Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފެން ބޮވޭ މިންވަރު އިތުރުވެއްޖެ ނަމަ ގުރުދާ އަށް ނުރައްކާ ވެދާނެތަ؟

ދާދި ފަހުން އަނެއްކާވެސް "ޔޫރިން އިންފެކްޝަނަ"ކަށް ރައްޓެއްސަކު ފަރުވާ ކުރަން ޖެހުނެވެ. މި ކަމުން އަނެއްކާ ވެސް އުފެދުނީ އެތައް ސުވާލު ތަކެކެވެ. ލިބުނީ އެތައް ފިލާވަޅުތަކެކެވެ؛ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރުންނާއި ބިދޭސީ ޑޮކްޓަރުން ދައްކާ ވާހަކަ ދިމާނުވުމުގެ މައްސަލައެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މި ކަމުގައި ޑޮކްޓަރުންގެ މައްސަލައެއް ނެތެވެ. ސަބަބަކީ ސައިންސްގެ އަލީގައި ހޯދާ ސިއްހީ މައުލޫމާތަށް ކުރަން ޖެހޭ ދިރާސާތައް ގިނަކަމުން، އެއްވެސް ދިރާސާ އަކީ ފުރިހަމަ ދިރާސާ އަކަށް ނުވުމެވެ. އަދިވެސް އިތުރަށް ހޯދަންޖެހޭ މައުލޫމާތު ގިނަވުމެވެ. އަދި މި ކަމުގެ ސަބަބުން ބޭސްތަކަށް ބަދަލު ގެންނަން ޖެހުމެވެ. މީގެ އިތުރުން ކޮންމެ ބޭހަކީ ވެސް ކޮންމެވެސް ނުރައްކާތެރި "ސައިޑް އެފެކްޓް"ތަކެއް ހުންނަ އެއްޗަކަށް ވާތީއެވެ.

މިހެންވެ، ޔޫރިން އިންފެކްޝަން އަށް ދޭތެރެދޭރެއިން ފަރުވާ ހޯދަންޖެހޭ މި ރަހްމަތްތެރިޔާގެ ސިއްހީ މި ދަތުރު ވަރަށް ނާޒުކެވެ. އަބަދުވެސް ފިކުރު ކުރަން ޖެހިފައި އޮންނަނީ ދެން ހަދާނެ ގޮތަކާއި އެއީ އަނެއްކާ ރަނގަޅު ގޮތްތޯ ބަލަން ޖެހުމެވެ.

ކުޑަކަމުދާ ތަކެތީގެ ފަރުވާ އަށް ސަމާލުކަން ދޭން ޖެހެނީ އެ ކަމުން ގުރުދާ ނުވަތަ ކިޑްނީ އަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށެވެ. ކިޑްނީ ބަލިތަކަށް ރަނގަޅު ފަރުވާއެއް ނުދެވިއްޖެ ނަމަ، އެއީ ބަލިމީހާގެ ފުރާނަ އަށް ވެސް ނުރައްކާ ހުރި މައްސަލަ އަކަށް ވާތީއެވެ.

އެކި ޑޮކްޓަރުންގެ ވާހަކަތައް ތަފާތުކޮށް ހުންނައިރު، ރަހްމަތްތެރިޔާ އެންމެ ފަހުން ދެއްކި ޑޮކްޓަރު ދިން އިރުޝާދަކީ ދުވާލަކު ތިން ލީޓަރުގެ ފެން ބޯންޖެހޭނެ ކަމަށެވެ. އެއީ އާއްމު ގޮތެއްގައި ބާޒާރުގައި ވިއްކަން ހުންނަ 1.5 ލީޓަރުގެ ދެ ފެން ފުޅިއެވެ.

ނަމަވެސް ސުވާލު އުފެދުނީ މި މިންވަރަށް ފެން ބޮއެގެން، ބަނޑުގައި ކާއެއްޗެއްސަށް ދޭންޖެހޭ ޖާގަ އަށް ވާނީ ކިހިނެތް ހެއްޔެވެ؟ އަދި ބަނޑުފުރާ އަބަދު ފެން ބޮއެގެން ހުރުމުން އެ އަންނަ ލޮޑުކަމާއެކު މީހާގެ ހަރަކާތްތެރިކަން ކުޑަވެދާނެ ނޫން ހެއްޔެވެ؟

މިއާ ގުޅޭ ކަހަލަ އަނެއް ނަސޭހަތަކީ ދުވާލަކު އަށް ތަށި ފެން ބުއިމެވެ. ނަމަވެސް އެއީ ކިހާ މިނެއްގެ ފެނެއް ކަމެއް ބައެއް ޑޮކްޓަރުން ނުބުނެދެއެވެ. އެކި ތަށީގެ ސައިޒު ތަފާތުވުމުން، ބަލިމީހާ އަށް ކުރިމަތިވާނީ މި އިރުޝާދާ އެއްގޮތަށް އަމަލު ކުރާނީ ކިހިނަކުން ކަމުގެ ސުވާލެވެ.

ޑޮކްޓަރުންގެ ފަރާތުން މި ކަމާމެދު މާބޮޑު މައުލޫމާތެއް ނުލިބުނަސް، ބައެއް ސިއްހީ މަޖައްލާތަކުގައި ބުނާ ވާހަކައެއް ފާހަގަކޮށްލުން ބުއްދިވެރިއެވެ. ސަބަބަކީ މި އަށް ތަށީގެ ވާހަކަ ބުންޏަސް ބަލިމީހާގެ ހަރަކާތްތެރިކަން ހުންނަ މިންވަރާއި އޭނާ ދިރިއުޅޭ މާހައުލުގެ މޫސުމާއި ފިނިހޫނުމިނަށް ބަލަން ޖެހޭތީއެވެ. އަދި މި ގޮތުގެ މަތިން މި އަށް ތަށްޓަށް އެހެން ބަދަލު ތަކެއް ގެންނަން ޖެހިދާނެތީއެވެ.

