Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: "ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން!"

ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ނޫން ކަމަށް އެއްބަސްވެ، އެތަނުގެ މިލްކުވެރިކަން މޮރިޝަސްއަށް ދޫކޮށްލުމަށް ބާރު ލިބޭގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި "ސިއްރު" ސިޓީ ކުއްލިއަކަށް "ލީކު"ވެއްޖެއެވެ. ދިވެހި ރާއްޖޭގައި "އަސްކަރީ ބޭނުމަށް" އިންޑިއާ ސިފައިން ނެތް ކަމަށް ދިވެހި ސިފައިންގެ ޖެނެރަލުން ލައްވާ މިރޭ ބުނުވައިފިއެވެ. އޭގެ މާނައަކީ އިންޑިއާ ސިފައިން ރާއްޖޭގައި ނެތެކޭ ނޫނެވެ. ތިބި ބަޔަކު މިވަގުތު އަސްކަރީ ކަމެއް އަދި ނުކުރަނީތާއެވެ! ރައްޔިތުންނަށް އެވަރުވެސް ނޭނގޭނެ ކަމަށްތޯއެވެ؟ ލީކުވީ އަސްލު ސިޓީ ނަމަ ދެން ރަސްމީކޮށް އެ ސިޓީ ރައްޔިތުންނާ ހިއްސާ ކުރަންވީ ނޫންތޯއެވެ؟ މިއީ ހަމަ ފޭކް ސިޓީއެއް ކަމަށް ޝައްކު ކުރުމުގެ ޖާގަ ވަރަށް ބޮޑެވެ. އިންތިހާބުން ބަލިވާތީ ތެޅިފޮޅެނީ އެވެ.

ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރު ކާމިޔާބުވުމުގެ ކުޑަ ނަމަވެސް ފުރުސަތެއް ރައީސް ސޯލިހަށް އޮތީ ކުރިން ސިއްރު ކޮށްގެން އުޅުނު ސިޓީ ތަކާއި އެގްރީމެންޓުތައް "ލީކު" ކޮށްގެންނެވެ. ލީކުވަނީ އަސްލު ލިއުންތޯ ނުވަތަ ނޫންތޯ ބަލާކަށް ރައްޔިތުން މިހާރު ބޭނުންވާނެ ކަމަކަށް ނުބެލެވެއެވެ. ސިޓީ ތަކާއި އެގްރީމެންޓުތައް ރައްޔިތުންނާ ހިއްސާ ކުރަންވީ ވަގުތު ފާއިތުވެއްޖެއެވެ. ފިރުއައުނުވެސް ކަނޑަށް ޣަރަގުވާކަން ޔަޤީންވުމުން ޝަހާދަތް ކިޔޭތޯ އުޅުނެވެ. މި ސަރުކާރުން ވެސް މިއުޅެނީ އެކަހަލަ ގޮތަކަށް ފަހު ވަގުތު މަކަރު ހެދޭތޯ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނީ މި ސަރުކާރުން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ. މަޖުލިސް ރައީސްކަމުން ނަޝީދު ވަކި ކުރެވޭތޯ މި ސަރުކާރުން ލައްކަ މަސަައްކަތް ކުރިއެވެ. އެންމެ ފަހުން ޕާޓީން ވެސް ނަޝީދު ބޭރުކޮށްލީ އެވެ. ނަމަވެސް މިއަދު އިބޫ ސޯލިހަށް މިޖެހުނީ ނަޝީދު ފައިބުޑަށް އާދޭސްކުރަން ދާށެވެ. "ނެއްލައިދޫ" އޭ ކިޔަން ޤާސިމަށް ނޭގުނު ކަމަށް ބުނެ އިބޫ ސޯލިހު ޤާސިމަށް މަލާމާތް ކުރެއްވުމަށް ފަހު މިއަދު މިޖެހުނީ ޤާސިމަށް ސަލާން ޖަހާށެވެ. ސަރުކާރު އަޑީގައި އޮވެގެން ރައީސް މައުމޫނުގެ ޕާޓީ (އެމް.އާރް.އެމް) އުވާލާފައި ފާރިސް މައުމޫން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވަން މަޖުބޫރު ކުރުވާފައި މިއަދު ފާރިސް އަށް ކޯލިޝަނެއްގެ ދައުވަތު ދިނުމަކީ މިސަރުކާރުގެ ލަދު ކުޑަކަމުގެ އެތަކެއް ހެކިތަކުގެ ތެރެއިން ކުޑަ ހެއްކެކެވެ.

އެމް.ޑީ.ޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ނުލާ ތިބި ފަސްދޮޅަސް ހާހެއްހާ މީހުންނަކީ ރައީސް ސޯލިހުގެ ސަޕޯޓަރުން ކަމަށެވެ. ރައީސް ސޯލިހަށް ތާއީދު ކުރާ މީހަކު ހިނި ހޮރެއްގައި އޮތަސް ދަމާ ގެންގޮސް އެމީހަކު ލައްވާ ވޯޓު ލެއްވިއެވެ. އޮސްޓްރޭލިއާ ފަދަ ރާއްޖެއާ ދުރު ޤައުމުތަކުގައި ތިބި ސަޕޯޓަރުން ވެސް އެތައް ހާސް ޑޮލަރެއްގެ ޓިކެޓު ދީގެން ރާއްޖެ ގެނެސް އެމީހުން ލައްވާ ވޯޓު ލެއްވިއެވެ. ވީއިރު ރައީސް ސޯލިހަށް ވޯޓު ނުލާ، ރައީސްގެ ސަޕޯޓަރުންގެ އަދަދު 60،000 އަށް އަރާނެ ގޮތަކީ ނެތް ގޮތެކެވެ. ހަޤީގަތަކީ، ވޯޓު ނުލާ 60،000 މީހުންނަކީ އަންޑިސައިޑެޑް ނުވަތަ ވަކި ކޮޅަކަށް ވޯޓުލާން ބޭނުންނުވެފައި ތިބި މީހުންނެވެ. އެ 60،000 އަންޑިސައިޑެޑް ވޯޓު ލިބުމުގެ ފުރުސަތު ރައީސް ސޯލިހަށް ވުރެ ބޮޑީ ޑރ. މުއިއްޒަށެވެ. ސަބަބަކީ ވެރިކަމުގައި އޮތް ޕާޓީ އަށް ކިރިޔާވެސް ތާއީދެއް އެމީހުންގެ ހިތްތަކުގައި އޮތް ނަމަ އެމީހުން ވޯޓު ލީސްކަމެވެ.

މުޅި ޤައުމު އެލާޓަށް ގެނެސް، ސިޓީތައް "ލީކް"ކޮށް، ސިފައިން ލައްވާ ޕްރޮޕެގެންޑާ އިންޓަވިއުތައް ދީ، ރަތް ފޮތިގަނޑެއް ފެނިގެން ދުވާ ގިތެލެއްހެން މާރިޔާ އާއި އިބޫ ސޯލިހާއި ޝަމާލްމެން ދުވިއަކަސް ދިވެހި ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެއެވެ. މިއީކީ ޑރ. މުއިއްޒަކަށް ނުވަތަ ވަކި ޕާޓީ އަކަށް ބުނާ ހުޝާމަދުގެ ބަހެއް ނޫނެވެ. މިއީ ދިވެހީންގެ ދީނާއި، ދިވެހިންގެ ޤައުމާއި، ދިވެހި ރައްޔިތުންގެ ހައްޤުގައި ބުނާ އިހްލާސްތެރި ބަހެކެވެ.

ތިރީސް ސެޕްޓެމްބަރުގައި ދިވެހި ރައްޔިތުން ނިކުމެ އިބޫ ސޯލިހާއި އިންޑިއާ ލަދުގަންނަވަރުގެ ބައްޔަކުން ބަލިކުރަން ޖެހެއެވެ. މި ސަރުކާރަކީ ދިވެހި ޤައުމަކަށް، ދިވެހި ރައްޔިތުންނަކަށް، އަދި ދިވެހީންގެ ދީނަކަށް ވެސް ހުރުމަތެއް ހުރި ބައެއް ނޫނެވެ. ދިވެހީންގެ ކުރިމަގު އުޖާލާވުމާއި ބަނަވުން އޮތީ 30 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށެވެ. އެ ނިންމުމަށް އަސަރު ފޯރުވަން މި ސަރުކާރުން، އިންޑިއާއާ ގުޅިގެން ހޭނާރާ ޖަހަމުން މިދާ މަރުފަލީގެ މަޅީގައި އެއްވެސް ރައްޔިތަކު ނުޖެހުމަށް އިލްތިމާސް ކުރަމެވެ.