...

Support Us

އުމުރުން ދުވަސްވީ ވަރަކަށް ކަސްރަތުގެ މުހިންމުކަން ބޮޑު

އުމުރުން ދުވަސްވާ ވަރަކަށް އިންސާނާގެ ހަށިގަނޑުގެ ބާރު ދެރަވަމުންދެއެވެ. ކަށިތަކުގައި ހުންނަ މިނެރަލްތައް މަދުވެ، ކަށިތަކުގެ ބާރުދެރަވެއެވެ. އަދި މިބަދަލުތަކުގެ ސަބަބުން ކަށިތަކުގައި ލޯވަޅުހެދުމާއި ފަސޭހައިން ކަށިގަނޑު ބިނދޭ ގޮތް ވެއެވެ. ކަށިގަނޑަށް މިއަންނަ ބަދަލުތަކަށް ކިޔަނީ އޮސްޓޮއޯޕޮރޯސިސް އެވެ. ކަސްރަތު ކުރުމުން މިބަލި ޖެހުމުން ދުރުކޮށްދެއެވެ.

އޮސްޓޮއޯޕޮރޯސިސް ފިރހެނުންނަށްވުރެ ގިނައިން ޖެހެނީ އަންހެނުންނަށެވެ. ފިރިހެނުންގެ 40 މީހުންގެ ތެރެއިން އެކަކަށް ޖެހޭއިރު، އަންހެނުންގެ ހަތަރު މީހުންގެ ތެރެއިން އެކަކަށް ޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ އަންހެނުންނަށް މިބަލި ޖެހޭލެއް އަވަސްވެއެވެ. އުމުރުގެ 20ގެ އަހަރުތަކުގެ ތެރޭގައި ބައެއް އަންހެނުންނަށް މިބަލިޖެހުނު ކަމުގައިވީ ނަމަވެސް ގިނައިން ޖެހެނީ އިއްދައިން ކެނޑިފައިވާ އަންހެނުންނަށެވެ. އެއީ އެމީހުންގެ ހަށިގަނޑުން އީސްޓްރޯޖަން ކިޔާ ހޯމޯން މަދުވުމުން ހަށިގަނޑުގައި ކެލްސިއަމް މަދުވާތީއެވެ.

އޮސްޓިއޯޕޮރޯސިސްއިން ސަލާމަތްވުމަށާއި އެބަލިން ފަސޭހަވުމަށް އެންމެ މުހިންމީ ކެލްސިއަމް ހިމެނޭ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމެވެ. މި ދެ ކަންތަކަށް ޅަ އުމުރުއްސުރެ ފިޔަވަޅުއަޅަން ފެށުން ރަނގަޅުވާނެއެވެ. އަދި މުޅި އުމުރުގައިވެސް މިކަމާއިމެދު ވިސްނާ ފަރުވާތެރިވާންވާނެއެވެ.

ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް ބޭނުންވާ ވަރަށް ކެއުމުގައި ކެލްސިއަމް ބޭނުން ކުރަންވާނެއެވެ. އަދި ކަށިތަކުގެ ބާރުގަދަކޮށް ބެހެއްޓުމަށްޓަކައި ޤަވާއިދުން ކަސްރަތުކުރަންވާނެއެވެ. ކެލްސިއަމް ހިމެނޭ ކާނާގެ ތެރޭގައި ހިމެނެނީ ކިރު، ޗީޒް، ބަޓަރު ފަދަ ކިރުން އުފައްދާ އެއްޗިހި އަދި ތަރުކާރީގެ ގޮތުގައި ބޭނުންކުރެވޭ ފެހިފަތް، ލުނބޯ، އޮރެންޖު ފަދަ މޭވާ އަދި ޝެލްފިޝް (ރާކަނިމަސް، ރިނދަލިމަސް) އެވެ.

ކޮންމެ އުމުރެއްގެ މީހަކަށްވެސް ހިނގުމަކީ އެންމެ ފަސޭހައިން ކުރެވޭ، ގެއްލުމެއްނުވާ ކަސްރަތެކެވެ. އެކިއެކި ހޯދުންތަކުން ދައްކާ ގޮތުގައި ހަފްތާއަކު ހަތަރު ދުވަހު، ކޮންމެ ދުވަހަކު ބައިގަޑިއިރު ވަންދެން ހިނގުމުން އޮސްޓޮއޯޕޮރޯސިސް ޖެހުމުން ދުރުކޮށްދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *