Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ރާއްޖެއަކީ ސިޔާސީވެރިންގެ ތަރިކަ މުދަލެއް ހެއްޔެވެ؟

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހަވީރު ހައެއް ޖެހުމާއެކު، ރިއާސީ އިންތިހާބަށް ކެމްޕޭންކުރުން ހުއްޓާލިއެވެ. ދުވަހުގެ ކަސްރަތަށް އެއް ގަޑިއެއްހާއިރު ހިނގާލަން، މަޣްރިބު ނަމާދު ކޮށްލައިގެން ނުކުތީމެވެ. ހަ ގަޑި ބައިގެ ފަހުންނެވެ. އަދި ކެމްޕޭނުގެ "ކަންތައްގަނޑުން" މިހާރު މަގުމަތި ސަލާމަތްވެފައި އޮންނާނެތީ ހުރީ ވަރަށް އުފަލުންނެވެ. ތަންކޮޅެއް ހަމަޖެހިލައިގެން މަޖީދީ މަގު ފަދަ "ބިޒީ" ތަންތަނުގައި ހިނގާލެވޭނެތީއެވެ.

ނަމަވެސް ނުހަނު ހައިރާންކަމާއި ހިތާމައާއެކު ފެނުނީ ހިތަށް ކުޅަދާނަވާ ވަރުގެ މަންޒަރެއް ނޫނެވެ. އަޅާ ކޮންމެ ފިޔަވަޅަކުން ފެނުނީ ކޮންމެވެސް ރިޔާސީ ކެންޑިޑޭޓަކާއި އޭނާގެ ރަނިންމޭޓް އިސްތިހާރު ކުރާ ލީފްލެޓްތަކުން މަގުތައް "ތަގައްޔަރު"ވެފައިވާ މަންޒަރެވެ. މާލޭގެ މަގުތައް ކުނިކަހަން މާލެ ސިޓީ ކައުންސިލްގެ ކުނިކެހުންތެރިން ފަށާފައިވާއިރު، ފެނުނީ ބޮޑެތި ފުނިފުންޏަށް މި ފަދަ ލީފްލެޓްތައް އެއްކޮށްފައިވާ ތަނެވެ.

ރާއްޖެއަކީ ތަހުޒީބު ބަޔަކު، އެއީ ދިވެއްސަކަށް ވިޔަސް ނުވަތަ ބިދޭސީއަކަށް ވިޔަސް، އުޅޭ ގައުމެއް ނަމަ، މި ފަދަ މަންޒަރުތަކެއް ނުފެންނާނެއެވެ. އެއިރުން ކުނިކަހާ މީހުންގެ "މެންޑޭޓަކަށް" ވާނީ ހަމައެކަނި ގަސްގަހުން ވެއްޓޭ ފަތް އެއްކޮށް، ކުނީގެ ގޮތުގައި އެ އެއްޗެހި ގޯނިގޯންޏަށް އަޅާ، ކައުންސިލުން އިރުޝާދު ދީފައިވާ ތަނަކަށް ޖަމާކުރުމެވެ.

ނަމަވެސް މިހާރު ކަން ވަނީ އެހެންނެއް ނޫނެވެ. އަހަރެމެން މިސާލު ނަގައިގެން، އެ ބައެއްގެ ފިޔަވަޅުތަކުން ހިނގަންޖެހޭ ސިޔާސީ ވެރިންގެ އަމަލުތަކުގެ ސިފަތައް ހުންނަ ގޮތުން ކުރާ ނޭދެވޭ އަސަރެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ދިވެހިން މިހާރު ވެފައި ވަނީ ވަރަށް "ގޮނޑު" ބަޔަކަށެވެ!

މި ސިފަ އެންމެ ހާމަކަން ބޮޑު ގޮތެއްގައި އާއްމު މީހުންގެ ފަރާތުން ފެންނަނީ، އަތްފޯރާފަށުގައި ކުނި އަޅާނެ ޑަސްބިން ނުހުރެއޭ ކިޔާފައި، އެ މީހަކު ބޯ ފެންފުޅި އާއި ކޮފީ ތައްޓާއި އަދި އެނާޖީ ޑްރިންކް ފަދަ ތަކެތި ބޮއެ ނިންމާލާފައި އެ ހުސްކުރި ޕެކެޓް، ތަށި، ދަޅު، ނުވަތަ ފުޅި، އެ ވަގުތަކު އެ މީހަކު ހުރި ހިސާބަކުން ބިންމައްޗަށް އެއްލާލާތަނެވެ. ދުވާރުމައްޗަށެވެ. ގަސްގަހުގެ ބުޑަށެވެ. ނުވަތަ ތިމާއާ މުޅިން ނުބެހޭ މީހާގެ ސައިކަލުގެ ވަށިގަނޑަށެވެ.

މި ފަދަ ކުނިބުނި އުކާލަން އެ މީހެއްގެ ގެއަށް އެ ތަކެތި ގެންދާކަށް ހިޔާލަކަށް ނާދެއެވެ؛ ހުޅަނގުގެ ތަހުޒީބު ގައުމުތަކުގެ ރަށްވެހިން އަމަލު ކުރާ ފަދައިންނެވެ. އެކަމަކު ތިމަންނަމެން ތަހުޒީބުވާން އެދެމޭ، މިއީ ހަމަ ކޮންމެ މީހަކު ވެސް ބުނާ ވާހަކައެވެ. ނަމަވެސް އަމަލަކުން އެ ކަން ކުރާ ތަނެއް ނުފެނެއެވެ.

އަވަށްޓެރި ލަންކާ ފަދައިން ރާއްޖޭގައި ވެސް އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. ލަންކާގެ ވެރިރަށް ކޮޅުނބުގެ މަގުތަކުން މިއީ މިހާރު ނާދިރު މަންޒަރެއް ކަމަށް ވިޔަސް، ރާއްޖޭގެ ވެރިރަށް މާލޭގެ މަގުމަތިން މި ނޫން މަންޒަރެއް ނުފެނެއެވެ.

ރަށު ބިޑި އާއި ސިނގިރޭޓާއި ވޭޕް ކުރާ އާލާތްތައް މަގުމަތީގަ އާއި އާއްމު ތަންތާނގައި ބޭނުންކޮށް، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން "ފަރަންޖީ" ޓޫރިސްޓުން ވެސް ދަނީ މި ގަވައިދު މުގުރަމުންނެވެ. އެ މީހުންނާ ހަވާލުވެ ތިބޭ ދިވެހިން އެ މީހުންނަށް މައުލޫމާތު ނުދެނީ ހެއްޔެވެ؟ މި ކަމަށް ފިޔަވަޅު އަޅާ ސަރުކާރުގެ އިދާރާ ތަކެއް ނުފެނެއެވެ. ތަންފީޒު ނުކުރެވޭ ގަވައިދު ތަކެއް ހެދުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

ބައެއް މީހުން ބުނަނީ ކޮޓަރިތެރޭގައި ނުވަތަ ގޭތެރޭގައި ވަސް ހިފާތީ އެ ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭކަށް ނޯންނަ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ދާންޖެހޭ ނަމަ، ކޮފީއެއް ނުވަތަ އެހެން ބުއިމެއް އޯޑަރު ކޮށްލުމަކީ، އެ ތަނުގެ "ޖާގަ ގަތުމަށް" އެ ތަންތަނުގެ ވެރިން އެދޭ ކަމަކަށް ވާތީ އެ ހަރަދު ކުރެވެން ނެތް ކަމަށެވެ. މިހެން ކަމަށް ވަންޏާ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ވީ ނޫން ހެއްޔެވެ؟ މި ކަމަށް ސިއްހީ ގޮތުން އެހީ ވެދޭ ކްލިނިކެއް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ވެސް ހުރެއެވެ.

ކޮންމެއަކަސް، އެ ރޭ މަޖީދީ މަގަށް "އުދަ އަރާފައި" ވަނީ ރިއާސީ ކެންޑިޑޭޓުންގެ ކެމްޕޭން ލީފްލެޓް ތަކުގެ "ކޯރުތަކުން"ނެވެ. އަނެއްކާވެސް އިހުސާސް ކުރެވެން ފެށީ، ހަމަ ކުރިން ވެސް އިހުސާސް ކުރެވޭ ޖަޒުބާތެކެވެ: ރާއްޖެއަކީ ސިޔާސީވެރިންގެ ތަރިކަ މުދަލެއް ހެއްޔެވެ؟ އެ މީހުން ހިތުހުރި ގޮތަކަށް "ފުށްގަނޑެއް"ހެން މި ގައުމުގެ ތިމާވެށްޓާއި ގަވައިދުތައް "މޮޑެލުމުގެ" ބާރު އަމިއްލަ އަށް ހޯދައިގަތީ ކިހިނެތް ބާވައެވެ؟

މި ފަހަރުގެ ރިއާސީ ކެމްޕޭންގެ ވަކި ހިސާބަކުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ.) އިން ވަނީ ތިމާވެށްޓަށް ގެއްލުން ނުލިބޭނެ މޭރުމުން ކެމްޕޭން ކުރުމަށް ހަނދާން ކޮށްދީފައެވެ. ގަސްގަހަށް މޮހޮރު ޖަހާ، އެ އެއްޗެހީގައި ބެނާ ތަކާއި ފޮތި ތަކާއި ލީފްލެޓްތައް ހަރުކުރާތީ ކަމަށް ފެނެއެވެ.

ހަގީގަތަކީ، އިންސާނީ ތަރައްގީގެ ކޮންމެ ކަމެއްގައި ފުރަތަމަ މަރުހަލާގެ ގޮތުގައި ނެތިގެންދަނީ ތިމާވެށީގެ ރީތި ސިފަތައް ކަމެވެ. އެ ގޮތުން ގަސްތަކަކީ ތަރައްގީގެ ހަނގުރާމައިގެ އެންމެ އިސް ސަފުގައި ނެތިގެންދާ ފުރަތަމަ ފަހުލަވާނުން ނުވަތަ "އިންފެންޓްރީ"ންނެވެ. ގަސްގަހާގެއްސަށް "ކަމަކާ ނުލާ އަނިޔާ ދިނުން" މިއީ ހަމައެކަނި މިހާރުގެ އާއްމު ސިފައެއް ނޫނެވެ.

ގެދޮރާއި އެހެނިހެން އިމާރާތް ކުރުމަށްޓަކައި މަޖުބޫރު ވެގެން ގަސް ކަނޑަން ޖެހުނަސް، އެ ތަކެތި އެހެން ތަނެއްގައި އަލުން އިންދުމަކީ ނެތް ކަމެއް ނޫނެވެ. ނަމަވެސް ދެރަ ކަމަކީ ސިއާސީ ކެމްޕޭން ތަކުގައި ވެސް އެންމެ ފުރަތަމަ ހަމަލަ އަރަނީ ގަސްގަހާގެއްސަށް ކަމަށް ވާތީއެވެ.

އެ ގޮތުން ފެނުނު އެންމެ ހިތާމަވެރި އެއް މަންޒަރަކީ، އޭރުގެ ވެރިކަމުގައި ހުރި މީހާގެ އިސްނެގުމުގެ މަތިން ވެރިރަށް މާލޭގެ މައި މަގު ކަމަށްވާ މަޖީދީ މަގުގައި އިންދާފައި ހުރި ފެންފޯއް ރުށްތައް "ސުންނާފަތި" ކޮށްލުމެވެ. އެ ވެރިޔަކާ މެދު ހިތްހަމަ ނުޖެހޭ ބަޔަކު ކުރި ކަމެއް ކަމަށް ތުންތުންމަތިން އިވުނެވެ. މި ރުށްތައް އުފުރާ، ހަލާކު ކޮށްލީ ކޮންމެ ބައެއް ކަމެއް ވެސް ޔަގީން ކަމާއެކު ބުނާކަށް ނޭނގެއެވެ. ސަބަބަކީ، އެ ކަމެއް ކުރީ ސަލާމަތީ ބާރުތަކުގެ ބަޔަކު ކަމަށް ތުހުމަތު ކުރިއަސް، ސިއާސީ ވެރިންނާއި، ސަލާމަތީ ބާރުތަކާއި، އަދި ގޭންގްތައް "މަސްހުނި" ވެފައިވާ ޒަމާނެއް ކަމުން، އެ ކަމެއް ކުރީ ކޮން ބައެއް ކަމެއް ކަށަވަރު ކުރެވެން ނެތީމައެވެ.

ހަމައެކަނި ޔަގީން ވީ ކަމަކީ، އެކިއެކި ސަބަބުތަކަށްޓަކައި ސިއާސީ ކަންތައްތަކާ ދުރުގައި އުޅޭ މީހުން ވެސް، މިއީ ބަލައިގަންނަ ކަމަކަށް ނުވުމެވެ.

"މި ގަސްތަކުގެ ކުށަކީ ކޮބާ؟ ކޮންމެ ކަމަކާ ހިތްހަމަ ނުޖެހޭ ވަގުތު، ދިރޭ ތަކެއްޗަށް ވަރުގަނޑުބާލައިލުމަކީ ކޮން އިންސާފެއް؟" މިއީ، ފެންފޯއްރުށްތައް ވައްޓާލާފައި އޮތް މަންޒަރު ފެނިފައި އެއިރު ދިވެހި ޒުވާނަކު އަހަރެންނާ ދިމާ އަށް ބުނި ބަސްކޮޅެކެވެ.

މި ކަމާމެދު ފުންކޮށް ވިސްނާލުމުން އަހަރެންގެ ހިތަށް އައީ ލަންކާގެ ރައްޓެސްކު އެއް ފަހަރަކު ފާޅުކުރި ހިޔާލެކެވެ.

"ކަލޭމެން ދިވެހިންނަށް ގުދުރަތީ ގޮތުން ލިބިފައި ތިވަނީ ހަމަ ސުވަރުގެއް ފަދަ ރީތި ޖަޒީރާތަކެކެވެ. އެކަން ކަލޭމެން ބަލައިގަންނަން ޖެހެއެވެ. ނަމަވެސް ރާއްޖޭގެ ތިމާވެއްޓާ މެދު ދިވެހިންގެ އަޅާލުންތެރިކަމެއް ނެތް ކަމުން އަހަރެން ހައިރާނެއް ނުވެއެވެ. ކަލޭމެން ތިވަނީ މިތާނގައި އުޅެބޮޑުވެފައިވާތީ މި މާހައުލަށް އެއްގޯސްވެފައެވެ. އެހެންކަމުން، ފަތުރުވެރިން ރާއްޖޭގެ ރީތިކަން ދަންނައިރު، ދިވެހިންނަށް މި ކަން ފަހުމު ނުވުމަކުން އަހަރެން ހައިރާނެއް ނުވެއެވެ."

والله أعلم – އޭނާ ބުނިބުނުމަށް މި ނޫން އިބާރަތްކޮޅެއް އަހަރެންގެ ހިތަކަށް ނައެވެ.

 

ކަވަރ ފޮޓޯ: ރިއާސީ އިންތިހާބުގެ ކެމްޕޭން ނިންމަން ޖެހޭ ސުންގަޑި ޖެހުމާއެކު މާލެ ސިޓީ ކައުންސިލްގެ ކުނިކެހުންތެރިން މާލޭގެ މަގުމައްޗަށް އަޅާފައިވާ ކެމްޕޭން "ކުނިތައް" ނަގަނީ. -ފޮޓޯ: އަދިވެސް/އިސްމާއީލް ޚިލްއަތު ރަޝީދު