Support Us

ރިޔާސީ އިންތިހާބު 2023:

އެއްވެސް ފަޅިއަކަށް ނާރާން ޖޭޕީން ނިންމައިފި

ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި އެއްވެސް ފަޅިއަކަށް ނާރާން ޖުމްހޫރީ ޕާޓީން މިއަދު ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިގޮތަށް ނިންމަވައިފައިވަނީ ސެޕްޓެމްބަރު 9 ގެ ވޯޓުން ގަދަ ދޭކުން ޖާގަ ނުލިބި، ހަތަރު ވަނަ އަށް ގޮސް, ފޭލިވުމުން، މި މަހު ފަހުކޮޅު އޮންނަ ދެވަނަ ބުރުގައި އެ ޕާޓީން އަމަލްކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން އެގޮތަށް ފާސްކޮށްގެންނެވެ.

މި ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ ކެންޕެއިންގައި ތާއީދު ހޯދުމަށްޓަކައި ދެއްކެވި ހުރިހާ ވާހަކަތަކަކީ ތެދު ވާހަކަތަކެއްކަން އެނގިފައިވާތީ މިފަހަރު މި ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކޮށް ސައިލެންޓްކޮށް ތިބޭނީ ކަމަށެވެ.

"އަޅުގަނޑާ އަދި އަޅުގަނޑުމެން ޕާޓީން ކެންޕެއިނަށް ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަދި ފެންނަން ހުރި ހުރިހާ ޑޮކިއުމަންޓަކުން ފެންނަން ހުރި ގޮތުންނާއި މިހުރިހާ އެއްޗެއްގެ މައްޗަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކައަކީ ތެދުކަން ފްރޫފްވާތީއާ އެކީގައި މި ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކޮށް ސައިލެންޓްކޮށް ތިބޭނީ،" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިންގައި ގާސިމް ވަނީ ރާއްޖޭގެ ގިނަ ރަށްތަތަކަށް ޒިޔާރަތްކުރައްވައިފަ އެވެ. އަދި "ގައުމީ ލީޑަރު"ގެ ނަމުގައި ގާސިމް ކުރެއްވި ކެންޕެއިންގައި އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖޭގެ އެކިއެކި ސަރަހައްދުގައި ތިބުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވެފައިވާ ކަމުގެ ކަންބޮޑުވުންތަކާއި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެވެ. މީގެ އިތުރުން ސަރުކާރުން ނަގާފައިވާ ބޮޑު ދަރަނީގެ ވާހަކަ ވެސް ގާސިމް ގެންދެވީ ވަރަށް ބޮޑަށް ދައްކަވަމުންނެވެ. އަދި އިންޑިއާއާ އެކު ހަދާފައިވާ ގޮތްނޭނގޭ އެެއްބަސްވުންތަކުގެ ހަގީގަތް ނޭނގޭތީ އެކަމުގެ ކަންބޮޑުވުންތައް ވެސްް ފާޅުކުރައްވަމުން ގެންދެވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ރައީސް ސޯލިހް ވަނީ ރައްޔިތުންނަށް ރައްޔިތުންނަށް އޮޅުން އަރާފަދަ ގޮތަކަށް ބަޔަކު ވާހަކަ ދައްކާ ކަމަށާއި ރައްޔިންނަށް ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ސޯލިހް އެހެން ވިދާޅުވެ ސައުވީސް ގަޑިއިރު ނުވަނީ, ސިޔާސީ ލީޑަރުންނާއި މީޑިއާތަކުން  ހާމަކޮށްދިނުމަށް ތަކުރާރުކޮށް އެދެމުން ދިޔަ މޮރިޝަސް ސިޓީ ވަނީ މީސްމީޑިއާގައި ލީކްކޮށްލައިފަ އެވެ. އަދި އެއީ ސައްހަ ސިޓީއެއްކަން ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ބެހޭ ގޮތުން ދެކެވެމުން ގެންދާ ވާހަަކަތަކާ ގުޅިގެން ހަަމަ އެދުވަހު ދިވެހި ސިފައިން ވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ މަރުކަޒެއް ނެތް ކަމަށް ބުނެފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ގާސިމް އިތުރަށް ވިދާޅުވީ ޖޭޕީން ދެން ކުރިއަށް ދާނީ ވެސް ޕާޓީ ކުރިއަރުވަން ކަމަށެވެ.

ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބަށް ފަހު ދެވަނަ ބުރަށް ވަޑައިގެންނެވި ހިސާބުން އެ ދެ ޕާޓީން ވަނީ ގާސިމްއާ ބައްދަލުކޮށް ކޯލިޝަން ހެދުމާ ބެހޭ ގޮތުން މަޝްވަރާތައްކޮށްފަ އެވެ. އެގޮތުން ރައީސް ސޯލިހް ދެ ދުވަސް ވަންދެން ގާސިމްގެ ސަން އައިލެންޑްގައި ހޭދަ ކުރައްވާފައިވާއިރު ޑރ. މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފާއި އެ ކޯލިޝަންގެ ބައެއް މަޖިލީސް މެމްބަރުން ވެސް ވަނީ ގާސިމާ ބައްދަލުކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *