...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޤާސިމް ނަންގަވާނީ ރައްޔިތުންގެ ކޮޅުތޯއެވެ؟ ނުވަތަ އިބޫގެ ކޮޅުތޯއެވެ؟

ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު އޮންނަ، ރިއާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ އެމް.ޑީ.ޕީއާ އެކު ކޯލިޝަން ހައްދަވާނެތޯ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމާ މަޝްވަރާ ކުރެއްވުމަށް ރައީސް ސޯލިހު، ޤާސިމްގެ ވިލާ ޕާކް (ސަން އައިލޭންޑް) ރިސޯޓަށް، ބޮޑު ވަފްދަކާއެކު ވަޑައިގެން، ޤާސިމްގެ އާނ ބަސް ލިބިވަޑައިނުގަންނަވަނީސް އެރަށުން ފައިބައިވަޑައިނުގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށް ފެނެއެވެ. މެތުރި މީހަކު މެތުރި އެއްޗެއް ހިއްޕަވައިގެން ވިލާ ޕާކަށް ވަޑައިގެން ރައީސް ސޯލިހު އެންމެ މިލިއަނެއްހާ ޑޮލަރު ހުށަހަޅުއްވައިގެން ޤާސިމް ގުޑައެއް ނުލާނެއެވެ. ދެތިން ފަޅާއި، ދެތިން ފަޅުރަށާއި ހައެއްކަ މިނިސްޓްރީ އާއި ސަރުކާރުގެ ބޮޑު ހިއްސާއެއް ހުށަހަޅައިގެން ވެސް ޤާސިމް އަތުއަޅުވައި ލެއްވޭތޯ މިސަރުކާރާއި އިންޑިއާ އިން ބޭނުންވާނެއެވެ.

ސުވާލަކީ އިންތިޙާބުގެ ފުރަތަަމަ ބުރުން ޤާސިމަށް ލިބިވަޑައިގަތް ފަސް ހާސް ވަރަކަށް ވޯޓު، އިބޫއާ އެކު ޤާސިމް ކޯލިޝަން ހެއްދެވުމުން، އިބޫ އަށް އެ 5،000 ވަރަކަށް ވޯޓު ލިބިވަޑައިގަންނަވާނެތޯއެވެ. ޤާސިމް އަރިހުގައި އިސްކޮށް ތިއްބެވި ބައެއް އެޑްވައިޒަރުންނާއި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންވެސް، ޤާސިމް އިބޫކޮޅަށް އަރާވަޑައިގެންނެވިއަސް އިބޫއަށް ވޯޓު ދޭނެ ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ޤާސިމް އިބޫއާ ގުޅިވަޑައިގަތަސް އިބޫއަށް އިތުރަށް ލިބިވަޑައިގަންނަވާނީ ގިނަވެެގެން ދެހާހެއްހާ ވޯޓެވެ. ދިވެހި ރައްޔިތުންގެ ފައިސާ އާއި މުދަލުން ޤާސިމަށް އެތައް މިލިއަނެއް ދީގެން އެންމެ ދެހާހެއްހާ ވޯޓު ހޯއްދަވަން ޤާސިމާ އެކު ކޯލިޝަން ހައްދަވަން ރައީސް ސޯލިހު އެވަރަކުން އެ އުޅުއްވާ ސަބަބު އެންމެ ރަނގަޅަށް ކިޔައިދިނީ މަޖުލިސް މެމްބަރ އަބްދުﷲ ޖާބިރެވެ. ޖާބިރު ބުނި ގޮތުގައި ޤަސިމާ ގުޅުމުން ދެވަނަ ބުރުގައި އެމް.ޑީ.ޕީ އަށް މާގިނަ ވޯޓުތަކެއް އިތުރު ނުވިއަސް އެކަން ވާނީ އެމް.ޑީ.ޕީ އަށް ލިބޭ ވަރަށް ބޮޑު ހިއްވަރަކަށް ކަމަށެވެ. ތެދެކެވެ. އިމްރާނާއި ސަން ޝިޔާމް ފިޔަވައި ގުޅޭނެ އެހެން އެއްވެސް މީހަކު ނުވެގެން އުޅުއްވާ އިބޫ ސޯލިހުގެ ގްރޫޕަށް ކޮންމެވެސް މީހަކު އިތުރު ކުރަން އެބަޖެހެއެވެ! އިބޫ އަށް ތާއީދު އޮތްކަން އިންޑިއާ އަށް ދައްކާށެވެ.

އޮންލައިން ނޫހަކުން މިއަދު ރިޕޯޓް ކުރި ގޮތުގައި ރައީސް ސޯލިހު ކޮޅަށް ޤާސިމް އަރާވަޑައިގަތުމުުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް އެ ނޫހަކީ ރައީސް ސޯލިހަށް ތާއީދުކުރާ، ވަކި ކޮޅަކަށް ޖެހިފައިވާ ނޫހަކަށް ވުމުން މި ހަބަރުގެ ސައްޙަކަން ކަށަވަރު ކުރަން ދައްޗެވެ. ކޮންމެ ގޮތެއް ވިއަސް ރައީސް ސޯލިހު ކޮޅަށް ޤާސިމް އަރާވަޑައިގެންފި ނަމަ ޤާސިމްގެ ސިޔާސީ ހަޔާތް، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ނިމުނީ ކަމަށް ބަލަން ޖެހެއެވެ. ޤާސިމްގެ ސިޔާސީ ލެގަސީ ވެސް އެ ހިސާބުން ކިލަނބުވާނެއެވެ.

އިންޑިއާ އަށް ޤައުމު އަޅުވެތިކޮށް، މި ސަރުކާރުގެ ސަބަބުން ރައްޔިތުން ބިކަވެފައިވާ ކަމަށް ޤާސިމް އިހަކަށް ދުވަހު، ކެމްޕެއިންގައި ވިދާޅުވެ، އެކަމަށް ﷲ ހެކިކޮށް ވާހަކަ ދެއްކެވި އަޑު ދިވެހީން އެއްސެވެ. ދެން ނިކުމެވަޑައިގެން އަނެއްކާ ރައީސް ސޯލިހަށް ބައިއަތު ހިއްޕަވައިފި ނަމަ ޤާސިމް ދިވެހި ރައްޔިތުންނަށް ދައްކަވާނީ ކޮން މޫނެއް ބާވައެވެ؟ ދެމޫނުގެ ވެރިއަކަށް ވެވަޑައިގަންނަވާނީ ތޯއެވެ؟

އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ޤާސިމް އިބްރާހިމް އެންމެ ގަދައަށް ދެއްކެވީ އިންޑިއާގެ ނުފޫޒު މިޤައުމުގައި ހައްދުން ނެއްޓިފައިވާ މިންވަރާއި، އިންޑިއާ ސިފައިން މިޤައުމުގައި ތިބުމުން މިޤައުމުގެ ސަލާމަތަށް ނުރައްކާ ވެފައިވާ ވާހަކަ އާއި، ކޮންމެ ގޮތެއް ހަދާފައި ވެސް މިސަރުކާރު ބަދަލު ކުރަން ޖެހޭ ވާހަކަ އެވެ. މިހުރިހާ ވާހަކައެއް ދެއްކެވުމަށްފަހު އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް ޤާސިމް އަރާވަޑައިގަންނަވާނެ ކަމަށް ބުއްދި ޤަބޫލު ކުރަން ދައްޗެވެ. ސިޔާސީ މީހުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. މިއަދުގެ އަދާވާތްތެރިޔާ މާދަމާ ބެސްޓް ފްރެންޑަށް ވެސް ވެދެއެވެ. އެހެން ކަމުން ޤާސިމް އިބޫ ކޮޅަށް އަރާވަޑައިނުގަންނަވާނެ ކަމަށް ސީދާ ދަންނަވަން އެއްވެސް މީހަކަށް ނޭގޭނެއެވެ. ނަމަވެސް ޤާސިމް އިބޫ ކޮޅަށް އަރާވަޑައިގަތުމަކީ ހަމަގައިމުވެސް ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ދޯކާ ދެއްވުން ނޫންކަމަކަށް ނުވާނެއެވެ. އެފަދަ ކަމެއް ވެގެންދާނީ ދިވެހި ރައްޔިތުން އޮޅުވާލުމަށް ފަހު، އަމިއްލަ އެދުމަށް ދިވެހި ރައްޔިތުންގެ ބުރަކައްޓަށް ހަންޖަރެއް ޖެހުން ފަދަ ކަމަކަށެވެ.

އިބޫ ސޯލިހު ސަން އައިލޭންޑް ރިސޯރޓުން ފައިބައި ވަޑައިގަތަސް ނުވަތަ ފައިބައިވަޑައިނުގަތަސް، ޤާސިމް އިބްރާހިމް އެންމެ ފަހުގެ އިޙްލާސްތެރިކަން ދައްކަވަން ޖެހެނީ އިބޫ އަކަށް ނޫނެވެ. ދިވެހި ޤައުމަށެވެ. މިޤައުމުގެ ރައްޔިތުންނަށެވެ. ސަބަބަކީ ޤާސިމް ވިޔަފާރި ކުރައްވައި، ޤާސިމް ޤާސިމަކަށްވީ މިފަސްގަނޑުގައި، މިޤައުމުގެ ރައްޔިތުން ލައިގެން ކަމަށް ވެފައި، އަމިއްލަ ޤައުމަށާއި ރައްޔިތުންނަށް ވުރެ ސިޔާސީ މިތުރަކު އިސްކުރުން ވެގެންދާނީ އަމިއްލަ އެދުން އިސްކުރުމަށް ކަމުގައި ވާނެތީ އެވެ.

ރައްޔިތުން ތިބީ ޤާސިމް ހައްދަވާ އެއްޗެއް ބަލާށެވެ. ޤާސިމް އިބޫ އާއި ގުޅިވަޑައިގަތަސް އިބޫ އަށް މިއިންތިހާބު ނެންގެވުން ވާނީ ނާދިރު ކަމަކަށެވެ. އެހެން ކަމުން ފެތެމުންދާ އޮޑިއަކަށް އަރާވަޑައިގަންނަވާނީ ތޯ ނުވަތަ ރައްޔިތުންގެ އޮޑިއަށް އަރާވަޑައިގަންނަވާނީ ތޯ، ގޮތް ނިންމަވާނީ ޤާސިމެވެ. ކޮންމެ ގޮތަކަށް ޤާސިމް ނިންމެވިއަސް މިފަހަރަކީ އިންޝާﷲ ދިވެހި ރައްޔިތުންގެ ފަހަރެވެ. ކަން ނިމޭ އިރު ޤާސިމް ހުންވާނީ ކޮން ކޮޅެއްގައިތޯ ނިންމަވާނީ ޤާސިމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.