Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިންޑިއާ ފަޅިއަށް ނޭރީތީ ޤާސިމަށް ހާސް ޝުކުރު

ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުން ދެވަނަ އަށް ވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތާއީދު ލިބިވަޑައިގަންނަވާތޯ އާދޭސް ދަންނަވަން ސަން އައިލޭންޑުގައި ދެ ދުވަސް ހޭދަކުރެއްވިއެވެ. ދެ ދުވަސް ވީއިރުވެސް ޤާސިމްގެ އާނބަސް ލިބިވަޑައިނުގެންނެވުމުން އެނބުރި މާލެ ވަޑައިގަތީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސަން އައިލޭންޑުގައި ބަހައްޓަވައިފައެވެ. އިތުރަށް އާދޭސް ދެންނެވުމަށެވެ.

ސަރުކާރުން ޤާސިމަށް އެ ވަރަށް ޕްރެޝަރު ކުރަމުން ދަނިކޮށް، ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މަޝްވަރާއާ އެކު ޤާސިމް އިއްޔެ ނިންމެވީ ރައީސް ސޯލިހާ އެކު އަލުން ކޯލިިޝަނެއް ނުހެއްދެވުމަށެވެ. އިންތިހާބުގެ ދެވަނަ ބުރުގައި އިބޫ ސޯލިހަށް ތާއީދު ނުކުރެއްވުމަށެވެ. ހަމަ އެއާ އެކު އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ އެއްވެސް ޕާޓީއަކަށް ވެސް ދެވަނަ ބުރުގައި ތާއީދު ނުކުރެއްވުމަށެވެ.

ޖޭ.ޕީގެ ކައުންސިލް ބައްދަލުވުމަށްފަހު މީޑިއާ އަށް ދެއްވި ބަސްދީގަތުމުގައި ޤާސިމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ޤައުމުގެ މިނިވަންކަމަށް ގެއްލުންވާކަން ފާހަގަކުރައްވައި ޤާސިމް މީގެ ކުރިން ދެއްކެވި ވާހަކަތަކަކީ ހަޤީގަތްކަން މިހާރު އިތުރަށް ޔަޤީންވެވަޑައިގެންފި ކަމަށާއި، ޤާސިމްގެ އެ ވިސްނުން ބަދަލުވޭތޯ ސަރުކާރުން ޤާސިމަށް ދެއްކި ލިއުންތައް ޤާސިމް ޤަބޫލް ނުކުރައްވާ ކަމަށެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކާ އެކު ކޯލިޝަން ނުހެދުމަށް ޤާސިމް ނިންމެވިއަސް ހަޤީގަތުގައި ޤާސިމްގެ މި ނިންމެވުމުގެ އެންމެ މުހިއްމު ޕޮއިންޓަކީ މި ސަރުކާރަށް ޤާސިމް ތާއީދު ނުކުރައްވާ ކަމާއި، އިތުބާރު ނުކުރައްވާކަމާއި، އިންޑިއާ ކޮޅަށް ނާރުއްވާނެކަމެވެ.

ކައުންސިލް ބައްދަލުވުމަށް ފަހު ޤާސިމް ދެއްވި ބަސްދީގަތުމުގައި ފާހަގަކުރެއްވި އެންމެ މުހިއްމު އެއް ޕޮއިންޓަކީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އެމީހުން އަމިއްލަ އަށް އައިސް ތިބި ތިބުމަކުން ނޫންކަމެވެ. އެމީހުން އައިސް އެ ތިބީ ދިވެހި ސަރުކާރުން އެމީހުން ގެނައިމާ ކަމަށް ޤާސިމް ވިދާޅުވިއެވެ. ތެދެކެވެ. އިންޑިއާ ސިފައިން ރާއްޖެ އައިސް ތިބީ ދިވެހި ސަރުކާރުން ނުދޭ ހުއްދައަކުން، ގަދަކަމުން ނޫނެވެ. ރާއްޖޭގެ ކަނޑު އަޑީގެ ޗާޓު ކުރަހަން އެމީހުން ހަވާލުވެ އެތިބީ ދިވެހި ސަރުކާރުން އެމީހުންނާ އެކަން ހަވާލު ކުރީމައެވެ. ޑޯނިއާ އާއި ހެލިކޮޕްޓަރ ދުއްވުމުގެ ބަހަނާގައި އިންޑިއާ ސިފައިން ތިބީ ވެސް ހަމަ ދިވެހި ސަރުކާރުން ހުއްދަ ދިނީމައެވެ. އެހެންކަމުން މިކަމުގައި އިންޑިއާ ސިފައިންނަށް ސީދާ ރުޅި އައުމުގެ ބަދަލުގައި ނުރުހުން ވާންޖެހެނީ އެމީހުންނަށް ހުއްދަ ދިން ދިވެހި ސަރުކާރު ދެކެއެވެ. އެ ސަރުކާރުގެ ވެރީން ދެކެއެވެ. ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ނުރައްކާވެފައި މިވަނީ ހަމަ ސޯލިހުގެ ސަރުކާރާ ހެދިއެވެ. ބަދަލަކަށް ދިވެހި ރައްޔިތުން ބޭނުންވަނީ މި ސަބަބާ ހުރެއެވެ. މި ސޯލިހުގެ ސަރުކާރާ އެކީ ކޯލިޝަން ނުހެދުމަށް ޤާސިމް ނިންމެވީ ވެސް ހަމަ މި ސަބަބާ ހުރެއެވެ.

އިސްލާހީ މަސައްކަތުގައި ފާއިތުވި ތިރީހަށް އަހަރު އުޅުއްވިއިރު ޤާސިމަށް ލިބިވަޑައިގަތީ އެންމެ ހައްޤު މަޤާމެއް ނޫނެވެ. ރައްޔިތުންގެ ވޯޓު ދަށްވަމުން ގޮސް މިފަހަރުގެ އިންތިހާބުން ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ. ނަމަވެސް ދިވެހި ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި އަދިވެސް އިސްލާޙީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އިއްޔެ އަދި އެހެން ކަމެއް ވެސް ފާހަގަވިއެވެ. މ. ކުނޫޒުގެ ދެވަނަ ބުރީގެ މާލަމެއްގައި އޮތް ޖުމްހޫރީ ޕާޓީގެ ކައުންސިލް މީޓިން އަށް ވަދެވަޑައިގަންނަވަމުން، ތިރީގައި އެއްވެފައި ތިބި ނޫސްވެރިންނަށް ގާސިމް އަތްޕުޅުގެ އިޝާރާތެއް ކޮށްލެއްވިއެވެ. އެ އިޝާރާތުން ކިތަންމެ ރަނގަޅަކަށް ވެސް ފާޅުވެގެންދިޔައީ ހަތަރެކެވެ. މާނައަކީ ގާސިމްގެ ތާއީދު ވެސް އޮތީ ޑރ. މުއިއްޒަށް ކަމަށް ވުން ވަރަށް ގާތެވެ. ތިރީގައި މި ވަނީ އެ ފޮޓޯއެވެ.

ކޮންމެއަކަސް، ޤާސިމާއި ޖުމްހޫރީ ޕާޓީގެ މި ނިންމުމުން އެންމެ ބޮޑު ދެރައެއް ލިބޭނީ މި ސަރުކާރަށެވެ. އަދި ރައީސް ސޯލިހަށެވެ. އެ މަނިކުފާނާ އެކީ ކޯލިޝަންގައި މިވަގުތު ހުންނެވީ އަދާލަތު ޕާޓީގެ ޝެއިހް އިމްރާން އެކަންޏެވެ. އެމް.ޑީ.އޭގެ ސަން ސިޔާމް ވެސް ކެމްޕެއިނުން ގެއްލިއްޖެއެވެ. ނަޝީދު ވެސް، ކާނަލް ނާޒިމު ވެސް ފާރިސް ވެސް ރައީސް ސޯލިހު ކޮޅަކަށް ނޭރިއެވެ. ޤާސިމްގެ ނިންމެވުމުގެ ސަބަބުން ޤާސިމަށް ތާއީދު ކުރާ ގިނަ މީހުންގެ ވޯޓުވެސް ލިބުން ކައިރީ ޕީ.އެން.ސީ/ ޕީ.ޕީ.އެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ. އުމަރު ނަސީރު ޑރ. މުއިއްޒާ އެކު ކޯލިޝަން ނުހެއްދެވިއަސް އުމަރުގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބައެއްގެ ވޯޓުވެސް ލިބުން ކައިރީ ޑރ. މުއިއްޒަށެވެ. ސަބަބަކީ ރައްޔިތުން ތިބީ ބަދަލަކަށް އެދިގެން ކަމަށް ވުމެވެ. ކާނަލް ނާޒިމް އެ ހުންނެވީ ޑރ. މުއިއްޒާ އެކުގައެވެ. މި ހުރިހާ ސަބަބަކަށް ބަލާއިރު ރައީސް ސޯލިހު މިހާރު އެވަނީ ބާކީވެފައެވެ. އެމް.ޑީ.ޕީގެ ކެމްޕެއިންގެ ފޯރި ކެނޑި، ހިއްވަރު އެލި، މާޔޫސްވެފައެވެ.

އިންތިހާބުގެ ފުރަތަމަ ބުރުންވެސް ދިވެހި ރައްޔިތުން ދައްކާފައި އެވަނީ ބަދަލެއް ބޭނުންވާ ކަމެވެ. ދެވަނަ ބުރަށް ކުޅިބައި އަތުރާލެވެމުންދާއިރު ފެންނަ މަންޒަރަކީ ޑރ. މުއިއްޒުގެ ކޮޅު އިތުރަށް ބޮޑުވަމުންދާ ތަނާއި ރައީސް ސޯލިހުގެ ކޮޅު ކުޑަވަމުންދާ ތަނެވެ. ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯއްދެވުމަށް އެމް.ޑީ.ޕީން ކުރި މަސައްކަތްވެސް ކާމިޔާބުވާތަނެއް ނުފެނެއެވެ.

ކުރިމަގަށް ނަޒަރު ހިންގާލާއިރު ޤާސިމްގެ ޖުމްހޫރީ ޕާޓީ އުމަރު ނަސީރާ ހަވާލު ކުރައްވައިގެން، ޤާސިމް ފަހަތުގައި ހުންނަވައިގެން 2028 އަށް ތައްޔާރުވުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ. ޑރ. ވަހީދު އަލުން އަނބުރާ ޕީ.ޕީ.އެމާ ގުޅިވަޑައިގެން ޑރ. މުއިއްޒަށް ތާއީދު ކުރެއްވުމަކީ ވެސް ހަމަ ވެދާނެ ކަމަކެވެ. ސެޕްޓެމްބަރު 30ގެ ވޯޓުން ޑރ. މުއިއްޒަށް ކާމިޔާބު ލިބިވަޑައިގަތުމާ އެކު އެމް.ޑީ.ޕީ މުޅިން ރޫޅި، ކުރީގެ ޑީ.އާރް.ޕީ އަށް ވީހެން އުވިގެން ދިއުމަކީ ވަރަށް ކައިރި ކަމެކެވެ. ކުރިމަގުގެ ސިޔާސީ އެންމެ ބޮޑު ތިން ޕާޓީއަކަށް ދެން ވާނީ ޕީ.ޕީ.އެމާއި އުމަރު ނަސީރުގެ ޖުމްހޫރީ ޕާޓީ އާއި ނަޝީދުގެ ދަ ޑިމޮކްރެޓްސް ކަމުގައި ވެދާނެއެވެ!

ކޮންމެ ގޮތެއް ވިއަސް ސެޕްޓެމްބަރު 9 ގެ ބޮޑު ނިންމުމުން އެއްކަމެއް ވަރަށް ސާފެވެ. ޝައްކެއް ނެތް ގޮތުގައި 2008، 2013 އަދި 2018ގެ ކިންގް މޭކަރަކީ ޤާސިމެވެ. އަދި، އެންމެ 5،460 ވޯޓާ އެކުގައި ވެސް 2023ގެ ކިންގް މޭކަރަކަށް ވެސް މިވަނީ ހަމަ ޤާސިމެވެ. އިއްޔެ ޤާސިމް އެ ނިންމެވި ނިންމެވުމަކީ އިންތިހާބުގައި ޑރ. މުއިއްޒަށް ކާމިޔާބު ލިބިވަޑައިގެން ރައީސް ސޯލިހަށް ނާކާމިޔާބު ވުމުގައި މުހިއްމު ނިންމެވުމެކެވެ. އެހެންކަމުން 2023 ގައި ވެސް ހަގީގީ ކިންގް މޭކަރަކަށް މިވަނީ ހަމަ ޤާސިމެވެ.

އިންޑިއާ ފަޅިއަށް އަރާވަޑައިނުގެންނެވީތީ ޤާސިމަށް ހާސް ޝުކުރެވެ. ރައްޔިތުންގެ ފަޅި ޚިޔާރު ކުރެއްވީތީ ނިހާޔަތުގެ ތައުރީފެވެ. ޤާސިމަކީ ހަމަ ކިންގެވެ. ރާއްޖޭގެ ފަހުގެ ސިޔާސީ މައިދާނުގެ ކިންގް މޭކަރެވެ. މިފަހަރުވެސް ހަމަ އެގޮތެވެ! އިންޑިއާ ފަޅިއަށް އަރާވަޑައިނުގެންނެވީތީ ޤާސިމަށް އަދިވެސް އެއްފަހަރު ހާސް ޝުކުރެވެ.