Support Us

ރައީސް ސޯލިހާއި ރައީސް ނަޝީދު ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވަނީ. -ފޮޓޯ: މަޖިލިސް

ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ނިޒާމީ ވޯޓުގެ މަސައްކަތް އިންތިހާބަށްފަހު ފައްޓާނަން: ރައީސް ސޯލިހް

ރިޔާސީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވިޔަސް ވެރިކަމުގެ ނިޒާމު ބަަދަލުކުރުމާ ބެހޭ ގޮތުން އާއްމު ހިޔާލު ހޯދުމަށް ނަގާ ވޯޓުގެ މަސައްކަތްތައް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ކުރު ބައްދަަލުވުމަކަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވެފައި މި ދެ ބޭފުޅުން މި ބައްދަލުކުރެއްވީ މޫނުކެނޑިފައިވާތާ އެތައް ދުވަހެއް ފަހުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަަމަށެވެ. އެގޮތުން ނިޒާމީ ވޯޓުގައި ކަންކަން ކުރަންވީ ގޮތްތަކާ ބެހޭ ގޮތުންނާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ކަންތައް ކުރާނެ ގޮތާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވަނީ. -ފޮޓޯ: މަޖިލިސް

ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ނިޒާމީ ވޯޓު ނެގުމުގެ ވާހަކަ ރިޔާސީ އިންތިހާބުގެ ކުރިން ނުދެއްކުމަށާއި އިންތިހާބުގެ ފަހުން އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންނަވައިގެން އެ މަސައްކަތް ފެށުމާ ބެހޭ ގޮތުން ވާހަކަދެކެވުނު ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ބޭފުޅުންގެ (ދަ ޑިމޮކްރަޓްސް އިން) ނިއުޓްރަލް ސްޓޭންޑެއްގައި ތިއްބަވާނެ ވާހަކަ ދެއްކެވީ. ނިޒާމީ ވޯޓުގައި އަޅުގަނޑުމެންނަށް ވާހަކަ ދެކެވުނީ ރިޔާސީ އިންތިހާބަށް ފަހުގައި އޭގެ މަސައްކަތްތައް ފަށައިގަތުމަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދު ރައީސް ސޯލިހަށް ތާއީދު ކުުރެއްވުމާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އެކަމާ ބެހޭ ތަފްސީލްތައް ފަހުން ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ނިޒާމީ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަަހަޅާފައިވާއިރު އެ ކޮމިޝަނުން ވަނީ ނިޒާމީ ވޯޓު އަންނަ އޮކްޓޯބަރު މަހުގެ 29 ގައި ނެގިދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ވޯޓު ނެގުމުގެ ހަރަދު ކުރުމަށް 40 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށާއި ބަޖެޓް ލިބުނުހާ އަވަހަކަށް ވޯޓު ނެގުމުގެ ކަންކަމުގައި އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

ނިޒާމީ ވޯޓު ނެގުމުގެ ކަންތައްތައް ކުރުމަށް ބަޖެޓް ހަމަޖައްސައިދިނުމަށް އިލެކްޝަނުން ވަނީ މަޖިލީހުގައި އެދިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *