަނގަޅުވާނީ ރަނގަޅަށް ހަރާންކޯރުވީމައެވެ. ހަރާންކޯރުވީމަ ވާނެގޮތް ރައީސް ސޯލިހަށް ދައްކާލަން ރާއްޖެތެރޭ ރައްޔިތުންނަށް މިއޮތީ ރަނގަޅު ފުރުސަތެކެވެ. އަންނަ ހޮނިހިރު ދުވަހު އެކަން ނިކަން ރަނގަޅަށް ދައްކާލާށެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމުގައިވާ ޝެއިހް އިލްޔާސް ޖަމާލު އަތުބެރަށް ލަވަ ވިދާޅުވެ ރައީސް ސޯލިހަށް ސަނާ ވިދާޅުވުމަކީ އެމް.ޑީ.ޕީ ޖަލްސާތަކުގައި މިހާރު އާއްމު ކަމަކަށް ވެއްޖެއެވެ. ރާއްޖޭގެ ޝެއިހުންނަށް ގިނަ ދިވެހީން އިތުބާރު ނުކުރަނީ އިލްޔާސް ޖަމާލާއި، ޝެއިހް އިމްރާނާއި ޝެއިހް އިލްޔާސް، އަދި ޑރ. އިޔާޒް ފަދަ ދީނީ އިލްވެރީން އެމްޑީ.ޕީގެ ސަރުކާރަށް ސަނާ ކިޔައި، އެ ސަރުކާރު ދިފާއުކޮށް، ދެވަނަ ދައުރަކަށް އެ ސަރުކާރު ހޮވަން އުޅޭތީ އެވެ.

ދީނީ ކާޑު ކުޅެގެން ބާރުތައް ހޯއްދަވައިގެން ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނަކީ ދިވެހި ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތްއިރުވެސް، މުޅި ސަރުކާރުގެ އެންމެ ބޮޑެތި ބާރުތައް ނަންގަވައިގެން ހުންނެވި މިނިސްޓަރެވެ. އިމްރާން ފަހަތުގައި ލައްވައިގެން ރައީސް ސޯލިހު ކުރައްވާ ކެމްޕެއިނަކުން ތާއީދަށް ވުރެ ބޮޑަށް ލިބިވަޑައިގަންނަވާނީ ރައްޔިތުންގެ ނަފްރަތެވެ. ރަށްރަށުގެ ގޭގެއަށް ވަންނަވައި ހިލޭސާބަހަށް ހަވާދު ހަނާކޮށްދެއްވިޔަސް ވޯޓެއް ނުލިބޭނެއެވެ. ތެންކިޔޫ އިމްރާން.

އިންތިހާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ޤާސިމް އިބްރާހިމް ނިންމެވުމުން ޤާސިމް ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާފައެވެ. އޭގެ ތެރޭގައި ރިޔާޒް ރަޝީދާއި އިލްހާމް އަހުމަދާއި، ޑރ. އަމީން އިބްރާހިމާއި "ވެންޓިލޭޓަރ" އަބްދުﷲ އަމީނާއި "ސްމޯކް" އަލީ ވަހީދު ފަދަ ބޭފުޅުން ހިމެނެއެވެ.

ޤާސިމްގެ ޕާޓީގައި ތިއްބެވި، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ފަދަ ހަރުދަނާ ބޭފުޅުންގެ ތާއީދު ޑރ. މުއިއްޒު ކޮޅަށް ދިޔަ އިރު އިލްހާމް ކަހަލަ އެކި މޫސުމަށް އެކި ކޮޅަށް ދަތުރުކުރާ ބޮއްކުރާތައް ރައީސް ސޯލިހުގެ އޮޑި ދޮށަށް ކައިރި ކުރުމަކުން ހައިރާނެއް ނުވެއެވެ. އެބަޔަކު ދާނީ އެބަޔަކާ ގުޅޭ ވައްތަރު މީހުންނާ ދިމާއަށެވެ. ލަނޑަޔާ ވާނީ ލަނޑަޔާ އެވެ. ނަމުގެ ކުރިއަށް ދާދި ފަހުން "ޑރ." އަޔަސް އަމީނު ވެސް ކަން ކުރެއްވި ގޮތުން ރިޔާޒު ރަޝީދެކޭ އަމީނެކޭ ހުރި ތަފާތެއް އަޅުގަނޑަކަށް ނުވިސްނުނެވެ.

ފާރިސް މައުމޫނާއި، އުމަރު ނަސީރާއި، ޤާސިމް އިބްރާހިމް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމެވުމުން ހައިރާނެއް ނުވެއެވެ. ރާއްޖޭގެ ސިޔާސީ މީހުންގެ މެޖޯރިޓީ މީހުންނަކީ އަމިއްލަ އެދުން އިސްކުރާ މީހުންނެވެ. "މަށަށް ވެރިކަން ނުލިބެންޏާ އިންޑިއާ އަށް ޤައުމު ލިބުނަސް މަށަށް އޯކޭ" އެވެ. ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑު އަލީ އަޝްފާގު (ދަގަނޑޭ) ފަދައިން އެންމެން ޤައުމު ދެކެ ލޯތްބެއް ނުވާނެއެވެ. އަޝްފާގު ދާދި ފަހުން ބުނިކަމަށް ވަނީ ތިމަންނާ ޤައުމީ ޓީމުގައި ނުހިމެނިއަސް ތިމަންނާ ސަޕޯޓް ކުރާނީ ދިވެހި ޤައުމީ ޓީމަށެވެ. އިންޑިއާ އަކަށް ނޫނެވެ! އެކަމަކު ސިޔާސީ ގިނަ މީހުނަށް މިވާ ގޮތަކީ ތިމަންނާ އަށް "ކެޕްޓަން"ކަން ނުލިބެންޏާ ޤައުމީ ޓީމަށް ހަރާންކޯރުވަނީ އެވެ. އުމަރާއި، ޤާސިމާއި، ފާރިސް ވެސް މި ހެއްދެވީ ހަމަ އެކަހަލަ އެއްޗެކެވެ.

ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީ ޖަލްސާއެއްގައި، އެމް.ޑީ.ޕީގެ ފަރާތުން ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފު މާމޮޅު ވާހަކައެއް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހަކީ ވަރަށް މޮޅު ރައީސެއް ކަމަށާއި ރާއްޖޭގެ ރައީސަކަަށް ކީއްކުރަންތޯ، ދުނިޔޭގެ ރައީސަކަަށް އިބޫ ސޯލިހު ގެންނަން ބޭނުން ކަމަށް މަހުލޫފު ވިދާޅުވިއެވެ. އިންޑިއާގެ ފިލްމުސްޓާރުންނާ ގާތް ގުޅުމެއް ބާއްވަވާ މަހްލޫފަކީ އިންޑިއާ އަށް މަރުދެއްވާ ބޭފުޅެކެވެ. އެހެން ކަމުން އިންޑިއާ އަށް ދިވެހި ޤައުމު ވިއްކާ އިބޫ އަކީ މަހުލޫފަށް ވަރަށް މޮޅު ރައީސަކަށް ވާނެ އެވެ. މަހުލޫފަށް ވާނެ ނަަމަ މުޅި ކާއިނާތުގެ ރައީސަކަށް ވެސް އިބޫ ލާފާނެއެވެ.

ރައީސް ނަޝީދުގެ މުޅި ސިޔާސީ ހަޔާތް މިހާރު ފޯކަސް ކުރައްވާފައި ހުރީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނާށެވެ. ނަޝީދުގެ ހުރިހާ ބިހެއް ބަރުލަމާނީ ބާސްކެޓަށް އަޅުއްވައިގެން ގަންނާނޭބާއޭ ވިދާޅުވެ ހަޅޭއްފުޅު ލައްވަމުން ހިންގެވިއަސް ދިވެހި ރައްޔިތުންނަށް މާކަމުދާ ނިޒާމަކަށް އެ ނިޒާމް ވާހެނެއް ހިއެއް ނުވެއެވެ. އެންމެ އިސާނަކު އެ ނިޒާމައިގެން މިވަރަށް އުޅުނެއް ކަމަކު ދިވެހި ދައުލަތުން 40 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ހަމަ ނަގަންޖެހޭ ބާވައެވެ؟ ނަޝީދުގެ ތާއީދު ލިބިވަޑައިގަނޭތޯ ވަރަށް ބަރުލަމާނީ ބޭފުޅެއް ކަމަށް ހެދިވަޑައިގެން ރައީސް ސޯލިހުވެސް އެބަ އުޅުއްވައެވެ. އިބޫ ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ބަރުލަމާނީ ވޯޓު އޮޅާލައްވާފައި ބެސްޓް ފްރެންޑުގެ "ތުރާ ދިމާލަކަށް" ޖައްސަވާނެކަން ކަށަވަރެވެ. ނަމަވެސް ޑރ. މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ނަޝީދާއި އިބޫ ސޯލިހު އެކުގައި ބަރުލަމާނީ ދޮލަނގު ކޮނޑަށް ލައްވައިގެން "ގަންނާނޭބާއޭ" ވިދާޅުވެ ރަށްރަށަށް ދަތުރު ކުރައްވާނެކަން ޔަޤީނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ފާފު އަތޮޅުން ބައެއް، ސައުދީ ވަލީ އަހުދަށް ވިއްކާލަނިއްޔޭ ކިޔައިގެން، ދިވެހި ޤައުމު ދެކެ މާލޯބިވާ ބަޔަަކަށް ހެދިގެން އެމް.ޑީ.ޕީ މީހުން އުޅުނެވެ. ވެރިކަން ލިބުމުން އެމް.ޑީ.ޕީ މިއޮއްގެން ވިއްކަނީ ރާއްޖޭގެ އެންމެ އަތޮޅެއް ނޫނެވެ. މުޅި ދިވެހި ޤައުމު އިންޑިއާ އަށް ވިއްކައި، ހިބަކޮށްދެނީ އެވެ. ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވަނީ އިދިކޮޅުން ހިނގަނީ ދޮލަނގަކަށް ފިތުނަ ލައިގެން އެ ވިއްކަން ކަމަށެވެ. އެ ނަޒަރުން ވިސްނާނަމަ ބުނެވޭނީ ޝާހިދާއި އެމް.ޑީ.ޕީ މީހުން ހިނގަނީ ދޮލަނގަކަށް ވަގުމުދާ ލައިގެން އެ ވިއްކާށެވެ. ވަގުން ކުރާނީ އެކަމެވެ.

ރައީސް ޔާމީނުގެ ފަސް އަހަރުގެ ދައުރުގައި މާސިންގާ ސިނަމާލެ ބްރިޖް އަޅުއްވައި ނިންމަވައި، އެ ދައުރުތެރޭ އެ ބްރިޖް ހުޅުއްވިއެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމެން ފަސް ވަރަކަށް ދުވަހަށް ވީއިރު ތިލަ-މާލެ ބްރިޖުން ފެންނަން އޮތްހާވެސް އެއްޗަކީ ބާދަބަރަށް ތަޅަންވެފައި ހުރި އެންމެ ދެތިން ތަނބެކެވެ. ދައުލަތުން މިކަމަށް ހަރަދު ކުރި 190 މިލިއަން ޑޮލަރު ވަން ތަނެއް ނޭނގެއެވެ. ބްރިޖެއްވާ ފެންނާކަށް ނެތެވެ. އެވަރުން ވެސް ވިދާޅުވަނީ ދެވަނަ ދައުރެއް ދީފިނަމަ މާލެއިން ފެށިގެން އުތުރު ތިލަފަޅަށް ވެސް ބްރިޖް އަޅާނެ ކަމަށެވެ.

 

ހަނދަށް ވެސް ބްރިޖް އަޅާނަމޭ ވިދާޅުވެދާނެއެވެ. އިންޑިއާއިން ދާދި ފަހުން ހަނދަށް އުޅަނދެއް ފޮނުވައިގެން ފަތަހަ ކުރި ބިމުން، ހަނދުން ދިވެހީންނަށް ގޯތި ދޭންވެސް ވައުދުވެދާނެއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރަކީ މިހާރު ރާއްޖޭގެ ރައީސަށް ވުރެވެސް ބާރުގަދަ މީހެކެވެ. ރާއްޖޭގެ ވެރިކަން ކުރަން ޖެހެނީ އޭނަ އަންގާ ގޮތަކަށެވެ. ކެބިނެޓު މިނިސްޓަރުންނާ ބައްދަލުކޮށް އިންޒާރުދީ، ރައީސާ ބައްދަލުކޮށް ހަޅޭއްލަވައި، ރާއްޖޭގެ ނޫސްވެރިންނަށް ފިޔަވަޅު އަޅަން ގޮވާލަމުން މި ހިންދޫ ކަލޭގެ ރަށުތެރޭ އެނބުރެނީ ބައިނަލްއަޤްވާމީ ޑިޕްލޮމެސީއާ ހިލާފަށް، ހިތުހުރި ގޮތަކަށެވެ. ދޭތެރެއަކުން އެމް.އެން.ޑީ.އެފް ހެޑްކުއާޓަރަށް ވެސް ކާރުކޮޅުގައި ވަންނަވަނީއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ރިއާސީ އިންތިހާބަކީ އިންޑިއާ އަށާއި އިބޫ ސޯލިހަށް ބަލި ޤަބޫލް ކުރަން ފަސޭހަ އިންތިހާބެއް ނޫނެވެ. ބަލިވުމުން ގެއްލޭ އެއްޗެތި މާ ގިނައީއެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވިއަސް، އަދި ކިތަންމެ ގިނަ ދޮގު ވައުދެއް ވެެގެން ވިއަސް މި އިންތިހާބު ފޭރިގަނެވޭތޯ އިންޑިއާ އާއި އިބޫ ސޯލިހު މިހާރު އެ ޖައްސަވަނީ ހަމަ ސީދާ މަރުފައްޔެވެ. ﷲ ގެ އިރާދަފުޅުން އޮކްޓޯބަރުގެ ފުރަތަމަ ދުވަހަށް އަލިވިލޭނީ އަސްލު ދިވެހިރާއްޖެއަށެވެ. ދިވެހީންގެރާއްޖެއަށެވެ. އިންޑިއާ އާއި އިބޫ ސޯލިހަކަށް، އަދި އެމް.ޑީ.ޕީ އަކަށް މި ޤައުމުން ދެނެއް ފުރުސަތެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އާ ދުވަހަކަށް، މިނިވަންކަމުގެ ނޭވާ އެއް ލުމަށް ދެން އޮތީ، އިންޝާﷲ، އެންމެ ފަސް ދުވަހެވެ.