Support Us

ގާންދީގެ އައިނު 19،000 ޑޮލަރަށް ނީލަން ކިޔަނީ

އިންޑިއާގެ މިނިވަންކަމުގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެފައިވާ މަހާތުމާ ގާންދީގެ އައިނު ކަމަށް ބެލެވޭ އައިނެއް 19،000 ޑޮލަރަށް ނީލަން ކިޔަން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ ނީލަން ފިހާރަ އަކުން ބުނެފި އެވެ.

އިނގިރޭސިވިލާތުގެ އީސްޓް ބްރިސްޓޯލްސް އޮކްޝަންސްގައި މަސައްކަތްކުރާ އެންޑްރޫ ސްޓޯ ބުނިގޮތުގައި އެ އައިނު ފެނިފައި ވަނީ އެ ކުންފުނީގެ މެއިލްބޮކްސް ތެރެއަށް ސިޓީ އުރައަކަށް ލާފައި އޮއްވަ އެވެ. މިކަމާ ގުޅިގެން ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ސްޓޯ ބުނީ އެއީ ގާންދީގެ އައިނުކޮޅު ކަމަށް ލިޔެފައި އޮތް ލިޔުންކޮޅެއް ވެސް އެ އުރައިގަ އޮތް ކަމަށެވެ.

ރަންކުލައިގެ ދުނިގަނޑެއް ލާފައިވާ އެ އައިނަކީ ހަޤީޤަތުގައިވެސް ގާންދީގެ އައިނުތޯ ޔަޤީންކުރުމަށް ކުރި ތަހުޤީޤުން އެކަން ކަށަވަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ސިޓީއާއެކު ދީފައިވާ ނަންބަރަށް ގުޅާ، އައިނު ދިން މީހާއާއި ބައްދަލުކޮށް، ސުވާލު ކުރުމުން އެނގުނީ އެ އައިނަކީ އެމީހާގެ ބޮޑުބޭބެއަށް ހަދިޔާއެއްގެ ގޮތުގައި ގާންދީ ދީފައިވާ އައިނެއްކަން. އޭނާގެ ބޮޑުބޭބެ އާއި ގާންދީ ދިމާވެފައި ވަނީ ދެމީހުން ދެކުނު އެފްރިކާގައި މަސައްކަތް ކުރި ދުވަސްވަރު. ހުރިހާ ތާރީޚެއް ދިމާވޭ. އައިނުގަ އިނީ ވަރަށް ދަށް ނަންބަރެއް، އެހެންކަމުން ބެލެވެނީ މިއީ ގާންދީ އެންމެ ފުރަތަމަ ބޭނުންކުރި އައިނުތަކުގެ ތެރެއިން އައިނެއް ކަމަށް."

ސްޓޯ ބުނީ އެއީ އެ ކުންފުންޏަށް މިހާތަނަށް ލިބުނު އެންމެ މުޙިއްމު އެއް އައިޓަމް ކަމަށެވެ. އަދި އެ އައިނު ގަތުމަށް ވަރަށް ގިނަ މީހުން ޝާއުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މި އައިނު އޮންލައިންކޮށް ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައި ވަނީ މި މަހު 12 ގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *