...

Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ސިއްރު ވޯޓަށް ޖާސޫސްކުރުން

ރިއާސީ އިންތިހާބުގެ ވޯޓުލުން ކައިރިވަމުން އަންނަ ވަރަކަށް ބައެއް ކެންޑިޑޭޓުންގެ މާޔޫސްކަން އިތުރު ވަމުންދާކަން ފާހަގަ ކުރެވެއެވެ.

އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މިއީ ސިއްރު ވޯޓެއް ކަމަށް ވިޔަސް، އެކިއެކި ކެމްޕޭން ޖަގަހަތަކުން އާއްމު ރައްޔިތުންނަށް ގުޅައި، ވޯޓު ދެނީ ކާކަށްތޯ އޮޅުންފިލުވައި ނޫނީ މިވެނި ކެންޑިޑޭޓަކަށް ތާއީދު އެބައޮތްތޯ އަހައި، އެ ޖަގަހައެއް ތަމްސީލު ކުރާ ކެންޑިޑޭޓަކަށް ވޯޓު ދޭން އެދުމެވެ. މި ވަރު ފުކެއް ބޮޑުވީމާ ދެން ބުނާނީ ކީކޭ ހެއްޔެވެ؟

އާނއެކެވެ. ރޭގައި ވެސް އަހަރެންނަށް އައި ފޯނު ކޯލަކީ މި ކަހަލަ ފޯން ކޯލެއްކަން ސާބިތުކޮށްދޭނެ ހެއްކެއް އަހަރެންގެ އަތަކު ނެތެވެ. ނަމަވެސް، ކޮންމެ ސިއްރުވެރި ފަރާތަކުން ވިޔަސް، އަދި މަގުސަދު އަހަރެންނަށް ނޭނގޭ ކަމަށް ވިޔަސް، މި ފަދަ ހާދިސާތައް އަހަރެންނަށް ގައިމު ވެސް ތަޖުރިބާ ކުރެވޭކަން ހާމަ ކުރުމުގެ ގޮތުން މި ވާހަކަ ހިއްސާކޮށްލަން ގަސްދު ކުރީއެވެ.

އަދި އަހަރެންގެ ފޯނު ނަންބަރު އަހަރެންގެ ހުއްދައެއް ނެތި މުވާސަލާތީ ކުންފުނިން ސިޔާސީ ކެންޑިޑޭޓުންގެ ކޭމްޕްތަކާއި ތަފާތު އެކި ވިޔަފާރި ތަކަށް ފޯރުކޮށްދިނުމުގެ ހައްގެއް ނޯންނާނެ ކަމަށް އަހަރެން ގަބޫލުކުރާ ހާލު ގައެވެ.

ރޭގައި އައި ކޯލު ކުރި އަންހެން އަޑެއްގެ ވެރިޔަކު ފުރަތަމައިން ވެސް ފާހަގަކުރީ އޭނާ ތަމްސީލު ކުރާ ކެންޑިޑޭޓަށް އަހަރެން ވޯޓުލާނެ ކަމަށް، އެ ޖަގަހައިން ކުރިން ކުރި ކޯލަކަށް އަހަރެން އެހެން ބުނެފައިވާތީ އެ ކަމަށެވެ.

ނަމަވެސް އަހަރެން ނުބުނި ތަންކޮޅަކީ ކޮންމެ ޖަގަހަ އަކުން އަހަރެންނަށް ގުޅި ކަމަށް ވިޔަސް އަހަރެން އަބަދު ވެސް ބުނަނީ އެ ޖަގަހައެއްގެ ކެންޑިޑޭޓަށް ވޯޓު ލާނެ ކަމެވެ.

މި ގޮތަށް އަމަލު ކުރުމުގައި އަހަރެންގެ ދެ ސަބަބެއް ވެއެވެ. އެންމެ މުހިންމު ސަބަބަކީ މިއީ ސިއްރު ވޯޓަކަށް ވާއިރު އެ ސުވާލު އެހުމަކީ ގާނޫނީ ކުށަކަށް ވާތީ އެވެ. ހަމަ މި މޭރުމުން ވިސްނާއިރު، ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން އެދުމަކީ ވެސް ގާނޫނީ ކުށަކަށް ވާތީ އެވެ. އަނެއް ސަބަބަކީ މި ފަދަ ފޯނު ކޯލުތަކަކީ ހަގީގަތުގައި ރައްޔިތުން ބުލީކޮށް، ހަނގާ ކުރުން ފިޔަވާ އެހެން ކަމެއް ނޫން ކަމަށް ވާތީ، އިތުރަށް އަހަރެން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާތީ، މި ފޫހިކަމުގައި، އަވަހަށް ބޮލުން ކަޓުވާލައި، އެ ފަރާތުން ފޯނު ވީހާ ވެސް އަވަހަކަށް ކަނޑާލަން އަހަރެން ބޭނުންވާތީ އެވެ.

ރޭގައި ކޯލު ކުރި ކުއްޖާ ދެން ބުނީ އޭނާ ތަމްސީލު ކުރާ ކެންޑިޑޭޓަށް އަހަރެން ވޯޓުލާނެ ކަމަށް ބުނެފައި ވާތީ އަހަރެންގެ އާއިލާގެ ހުރިހާ މެންބަރުން ގާތުން ވެސް އެ ކެންޑިޑޭޓަށް ވޯޓު ލައިދޭން އަހައިދީފާނަންތޯ އެވެ. އަދި އެ ގޮތަށް އާއިލާގެ ހުރިހާ މެންބަރުން ލައްވާ ވޯޓު ލުމުގެ ޒިންމާ، މުޅި އާއިލާގެ ފަރާތުން އަހަރެން ނަގައިދިނުމަށެވެ.

އަހަރެންގެ ގާތަށް އައި ރުޅިގަނޑު ހިފަހައްޓާލެވުނީ ހަމަ ކިރިޔާ އެވެ.

"އަހަރެން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް، އަހަރެންނަކަށް އެހެން އިންސާނުންނަކަށް ނުފޫޒެއް ނުފޯރުވޭނެ. އަހަރެންގެ އާއިލާގެ އެހެން މެންބަރުން ވޯޓު ލާނީ އެ މީހުން ރުހޭ ގޮތަކަށް،" އަހަރެން ޖަވާބު ދިނީމެވެ.

ހަމަ މިހެން ބުނާއިރަށް، ރުންކުރު، މޫޑު ކަޓާފައިވާ ރާގެއްގައި އޭނާ އަހަރެންނާ ދިމާއަށް ބުންޏެވެ: "ތިޔައީ ހަމަ ތިހާ ނިކަމެތި މީހެއްތޯ؟"

ހާދަހާ ވާ ހެއްވައެވެ. ސިއްރު ވޯޓެއްގެ ސިއްރުކަން ނަގާލުން ފަދަ ގާނޫނީ ކުށެއްގައި އަހަރެން ބައިވެރިވާން ދެކޮޅު ހެދުމުން އެންމެ ފަހުން މި ގޯސް ވީ ހަމަ އަހަރެންނެވެ.

ނަމަވެސް އަހަރެންނެއް ހަރުކަށިކޮށް އެއްވެސް ވާހަކައެއް ނުދައްކާނަމެވެ. ނޫނީ އަމަލެއް ނުކުރާނަމެވެ. ސަބަބަކީ ކުރިން ބުނި ފަދައިން ރިޔާސީ އެކިއެކި ކެންޑިޑޭޓުންގެ ނަމުގައި އަހަރެންނަށް އަންނަ ކޯލުތަކުގެ ހަގީގަތެއް، ސާބިތު ހެއްކާ އެކު އަހަރެންނަށް ލިބިފައި ނެތުމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.