Support Us

ހިޔާ ޓަވަރުތަކުން ކަރަންޓު މެދުކަނޑާލަން އުޅޭ ކަމަށް ފަތުރަނީ ބުހުތާނު ދޮގު ޚަބަރުތައް: ސްޓެލްކޯ

ހިޔާ ޓަވަރުތަކުން ކަރަންޓު މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގު ޚަބަރުތަކެއް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ރިޔާސީ އިންތިޚާބާ ގުޅުވައިގެން "ދިޔަރެސް" ނޫހާއި، "ޗެނަލް 13″ އިން މި ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާ ގޮތަށް ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބާ ގުޅުވައި، މި ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ބުހުތާނު ދޮގު ޚަބަރުތައް ދަނީ ފަތުރަމުންނެވެ. މި ދެންނެވި ޚަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ. ބިނާކުރަނިވި ފާޑުކިޔުމަށް މި ކުންފުނިން އަބަދުވެސް މަރުޙަބާ ކިޔަމެވެ. އެހެން ނަމަވެސް، ފަޚުރުވެރި ދިގު ތާރީހެއް އޮތް މި ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާ ގުޅުވައި ކަނޑައެޅިގެން  ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މި ކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމުގައި ދަންނަވަމެވެ."

ސްޓެލްކޯގެ ބަޔާނުގައި އަދިވެސް ވެއެވެ. "މި ކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކެއް ކަމުގައިވުމުން، އެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ގެންނަންޖެހޭ އަޕްގްރޭޑްތަކާއި، މެއިންޓަނެންސް ފަދަ ރޭވިގެން ކުރާ މަސައްކަތްތަކާ ގުޅިގެން ޚިދުމަތަށް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި، ސަރަހައްދާއި، އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ މި ކުންފުނިން ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ. އަދި މި ދެންނެވި ގޮތާ ޚިލާފަށް މިހާތަނަށް މި ކުންފުނީގެ މެނޭޖްމަންޓުން އަމަލުކޮށް، އެއްވެސް ސަހަރައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ."

"ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ  މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ނަމަވެސް، މިކުންފުންޏާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެކެވެ. އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް އިލްތިމާސްކުރަމެވެ."