Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޑރ. މުއިއްޒުގެ ޚާރިޖީ، ދާޚިލީ އަދި ދިފާއީ ވަޒީރުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިހާރު މި ދިވެހި ޤައުމަށް ޗޮއިސްއެއް ނޫނެވެ. އާ ރައީސަކު އައިސްގެން މެނުވީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ހަމަޖެހުމުގެ މިނިވަން ނޭވާއެއް ލެވޭކަށް ނެތެވެ. އިންޝާ ﷲ، 17 ނޮވެމްބަރުގައި ހުވާކުރައްވާނީ އައު ރައީސެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ގޮސްފައި އޮތްގޮތުން މި ދެންނެވި އައު ރައީސަކަށް، އިންޝާ ﷲ، ވެވަޑައިގަންނަވާނީ ޕީ.އެން.ސީ/ ޕީ.ޕީއެމްގެ ޑރ. މުހައްމަދު މުއިއްޒެވެ.

ރާއްޖޭގެ ވެރިކަމަށް ވަޑައިގަންވާ އައު ރައީސެއްގެ ކޮނޑުފުޅުގައި އެޅިފައިވާނެ އެންމެ ބޮޑު އެއް ޒިއްމާއަކަށް ވާނީ ދިވެހި ދައުލަތުގެ މައްޗަށް ނުހައްޤުން ނުފޫޒާއި ބާރު ގަދަކޮށްގެން މި ޤައުމުގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިން މި ޤައުމުން ބޭލުމެވެ. ސިޔާސީ މީހުން ކިޔާ ގޮތުން ނަމަ "އިންޑިއާ އައުޓް" ކުރުމެވެ. މިއީ އަނގައިން ކިތައްމެ ފަސޭހައިން ކީ ކަމުގައިވިއަސް އަމަލުން ކުރަން ވަރަށް ބޮޑު މަސައްކަތެކެވެ. އެކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ފަހު އެންމެ ބޮޑު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅަކީ ޚާރިޖީ ވަޒީރެވެ. އެހެންކަމުން ޑރ. މުއިއްޒުގެ ސަރުކާރެއްގައި ޚާރިޖީ ވަޒީރަކަށް ވާންޖެހޭނީ ބައިނަލްއަޤްވާމީ ދާއިރާގައި ފުންނާބު އުސް، އެ ދާއިރާގައި ތަޖުރިބާކާރު، ހިކުމަތްތެރި، ޑިޕްލޮމެސީގައި ކުޅަދާނަ ބޭފުޅެކެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު މި ދެންނެވި މިންގަނޑަށް ފެތޭ އެންމެ ފާހަގަކުރެވޭ އެއް ބޭފުޅަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ. ޑރ. ވަހީދަކީ އދ.ގެ ވަރަށް އިސް މަޤާމްތަކެއް އަދާކުރައްވާފައިވާ، އަދި ރާއްޖޭގެ ރައީސްކަން ވެސް ކުރައްވާފައިވާ، އަދި ސިޔާސީ ގޮތުން ރާއްޖެ ދުށް އެންމެ ނާޒުކް އެއް ދަނޑިވަޅުގައި ބިޔަ، ބޮޑު އިންޑިއާ އަށް ގޮންޖައްސަވައި، މަޝްހޫރު ޖީ.އެމް.އާރު މި ޤައުމުގެ އެއާޕޯޓުން ބޭރުކުރެއްވި ރައީސެވެ. މީގެ އިތުރުން ޑރ. ވަހީދަކީ ސައުދީ އެރެބިއާގެ ރަތް ކަނޑު ސަރަހައްދު ތަރައްޤީ ކުރުމަށް އެ ޤައުމުން ހިންގާ ބިޔަ ޕްރޮޖެކްޓް "ރެޑް ސީ ޑިވެލޮޕްމެންޓް ކޮމްޕެނީ"ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރެއްވެސް މެއެވެ. އެ މަޤާމްގެ ގޮތުން ސައުދީ އެރެބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ ވަރަށް ގާތް ބޭފުޅެއް ވެސްމެއެވެ.

ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ހައިރާންކުރުވަނިވި ގޮތަކަށް ހަތަރުވަނަ ހޯއްދެވި އުމަރު ނަސީރު ވިދާޅުވެފައިވާ ފަދައިން ދިވެހި ރާއްޖެ އަށް އެންމެ ފައިދާ ބޮޑު ގޮތަކީ އިންޑިއާ އާއި ޗައިނާއާ ވެސް އެއްވަރަކަށް ގުޅުން ބޭއްވުމަށް ފަހު، މެދުއިރުމައްޗަށް ދިވެހީންގެ ނަގިލި ލުމެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ސިޔާސީ އަދި އިގްތިސޯދީ ނަގިލި ގެންގޮސް މެދުއިރުމައްޗަށް، ވަކިން ހާއްސަކޮށް އެ ނަގިލި ގެންގޮސް ސައުދީ އަރަބިއާ އަށް ވައްޓާލުމުގައި ޑރ. ވަހީދަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވޭނެއެވެ. މި ދެންނެވި ސަބަބުތަކަށް ބަލާއިރު ޑރ. މުއިއްޒުގެ ރިއާސީ ދައުރުގެ ހާރިޖީ ވަޒީރަކަށް އައްޔަންކުރަން އެންމެ އައުލާކަން ބޮޑު ބޭފުޅެއް ކަމަށް އަޅުގަނޑަށް ފެންނަނީ ޑރ. ވަހީދެވެ.

ޑރ. ވަހީދާއި ޕީ.ޕީ.އެމާ ދެމެދު ހިޔާލް ތަފާތުވެގެން އެ ޕާޓީން އިސްތިއުފާ ދެއްވައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތަސް، ޑރ. މުއިއްޒުގެ ވެރިކަން ވާންޖެހޭނީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށެވެ. އެގޮތުން ކުރިން ހިޔާލް ތަފާތުވި ބޭފުޅުންވެސް، އުސޫލްތައް ދިމާވާ ކަމުގައި ވާނަމަ، އަލުން އޮންބޯޑް ކުރެއްވުމަކީ ޤައުމަށާއި، ސަރުކާރަށް ވެސް އެންމެ ފައިދާ ހުރި ގޮތްކަމުގައި ވާނެކަން ޔަގީނެވެ.

އަޑުއިވޭ ގޮތުގައި ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބޭނުންފުޅު ވަނީ ޚާރިޖީ ވަޒީރު ކަމެވެ. ނަމަވެސް މަތީގައިވާ ސަބަބުތަކަށް ބަލާއިރު، ވަކިން ޚާއްސަކޮށް "އިންޑިއާ އައުޓް" ކުރުމުގައި ޑރ. ވަހީދު ފަދަ ތަޖުރިބާކާރު ސްޓޭޓްސްމަނެއްގެ ދައުރު ވަރަށް ބޮޑުވާނެއެވެ. ޑރ. ޝަހީމަކީ ކެބިނެޓުގެ އެހެން ވުޒާރާއެއްގައި ހުންނެވިއަސް އަރަބި ދުނިޔެ އާއި ރާއްޖެއާ ގުޅުން ބަދަހިކުރުމުގައި ޑރ.ވަހީދާ އެކު ކެބިނެޓުގައި މުހިއްމު މަސައްކަތެއް ކުރެއްވޭނެ ބޭފުޅެއްކަން ކަށަވަރެވެ.

އިންޑިއާގެ ނުފޫޒުން ދިވެހި ރާއްޖެ ސަލާމަތްކުރުމުގައި ޚާރިޖީ ވަޒީރާ އެކު ކެބިނެޓުގައި އެންމެ މުހިއްމު ދައުރެއް ދެން އަދާކުރައްވާނެ ދެ ބޭފުޅުންނަކީ ދިފާއީ ވަޒީރު ނުވަތަ ޑިފެންސް މިނިސްޓަރާއި، ބަންޑާރަ ނައިބު ނުވަތަ އެޓާނީ ޖެނެރަލެވެ. ކުރިން ވެސް ޑިފެންސް މިނިސްޓަރުކަން ކުރައްވައި، ސިފައިންގެ މަތީ މަޤާމްތަކެއް އަދާ ކުރައްވާފައިވާ، ކާނަލް މުހައްމަދު ނާޒިމަކީ ޑރ. މުއިއްޒުގެ ކޯލީޝަން ތެރެއިން ޑިފެންސް މިނިސްޓަރަކަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް އަޅުގަނޑަށް ޤަބޫލް ކުރެވެއެވެ.

ހަމަ އެފަދައިން، އިންޑިއާގެ ނުފޫޒުން ދިވެހި ޤައުމު ސަލާމަތް ކުރުމާއި، ޗާގޯސްގެ މައްސަލަ ހައްލުކުރުމާއި، އަދި ދިވެހި ކަނޑުން އިބޫ ސޯލިހު ދޫކޮށްލި ބައި ހޯދުމުގައި އެޓާނީ ޖެނެރަލެއްގެ ދައުރު ވަރަށް ބޮޑުވާނެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް އަދި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުގެ މައިދާނުގައި ވެސް އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ ޑރ. މުއިއްޒު އެންޑޯޒް ކުރައްވައިގެން ހުންނެވި، ކުރީގެ ބަޑާރަނައިބު، ޑރ. މުހައްމަދު މުނައްވަރެވެ. އެހެންވެ ޑރ. މުއިއްޒުގެ ސަރުކާރެއްގައި، މި ދެންނެވި މަސައްކަތްތައް ކުރެއްވުމަށް، އެޓާނީ ޖެނެރަލަކަށް، އެންމެ އެކަށޭނަ ބޭފުޅެއް ކަމަށް އަޅުގަނޑަށް ފެންނަނީ ޑރ. މުނައްވަރެވެ.

ރައީސް ޑރ. މުއިއްޒާ އެކު، ޚާރިޖީ ވަޒީރު ޑރ. ވަހީދާއި، ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް، އަދި ބަންޑާރަ ނައިބު ޑރ. މުނައްވަރު، މި ހަތަރު ބޭފުޅުން އެކުގައި ސިޓް ކުރެއްވީމައި، އިންޓަނޭޝަނަލް ޑިޕްލޮމެސީގައި އިންޑިއާ އަށް ޖެހޭނީ ގޮތްދޫކޮށް ރާއްޖޭން ފައިބާށެވެ. އެހެންކަމުން ޚާރިޖީ ވަޒީރުކަމަށާއި، ޑިފެންސް މިނިސްޓަރު ކަމަށާއި، ބަންޑާރަ ނައިބު ކަމަށް މި ދެންނެވި ފަދަ ސީނިއަރ ތިން ބޭފުޅުން އައްޔަން ކުރެއްވުމަކީ ޑރ. މުއިއްޒުގެ މަސައްކަތް އަވަސްވެފައި ކާމިޔާބު ހޯއްދެވުމަށް ލިބިގެންދާނެ ވަަރަށް ބޮޑު ފަސޭހައަކަށް ވާނެކަން ކަށަވަރެވެ.

ރައީސުލްޖުމްހޫރިޔާގެ ފަހަތުން، ޚާރިޖީ ވަޒީރާއި، ޑިފެންސް މިނިސްޓަރާއި، ބަންޑާރަ ނައިބަށް ފަހު ކެބިނެޓުގެ ނުވަތަ ސަރުކާރުގެ އެންމެ ޒިއްމާ ބޮޑު، މުހިއްމު ވަޒީރަކީ ދާޚިލީ ވަޒީރު ނުވަތަ ހޯމް މިނިސްޓަރެވެ. ހޯމް މިނިސްޓްރީގެ ދާއިރާއަށް ބަލާއިރު ރާއްޖޭގައި މިވަގުތު ހައްލުކުރަން އޮތް އެންމެ ބޮޑު ދެ ކަމަކީ މަސްތުވާ ޑްރަގްގެ ވިޔަފާރި އާއި އޭގެ ބޭނުންކުރުން ދިވެހި ރާއްޖޭގައި މުޅިން ހުއްޓުވުމާއި، ގޭންގްތައް ކޮންޓްރޯލްކޮށް ގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ވެސް، ޑްރަގް ބޭނުންކުރާ މީހުން ފަދައިން، ރީހެބިލިޓޭޓް ކުރުމެވެ. އަދި ކުށް މަދުކުރުމާއި، މީހުން މެރުން ހުއްޓުވުމާއި، ފަސާދަ ނައްތާލުމެވެ. މި ދެންނެވި ކަންކަން ތަންފީޒު ކުރުމަށް ބޭނުންވަނީ ވަރަށް ސްޓްރޯންގު، ވަރުގަދަ ޝަހުސިއްޔަތެކެވެ. ގަޓް ހުރި ހޯމް މިނިސްޓަރެކެވެ. އެގޮތުން ފުރިހަމަ އޮތޯރިޓީ އާއި އިހްތިޔާރާ އެކު އައު ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު އަލުން އައްޔަން ކުރެއްވުމަކީ ޑރ. މުއިއްޒުގެ ސަރުކާރެއްގައި އެޅުއްވޭނެ އެންމެ ވަރުގަދަ އެއް ބިންގައު ކަމުގައި ވެގެން ދާނެއެވެ.

ކޮންމެ ސަރުކާރަކީ ކޯލީޝަންގެ މެމްބަރުން ރުއްސާށާއި، އަމިއްލަ ޕާޓީގެ އިސް މީހުން ރުއްސަން މަޤާމްތައް ބަހާ ސަރުކާރަކަށް ވެގެން ޤައުމެއް ނުހިންގޭނެއެވެ. އުނދަގޫ ޑިސިޝަންތައް ނަގަން ޖެހެއެވެ. އިސްކުރަން ޖެހެނީ ރައްޔިތުންނާއި ޤައުމާއި، ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމެވެ. އެގޮތުން ހުރިހާ ބޭފުޅުންނަށް ވެސް ސަބަބުތައް ވިސްނައިދެއްވައިގެން، ކަމަށް އެންމެ އެކަށޭނަ ބޭފުޅުން ކެބިނެޓަށާއި ކުންފުނި ތަކަށާއި އޮފީސްތަކަށް ލެއްވުން ވަރަށް މުހިއްމެވެ. އެންމެ ފުރަތަމަ ޤައުމެވެ. އިންޑިއާ ފަސްޓެއް ނޫނެވެ. އެންމެ ފުރަތަމަ ދިވެހީންގެ ދީނެވެ. ދިވެހީންގެ ޤައުމެވެ. ދިވެހި ރައްޔިތުންނެވެ. ދިވެހީންގެ ރާއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. އޮބިލިޔުއްވުމެއް. މީ ހަމަ ރަނގަޅު ޗޮއިސްތަކެއް. އެކަމަކު މުޢިއްޒު ނަންގަވާނީ ހަމަ ރަނގަޅު ބޭފުޅުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *