Support Us

ދަނގެތީގެ ފެނުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އދ. ދަނގެތީގެ ފެނުގެ ވިއުގަ ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯ އިން މިއަދު ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި ދަނގެތީ ކައުންސިލްގެ ނައިބު ރައީސް އިމްރާން އަހުމަދެވެ.

މި ރަސްމިއްޔާތުގައި އިމްރާން ދެއްކެވި ވާހަކައިގައި، ދަނގެތީ ފެނުގެ ނިޒާމް 2018 ވަނަ އަހަރުގައި ގާއިމްކުރި ނަމަވެސް، މިއަދާ ހިސާބަށްވެސް އެ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިފައި ނުވާކަން ފާހަގަކުރެއްވިއެވެ. އަދި ދަނގެތީގައި 18 ގެސްޓް ހައުސްއާއެކު 280 ޓޫރިސްޓް އެނދު އޮޕަރޭޓް ކުރަމުންދާއިރު، ރަށުގެ ފެން ލޮނުވެފައިވާ މައްސަލައަކީ އަބަދުވެސް ފަތުރުވެރިންގެ ޝަކުވާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޝަރީފު ދެއްކެވި ވާހަކައިގައި، ސްޓެލްކޯއާ ހަވާލުވެވަޑައިގަތުމަށްފަހު އޭނާ ދަނގެއްޗަށް ކުރެއްވި ފުރަތަމަ ދަތުރުގައި ރަށުގެ ފެނުގެ ނިޒާމުގެ މައްސަލަ ކައުންސިލްގެ ފަރާތުން ހުށަހެޅި ކަމަށް ވިދާޅުވިއެވެ. އަދި އޭރު ދަނގެތީގެ ފެނުގެ ނިޒާމް ފުރިހަމަ ކުރެވިފައި އޮތް ނަމަވެސް ރައްޔިތުންނަށް އޭގެ ފޮނި މީރުކަން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން ހުށަހެޅި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަރީފު ވިދާޅުވީ، ދަނގެތީގެ ފެނުގެ ނިޒާމް ގާއިމް ކުރުމަށްޓަކައި 2014 ވަނަ އަހަރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން 2018 ވަނަ އަހަރު އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ހައުސިން މިނިސްޓްރީއާ ހަވާލުކުރި ކަމަށެވެ. އަދި ސަރުކާރުން ސްޓެލްކޯއާ އެ ނިޒާމް ހަވާލު ކުރުމަށް މަސައްކަތް ވެސް ކުރި ކަމަށެވެ.

"އެހެން ނަމަވެސް ސްޓެލްކޯއިން އެކަހަލަ އެއްވެސް ހިދުމަތަކާ ހަވާލުވުމުގެ ކުރިން ބަލާ މިންގަނޑުތަކެއް ހުރޭ. އެ މިންގަނޑުތަކަކީ ހިދުމަތްދޭން ފަށާއިރުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ފުރިހަމަ ނިޒާމް ގާއިމް ކުރެވިފައި އޮތްތޯ ބެލުން،" ޝަރީފު ވިދާޅުވިއެވެ. "އަޅުގަނޑު ސްޓެލްކޯއާ ހަވާލުވި އިރުވެސް، މި ނިޒާމާ ހަވާލުވުމާ ގުޅޭ ހިޔާލުތަފާތުވުމެއްގައި އޮތީ. އަޅުގަނޑު އައިސް އެ ވާހަކަ ދެއްކީމާ، ތިބޭފުޅުންނަށް ހަމަ ތެދު ތެދަށް މިދަންނަވަނީ އަޅުގަނޑުގެ ފުރިހަމަ ބޭނުމަކަށްވީ، ހިޔާލުތަފާތުވުންތައް ދޫކޮށްލާފައި ރައްޔިތުންނަށް ފެނުގެ ލުއިފަސޭހަކަން ސަރުކާރުން ދޭން ބޭނުންވާ އެ ހިދުމަތް ލިބިދެވޭނީ ކިހިނެތްތޯ ބެލުން،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އަދި ވިދާޅުވިއެވެ. "އަޅުގަނޑަށް ލިބުނު މައުލޫމާތުގެ އަލީގައި ދަންނަވާ ކަމަށް ވާނަމަ، ބޭރުގެ އެ ކުންފުނިން، މިތަނަށް އަޅާފައި އޮތް ފެނުގެ ނިޒާމަކީ އެއްގޮތަކަށްވެސް މިވަރުގެ ރަށެއްގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ދިނުމަށް އެކަށީގެންވާ ފެނުގެ ނިޒާމެއް ނޫން. އޭގެ ދެ ސަބަބެއް ދަންނަވާލާނަން. އެއް ސަބަބަކީ ސްޓޯރޭޖް ޓޭންކުގެ ގޮތުގައި ކަނޑައަޅާފައިވާ ޓޭންކުގައި ދަބަރު ޖެހުމާއެކު ލޯވަޅު އެޅި، ފެން ނުހިފަހައްޓުން. އަދި އާރުއޯ ޕްލާންޓުވެސް އެކަށީގެންނުވާ ޕްލާންޓެއް ހުރީ. އެއަށް ބޭނުންވާ ވަރަށް (ފެން) ނޫފެއްދޭ ވަރުގެ ޕްލާންޓެއް ހުރީ. އެއަށްވުރެ މުހިއްމު އަދި މި ހިދުމަތް އެއްގޮތަކަށްވެސް ނުދެވޭނެ ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މިތަނުގައި އަޅާފައިވާ ހޮޅިތައް ނުވަތަ ނެޓްވޯކް. އެ ހޮޅިތަކަކީ އެއްގޮތަކަށްވެސް ފެނުގެ ނިޒާމްގައި ބޭނުން ކުރުމަށް ފެން ޕްރެޝަރުގައި ދޫކޮށްލުމަށް އެކަށީގެންވާ ހޮޅިއެއް ނޫން."

ޝަރީފު އިތުރަށް ވިދާޅުވީ، ދަނގެތީގައި މިވަގުތު އަޅާފައި އޮތް ފެނުގެ ވިއުގައިގައި ފެން ޕްރެޝަރުގައި ދޫކުރުމާ އެކު ލީކުވާން ފަށާ ކަމަށާއި، ހޮޅި އެކި ދިމަދިމާލުން ފަޅައިގެންދާ ކަމަށެވެ. އެހެންކަމުން މިނިސްޓްރީގައި ދަންނަވައިގެން ސްޓެލްކޯއިން ދަނގެތީގެ ފެނުގެ ނެޓްވޯކް އަލުން އެޅުމަށް ނިންމީ ކަމަށާއި އެގޮތުން މިނެޓްވޯކް ގާއިމް ކުރާއިރު، 365 ޓަނުގެ ދެ ޓޭންކާއި 395 ކޮންޒިއުމަރުންނަށް ހިދުމަތް ދިނުމަށްޓަކައި މީޓަރުތައް ބަދަލު ކުރުމާއި 7،000 މީޓަރުގެ ނެޓްވޯކް ލައިނެއް އަޅާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"ދަނގެތީގެ ފެނުގެ ވިއުގަ ބަދަލު ކުރުމަށް ދީފައި އޮތީ ހަ މަސް ދުވަހުގެ މުއްދަތެއް. އެހެން ނަމަވެސް މާތްﷲގެ އިރާދަފުޅާއެކު، ތިން މަސް ދުވަހުގެތެރޭ އެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފަށާނަން،" ޝަރީފު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *