Support Us

ރިޔާސީ އިންތިހާބު 2023

ދައުލަތުގެ އެންމެ ލޯލާރިއެއްގައި ވެސް ޖެހިފައެއް ނޯންނާނެ: ރައީސް ސޯލިހް

ދައުލަތުގެ އެންމެ ލޯލާރިއެއްގައި ވެސް ޖެހިވަޑައިގެންފައިނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގުޅިފައިވާ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށްގެންދާ ކެންޕެއިން ހަރަކާތުގައި ރޭ މާފަންނުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަަވަމުން ރައީސް ސޯލިހް ވިދާޅުވީ އެއްވެސް މައްސަލައެއް އޮތް ކަމުގައިވާނަމަ މިއަދު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ބަލަންވީ ކަމަށެވެ. އަދި ވެރިކަމުން ފައިބާވަޑައިގަތީމަ ވެސް އެފަަދަ އެއްވެސް ތުހުމަތެއް ކުރެވޭނެ މައްސަލައެއް ނޯންނާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ދައުލަތުގެ އެންމެ ލޯލާރި އެއްވެސް އަޅުގަނޑު ނުޖެހޭނެކަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރުން ނަގާފައިވާ ލޯންތައް ލިބެނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ދޭދޭ ގައުމުތަކާ އެކު ރަަނގަޅު ކުރެވިފައިވާތީ ކަމަށް ވިދާޅުވި އެވެ. އަދި  ގައުމުތަކުން އެ ލޯންތައް ދެނީ އެ ލޯންތައް ދައްކާނެ ކަމުގެ ޔަގީންކަން އެ ގަައުމުތަކަށް އޮތީމާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މި މަހު 30ގެ އިންތިހާބު އެމްޑީޕީއަށް ގެއްލިއްޖެނަމަ ރާއްޖެ ބަނޑުރޫޓްވެގެންދާ މަންޒަރު ފެނިވަޑައިގެންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވިސްނުންތެރިކަމާ އެކު ރައްޔިތުން މަަސައްކަތް ކޮށްފިނަމަ މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ވެސް، މި މަހު 9ގައި ބޭއްވި ފުރަތަމަ ބުރުން ދެވަނަ އަށް ވަޑައިގެންނެވި ރައީސް ސޯލިހް އެދިވައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ އެކު ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *