Support Us

ރިޔާސީ އިންތިހާބު 2023

ސިޓީ ކައުންސިލްތަކަށް ފުލްޓައިމް ހިދުމަތް ދޭނެ ވުޒާރާއެއް އުފައްދާނަން: ޑރ. މުއިއްޒު

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ހިންގުން ހަރުދަނާކުރުމަށް ސިޓީ ކައުންސިލްތަކަށް ފުލްޓައިމް ހިދުމަތް ދޭނެ ސަރުކާރުގެ ވުޒާރެއް އުފައްދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރިއަށް ގެންދާ ކެންޕެއިން ދަތުރުފުޅުގައި މިއަދު ހއ. މާރަންދޫގެ ރައްޔިތުންނާ ބައްދަލުކުރަައްވާ ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރެއް މި ހޮވަނީ ރައްޔިތުންނަށްޓަަކައި ކަމަށާއި ސަރުކާރަށް ޓެކްސް ފައިސާއާއި އާއްމުުދަނީ ލިބެމުންދާއިރު ރައްޔިތުންނަށް ކޮށްދޭން ޖެހޭ މުހިންމު ކަންތައްތައް ނުނިމި ހުއްޓިފައި ހުރުމަކީ މިއަދު ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދި ސަރުކާރުން އެ ފައިސާ ބޭނުންހާ ގޮތަށް ބޭނުން ކުރަމުން ގެންދާއިރު އެތައް ބިލިއަން ރުފިޔާއެއް އިސްރާފުކޮށްފައިވާާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަންނަނީ މި ގޮތް ބަދަލުކޮށްދޭން. އަޅުގަނޑު މި އެދެނީ ރައްޔިތުންނާ އެކު މަސައްކަތް ކުރާނެ ސަރުކާރެއް ހޮވާދެއްވުމަށް. އަޅުގަނޑަށް ނިޒާމުގެ ދެ ފަރާތުގައި މަސައްކަތް ކުރުމުގެ ޗާންސް ލިބިފައި ހުރީމަ އެބަ އިނގޭ މި ދެބައި ގުޅުވާލާނެ ގޮތް. އެހެންވެ ފުލްޓައިމް ސިޓީ ކައުންސިލްތަކަށް ހިދުމަތް ދޭނެ ހާއްސަ ސަރުކާރުގެ ވުޒާރާއެއް އުފެދިގެންދާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެފަަދަ ވުޒާރާއެއް ގާއިމްވެގެން ދިޔައީމާ ރައްޔިތުންގެ ކިބައިން އޮޅުންފިލުވަންޖެހޭ ކަންކަން އެއީ ކޮންމެ ޕާޓީއެެއްގެ ކައުންސިލެއް ކަމުގައި ވިޔަސް އެ ކައުންސިލެއް މެދުވެރިކޮށް އޮޅުންފިލުވައިގެން ސަރުކާރުގެ މައި މަޝްވަރާތަކުގެ ތެރެއަށް ގެނެސްގެން ބަޖެޓްގައި ހިމަނައިގެން ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގާނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާރަންދޫގެ ވެސް ނަރުދަމާގެ މަސައްކަތް ހުރީ ނުނިމި ހުއްޓިފައި ކަމަށެވެ.

"މާރަންދޫގެ ނަރުދަމާގެ މަސައްކަތް ނުނިމި ހުރީ (މަގުގެ) އަރިމަތީގަ ހޮޅިތައް ހުރީ. އެއީ ކަންނޭނގޭ މިރަށަށް އޮތް ގޮތަކީ. މުޅި ރާއްޖޭން ވެސް ފެންނަނީ މި މަންޒަރު ހުރިހާ ދިމާލަކުން. މާލެއިން ވެސް އެ މަންޒަރު ބްރިޖް އަޅަމުން ދާ ގޮތް އެބަ ފެނޭއެއް ނޫންތޯ. މިއެއް ނޫން ރައްޔިތުން ބޭނުންވާ ތަރައްގީއަކީ،" ޑރ. މުއިއްޒު ވިދާާޅުވި އެވެ.

ޕީޕީއެން/ޕީއެންސީ ކޯލިޝަންގެ ސަރުކާރަކީ ރައްޔިތުންނާ އެކު މަސައްކަތް ކުރާނެ ސަރުކާރަކަށް ވެގެންދާނެ ކަމަށާއި ރައްޔިތުންނާ އެކު މަސައްކަތް ކުރާނެ ސަރުކާރެއް ރައްޔިތުން ބޭނުންވާ ނަމަ ރިޔާސީ އިންތިހާބްގެ ދެވަނަ ބުރުގައި އެ ކޯލިޝަން ހޮވައިދެއްވުމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވި އެވެ.

މަރަދޫ ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ރޫމާއި ސްކޫލަށް ބޭނުންވާ ފެސިލިޓީޒް ގާއިމްކޮށްދެއްވާނެ ކަމަށާއި ރަށުގެ ނަރުދަމާގެ މަސައްކަތް ނިންމުމާއި ބޯޅަދަނޑުގެ ލައިޓް ޖެހުން ފަދަ ނުނިމި ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށުގެ ގިރުމުގެ މައްސަލައާއި ކުނި މެނޭޖްކުރުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކޮށްދޭނެ ކަންކަން ގޮތުގައި ކަނޑަައަޅާފައިވާ ކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *