Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އޮޅުވާލަން އުޅޭ އިންތިހާބު!

ކާނަލް މުހައްމަދު ނާޒިމްގެ ތާއީދަށް އެދި އެ ތާއީދެއް ނުލިބުނެވެ. ފާރިސް މައުމޫންގެ ތާއީދަށް އެދި އެކަމެއް ވެސް ނުވިއެވެ. ޤާސިމް އިބްރާހިމްގެ ތާއީދަށް އެދި ދެ ދުވަސް ވަންދެން ސަން އައިލޭންޑުގައި ސަލާން ޖަހައިގެން އެކަމެއް ވެސް ޙާސިލެއް ނުވިއެވެ. ރައީސް މުހައްމަދު ނަޝީދުގެ ތާއީދެއް ވެސް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އުމަރު ނަސީރުގެ ތާއީދު އަދި އަމުދުން ނުލިބޭނެއެވެ. އެންމެ ކުޑަމިނުން ހަސަން ޒަމީލްގެ ތާއިދުވެސް ނުލިބުނެވެ. އެކުގައި މަސައްކަތް ކުރަން ލިބުނު ހަމައެކަނި ދެ ފަރާތަކީ ދިވެހި ރައްޔިތުންގެ މެދުގައި ސިޔާސީ ގޮތުން އެންމެ މަޤްބޫލު ނޫން ދެ ފަރާތެވެ. ސަން އަހުމަދު ސިޔާމާއި އަދާލަތު ޕާޓީގެ އިމްރާނެވެ. އެ ހާލަތުގައި އިންތިހާބުގެ ފުރަތަމަ ބުރުން ބޮޑު ތަފާތަކުން ބަލިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ވިދާޅުވަނީ ކޯލިޝަނެއް ހެދުން މިހާރު އެހާ މުހިއްމު ނޫން ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލޭގެ ސޯސަން ޖަގަހައިގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން "މުޅި މާލެ މިއޮތީ" ތިމަން މަނިކުފާނަށް ތާއީދު ކުރަން މިތަނަށް އައިސްފައޭ ރައީސް ސޯލިހު ވިދާޅުވިއިރު އެ ޖަލްސާ އަށް ދިޔައީ ނިސްބަތުން ވަރަށް މަދު ބައެކެވެ. އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އިންތިހާބަކީ ފުޓުބޯޅަ މެޗެއް ނަމަ ފުރަތަމަ ހާފުގައި 3-1 އިން ބަލިވެފައި އޮތަސް ފަހު ހާފުގައި ހަތަރު ގޯލު ޖަހައި 2-5 އިން މޮޅުވާނެ ކަމަށެވެ! ސުވާލަކީ ފުރަތަމަ ހާފުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ޖައްސަވާނެ ކަމަށް ސޯލިހު އެ ވިދާޅުވި ތިން ގޯލް، ދެވަނަ ހާފު ނިމޭއިރު ދެ ގޯލަށް ބަދަލު ވަނީ ކިހިނަކުން ބާވައެވެ؟ އެކަން އެގޮތަށް ވާނީ ވޯޓު ގަނެގެން، އައިޑީ ކާޑު ގަނެގެން، ރީރެޖިސްޓްރޭޝަން އޭ ކިޔައިގެން އިންތިހާބު ވަގަށް ނަގައިގެންތޯ ވެސް ސުވާލުކޮށްލަން ހަމަ ރަނގަޅެވެ!

ސޯސަން ޖަގަހައިގައި އޮތް ޖަލްސާގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ފަހު ހާފުގައި މުޅި ޓީމު ނިކުންނާނީ އެޓޭކަށް ކަމަށާއި، ގޯލް ޖަހައިގެން މެޗުން މޮޅުވާނެ ކަމަށެވެ. އެއް ދުވަސްވަރެއްގައި މޮޅަށް ވޮލީ ކުޅުއްވިއަސް އިބޫ ސޯލިހަށް ފުޓުބޯޅައިގެ މާ ބޮޑު ޓެކްޓިކެއް އެނގިވަޑައިގަންނަވާހެނެއް ހިއެއްނުވެއެވެ. ސަބަބަކީ ފަހަތުން އަރައި މޮޅުވާންވެގެން އެންމެން އެޓޭކަށް ނިކުތުމުން ޑިފެންސް އޮންނާނީ ފޫގޮސްފައި ކަމަށް ވުމެވެ. ކައުންޓަރ އެޓޭކްގައި ޑރ. މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) އަރިމަތިން ދުވެވަޑައިގެން ހުރަސް ކުރައްވާ ބޯޅައިން ޑރ. މުއިއްޒު ފުލުފުލުގައި ހަ ގޯލު ޖައްސަވައި 6-5 އިން ޑރ. މުއިއްޒުގެ ޓީމު މޮޅުވެދާނެއެވެ.

އަދި އެހެން ކަމެއް ވެސް އެބައޮތެވެ. އިބޫ ސޯލިހު އެޓޭކަށް ނެރުއްވަން ތިބި ފޯވާޑުންނަކީ އިމްރާން ކަހަލަ ބޭފުޅުންނެވެ. އިމްރާންމެން އެޓޭކަށް ލުމުން ކުޅިބަޅާ މީހުން ފޫހިވެގެން ލަވާ ހަޅޭކުން އިބޫ ސޯލިހުގެ ޓީމަށް ލިބޭނީ އިތުރު މާޔޫސްކަމެވެ. އިމްރާނާއި ސަން ސިޔާމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރަނިންމޭޓް އައްޑު މުހައްމަދު އަސްލަމް ފޯވާޑަށް ލައިގެން މެޗުން މޮޅުވާނެ އޮތީ އެންމެ ގޮތެކެވެ. އެއީ "ބޫގަލް" ހެދުމާއި، ރެފްރީއަށް ރިޝްވަތު ދިނުމާއި، ސުއަރޭޒް ހަދާހެން މަކަރު ހަދައިގެން ގޯލް ޖެހުމެވެ. އިބޫ ސޯލިހުގެ ކެމްޕެއިން މިހާރު ދާގޮތަށް ބަލާއިރު ދޮގު ވާހަކަ ފެތުރުމާއި، އަޑި ނޭނގޭ ކަންތައްތައް ހިންގުމުން ފެންނަނީ ހެދުނު ކޮންމެ އެއްޗެއް ހަދާފައި ވެސް އިންތިހާބު ނެގޭތޯ ތެޅިފޮޅޭ ތަނެވެ.

ކުއްލިއަކަށް 25،000 މީހުން އިންތިހާބުގައި ވޯޓުލާ ތަން ބަދަލުކުރަން (ރީރެޖިސްޓްރޭޝަނަށް) ހުށަހަޅައިފިއެވެ. މިއީ މިކަހަލަ ރީރެޖިސްޓްރޭޝަން ހުށަހެޅުމެއްގެ ހިޔާލީ ވާހަކައެކެވެ. ޑރ. މުއިއްޒަށް ތާއީދުކުރާ، އައްޑޫގެ ޒުވާން ކުއްޖަކަށް އަންނަނީ ފޯން ކޯލެކެވެ. ގުޅަނީ އެމް.ޑީ.ޕީ މީހެކެވެ. ބުނަނީ ވޯޓުލާ ތަން ކުޅުދުއްފުއްޓަށް ބަދަލު ކުރުމުން 20،000 ރުފިޔާ ދޭނެ ކަމަށެވެ. އަދި ރީރެޖިސްޓަރ ވުމަށް ފަހު ވޯޓު ލާން ކުޅުދުއްފުއްޓަށް ނުދާން ޝަރުތު ކުރެއެވެ. އެއްކަލަ ޒުވާނާ އޭނާގެ ވޯޓު މިގޮތަށް ވިއްކާލައެވެ. އައިޑީ ކާޑު ގަނެގެން ވެސް ޖަހަނީ މި ސަކަރާތެވެ. ލާރި ބެހުމަށް ވުރެ މި ސްޓްރެޓެޖީ މާ ޔަޤީންކަން ބޮޑު ކަމަށް މި މީހުންނަށް ފެންނާތީ ދެވަނަ ބުރުގައި މެޗުގެ ޓެކްޓިކަށް ގެނައި ބަދަލަކީ ރީރެޖިސްޓްރޭޝަންގެ ޓެކްޓިކެވެ.

ޑރ. މުއިއްޒަށް ފުރަތަމަ ބުރުގައި ފަނަރަ ހާސް ވޯޓު އިތުރަށް ލިބިފައި ވަނިކޮށް، އަދި އިތުރު ކޯލިޝަން ޕާޓްނަރުން މުއިއްޒަށް ލިބިފައި ވަނިކޮށް، އަދި އިބޫ ސޯލިހަށް އިތުރު ބައިވެރިއަކު ނުލިބޭ ހާލަތުގައި މި އިންތިހާބުގެ ދެވަނަ ބުރުން އިބޫ ސޯލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އެފަދަ ހާލަތުގައި ތަފާތު ރޮކެޓު ޖަހައިގެން، މަކަރު ހަދައިގެން، ރައްޔިތުންނަށް އޮޅުވާލައިގެން، އިންޑިއާގެ ފައިސާ އާއި ޓެކްނޮލޮޖީގެ އެހީގައި ދިވެހި ރައްޔިތުންގެ އިންތިހާބު ވަގަށް ނެގޭތޯ ބަޔަކު ވަރަށް ބާރަށް މަރުފަލި އެބަ ޖަހައެވެ. ހެސް ކިޔާފައި ދޮގު ހަދަނީ އެވެ. ހެދުނުހާ މަކަރެއް ހަދަނީ އެވެ.

އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވަޔާ އެއްގޮތަށް ދިވެހި ރައްޔިތުންގެ ހައްޤު ދިފާއުކޮށްދެއްވަން ޖެހެއެވެ. ރޯމާ ދުވާލު އިންތިހާބެއް ވަގަށް ނަގަން، ބޭރު ބަޔަކާ ގުޅިގެން ބަޔަކު އުޅޭ އުޅުން ހުއްޓުވަން އިލެކްޝަންސް ކޮމިޝަނާއި ދިވެހި ފުލުހުންނާއި ދިވެހި ސިފައިން ފާރަވެރިވާން ޖެހެއެވެ. އެގޮތަށް އިންތިހާބެއް ވަގަށް ނަގައިފި ނަމަ ދިވެހި ރައްޔިތުން، އެމީހުންގެ ހައްޤު ދެން ހޯދާނީ އެމީހުން އަމިއްލައަށެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ވެރީންނަކީ ރައްޔިތުންނެވެ. ހަރާންކޯރުވާ ހާދިމުންނާ މެދު ގޮތް ނިންމާނީ ޤައުމުގެ ވެރީން (ދިވެހި ރައްޔިތުން)ނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
421

One Response

  1. ހަސަދަ ވެރިވިޔަސް ބޮޑުވަރު. އަޅުން ކުރާނީ މަސައްކަތް. ކާމިޔާބު ދެއްވާނީ ﷲ ތަޢާލާ. ވެރިކަން ދެއްވާ ގެންދަވަނީ ވެސް ހަމަ އެފަރާތުން. ވާހަކަ ތި ދައްކަނީ ބައިތުލްމާލުން ބޮޑެތި ވައަކަންކޮށް އަނިޔާވެރި އަމަލުތައް ހިންގި ބައަކަށް ތާއީދުކޮށް. މާ ގައުމަށް ހެޔޮއެދޭ މީހަކަށް ވާންވެގެން ވައްކަމާ އަނިޔާ އަށް ތި ތާއީދު ކުރަނީ. ގައުމު ފުނޑާލަންތޯ. ތި ބޭޅާ ކޯއްޗެއްތޯ ކުޅުއްވީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *