...

Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ސްކޭމަރުންނާ "ޑީލް" ކުރާނީ ކިހިނެތް؟

ދައްކަން މި އުޅެނީ އަޑިނޭނގޭ ފާޑުފާޑުގެ މީހުންނާއެކު މާލީ މުއާމަލާތައްކޮށް ފައިސާ ހޯދާ "ޑީލް"ގެ ވާހަކައެއް ނޫނެވެ. ނަމަވެސް ޕޮންޒީ ސްކޭމާއި އެ ފަދަ އުކުޅުތައް ބޭނުން ކޮށްގެން މި ފަދަ ސްކޭމްތައް ރާވާ ހިންގާ މީހުން، ބައެއް ދިވެހިން މި މަޅީގައި ޖައްސާފައިވާ އަދި އަދިވެސް ޖައްސަމުންދާ ވާހަކައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ދަނީ މި ފަދަ ސްކޭމްތަކާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ. އަދި މި ކަމުގެ ސަބަބުން މި ފަދަ ނުރައްކާތަކުން އެތައް ރައްޔިތުންނެއް ސަލާމަތް ވެފައި ވެސް އެބަހުއްޓެވެ. ނަމަވެސް ދެރަ ކަމަކީ ބައެއް ފަހަރު ސްކޭމަރުން ބޭންކްގެ ރޭވުންތެރި ކަމަށް ވުރެ ހަ ފިޔަވަޅު ކުރީގައި އުޅޭ ކަމަށް ފެންނާތީ އެވެ.

މީގެ އިތުރުން އަނެއް ދެރަ ކަމަކީ މީގެ އަހަރުތަކެއް ކުރިން ބައެއް ބޭންކްތަކުގެ މުވައްޒަރުން "އިންސައިޑް ޖޮބް" ނުވަތަ ބޭންކްގެ އެތެރެއިން ޖަރީމާ ހިންގާލާފައި ފައިސާކޮޅު ކޮޅާލައިގެއް ސަލާމަތްވެފައި ހުރުމުން ބައެއް ރައްޔިތުންނަށް، ހާއްސަކޮށް އިސްރަށްވެހިންނަށް، އަދިވެސް ބޭންކްތަކަށް އިތުބާރު ނުކުރުމުގެ ވިސްނުމެއް ގެންގުޅެވޭ ކަމެވެ. މި ފަދަ ކަންތައްތައް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައި ވާތީ ބައެއް މީހުންނަށް ދިވެހިންގެ ގައުމީ ބޭންކް ކަމަށްވާ ބީ.އެމް.އެލް އަށް އިތުބާރު ކުރަން ވެސް ޖެހިލުންވެއެވެ.

ދިވެހިންނަށް ތަފާތު ސްކޭމްތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޅީގައި އެންމެ ފުޅާ ދާއިރާއެއްގައި ޖެހެވެން ފެށީ މީގެ އަހަރުތަކެއް ކުރިން ދިރާގުން އިންޓަނެޓް ރާއްޖެ އަށް ތައާރަފު ކުރުމާ ހިސާބުންނެވެ.

އެއިރު ނުދަންނަ އީމެއިލް އެކައުންޓްތަކުން އެކި ދިވެހިންނަށް "ފޭކް" މެސެޖްތައް ލިބެއެވެ. އެ މެސެޖްތަކުގައި ބުނާ ގޮތުން އެއީ އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ ނައިޖީރިއާގެ މަސްދަރަކުން އަންނަ މެސެޖްތަކެކެވެ. އެ އީމޭލް ތަކުގައި ބުނަނީ ނައިޖީރިއާގެ މައުދަނު ނަގާ ސިނާއަތުން، ނޫނީ ޝާހީ އާއިލާއާ ގުޅޭ ފަރާތަކަށް ވާތީ، އަދި ސިޔާސީ ގޮތުން ނުރައްކާ ވެފައިވާތީ، އެ ފަދަ ފަރާތްތަކުގެ އަތުގައިވާ އެތައް މިލިއަން ޑޮލަރެއް އީމޭލް ލިބުނު ފަރާތުގެ ބޭންކް އެކައުންޓަށް ޖަމާކުރަން ހުއްދަ ދީފި ނަމަ ފަހުން ރަނގަޅު "އިނާމެއް" ދޭނެ ކަމަށާއި ނަމަވެސް ފުރަތަމަ މި މޭރުމުން "ޑީލް" ކުރުމަށް ދުއިސައްތައެއްހާ އެމެރިކާ ޑޮލަރު އެ އީމޭލް ފޮނުވި ނައިޖީރިއާގެ ފަރާތަށް ޖަމާކޮށްދޭން ޖެހޭ ކަމަށެވެ.

މި ފަދަ އީމޭލްތަކަށް ޖަވާބު ދީ، ފޯނު ނަންބަރު ދީ ހެދުމުން، އެ ކޮޅުން ކޮންމެވެސް މީހަކު ގުޅައި، ދިވެހި މީހާގެ ފައިސާ ޖަމާކޮށްދޭންވީ ނައިޖީރިއާ މީހާގެ އެކަންޓް ނަމްބަރު ސާފުކޮށްދެއެވެ. ނަމަވެސް ޑޮލަރުކޮޅު ޖަމާކޮށްދޭ ހިސާބުން ފެށިގެން އެ ބުނާ ނައިޖީރިއާ އިން ގުޅި މީހާގެ ހަބަރެއް ނުވެއެވެ. އޭނާ ގުޅި ނަންބަރަށް ގުޅުމުން ޖަވާބެއް ވެސް ނުދެއެވެ. ފޮނުވި އީމޭލް އެކައުންޓަށް މެސެޖެއް ފޮނުވުމުން ވެސް ބަހަބަރެވެ.

މި ފަހަކަށް އައިސް ދިވެހިންގެ ވިސްނުން ވެސް ތަނަވަސް ވެފައިވާތީ، އަދި މި ކަހަލަ ސްކޭމްތައް މަސައްކަތް ކުރާ ގޮތް އެނގޭތީ، މިއީ ފަސޭހައިން ފައިސާ ހޯދޭނެ ކަމެއް ކަމަށް މިހާރުގެ ސްކޭމަރުންނަށް ނުފެންނާތީ، އެ މީހުންގެ ހަރަކާތްތައް ވަނީ އާ މިސްރާބަކަށް ބަދަލު ކޮށްލާފައެވެ. އެއީ ވަކިވަކި ދިވެހި ފަރުދުންގެ އަމަލުތައް ސޯޝަލް މީޑިއާ ނުވަތަ މީސްމީޑިއާގައި ހުންނަ ގޮތް ދެނެގަނެގެންނެވެ. ސަބަބަކީ މި ފަދަ ސްކޭމަރުންނާ ރަހުމަތްތެރިވެ، ތިމާގެ ސޯޝަލް މީޑިއާ ރައްޓެއްސަކަށް ހަދާ ހިސާބުން ފެށިގެން ތިމާގެ ޕްރައިވެސީ އާއި ޒާތީ ދިރިއުޅުމުގެ ސިއްރުތައް އެއީ ނެތް އެއްޗެއް ފަދަ އެވެ. އަނެކާ އަށް ތިމާގެ އަމަލުތައް ބައްޓަން ވެފައި ހުރި ގޮތް އެނގުމުގެ އިތުރުން ތިމާގެ ވިސްނުން ހުންނަ ގޮތް ވެސް ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. މިހެންވެ، ދިވެހި ރައްޔިތުންގެ ތެރެއިން މާބޮޑު ވިސްނުމެއް ފަރުވާލެއް ނުބަހައްޓާ މީހުން ގަޅި ޖައްސުވައިގެން މި ކަހަލަ ސްކޭމްތަކަށް ރުހުމުގައި ވައްދައެވެ.

ވަރަށް ފަހަކުން ކުރީގެ ދިވެހި ސިއާސީ ބޭފުޅެއް ވެސް ވަނީ މި ފަދަ "ޕޮންޒީ" ސްކީމެއް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައި ކަމަށް ތުހުމަތު ކުރެވިފައެވެ. ޕޮންޒީ ސްކީމެއްގައި ވާ ގޮތަކީ މީހެއްގެ އަތުން ފައިސާ ނަގާފައި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އަށް އިތުރު އެއްޗެއް ލާފައި ފައިސާ އަނބުރާ ދެނީ އެވެ. ނަމަވެސް އެ އަނބުރާ ދޭ ފައިސާ އަކީ ހަގީގަތުގައި ޕޮންޒީގެ ވެރިފަރާތަށް، ފަހުން އެ ސްކީމްގައި ބައިވެރިވެ ފައިސާ ދެއްކި މީހެއްގެ ފައިސާ ކަމަށް ވާތީ، އަބަދުވެސް އެންމެ ފަހުން މަޅީގައި ޖެހޭ މީހުންނަށް ފައިސާ ހޯދައިދެވޭނެ ގޮތެއް ނޯވެއެވެ. ޕޮންޒީ ސްކީމްގެ ފޭހުނު އިލޮށި އެ ހިންގި ފަރާތުގެ ލޮލަށް އެމުނެނީ މި ހިސާބުންނެވެ. އަދި މިހެންވެ، މި ކަހަލަ މޮޔަ ސްކީމެއް ބުއްދި ހަމަޖެހޭ މީހަކު ހިންގަންވީ ކީއްވެ ތޯ ވެސް ސުވާލު އުފެދެއެވެ.

މީގެ އަހަރުތަކެއް ކުރިން ތަންކޮޅެއް "ތަހުޒީބު" ގޮތަކަށް މި ފަދަ ސްކީމެއް ރާއްޖޭގައި ހިންގި އެވެ. އެ ފަހަރު އަހަރެންނާ ދިމާވި ފަންނުވެރިއަކު ބުނީ ވަކި އަދަދަކަށް އިންޓަނެޓް ވެބްސައިޓް ހަދަން "ސްޕޭސް" ނުވަތަ ވެބްސައިޓެއް ހިންގަން ޖާގަ އިންޓަނެޓުން ހޯދައި، އެ ފައިސާ އެ މަޝްރޫއު ހިންގާ ފަރާތަކާ ހަވާލުކޮށްފި ނަމަ، ކުރިމަގުގައި އެ ގޮތަށް އިންޓަނެޓުން ސްޕޭސް އަހަރެންގެ ފަރާތުން ގަންނަ އަހަރެން ދަންނަ މީހުންގެ ފަރާތުން ސްކީމްގެ ވެރިފަރާތަށް ލިއްބައިދޭ ފައިސާއިން އަހަރެންނަށް ފައިދާވާނެ ކަމަށެވެ. ނަމަވެސް މި ސްކީމް ވެސް ވީ ފްލޮޕެވެ.

މި ފަދަ ސްކީމްތަކުގެ ނުރަނގަޅު ނަތީޖާ ކުރިން ފެނިފައިވާއިރު، މި ފަދަ ސްކޭމްތައް ހިންގާ ސްކޭމަރުން ވެސް ވަނީ މި ޒަމާނަށް ފެތޭ ގޮތަށް އެ މީހުންގެ "ހަނގުރާމަ މަތީ ސްޓްރެޓަޖީ" ބަދަލުކޮށްފަ އެވެ. އަދި މި ފަދަ ރޭވުންތެރިކަން މިހާރުގެ މުވާސަލާތީ ޓެކްނޮލޮޖީ އަށް ފައްތާފައެވެ. މިއަދު ސްކޭމަރުންގެ ދުނިޔެއަކީ ހުރިހާ އިންސާނުން ހެން އެ އެއްޗެއްގެ ކިބައިން ސަލާމަތް ނުވެވިފައިވާ "މީސް މީޑިއާ" ނުވަތަ ސޯޝަލް މީޑިއާ އެވެ.

އަދުގެ ސްކޭމަރުންގެ އުކުޅުތަކަށް ނަޒަރު ހިންގާލާއިރު، އެ ފަރާތްތަކުގެ މަސައްކަތް ވަރަށް ކަވިވެފައި، ހަގީގީ މާލީ މުއާމަލާތްތަކެއް އެ ފަރާތްތަކުން ކުރާކަން ދައްކަން ބޭނުން ކުރާ ހުޝިޔާރު ރޭވުންތައް ފާހަގަ ކޮށްލެވެއެވެ.

މިސާލަކަށް، ފޮޓޯ އާއި ވީޑިއޯ ބޭނުން ކުރެވޭ އިންސްޓަގްރާމް ޕްލެޓްފޯމަށް ބަލާއިރު، ދިވެހި ރައްޔިތުންނަށް އަމާޒު ކޮށްގެން ހަދާފައިވާ ސްކޭމަރުންގެ އެކައުންޓް ތަކުގައި ފާހަގަ ކުރެވޭ އެއްގޮތް ކަންތައްތަކެއް ވެއެވެ. އެ ގޮތުން އަރަބި ނުވަތަ މުސްލިމް ނަމެއް ކިޔުމާއި، އަންހެނެއް ނަމަ ބުރުގާ އަޅާފައި ހުރުމާއި، އަދި އިތުރު "ޔަގީން"ކަމެއް ދިނުމަށް ދިވެހިން ދިވެހިންނަށް ދޭ ވަނަން ވެސް ބޭނުން ކޮށްފައި ހުރެއެވެ. ފިރިހެން ސްކޭމަރުންނަށް ބަލާއިރު، އަރަބި އަދި މުސްލިމް ނަން ކިޔާ މީހެއްގެ ގޮތުގައި ދެއްކުމުގެ އިތުރުން، ބުރުގާ އެޅި "އަނބިން"ނާއެކު ތަންތަނަށް ގޮސް ނަގާފައިވާ ސެލްފީ ތަކާއި ވީޑިއޯ ކޮޅުތައް ހިމެނެއެވެ. މި ކަމުން ދޭހަވަނީ މިއީ ބަޔަކު ދުރާލާ ރާވައިގެން ހިންގާ ސްކޭމްތަކެއް ކަމެވެ. އަދި "ޓާގެޓް އޯޑިއަންސް" ނުވަތަ ސްކީމްތައް އަމާޒު ކުރާ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ދިރާސާކޮށް، މަޅީގައި ޖައްސާނެ ގޮތްތައް ރިސާޗް ކޮށްފައިވާ ކަމެވެ. މިއީ ބަޔަކު މީހުން މި ދުނިޔޭގެ އިގުތިސާދުގައި ދިރިދެމިތިބުމަށް، ކާންބޯން ކުރާ މަސައްކަތް ބާވައޭ ވެސް އަހަރެންގެ ހިތަށް ބައެއް ފަހަރު އަރައެވެ.

މި ފަދަ އެކައުންޓްތައް ހިންގާ ސްކޭމަރުން ފާޑެއްގެ "ތުއިކަމެއް" ވެސް ދައްކަ އެވެ. މިސާލަކަށް، އިންސްޓަގްރާމްގައި އަހަރެންގެ އެކައުންޓް އާ މީހަކު "ފޮލޯ" ކުރަން ފަށައިފި ކަމަށް "ނޯޓިފިކޭޝަން" އައުމުން ބަލައިލާއިރު އިންނާނީ ކޮންމެވެސް އަރަބި ނަމެއް ކިޔާ ފިރިހެނެއް ނޫނީ އަންހެނެކެވެ. ނަމަވެސް އެ އެކައުންޓްތައް ފޮލޯ ކުރަން އަހަރެން ބޭނުން ވިޔަސް، ސާފު ކޮށްދީފައި އޮންނާނީ އެއީ "ޕްރައިވެޓް" އެކައުންޓެއް ކަމަށާއި އެހެންކަމުން އެ އެކައުންޓްގައިވާ މައުލޫމާތު އަހަރެންނަށް ބެލޭނީ އަހަރެން އޭނާ ފޮލޯކުރަން ފެށުމުން އެ ކަން އޭނާ ރޭކާލައި، އޭނާ ފޮލޯ ކުރުމުގެ ހުއްދާ އޭނާ ދޭ ހިސާބުންނެވެ.

އަހަރެން ކުރާ ކަމަކީ އަޅާނުލަނީ އެވެ. ދެން، އެހެން ހެދުމުން، ދެތިން ދުވަހެއް ފަހުން، އެ ސްކޭމަރުގެ "ބޮލަށް އުނދަގޫވެގެން" އަހަރެންނަށް މެސެޖެއް ކޮށްލާނެއެވެ.

މިހެންނެވެ: "އަހަރެން އުފަންވީ ޑުބާއީ އަށް. ނަމަވެސް މިހާރު މި އުޅެނީ އިނގިރޭސި ވިލާތުގައި. ބައެއް ފަހަރަށް އެމެރިކާގައި ވެސް އުޅެލަން. ކަލޭ ތިޔައީ ކޮން ގައުމެއްގައި އުޅޭ މީހެއް؟"

މިހާ ހިސާބުން އަހަރެންގެ ސިކުނޑި ރަތް ދިދަ ހިއްލައިލައެވެ. ސަބަބަކީ އޭނާ އަހަރެން ނުދަންނަ ނަމަ، އަހަރެން "ފޮލޯ" ކޮށް، ފޭސްބުކްގައި ނަމަ އަހަރެން "އެޑް"ކޮށް އަހަރެންނާ "ރަހްމަތްތެރި"ވާން "ފްރެންޑް ރިކުއެސްޓް" ފޮނުވަންވީ ކީއްކުރަން ހެއްޔެވެ؟

ކޮންމެއަކަސް، އެ މެސެޖް ލިބުމުން، އޭނާ އަހަރެންނާ މުއާމަލާތް ކުރަން ފެށީ އެވެ. ނަމަވެސް އޭގެ ކުރިން ވެސް ވިސްނާލަން ޖެހާ ތަންކޮޅަކީ، އޭނާގެ އެކައުންޓް ޕްރައިވެޓް ނަމަވެސް، އަދި ފޮލޯ ކުރަން ހުއްދަ ދިނުމުގެ ކުރިން ކަމަށް ވިޔަސް، އޭނާގެ ފޮޓޯގެ ތިރީގައި ބައެއް ކުދި ތަފުސީލު ހުރެއެވެ. އޭގެ ތެރޭގައި އޭނާ "ޝައުގުވެރިވަނީ" ނަވަތަ "އިންޓަރެސްޓް"ތަކުގެ ތެރޭގައި ހިމެނެނީ "ފޮރެކްސް ޓްރޭޑިން" (ބޭރު ފައިސާ ގަނެވިއްކުން) ކަމަށް ލިޔެފައި ވާނަ ނަމަ އެއީ ހުޝިޔާރު ވާން ޖެހޭ ރަތް ސިގްނަލެކެވެ. އަދި ވަކިން ހާއްސަ ކޮށް "ބިޓް ކޮއިން" އާއި "ކްރިޕްޓޮ ކަރަންސީ" ފަދަ ބަސްތައް އޭނާގެ "ޕްރޮފައިލް" ތަފުސީލުގައި ވާ ނަމަ، ދެން އެންމެ ރަނގަޅު ވާނީ އޭނާ ތިމާގެ އެކައުންޓުން "ރިމޫވް"ކޮށް ނުވަތަ "ބްލޮކް"ކޮށްގެން ނެރެލުމެވެ. އަދި އޭނާގެ މެސެޖްތައް ވެސް ތިޔަ ފަރާތަށް ނުލިބޭ ގޮތް ހެދުމެވެ.

މި ފަދަ ފަރާތްތަކަކީ ސްކޭމަރުން ކަމަށް ޔަގީން ކަން ހޯދަން ބޭނުން ނަމަ، އޭނާ ބުނާނެ ކަހަލަ ޔަގީން ވާހަކަ އަކަށް ސަމާލު ވާށެވެ.

މިސާލަކަށް: "އެންމެ 300 ޑޮލަރު 'އަޕްފްރަންޓް’ކޮށް (ކުރިން) ދައްކައިގެން ހަފުތާއަކު 30،000 ޑޮލަރު ހޯދަން ބޭނުން ތޯ؟"

މިހާ ހިސާބުން އޭނާގެ ހަގީގަތް މިއޮތީ ފަޅާއަރައިފައެވެ.

މީގެ އިތުރުން ބައެއް ސްކޭމަރުން ހަދާ އަނެއް ވަޑާމަކީ މީސްމީހުންގެ ބޭންކަށް ބޮޑެތި އަދަދު ތަކުން ފައިސާ ޖަމާކޮށްފައި ހުންނަ ރަސީދު ނުވަތަ ސްލިޕް ކޮޅުތަކުގެ ފޮޓޯ ނުވަތަ ސްކްރީން ޝޮޓް އޭނާގެ އެކައުންޓަށް ލައިގެން، އޭނާ މި ޖައްސަނީ "ފޭކެއް ނޫން"ކަން ދައްކަން މަސައްކަތް ކުރުމެވެ. ނަމަވެސް ވިސްނާލަން ޖެހެނީ، އެންމެ 300 ޑޮލަރު ދީގެން 30،000 ޑޮލަރު ޖެހޭ ކަމަށް ބުނާ ބުއްދި ގަބޫލު ނުކުރާ ވާހަކައަކަށް އަހަރެމެން ހެއްލި މޮޔަ ހެދެންވީ ކީއްކުރަން ހެއްޔެވެ؟

ވަގުތު ގިނަވެގެން މުނިފޫހިފިލުވާލަން ބޭނުންވާ ދުވަހެއް ނަމަ، އަހަރެންގެ ރަހްމަތްތެރި އެމެރިކާ މީހަކު ބުނާ ގޮތް އަހަރެން ހަދަމެވެ. އެއީ ސްކޭމަރަށް ޖަވާބު ދޭން އުނދަގޫ ފާޑުފާޑުގެ ސުވާލު ކުރަނީއެވެ. ނަމަވެސް އެއީ އަހަރެންގެ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކޮށް އެ ކަމަށް ސަމާލު ވެގެންނެވެ. އަހަރެންގެ ރަހްމަތްތެރިޔާ ބުނިހެން މި ހެން ހެދީމާ ސްކޭމަރުގެ އަނގަ ބެދެއެވެ. އަދި އޭނާ އާ ކުރަމުން އައި "ޗެޓް" ހުއްޓާލައި، ފަހުން އަހަރެންގެ އެކައުންޓް ދޫކޮށްފައިދެ އެވެ. އޭނާގެ ދަލުގައި ނުޖެހޭނެކަން ޔަގީންވުމުން ތޯއްޗެކެވެ.

"ސްކޭމަރުން ޗެޓް ކޮށްގެން ބަލަން ބޭނުންވަނީ އަހަރެމެން މުއާސަލާތް ކޮށް އަދި ފައިސާ ޓްރާންސްފާ ކުރާ އެކައުންޓްތަކަކީ އަދި ޗެނަލް ތަކަކީ ކޮބައިތޯ. ނަމަވެސް ވަކ ހިސާބަކުން އެ މީހުން ރާޑި ވަނީ ސްކޭމަރުންނަކީ ހަގީގަތުގައި އަހަރެމެން ހީކުރާހާ ވިސްނުން ތޫނު ބަޔަކަށް ނުވާތީ،" އަހަރެންގެ ރަހްމަތްތެރިޔާ ބުންޏެވެ.

ނަމަވެސް އޭނާގެ އެ ވާހަކަ އަހަރެންނަކަށް ގަބޫލެއް ނުކުރެވެއެވެ. ސަބަބަކީ ބޮޑެތި ކުށާއި ޖަރީމާ އަކީ ވިސްނުން ކޮށި ބަޔަކަށް ހިންގޭނެ ކަންތައްތަކެއް ނޫނެވެ. އެހެންކަމުން އަހަރެންނަށް ގަބޫލު ކުރެވެނީ ސްކޭމް ތައް ކަހަލަ ބޮޑެތި ހައްސާސް "މަޝްރޫއުތައް" ރާވައި ހިންގޭނީ ވިސްނުން ތަނަވަސް ބަޔަކަށް ކަމެވެ.

މި ހުރިހާ ގޮތަކުން ބަލައި، އަހަރެންނަށް ފަރުދީ ގޮތުން އެޅިދާނެ ފިޔަވަޅުތައް އެޅި ނަމަވެސް، ހަގީގަތުއި ސްކޭމަރުންނާ މުއާމަލާތް ކުރުމަކީ މުޅިން ހުއްޓުމަކަށް ގެނެވޭނެ ކަމެއް ކަމަކަށް ނުފެނެއެވެ. ސަބަބަކީ މި އިން ކޮންމެ ސްކޭމަރަކު ރިމޫވް ކޮށް ބްލޮކް ކޮށް ހެދި ނަމަވެސް، ކޮންމެ ދުވަހަކު ހޭލެވޭއިރު އޮންނަނީ މި މުސީބާތާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިފައެވެ. ސްކޭމަރުން މި ދުނިޔެ އިން ހުސްނުވާ ކަހަލައެވެ. އަދި މިހެންވެ، ނައިޖީރިއާގެ މަސްދަރުތަކުން މިހާރު އީމޭލް ތައް އައުން މަދު ވެފައިވާ ކަމަށް ވިޔަސް، ކޮންމެ ދުވަހެއްގެ ވަކި ވަގުތުކޮޅެއް މި ސޯޝްލް މީޑިއާގައި މަސް ހިފަން ނުކުމެ އުޅޭ ސްކޭމަރުންނާ "ޑީލް" ކުރަން ހާއްސަ ކުރަން ޖެހިފައިވެއެވެ. ބޮޑު އުނދަގުލަކާއި ދުއްތުރާލެކެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އިންޓަނެޓަކީ އަދުގެ ހަޔާތުގައި އެއާ ނުލާ ދިރި ނޫޅެވޭނެ މުއާސަލާތީ އަދި މައުލޫމާތުގެ ރަސްމަގެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ވަރަށް ވެސް މުނާސިބު ބޭނުންތެރި ވާހަކަތަކެއް އެކުލެވިގެންވީ ލިޔުމެއް. ޝުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.