ބައެއް ސިއްހީ މާހިރުން ބުނަނީ އަށް ތަށީގެ ވާހަކަ ދައްކާއިރު، ތައްޓެއްގައި ހުންނަން ޖެހޭނީ، ފިރިހެނަކަށް ނަމަ، 124 އައުންސް ކަމަށެވެ. އަދި އަންހެނަކަށް ނަމަ، 92 އައުންސް ކަމަށެވެ.

ބަލިމީހާ އުޅޭ މޫސުމީ މާހައުލާއި އޭނާގެ ހަރަކާތްތެރިކަމަށް ބަލައިގެން ނަސޭހަތްތެރިވާ ޑޮކްޓަރުން ބުރަވާ އެއްގޮތް ކަމަކީ، ފެން ނުވަތަ ދިޔާ އެއްޗެހި ބޯންޖެހޭނީ އޭނާގެ ކިޑްނީ އަށް ބުރަ ކަމަކަށް ނުވާ މިންވަރަކަށެވެ. ސަބަބަކީ ކިޑްނީ އަށް ނުކަތާ ވަރަށް ފެނާއި ދިޔާ އެއްޗެހި ފިލްޓަރު ކުރަން ޖެހިއްޖެ ނަމަ، އެ މުހިންމު ގުނަވަނަށް ގެއްލުން ވެދާނެތީއެވެ.

މިހެން ނަސޭހަތް ދޭ ޑޮކްޓަރުންގެ ހިޔާލުގައި ކުޑަކަމުދާ ތަކެތި ހުންނަ ކުލަ އަކީ "ލައިޓް ޔެލޯ" ނުވަތަ މަޑު ރީނދޫ ކުލައިގައި ނަމަ، ބަލިމީހާ އަށް އެ ބޮވެނީ އެކަށީގެންވާ މިންވަރަކަށް ފެނާއި ދިޔާ އެއްޗެއްސެވެ. ގަދަ އޮރެންޖް ކުލައިގައި ހުންނަ ނަމަ އޭގެން ދައްކައިދެނީ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ދިޔާ ތަކެތި ނުލިބޭ ކަމެވެ.

އަދި އަނެއްކޮޅުން ކުޑަކަމުދާ ތަކެތި "ޓްރާންސްޕޭރެންޓް" ނުވަތަ އެއްވެސް ކުލައެއް ނެތި ސާފު ފެން ހުންނަ ކުލައިގައި ހުންނަ ނަމަ އޭގެ މާނަ އަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފެނާއި ދިޔާ ތަކެތި ބޮވެނީއެވެ. އަދި މި ހިސާބުން ދިޔާ ތަކެތި ބޯ މިންވަރު މަދުކޮށްލަން ޖެހެއެވެ. ނޫން ނަމަ ކިޑްނީގެ މަސައްކަތް ބޮޑު ތަނުން އިތުރުވެ، ކިޑްނީ އަށް ގެއްލުން ލިބޭނެ އެވެ.

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބަލިމީހާގެ އާއްމު ސިއްހަތު ހުރި ހާލަތާއި، ކިޑްނީ މަސައްކަތް ކުރާ ގޮތާއި، އަދި ހަށިގަނޑުން ފެން މަދުނުވާނެ މިންވަރަކަށް ފެނާއި ދިޔާ ތަކެތި ބުއިމެވެ.

ކިޑްނީ އަށް ބުރަވާ ގޮތަށް މާ ގިނައިން ފެން ބޮވޭ ނަމަ، "ވޯޓާ އިންޓޮކްސިކޭޝަން" އާއި "ހައިޕޮނަޓްރެމިއާ" ދިމާ ވެދާނެއެވެ. މީގެ މާނައަކީ ލޭގައި ހުންނަން ޖެހޭ ލޮނުގެ މިންވަރު މަދުވެގެން ދިއުމެވެ. ލޮނަކީ މި ކައުނުގައި ހަ ވަނަ އަށް އެންމެ ގިނަ މާއްދާއެވެ.

މިހެންވެ ބަލިމީހާގެ އުމުރާއި ޖިންސާއި ހަރަކާތްތެރިކަމާއި، އުޅޭ މޫސުމާއި އަދި އާއްމު ސިއްހަތަށް ބަލައިގެން ލޮނުގެ މިންވަރު އެކަށީގެންވާ ގޮތަށް ހަށިގަނޑުގައި އަށަގަންނުވަން ޖެހެއެވެ.

އެހެންކަމުން، ސައިންސްގެ އަލީގައި މިހާރު ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް "ޕާސަނަލައިޒްޑް އެޑްވައިސް" ދިނުމަކީ ޑޮކްޓަރުންގެ މުހިންމު މަސްއޫލިއްޔަތެކެވެ. މީގެ މާނަ އަކީ ބަލިމީހާގެ ސިއްހީ ހާލަތަށް ބަލާފައި ނޫނީ ފެނާއި ދިޔާ ތަކެތި ބޯންޖެހޭ މިންވަރު ކަނޑަނޭޅުން މުހިންމު ކަމެވެ. ޔޫރިން އިންފެކްޝަނާއި ކިޑްނީގެ ބަލިތަކުން ރައްކާތެރިވެވެން އޮތީ މި މޭރުމުން އަމަލު ކޮށްގެންނެވެ.