Support Us

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި

ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު އިފްތިތާހުކޮށްފިއެވެ.

އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމީޔާތެއްގައި މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބުދުﷲ ޒާހިރާއި މަންދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ހުސައިނެވެ.

ސްޓެލްކޯ އިން ބުނީ މިއީ މަންދޫގެ ކައުންސިލާއި އައިކެއަރ ޕްރައިވެޓް ލިމިޓެޑާ އެކު 17 އޮގަސްޓް 2016 ގައި ވެފައިވާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ނިޒާމެއް ކަމަށެވެ.

"މިއަދު ވަނީ މި ނިޒާމުގެ މަސައްކަތް އައިކެއަރ އިން ނިންމައި، މަންދޫ ކައުންސިލާ ހަވާލުކޮށްފައި. އަދި މަންދޫ ކައުންސިލުން ވަނީ މި ހިދުމަތް އެ ރަށުގައި ދިނުމަށްޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައި،" ސްޓެލްކޯ އިން ބުންޏެވެ.

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާއި ހަވާލުކުރި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. މަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ހުސައިނެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އިބްރާހިމް ހުސައިން ވިދާޅުވީ ސަރުކާރުން ކުޑަ ރަށެއް ބޮޑުރަށެއް ނުބަލައި، ފެނާއި ނަރުދަމާގެ ހިދުމަތް ހުރިހާ ރަށަކަށް ދިނުމަށް ނިންމައި އެ މަސައްކަތް ކުރަމުންދަނީ އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށްވެސް ބޮޑު އަސާސީ ހިދުމަތަކަށް ވާތީ ކަމަށެވެ. އަދި އެ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފެށީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ ވަރަށް އިހުލާސްތެރި މަސައްކަތްތަކަކާ އެކުގައިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ރަށަށް ސަރުކާރާއި، އެމްޑީ ޝަރީފް ގެންގުޅުއްވާ ގާތްކަމުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރުގައި ކަރަންޓާ ހަވާލުވެ، މި ރަށަށްވެސް މިއޮތީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައި. އެއް ކަމަކަށް މުޅި ރަށުގެ ކޭބަލް ނެޓްވޯކް މިވަނީ ބަދަލުކޮށްދެއްވާފައި. އެއާ އެއްކޮށް ޕެނަލްބޯޑު ބަދަލުކޮށްދެއްވައިފި. އަދި އެއަށްވުރެ މާ މުހިއްމު ކަމެއް. ވަރަށް ގިނަ ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވައިފި. މިއީ އަޅުގަނޑުމެންގެ މިކުޑަކުޑަ އާއިލާއަށް ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އެ ވަޒީފާ ތަކަކީވެސް" އިބްރާހިމް ހުސައިން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު މަންދޫގައި (132) ބިދޭސީންނާއެކު ދިރިއުޅެނީ ޖުމްލަ 418 މީހުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވަނީ ސަރުކާރާއި ސްޓެލްކޯގެ ނަމުގައި އައިކެއަރ ޕްރައިވެޓް ލިމިޓެޑަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި، ކުދި އާބާދީތަކަށް ތަރައްގީ ގެނެވޭނެ ނިޒާމަކީ ނުވަތަ ސިސްޓަމަކީ މިއީ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހަމަ އެކަނި ސަރުކާރާއި، ސަރުކާރާ ގުޅިފައިވާ ފަރާތްތަކަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކުރަންޖެހޭ ވަރަށް ނުކުރެވިދާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

އަދި ސްޓެލްކޯއާ ހަމަޔަށް މި ޕްރޮޖެކްޓް އައި އިރު ރިކުއަރމަންޓަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިވަގުތު ގާއިމްކޮށްފައިވާ ސިސްޓަމުގައި 10 ޓަނުގެ ދެ އާރޯ ޕްލާންޓާއި، 74 ޓަނުގެ ދެ ސްޓޯރޭޖް އެބަހުރި ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ހަވާލުވުމުގެ ކުރިން ކުރަންޖެހޭ ބައެއް ކަންކަން ހުރުމާ އެކު ހަވާލުވުން ލަސްވި ކަމަށާއި، އެހެން ނަމަވެސް، މިހާރު އެކަންކަން ހައްލުކޮށްފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިބޭފުޅުންނަށް މިދޭ ހިދުމަތް ހުއްޓުނަކަ ނުދޭނަން. ޔަގީން ކުރައްވާ މިއީ އަޅުގަނޑުމެން ސްޓެލްކޯގެ މުވައްޒަފުން މަންދޫގެ ރައްޔިތުންނަށް ވާ ވައުދެއް. އަދި ކޮންމެ ރަށެއްގައިވެސް މިފަދަ ހިދުމަތްތައް ފަށާއިރުގައި ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެން ހަދިޔާއެއްދެން. އެގޮތުން ކޮންމެ ކަނެކްޝަނަކަށް، ކޮންމެ ކޮންޒިއުމާއަކަށް، އަޅުގަނޑުމެން އެއް ޓަނުފެން ހިލޭ މިއަދުން ފެށިގެން ދޭނަން،" ޝަރީފް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *