Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރާއްޖޭގެ ރައީސަކަށް ސުބްރަމާނިއަމް އަންނާން ނޭދޭނަމަ ދިވެހީން ތެދުވާން ޖެހެއެވެ!

ދުވަހަކީ 2029 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި "ކުރިން" ފާހަގަކުރި ދުވަހެވެ. ރާއްޖޭގައި އެއް ލައްކަ ދިވެހި ރުފިޔާގެ އިންވެސްޓެއްކޮށް، 10 އަހަރަށް އެޕާޓްމެންޓެއް ކުއްޔަށް ހިފުމުން ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ލިބެން ފަށައިފިއެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އެއްލައްކަ ވަރަކަށް ބިދޭސީންނަށް ބޯހިޔާވަހިކަމާ އެކު ރަށްވެހިކަން ދިނުމަށް މަޖިލީހުން ނިންމުމާ ގުޅިގެން ރާއްޖޭގެ އާބާދީ ވަނީ ކުއްލިއަކަށް އަށް ލައްކައަށް އަރައިފަ އެވެ. މިގޮތަށް ރާއްޖޭގެ ރަށްވެހިކަން ދީފައިވާ ބޭރުގެ ގިނަ މީހުންނަކީ އިންޑިއާ ނަސްލުގެ މީހުންނެވެ. އުފަން ދިވެހީންނަށް ވުރެ މިހާރު ރާއްޖޭގައި ގިނައީ ރަށްވެހިކަން ލިބިފައި ތިބި އިންޑިއާ މީހުން ނުވަތަ "ދިވެހިންޑިއަންސް" އެވެ. އެފަދަ ރަށްވެހީންނަށްވެސް އާސަންދައިގެ ޚިދުމަތް ފަދަ އެތައް ޚިދުމަތެއް ސަރުކާރުން ހިލޭ ދެއެވެ.

އެމް.ޑީ.ޕީ އާއި އިންޑިއާގެ ބީ.ޖޭ.ޕީ ގުޅިގެން އުފައްދާފައިވާ އެމް.ޑީ.ބީ.ޖޭ.ޕީ (މޯލްޑިވްސް ޑިމޮކްރެޓިކް ބަހާރަތިޔާ ޖަނަތާ ޕާޓީ) ގެ ފަރާތުން ރައީސް ކަމަށް 2028 ގައި ވާދަކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވީ ދިވެހިންޑިއަންސްގެ ދިވެއްސެއް ކަމުގައިވާ ސުބްރަމާނިއަމް ޕިންޑޭ އެވެ. ބޮޑުމަތިމަހެއްގެ ވެރި ރައީސް ސުބްރަމާނިއަމް އެ މަޤާމަށް ހޮވިވަޑައިގަތުމުން ރާއްޖޭގެ ރަށްވެހިކަން ލިބިފައި އެއިރު ތިބި ހަތަރު ލައްކަ ވަރަކަށް ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމަށް ވަނީ ޤާނޫނު ބަދަލުކޮށްފައެވެ. މި ދެންނެވި ހަތަރު ލައްކަ ވަރަކަށް "ބިދޭސީ/ދޭސީ" ރަށްވެހީންގެ ތެރޭގައި ގިނައީ ދިވެހި ރާއްޖޭގެ ރަށްވެހިކަން ހޯދައިގެން މިތާނގައި ވަޒަންވެރިވެގެން ތިބި އިންޑިއާ މީހުންނާއި ބަންގްލަދޭޝް މީހުންނެވެ. މި މީހުންނަށް ދިވެހި ރައްޔިތުކަން ދިނުމުން 2029ގެ އާއްމު އިންތިހާބުގައި އެފަދަ މީހުން ވޯޓު ލިއެވެ. މިހާރު ހޮވިފައިވާ ރައްޔިތުންގެ މަޖުލީހުގައި ގިނައީ ދިވެހިންޑިއަންސްގެ ދިވެހީންނެވެ.

މިއީ އެމް.ޑީ.ޕީ އާއި "ކުރީގެ" ރައީސް ސޯލިހާއި، ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި ނަރެންދުރަ މޯދީ ދެކެމުން އައިި ހުވަފެނެއް ހަޤީގަތަކަށް ވުމެވެ. ދިވެހި ފުލުހުން އަދި ދިވެހި ސިފައިންގެ ތެެރޭގައި މިފަދަ ބިދޭސީ ނަސްލުގެ "ދިވެހީން" މިހާރު އެބަތިއްބެވެ. އަދި ކެބިނެޓްގަ އާއި ޤައުމުގެ މުހިއްމު ވިޔަފާރި ކުންފުނިތަކާއި ބޮޑެތި އިދާރާތަކުގެ ވެރީންނަށް ވެސް ގިނައިން ތިބީ މިފަދަ ބިދޭސީ ނަސްލުގެ "ދިވެހީން"ނެވެ. އަދި ރާއްޖެއަށް އުފަން، ދިވެހި ނަސްލުގެ މީހުންނަށް ވުރެ ބިދޭސީ ނަސްލުގެ "ދިވެހީން" ރާއްޖޭގެ އާބާދީގައި މިހާރު ގިނައެވެ. ކޮންމެ މީހެއްގެވެސް ފިސާރި ވަރުގަދަ މަތިހަމެއް ހުރެއެވެ. ޕޮލިސް ކޮމިޝަނަރަކީ ބަންގްލަދޭޝް ނަސްލުގެ "ދިވެއްސެކެވެ." ނަމަކީ އެމް.ޑީ މޮންޖުނޫ މިއާ އެވެ. އަދި ސިފައިންގެ ވެރިއަކީ އިންޑިއާ ނަސްލުގެ "ދިވެއްސެކެވެ." ނަމަކީ މޭޖަރ ޖެނެރަލް ކްރިޝްނާ ކުމާރު ސިންގެވެ. އުއްތަމަ ފަނޑިޔާރަކީ އިނގިރޭސިވިލާތަށް އުފަން "ދިވެހި ރައްޔިތެކެވެ." ނަމަކީ ޑރ. ޖޯން ބްރައުން އެވެ. އަދި ހޯމް މިނިސްޓަރަކީ ވެސް އިންޑިއާ ނަސްލުގެ "ދިވެއްސެކެވެ." ނަމަކީ އޮނަރަބަލް މަހެންދުރަ ކުމާރު ގުޕްތާ އެވެ.

ދެހާސް ތިރީސް ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ދިވެހި ރާއްޖެއަށް "ދިވެހި" ރާއްޖެއޭ ނުކިއުމަށް މަޖުލީހުން ވަނީ ފާސް ކޮށްފައެވެ. ރާއްޖޭގެ އާ ނަމަކީ "ދިވެހިންޑިއާ" އެވެ. ޤައުމުގެ ރަސްމީ ދެބަސް އޮންނަން ޖެހޭ ގޮތަށް ޤާނޫނު އަސާސީ ބަދަލުކޮށް، ރަސްމީ ދެ ބަހަކީ ހިންދީ ބަހާއި ދިވެހި ބަސް ކަމުގައި ވެސް 2028 ގައި ވަނީ ކަނޑައަޅައިފައެވެ. ރާއްޖެއަށް އުފަން ދިވެހީންގެ ބާރެއް ރާއްޖޭގައި މިހާރު ނެތެވެ. މިކަމާ ހިތްހަމަނުޖެހިގެން "ދިވެހީންގެ" ބަޔަކު މުޒާހަރާއެއް ކޮށްފިނަމަ ފުލުހުން ކަރުނަ ގޭސް ޖަހައި، މުޒާހަރާ ކުރި މީހުން އިދިފުށަށް ބިޑި އަޅުވައި 15 ދުވަހުގެ މުއްދަތު ޖަހައި ޖަލަށް ލައެވެ. އެއަށް ފަހު، ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށް ލައެވެ.

ދެހާސް ނަވާވީސް ވަނަ އަހަރުގެ އާއްމު އިންތިހާބުގައި މަޖުލީހުގެ މެޖޯރިޓީ ދިވެހިންޑިއަންސް އަށް ލިބުމުން ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތަކުގެ ތެރެއިން މުސްލިމަކަށް ވުމުގެ ޝަރުތު ވަނީ އުނިކޮށްފައެވެ. މިހާރު ދިވެހި ރައްޔިތުންގެ އާބާދީގެ 40 ޕަސަންޓު މުސްލިމުންނަށް ވާއިރު 38 ޕަސަންޓަކީ ހިންދީންނެވެ. އަދި 20 ޕަސަންޓަކީ ކްރިސްޓިއަނުންނެވެ. އަނެއް ދެ ޕަސަންޓަކީ ދީން ޤަބޫލް ނުކުރާ އޭތީސްޓުންނެވެ. އާބާދީ ދިރާސާކުރާ މީހުން ލަފާކުރާ ގޮތުގައި 2033 ވަނަ އަހަރު އަންނައިރުު ރާއްޖޭގެ އާބާދީގެ 50 ޕަސަންޓަކީ ހިންދޫންނަށްވެ، މުސްލިމުންގެ ނިސްބަތް 28 ޕަސަންޓަށް ވެއްޓޭނެއެވެ.

އިސްލާމް ދީން ނޫން އެހެން ދީންތަކުގެ އަޅުކަން ކުރާ ތަންތަން ރާއްޖޭގައި ބިނާކުރުމުގެ ހުއްދަ ވަނީ 2028 ވަނަ އަހަރު ދީފައެވެ. އެއާ އެކު ރާއްޖޭގައި ހިންދޫ ބޮޑެތި ފައްޅިތަކާއި ކްރިސްޓިއަން ދީނުގެ ބޮޑެތި ފައްޅިތައް ވަނީ ބިނާކުރެވިފައެވެ. މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކޮށްފައި އޮތް އޮތުންވެސް ބާތިލްކޮށް، ބޭނުން ތަނެއްގައި ރާވިއްކުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. ރަޖިސްޓްރީ ކޮށްގެން ނާސިގެ އާއި ކެސިނޯ ހިންގުން ވަނީ ހުއްދަ ކޮށްފައެވެ. ރާއްޖޭގައި ކަނޑުއަޑީގެ ފުރަތަމަ ކެސިނޯ 2030 ވަނަ އަހަރު، ހޮނޑާފުއްޓާ ދިމާލުން އެތެރެވަރީގެ ކަނޑުއަޑީގައި ހުޅުވާނެ ކަމަށް ލޮލީ ވިއްކުމަށް މަޝްހޫރު ވިޔަފާރިވެރިއަކު ވަނީ އިއުލާންކޮށްފައެވެ.

ދެހާސް ތެއްތިރީސް ވަނަ އަހަރު އަންނައިރު އިންޑިއާގެ ފުރިހަމަ އަސްކަރީ ދެ މަރުކަޒު، އައްޑޫ ސިޓީގެ ގަމުގައާއި އުތުރުން އިހަވަންދިއްޕޮޅުގައި، ގާއިމްކޮށް ނިމޭނެއެވެ. ރާއްޖޭގެ ރައީސަކަށް މިހާރުވެސް ހުރީ އިންޑިއާ ނަސްލުގެ "ދިވެއްސެކެވެ." ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ދިފާއި ސިޔާސަތު، އަދި މާލީ ސިޔާސަތުވެސް ކޮންޓްރޯލް ކުރަނީ ސީދާ އިންޑިއާއިންނެވެ. ނަމުގައި މިނިވަން ޤައުމެއްގެ ގޮތުގައި އޮތަސް 2029 ވަނަ އަހަރަށް އަލިވިލުނު އިރު ރާއްޖެއަކީ މިހާރު އިންޑިއާގެ ސްޓޭޓެއް ފަދައެވެ. އަދި 2033 ވަނަ އަހަރު އިންޑިއާގެ ޔުނިއަން ޓެރިޓަރީ އަކަށް ރާއްޖެ ހަދައި، އިންޑިއާގެ ބަޔަކަށް ރަސްމީކޮށް ރާއްޖެ ވާނެއެވެ.

ދުނިޔޭގައި އުޅޭ އެންމެ ބޮޑެތި ކުށްވެރީން ކަމުގައިވާ ޑްރަގް ސްމަގްލަރުންނާއި ހަތިޔާރުގެ ވަގު ވިޔަފާރިކުރާ މީހުން ފަދަ ކުށްވެރީން ފިލަން އައިސް ރަށްވެހިވާ "ސޭފް ހޭވަން" ޤައުމަކަށް ރާއްޖެ ވެއްޖެއެވެ. މާއްދީ މުއްސަނދިކަން އިންތިހާ އަށް މަތިވެއްޖެއެވެ. ބޮލަކަށްޖެހޭ ޖީ.ޑީ.ޕީގެ މިންވަރު 50 ހާސް އެމެރިކާ ޑޮލަރަށް އަރައިފިއެވެ. ނަމަވެސް މީހުންގެ އަހްލާގް އޮޔާ ގޮސް ރޫހާނީ ގޮތުން ބޭންކްރަޕްޓްވެ، މާއްދީ ގޮތުން އުދުހޭ ބަޔަކަށް ރާއްޖޭގެ "ރައްޔިތުން" ވެއްޖެއެވެ. ޑުބާއީ ފަދަ ތަންތަން ޖަހާލާފައި ގޮސް، ރާއްޖެ މިހާރު މަޝްހޫރުވެފައި ވަނީ ދެކުނު އޭޝިއާގެ "ބެންކޮކް"ގެ ގޮތުގައެވެ. ނުވަތަ އޭޝިއާގެެ "ލާސްވެގާސް"ގެ ގޮތުގައެވެ. ޤައުމުގައި ރަސްކަން ކުރަނީ ބިދޭސީ ނަސްލުތަކުގެ "ދިވެހީން"ނެވެ. ހާއްސަކޮށް އިންޑިއާ ނަސްލުގެ "ދިވެހީން"ނެވެ.

***

ކުއްލިއަކަށް ފުން ނޭވާއެއް ލާފައި އަޅުގަނޑަށް ހޭލެވިއްޖެ އެވެ. ގަޑި ބަލައިލި އިރު އެއީ 24 ސެޕްޓެމްބަރ 2023 ގެ ރޭގަނޑެވެ. އެއީ ބިރުވެރި ހުވަފެނެކެވެ. ނައިޓްމެއާއެކެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މި ބިރުވެރި ހުވަފެން ހަޤީގަތަކަށްވާން ނޭދޭ ނަމަ ރާއްޖެ އަޅުވެތިވާ ފަދަ ސިޔާސަތު ގެންގުޅޭ ސިޔާސީ ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ހިޔަނިން ސަލާމަތްވެ، ދިވެހި ޤައުމަށްޓަކައި ދިވެހި ރައްޔިތުން ހަށިފޮޅާލާފައި ތެދުވާން އެބަޖެހެއެވެ. އެއްބައެއްގެ ގޮތުގައެވެ. ދީނާއި ޤައުމަށްޓަކައެވެ. މަތީގައިވާ ފަދަ ބިރުވެރި ހުވަފެނެއް ހަޤީގަތަކަށްވިޔަ ނުދިނުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ދިވެހި ރައްޔިތުން ނިކުމެ އިންޑިއާއާ ދެކޮޅަށް ވޯޓު އަޅާ، ވޯޓުން ބަލިކޮށް، ދިވެހި ރާއްޖެ ދިވެހީންނަށް އަނބުރާ ހޯދަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
42

2 Responses

  1. އެހެންތޯ! މި ފަސް އަހަރުތޯ އިންޑިޔާ އަޅުވެތިކަމަށް މިދިޔައީ؟ ބުނާތީ އަޑު އަހަން ފާއިތުވި ދިޔަ ވެރިކަމުގަޔޭ އިންޑިއާ ރައްޔިތުންނަށް މިރާއްޖެއިން ބިންގަނެ މިލްކް ކުރެވޭގޮތަށް ހެދީ. އޭގެކުރީ ފާއިތުވި ވެރިކަމުގަޔޭ އިންޑިޔާ މީހުންނަށް ދިވެހި ޕާސްޕޯޓް ދިނީ. އޭރު ކެޔޮގަހުގަ ނިރެއް ނުޖަހަނީތާއެވެ! އިންޑިއާ ހެލިކޮޕްޓަރާ އެކު 44 ސަބުރަމާނިމްއާ އޭނާގެ ރާމްއަށް ވިސާދީ ދިވެހި ޕާސްޕޯޓް ދިނީ ދިވެހި އިންޑިޔަން ރައީސްނޫންތޯއެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *