Support Us

ޑރ. މުހައްމަދު މުއިއްޒު "އަދިވެސް" އަށް ހާއްސަ އިންޓަވިއު ދެއްވަނީ --އަދިވެސް ފޮޓޯ: މަރިޔަމް ރާނިޔާ
ރިޔާސީ އިންތިހާބު 2023:

ޚާއްސަ އިންޓަވިއު: މައުލޫމާތެއް ނުލިބިގެން ސުޕްރީމް ކޯޓަށް ދާކަށް ނުޖެހޭނެ: ޑރ. މުއިއްޒު

ދައުލަތުގެ އެއްވެސް އިދާރާއަކުން ހޯދަންޖެހޭ މައުލޫމާތެއް ނުލިބިގެން ނޫސްވެރިން ސުޕްރީމް ކޯޓާ ހަމައަށް ދާންނުޖެހޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާގެ ކުންފުންޏަކަށް މި ސަރުކާރުން ދީފައިވާ އެއްބަސްވުން ހޯދުމަށް މީޑިއާތަކުގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު އެދިވަޑައިގަތުމުން ވެސް އެ އެގްރީމަންޓް ހާމަކުރުމަށް މި ސަރުކާރުން އިންކާރުކޮށް، އެ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ހާމަކުރެން ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒު "އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި މިއަދު ވިދާޅުވީ "ޑިމޮކްރަސީ ފައްކާވެ ހަމަޖެހޭ ކަމުގައިވަނީ ނަމަ ނޫސްވެރިކަމަށް ދޭންޖެހޭ ހުރިހާ މިނިވަންކަމެއް ދޭން ޖެހޭނެ" ކަމަށެވެ. ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި "މައުލޫމާތު ފޯރުކޮށްދިނުމުގައި ސިއްރު އެއްވެސް މައުލޫމާތެއް ނޯންނާނެ" ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒު "އަދިވެސް" އަށް ހާއްސަ އިންޓަވިއު ދެއްވަނީ –އަދިވެސް ފޮޓޯ: މަރިޔަމް ރާނިޔާ

"ސަރުކާރުގެ އެއްވެސް އޮފީހެއްގައި އެ އޮފީހުން ކުރާ އެއްވެސް ކަމެއްގައި ހިފެހެއްޓުންތެރިކަމެއް، މައުލޫމާތު ދިނުމުގައި އޮވެގެން ނުވާނެ. ނޯންނާނެވަރު ކުރަން ބޭނުން. ސިއްރު އެއްވެސް މައުލޫމާތެއް އެއީ ފައިސާއާ ބެހޭ ކަމެއް ވިޔަސް އަދި ހެދޭ އެގްރީމަންޓެއް ވިޔަސް ނަގާ ވަޒީފާއެއް ކަމަށް ވިޔަސް އެއްވެސް ކަމެއްގައި ނޯންނަ ވަރަށް ޔަގީންކުރަން ބޭނުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނު ގާއިމްކޮށްދެއްވާނީ ދެ ފުށްފެންނަ ސަރުކާރެއް ކަމަށާއި އެހެންކަމުން މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިންނަކީ މިނިވަންކަމާ އެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަށް ސަރުކާރުގެ ކުންފުނިތަކުން މަހުން މަހަށް އެހީތެރިކަން ދޭ އުސޫލު ބަދަލުކުރަންޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. އޭގެ ބަދަލުގައި ނޫސްވެރިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ އިންވެސްޓްކޮށްގެންނާއި ވިޔަފާރިކޮށްގެން ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާވާ ކަހަލަ މަސައްކަތެއް ކުރާނެ ގޮތެއް ފަހިކޮށްދީ މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދޭން ޖެހޭ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމުގައިވާއިރު އެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެ ހައްގުތައް ނުލިބޭ ކަމުގައިވާނަމަ އެކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކަށް ހުށަހަޅައިގެން ބެލޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ފަހަރުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ތެރެއަށް އެބައި އެއްކޮށްގެން ނަމަވެސް އެ މައްސަލަަތައް ބެލި އެ ހައްގުތައް ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"ކޮންމެ ތަނަކަށް ވެސް އެއްވެވި(ދާނެ.) ދެން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނަމަ އެކަންކަމަށް ވިސްނަންޖެހޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިނިވަންކަމާ އެކު ހިޔާލުފާޅުކޮށް އެއްވެ އުޅުމުގެ ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން މިނިވަންކަމާ އެކު ހިޔާލުފާޅުކޮށް އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ބިރުވެރިކަމާއި ނާމާންކަމާއި ހިފެހެއްޓުމުގެ އިހުސާސްވުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *