Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޒަމްޒަމް ވަޅުން ފެން ހުސްނުވަނީ ކީއްވެ؟

އެންމެ ފަހުން އޮތް ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައި ރައްޓެހި އަންހެން ކުއްޖަކު އަހަރެންނަށް އެއް ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް ހަދިޔާ އަކަށް ގެނެސްދިނެވެ. އެ ކަމާ އަހަރެން ވަރަށް އުފާވެ، ޝުކުރުވެރިވީމެވެ. ސަބަބަކީ އުފުލަންޖެހޭ ބަރު ފޮށިތަކާއެކު ވެސް މި ފަދަ ތަން ހިފާ ބަރު އެއްޗެއް ސައުދީ އަރަބިއްޔާ އާ ހިސާބުން ދިވެހި ރާއްޖެ އަށް އޭނާ ގެނެސްދިނީތީވެ އެވެ. އަދި މުޅިން ހިލެއެވެ.

ރާއްޖޭގައި މިހާރު ޒަމްޒަމް ފެން އިމްޕޯޓްކޮށް ނުވަތަ އެތެރެކޮށްގެން އޭގެ ވިޔަފާރި ކުރާ ފަރާތްތައް ވެސް މަދެއް ނޫނެވެ. އެ ގޮތުން އަހަރެން ދިރިއުޅޭ ގެ ކައިރީގައި ވެސް މިފަދަ ފިހާރައެއް ހުރެއެވެ. އެ ތަނުން ފަސް ލީޓަރުގެ ފުޅިއެއް ވިއްކަނީ 450ރ. (29 އެމެރިކާ ޑޮލަރު) އަށެވެ. މި ފަދަ "ބަލްކް" މުދަލެއް ގެންނަން ކުރަންޖެހޭ "ލޮޖިސްޓިކް"ގެ ކަވިކަމުން މި އަގަކީ އެކަށީގެންވާ އަގެއް ކަމަށް އަހަރެންނަށް ފެނެ އެވެ.

މީގެ އިތުރުން ޒަމްޒަމް ފެނަށް އޮންނަ ޑިމާންޑް ކުޑަނުވާތީ އަބަދުމެ ސަޕްލައިކޮށް ވިއްކަން ބަހައްޓަން ޖެހެއެވެ. ސަބަބަކީ ޒަމްޒަމް ފެނަކީ ތަފާތު އެކި ބޮޑު އަދި ކުޑަ ބަލިތަކަށް ޝިފާއެއް ކަމަށް މާތް ދީނީ އިލްމްވެރިން ވެސް ބުނާތީއެވެ.

މައްކާގެ ހަރަމްފުޅު ތެރޭގައި، މާތްވެގެންވާ ކައުބަތުﷲ ގެފުޅާ 21 މީޓަރު ކައިރީގައި (ބިންގަރާހުގައި) ހުންނަ ޒަމްޒަމް ފެން ވަޅާ މެދު ކޮންމެވެސް ވަރަކަށް ސްކޫލުން މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެއީ ވަރަށް ކުޑަ މިންވަރަކަށެވެ. މިހެންވެ، ޒަމްޒަމް ވަޅުން ފެން ހުސްނުވާ ސަބަބު އޭރު އަހަރެންނަށް ރަނގަޅަށް ދޭހަވެފައެއް ނެތެވެ.

މިހެން ހުއްޓާ މި ފަހުން މި ޒަމްޒަމް ފެން ފުޅި ލިބުމުން، ސިކުނޑީގައި އެތައް އަހަރެއް ކުރިން ވެސް ކުރެވެމުން އައި ސުވާލުގެ ޖަވާބު ހޯދަން އަހަރެން އަނެއްކާ ވެސް ޝައުގުވެރިވިއެވެ. އަދި އެ "ބޮޑު ސިއްރު" ހޯދުމަށް މަސައްކަތް ކުރާ ހިތްވިއެވެ. އެހެންކަމުން އިންޓަނެޓު ވެބްސައިޓު ތަކާއި، ޗެޓްޖީޕީޓީ ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭ. އައި) ބޭނުން ކޮށްގެން މުޅި އިންޓަނެޓްގައި އަތްފުނާއަޅާލީމެވެ. ނަތީޖާ އަކީ މި ދިރާސާއިން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ މުސްލިމް އިލްމްވެރިން ވެސް މިހާތަނަށް ބުނަމުން އައި ވާހަކަތައް ސައްހަކަމުގައި ވުމެވެ.

ތާޒާ ފެނަކީ ހުރިހާ ދިރޭ ތަކެތި ދިރިހުރުމަށް އަސާސީ އެއްޗަކަށް ވާއިރު، މި ތާޒާ ފެން އަހަރެމެންނާ ހަމަ އަށް އަންނަނީ ވަރަށް އަޖައިބުވަނިވި ގުދުރަތީ މަރުހަލާތަކެއް ކަޑައްތު ކުރުމަށް ފަހުއެވެ. އެ ގޮތުން އިރުގެ ހޫނުން ކަނޑުގައިވާ ލޮނު ފިލްޓަރުކޮށް، ހަމައެކަނި ސާފު ފެން އާތްވަށް ވެގެން އުޑާ ހިސާބަށް އަރައެވެ. މީގެ އިތުރުން ބިންބިމުގައިވާ ކޯރުތަކާއި ލޭކްތައް ފަދަ ފެންގަނޑުގަނޑުން ވެސް ސާފު ފެން އާވި ސިފައިގައި އުޑަށް އަރައެވެ. އަދި އުޑުގައިވާ "ފިނި" ފަށަލަ އަށް ދެވުމާއެކު، ފެނުގެ އާވި އަލުން ދިޔާ ފެނަށް ބަދަލުވެއެވެ. އެ ގޮތުން، އަހަރެމެންނަށް އުޑުމަތިން ފެންނަ ވިލާތަކަކީ ދިޔާ ފެނަށް ބަދަލުވެފައިވާ ސާފު ތާޒާ ބޯފެނެވެ. ދެން ވަކި ވަރަކަށް، އެ ވިލާތަކުގެ ބަރުހެލިކަން އިތުރުވެ، އަމިއްލަ ޒާތުގައި ޖައްވުގައި ވިހުރެވޭ ވަރަށް ވުރެ ބަރުވުމުން، ވާރޭގެ ސިފައިގައި ބިމަށާއި ކަނޑުތަކަށް ފައިބައެވެ. ވާރޭވެހުމަކީ މި ނިޒާމެވެ.

ޒަމްޒަމް ވަޅުކޮޅު

މި ގޮތުން ބަލާއިރު، ޒަމްޒަމް ފެނުގެ މަސްދަރަކީ އަދިވެސް ބޮޑުވެގެންވާ ސިއްރެކެވެ. ގުދުރަތީ އަޖައިބެކެވެ. ސަބަބަކީ ވާރޭވެހޭ ހިސާބުތަކުގައި ތާޒާ ފެން ޖަމާވާ ސަރަހައްދު ނުވަތަ ޖޯގްރަފީގެ އިލްމުގައި އިނގިރޭސި ބަހުން ކިޔާ ގޮތުން ނަމަ "ކެޗްމަންޓް އޭރިއާ" ޒަމްޒަމް ވަޅަށް ފެން ފޯރުކޮށްދޭ މަސްދަރެއް ދުނިޔޭގެ އެއްވެސް ހިސާބަކުން އަދިވެސް ފެންނަން ނެތުމުންނެވެ. މެދުއިރުމަތީގެ ފަރުބަދަތަކުން ވެސް މި ފަދަ އަސަރެއް ފެންނާކަށް ނެތެވެ.

މިހެންވެ، ޒަމްޒަމް ފެނަކީ ބިންގަރާސް ކޯރަކުން ހަރަމްފުޅަށް ފޯރުކޮށްދޭ ފެނެއް ކަމުގެ ދަލީލެއް ވެސް، ބިމުގެ އިލްމް ދިރާސާކުރާ ޖިއޮލޮޖީ ސައިންސްވެރިންނަށް ވެސް ހޯދިފައެއް ނެތެވެ. ނަމަވެސް އިސްލާމީ ތާރީހުގެ މަސްދަރުތަކަށް ބަލައި، މުސްލިމް އިލްމްވެރިން ވިދާޅުވަނީ ޒަމްޒަމް ފެނަކީ ބިމުގެ އަޑީގެ ފެން "ވަޅަކުން" ދާއިމީ ގޮތެއްގައި ލިބޭ ފެނެއް ކަމަށެވެ.

މި ފަދަ ނިންމުމަކާ ހިސާބަށް އިސްލާމީ އިލްމްވެރިން އެއްބަސް ވަނީ ޒަމްޒަމް ފެނުގެ ދިގު ތާރީހަށް ވެސް ބަލައިފަ އެވެ. މިއީ ކީރިތި ރަސޫލާ ﷺ މި ދުނިޔެ އަށް ފާޅުވުމުގެ މާ ކުރިން ވެސް އަރަބިންނާ ރައްޓެހި ފެނެކެވެ. އެ ގޮތުން ތާރީހު ލިޔެވިފައި ނުވާ ހިސާބެއް ކަމަށްވާ ނަބިއްޔާ އިބްރާހީމް އަލައިހިއްސަލާމްގެ ހަޔާތްޕުޅާ ހިސާބަށް ޒަމްޒަމް ފެނުގެ ތާރީހު ދެމިގެންދެއެވެ.

ޒަމްޒަމް ވަޅުކޮޅުގެ އެތެރެ

އެ ގޮތުން އިސްލާމީ ތާރީހު ދައްކާ ގޮތުގައި ޒަމްޒަމް ފެންވަޅަކީ އިބްރާހީމް އަލައިހިއްސަލާމުގެ އަނބިކަނބަލުން ހާޖަރު އަދި ދަރިކަލުން އިސްމާއީލް މައްކާގެ ހަނަފަސް ސަހަރާގައި ހާލުގައި ޖެހި، ފެނަށް ދަތިވި ވަގުތު، މާތްﷲ (ސ.ވ.ތ.)ގެ އަމުރުފުޅަށް، ޖިބުރީލް އަލައިހިއްސަލާމް ފައިންޕުޅުން ޖެއްސެވުމުން، އެ ދެމައިން ތިއްބެވި ތަނުން ފާޅުކުރެއްވި ފެނެއް ކަމުގައި އިސްލާމީ ތާރީހުގައި ވެއެވެ.

މިހެންވެ، މިވީ ގުނާ އަދަދު ނުކުރެވޭ ތާރީހުގައި ކުރިން އެތައް ހާސް، އަދި މިހާރު އެތައް މިލިއަން މީހުން ބޭނުން ކުރަމުން އަންނަ ޒަމްޒަމް ފެނުގެ ވަޅު ހުސް ނުވުން މިއީ ބޮޑު ވެގެންވާ އަޖައިބެކެވެ.

މިހާރުގެ ތާރީހަށް ބަލާއިރު، ޒަމްޒަމް ފެން އެކްސްޕޯޓު ކުރުމުގެ ބޮޑު މަޝްރޫއެއް ސައުދީ ސަރުކާރުން ހިންގައެވެ. "ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް މަޝްރޫއު"ގެ ލޭބަލް ޖަހައިގެން ޒަމްޒަމް ފެން ގައުމުން ބޭރުކުރަމުން އާދެއެވެ. މާލެ އިން މުޅީން ވެސް ފެންނަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޒަމްޒަމް ފެނެވެ.

މި ކަމުގެ ސަބަބުން ޒަމްޒަމް ފެނުގެ ރަހައިގައި ތަފާތު ކަމެއް ހުންނަ ކަމަށް ބައެއް މީހުން ހިޔާލު ފާޅުކުރެއެވެ. ހައްޖަށާއި އުމްރާ އަށް ދިޔަ ދަންނަ ބައެއް ދިވެހިންނާ ސުވާލު ކޮށްލުމުން އެ މީހުންގެ މެދުގައި ހިޔާލު ތަފާތުވުމެއް އުޅެއެވެ. ބައެއް ދިވެހިން ބުނަނީ ހަރަމްފުޅު ތެރޭގައިވާ އިސްކުރުތަކުން ބޯން ބޭނުން ކުރާ ޒަމްޒަމްފެނާއި، ހަރަމްފުޅު ބޭރުން ލިބެން ހުންނަ ޒަމްޒަމް ފެނުގެ ރަހައިގައި ތަފާތުކަމެއް ވާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

އަދި ބައެއް މީހުން ބުނާ ގޮތުގައި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ސައޫދީ އަރަބިއްޔާ އިން ވިޔަފާރީގެ މުއާމަލާތްކުރާ ފެނުގެ ރަހައިގައި ވެސް ތަފާތެއް އުޅޭ ކަމަށެވެ. ކެމިސްޓްރީ އިލްމުން އެނގޭ ގޮތުގައި މިއީ ވުން އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ކާބޯތަކެތި ލާ ތަށިތައްޓާއި ކޮންޓޭނަރާއި އަދި ސަމްސާ ފަދަ ތަކެތި އުފައްދާފައިވާ މައުދަންތަކާ ކާބޯތަކެތި "ރިއެކްޓް" ނުވަތަ "މުއާމަލާތް" ކުރާތީއެވެ.

މިހެންވެ ޕްލާސްޓިކް ފުޅި އާއި ބިއްލޫރި ފުޅީގައި ބަންދުކުރާ ބައެއް ބުއިންތައް ކަމަށްވާ ކޮކާ ކޯލާ ފަދަ ކާބޯނޭޓަޑް ނުވަތަ ފީޒީ ސޮފްޓް ޑްރިންކް ތައްޔާރު ކުރާ ބުއިންތަކާ މެދު ތަފާތު ކުރުން ތަކެއް އެ އުފައްދާ ކުންފުނިތަކުން ގެންގުޅެ އެވެ. މިސާލަކަށް، ކޮކާ ކޯލާ އަށް ބަލައިފި ނަމަ، ބިއްލޫރި ފުޅީގައި ހުންނަ ކޮކާ ކޯލާގެ ރަހަ ތަފާތުވެފައި، ޕްލާސްޓިކް ފުޅީގައި ބަންދުކުރި ކޯކާ ކޯލާ އަށް ވުރެ މީރުކަން މިއީ ކޮކާ ކޯލާގެ ވެރި ފަރާތުން ސިއްރު ނުކުރާ ކަމެކެވެ.

ޒަމްޒަމް ފެނަށް ބަލާއިރު، މިވީ އަހަރުތަކުގެ ތެރޭގައި އަހަރެންނަށް ރަހަ އެނގިފައި ވަނީ ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައިވާ ޒަމްޒަމް ފެނެވެ. އޭގައި އަހަރެންނަށް ލާ ރަހައިގައި މަޑުމަޑު ފޮނި ކަމަކާއި މަޑުމަޑު ލޮނު ކަމެއް "މަސްހުނިވެގެން" އަންނަކަން އިހުސާސް ކުރެވެއެވެ. ނަމަވެސް މިއީ އަހަރެންނަށް އިހުސާސް ކުރެވޭ ރަހައެއް ކަމަށް ވުން އެކަށީގެންވެއެވެ. ސަބަބަކީ ރަހަލުމުގައި އެކި މީހުންގެ އިހުސާސްތައް ވެސް ތަފާތުވާ ކަމަށް ވާތީއެވެ.

އަހަރެންނަށް ޒަމްޒަމް ފެނުގައި މި ފަދަ "މަސްހުނި" ރަހައެއް ލުމުގެ ފަހަތުގައި ސައިންސްގެ ދައުރެއް ވެސް އަދާކުރުން އެކަށީގެންވެއެވެ. ސަބަބަކީ އިސްލާމީ ބައެއް އިލްމްވެރިން ވިދާޅުވާ ގޮތުގައި ޒަމްޒަމް ފެނުގެ ހަގީގީ މަސްދަރަކީ ބިންގަރާސް ހޮހަޅައެއްގެ "އެކުއިފާ"އެކެވެ. މާނަ އަކީ ފެން ހިފަހައްޓައިދޭ ހިލަވެލި ފަށަލައަކުން ފޯރުކޮށްދޭ ފެނެކެވެ.

ނަމަވެސް ނޭނގޭ ކަމަކީ މިއީ ކިހާ ބޮޑު ސައިޒެއްގެ އެކުއިފާއެއް ކަމެވެ. މިހާރަށް ބަލާއިރު، ކޮންމެ ހިޖުރީ އަހަރެއްގައި ނިސްބަތުން ދެ މިލިއަން މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއެވެ. މިއިން ކޮންމެ މީހަކު އެނބުރި ގައުމަށް ދާއިރު، އެންމެ ލީޓަރެއްގެ ޒަމްޒަމް ފެންފުޅިއެއް ގެންދިޔަ ނަމަވެސް އެއީ އަހަރަކު މަދުވެގެން ދެ މިލިއަން ލީޓަރުގެ ޒަމްޒަމް ފެން އެ ވަޅުން ބޭރުވުމެވެ. މިއީ އަދި އަހަރުތެރޭގައި އުމްރާއަށް ދާ އެތައް މިލިއަން ބަޔަކާއި ފަތުރުވެރިންނާއި ސައުދީ ރައްޔިތުން އެ ފެން ބޭނުންކުރާ މިންވަރު ނުލައެވެ.

ޒަމްޒަމްފެން ބަންދުކުރުމުގެ މަސައްކަތް ފެކްޓަރީގައި ކުރިއަށްދަނީ

ހައްޖާޖީންނަށާއި މެހެމާނުންނަށް ޒަމްޒަމް ފެން ފޯރުކޮށްދިނުމަށް "ކިންގް އަބްދުﷲ ބިން އަބްދުލްއަޒީޒު ޕްރޮޖެޓް ފޮރ ޒަމްޒަމް ވޯޓަރ"ގެ ދަށުން މައްކާގައި ބޮޑު ފެކްޓަރީއެއް ހަދައި ވަރަށް ފުޅާ ދާއިރާއެއްގައި ހިދުމަތްދެމުން އާދެއެވެ. މި ފެކްޓަރީން ދުވާލަކު، ފަސް ލީޓަރުގެ ދެ ލައްކަ ފުޅި އުފައްދައެވެ. އަދި ފެކްޓަރީތެރޭގައި ދެ މިލިއަނަށްވުރެ ގިނަ ފެންފުޅި ރައްކާކޮށްފައި ބެހެއްޓެއެވެ. މައްކާ އިން މަދީނާއަށް ޒަމްޒަމް ފެން ގެންދަނީ ބޮޑެތި ބައުޒަރުތަކުގައެވެ. މިގޮތުން ފުރިހަމަ ރައްކާތެރިކަމާއެކު ދުވާލަކު 120 ޓަނުގެ ޒަމްޒަމް ފެން މަދީނާއަށް ގެންދެއެވެ.

ޒަމްޒަމް ވަޅުކޮޅުގެ ވީޑިއޯ

މިހެންވެ، މި ހުރިހާ ސަބަބަކާ ހުރެ އިސްލާމީ އިލްމްވެރިން ބުރަވަނީ ޒަމްޒަމް ފެނަކީ ﷲގެ "މުއުޖިޒާތެއް" ކަމަށެވެ. އެ ކަލާނގެ "ރަހްމަތް" ލައްވާފައިވާ "ތާޒާ" ފެން ވަޅެއް ކަމަށެވެ. ޒަމްޒަމް ވަޅުން ކެނޑިނޭޅި އެތައް ސަތޭކަ އަހަރެއް ވަންދެން އެތައް ބަޔަކު ފެންނަގާއިރު ވެސް އެ ފެން ހުސްނުވުން އެއީ މި ކަމުގެ "ދަލީލެއް" ކަމަށެވެ.

ޒަމްޒަމް ވަޅުކޮޅުގެ އެތެރެ

ސައިންސްގެ ނަޒަރަކުން ބެލި ނަމަވެސް މިއީ އެކަށީގެންވާ ދަލީލެކެވެ. ސަބަބަކީ ދުނިޔޭގެ އުމުރުން މިހާރު 4.5 ބިލިއަން އަހަރު ވެއްޖެއެވެ. އަދި ދިރޭ މަހްލޫގުން މި ދުނިޔެ އަށް ފާޅުކުރައްވާފައިވާތާ 3.5 ބިލިއަން އަހަރު ވެއްޖެއެވެ. ފެނަކީ އެއްވެސް ދިރޭ މަހުލޫގަކަށް އެއާ ނުލައި ނޫޅެވޭނެ މާއްދާއެކެވެ. މިހެންވެ، މާތް ﷲގެ ގުދުރަތްތެރިކަމުން، އެއިރުއްސުރެ އެ ކަލާނގެ ކުޅަދުންވަންތަކަމުން ހުރިހާ ދިރޭ މަހުލޫގުންނަށް އެކި ގޮތްގޮތުން ފެނުގެ ރިޒްގް ފޯރުކޮށްދެއްވާ ކަމުގެ ހެއްކެކެވެ. މިއީ ވިސްނާލަން ވެސް އުނދަގޫ ދިގު މުއްދަތެކެވެ. އަދި މިހެންވެ، މި ފަދަ އެތައްއެތައް މިލިއަން އަހަރެއް ވެފައިވާ އެކުއިފާއެއްގައި ގުނާ އަދަދު ނުކުރެވޭ ވަރުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެދާނެ ކަމުގެ ނިޝާނެކެވެ.