Support Us

ކެޔޮނިރު ކޮލަމް

ރައީސާއި ކެބިނެޓްގެ ދެވަނަ އަހަރުގެ މިޑްޓާމް ރިޕޯޓް: ހަމަ ޔޫސެޓެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެންނަނީ މަޑުމައިތިރި، ހިތްޕުޅު ތިރި ރައީސެއްގެ ގޮތުގައެވެ. އަބަދުވެސް ހިނިތުންވެފައެވެ. ރައްޔިތުންނާއެކު ގިނަގިނައިން ސެލްފީ ނަންގަވައެވެ. ނަމަވެސް މުހިއްމު ދަނޑިވަޅު ތަކުގައި ނިންމަވަންޖެހޭ ކުއްލި ނިންމެވުންތައް ނިންމެވުމުގައި ފަހަތު ފަޔަށް ބުރަވެވަޑައިގަންނަވާތަން ފެނެއެވެ. ރައީސް ސޯލިހުގެ ކެއްތެރިކަމުގެ ނާޖާއިޒު ފައިދާ، ކައިރީގައި ތިބި ބަޔަކު އިންތިހާ އަށް ނަގަމުންދަނީ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި މަދަނީ ޖަމްއިއްޔާއެއް ކަމުގައިވާ އެމް.ޑީ.އެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެޖަމްއިއްޔާ އުވާލުމަށް ގިނަ ރައްޔިތުންތަކެއް ގޮވާލުމުން އެކަމާ ފިޔަވަޅެއް އެޅުއްވީ އެތައް މަހެއް ފަހުންނެވެ. އެވެސް އެންމެ ފުރިހަމަ ފިޔަވަޅެއް ނޫނެވެ. ޖަމްއިއްޔާ އުވާލިއިރު އެޖަމްއިއްޔާ އަށް ނިސްބަތްވާ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް ނާޅައެވެ. އަދި އެ ރިޕޯޓް ނެރުނު އިރު އެޖަމްއިއްޔާގެ ޗެއާރޕާރސަން އަކަށް ހުރި ނޫޝަން އަދިވެސް ހުރީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ވަޒީފާގައެވެ. އެ ޖަމިއްޔާގައި އިސްކޮށް އުޅުއްވި މުހައްމަދު ހަމީދު (އެމް.ސީ) އަދިވެސް ހުންނެވީ ކޮމިޝަނަރ އޮފް ޕޮލީސްގެ މަގާމުގަ އެވެ.

އެމް.ޑީ.އެން ފަދައިން އިސްލާމް ދީނަށް ފުރައްސާރަކުރާ ދިވެހި މަދަނީ އެހެން ޖަމްއިއްޔާއެއް ކަމުގައިވާ އުތެމައާ މެދު ފިޔަވަޅު އެޅުމަށް އެތައް ރައްޔިތުންނަކާއި ދީނީ އިލްމުވެރީން ގޮވާލުމުން ވެސް އެޖަމްއިއްޔާގެ މަސްއޫލުވެރީންނަށް ނަސޭހަތްދިނުން ފިޔަވައި އެހެން ކަމެއް ސަރުކާރުން ނުކުރެއެވެ.

ކެބިނެޓުގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށް ދަނީ -ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ފޯން ކޯލެއްގެ އޯޑިއޯތަކެއް ލީކުވެ، ޖިންސީ ފުރައްސާރައާއި، ބަދްއަހްލާގީ އަމަލް، އަދި ކޮރަޕްޝަނަށް ނިސްބަތްވާ ވާހަކަތައް އެ އޯޑިއޯގައި ހުރުމުން އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރުމަށް ގިނަ ބަޔަކު ގޮވާލުމުން އެކަމާ ގުޅިގެން ރައީސް އެއްވެސް އެއްޗެއް ވިދާޅުނުވެ އެތަކެއް މަސް ދުވަސް ވަންދެން ހުންނެވުމަށްފަހު އަލީވަހީދު ވަޒީފާއިން ވަކިކުރެއްވި ނަމަވެސް އެއްވެސް އިތުރު ފިޔަވަޅެއް ނާޅުއްވައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރެއްވިކަމުގެ ތުހުމަތު އުޒުރަކަށް ދައްކަވައި އަލީވަހީދު މަގާމުން ވަކިކުރެއްވި ނަމަވެސް ރައީސް އޮފީހުގެ އެހެން އިސް ބައެއް ބޭފުޅުންނަށް ވެސް މިފަދަ ތުހުމަތު ކުރެވޭއިރު އެއްވެސް ފިޔަވަޅެއް ނާޅުއްވާކަމީ ސަރުކާރުގެ ދެފުށްދެގޮތްކަމާއި ފިނޑިކަމުގެ މިސާލެކެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކެޓްރީ ހަސަން އިސްމާއިލަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ބޭބެއެވެ. މިހާރު ނޫހުގެ އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ވަރަށް ސާފުކޮށް އެނގެން އޮތްއިރުވެސް ހަސަން އިސްމާއިލާ މެދު އެއްވެސް ފިޔަވަޅެއް އެޅުއްވި ތަނެއް ނުފެނެއެވެ. ޖިންސީ ފުރައްސާރައަށް އޮތް ޒީރޯ ޓޮލަރެންސަކީ މި ސަރުކާރުގެ އިންސާފުގެ ތިލަފަތުގައި އެކި މީހުނަށް އެކި ގޮތް އޮތްކަމުގެ މިސާލެކެވެ.

ރައީސް އޮފީހުގެ އެކި ފެންވަރުގެ ވަޒީފާތަކުގައި އިސްލާމްދީނަށް ހަޖޫޖަހާ މީހުން މިހާރުވެސް އެބަތިއްބެވެ. ހުކުރު ޙުތުބާއަށް "ހޮޓްބާރ"އޭ ކީ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި ފޮރިން ރިލޭޝަންސް ސެކެޓްރީ ސޮބްރާ ނޫރައްދީން ހިމެނެއެވެ. އެމް.ޑީ.އެންގެ ލާދީނީ ރިޕޯޓް ނެރުނުއިރު އެ ޖަމްއިއްޔާގެ ޗެއާރޕާރސަނަކަށް ހުރި ނޫޝީން އަކީ ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓެވެ. ރައްޔިތުން ސޯޝަލް މީޑިއާގައި ހޫނުވެ، މިފަދަ މީހުންގެ ފުރައްސާރައިގެ ޓްވީޓްތަކުގެ ސްކްރީން ޝޮޓާއި، އޯޑިއޯ ކްލިޕްތައް ޕޯސްޓް ކުރާއިރުވެސް ރައީސުލްޖުމްހޫރިއްޔާ ކަހާތަން ހިރުވާވެސް ނުލައެވެ.

ދީނަށް ފުރައްސާރަ ކުރުމަކީ މި ދިވެހި ރާއްޖޭގައި މިހާރު، އެކަން ކުރާ މީހެއްގެ އަގު، އިތުރަށް އަރާ ކަމަކަށް ވަނީ ވެފައެވެ. ފެންނަމުންދާ މަންޒަރަކީ އެފަދަ މީހުންނަށް މަތީ މަޤާމްތައް ދެވި، އިއްޒަތް ދެވޭތަނެވެ. ފިޔަވަޅެއް އެޅޭތަނެއް ނުފެނެއެވެ. އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކާ މީހުން ވަނީ މޮޔައިން ކަމަށެވެ. ނުވަތަ ސަރުކާރާ ދެކޮޅު މީހުން ކަމުގައެވެ.

ސަރުކާރުތެރޭގައި ކޮރަޕްޝަން އިންތިހާއަށް ގިނަ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރަމުންދާއިރު "ޒީރޯ ޓޮލަރެންސް"ގެ ދަށުން މިފަދަ ކަންކަން ބެލޭ ތަނެއް ނުފެނެއެވެ. ކޮވިޑް19 އަށް ފަރުވާ ހޯދަން ބޭނުންވާ ވެންޓިލޭޓަރ ހޯދުމާއި އެހެނިހެން ބައެއް މަސައްކަތް ހަވާލުކުރެވުނުއިރު އެކަމުގައި 25 މިލިއަން ރުފިޔާގެ ކޮރަޕްޝަން، މި ސަރުކާރަށް ނިސްބަތްވާ ބައެއް ވެރީން ހިންގާފައިވާ ކަމަށް ޚުދު އެމް.ޑީ.ޕީގެ މަޖުލިސް މެބަރެއް ކަމުގައިވާ ވިލިފުށި ދާއިރާގެ މެމްބަރ ހަސަން އަފީފް ވިދާޅުވުމުންވެސް ވީކަމެއް ނެތެވެ.

ކެބިނެޓުގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށް ދަނީ -ފޮޓޯ: ރައީސް އޮފީސް

 

ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައިދޭ އެތައް ބިލިއަން ރުފިޔާގެ ބޮޑުބައި ލިބެނީ، މި ސަރުކާރުގެ "ބުރޯ"ގެ ގޮތުގައި އަޑުއަރާފައިވާ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އާއިލާގެ އެކި ފަރާތްތަކަށް، ނޫނީ ފައްޔާޒުގެ ރައްޓެހި އެކި ފަރާތްތަކަށް ކަމުގައި ވާހަކަ ދެކެވެއެވެ. ސަރުކާރުން ހިންގާ ހުރިހާ ބޮޑެތި މަޝްރޫއުތަކުން ފައްޔާޒަށް ބައިއެޅޭ ކަމަށް ވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުގެ މާ ކުރީއްސުރެން ރައީސް ސޯލިހުގެ ލޯޔަރެއްގެ ގޮތުގައި ހަރާކާތްތެރިވަމުން ވަޑައިގެންނެވި ފައްޔާޒާ މެދު އެއްވެސް ފިޔަވަޅެއް، ކީއްކުރަން ތަހުޤީގެއްވެސް ނުހިންގެއެވެ. ކޮވިޑްގެ ސްޓިމިއުލަސް ޕެކޭޖާއި ވަޒީފާ ނެތް މީހުންނަށް ދިން އެލަވަންސް ވެސް ފައްޔާޒަށް ފެނިވަޑައިގަންނަވާ ބަޔަކަށް، އަދި ފައްޔާޒު ހިތްޕުޅަށް އެރި ވަރަކަށް ބެއްސެވި ގޮތުން ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ބޮޑެތި ކޮރަޕްޝަން ހިންގި ކަމަށް މި ސަރުކާރުން ތުހުމަތު ކުރެއެވެ. މި ސަރުކާރަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް ވަކި ކުޑައެއް ނޫނެވެ. މޯލްްޑިވިއަން ފަދަ ކުންފުނިތައް ބަނގުރޫޓް ވަނީއެވެ. ޕްރޮޖެކްޓްތައް އަޑިއަޑިން އިންޑިއާ އަށް ދެވެނީ އެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ކުރެވޭ ތުހުމަތުތައް ނުހަނު ގިނައެވެ. ރަސްމީ ދަތުރުފުޅެއްގައި ޝާހިދު މޮރޮކޯއަށް ވަޑައިގަތުމުން އެ ގައުމުން ހަދިޔާކުރި ވަރަށް އަގު ބޮޑު ކާޕެޓެއް ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އޭގެ ފަހުން ފެނުނީ، ފޮރިން މިނިސްޓްރީގެ ގުދަނުގައި އެ ކާޕެޓް އޮތް ކަމަށް ބުނެ ދައުރުވި ފޮޓޯތަކެކެވެ. މައްސަލަ އޮބުނީ އެވެ. ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ޓިކެޓަށާއި ހޮޓަލަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ވަނީ މިލިއަނުން ހަރަދުކޮށްފަ އެވެ. އެއީ އދ.ގެ ސަލާމަތީ މަޖުލީހުގެ ކުރިއަށް އޮތް ދައުރުގެ ރައީސް ކަމަށް ވަޑައިގަތުމަށް ޝާހިދު ކެމްޕޭނު ކުރެއްވުމުގެ ދަތުރުފުޅުތަކެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑުފެތުރި އެވެ. އަދި 2023 ގައި ވެރިކަމަށް ފައިނަންގަވަން ވެގެން ޝާހިދު އަމިއްލަފުޅަށް ޕްރޮމޯޓް ވަނީ ކަމަށް ވެސް ވާހަކަ ދެކެވެއެވެ.

 

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރަށް އިންޑިއާ ކޮޅަށް ބުރަވެވަޑައިގެން ހުންނެވި މިނިސްޓަރެއްކަން ފާޅުގައި އޮތީ ފެންނާށެވެ. އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށާއި އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. އަދި ދިވެހި ދައުލަތަކީ ހެލިކޮޕްޓަރެއް ގަނެގެން ގެންގުޅެވޭ ވަރުވެސް ނެތް، ބަލިކަށި ދައުލަތެއް ކަމުގައި މާރިޔާ ވަނީ ސިފަކުރައްވައިފައެވެ. އަދި ކޮވިޑް ލޮކްޑައުން ތެރޭގައި އެސްޓީއޯ އިން ލާރި ދީފައި ގަން ބޭހާއި ކާޑު، އިންޑިއާގެ މިލިޓަރީ ޖެޓެއްގައި ރާއްޖެ ގެނެސްދިނުމުން އެއީ އިންޑިއާއިން ހިލޭދިން އެހީއެއް ކަމަށް ދޭހަވާ ގޮތަށް މާރިޔާއާއި ޝާހިދު ވަނީ ސިފަކުރައްވާފައެވެ. މާރިޔާ އާއި ޝާހިދުގެ ކަމަކީ ކިތައްމެ ހަނި ފުރުސަތެއް ލިބުނަސް އިންޑިއާ އަށާއި މޯދީއަށް ސަނާ ވިދާޅުވުމެވެ.

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމީޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާއިރު އަރިހުގައި މާރިޔާ އާއި އިމްރާން -ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް ހޯމް އެފެއާރޒް ޝެއިހް އިމްރާން އަބްދުﷲގެ ހިނިތުންވުން ކިތައްމެހާވެސް ސާދާއެވެ! ޝެއިހެއްގެ ތާކިހާ އަޅުއްވައިގެން ހުންނަވާ، ސަރުކާރުތެރޭގައި ހިނގާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި، ފަސާދަ އާއި ލާދީނީ ކަންކަމަށް ބީރުކަންފަތެއް ދެއްވައިގެން ހުންނެވުމުގެ ސަބަބުން ގިނަ ބައެއްގެ އިތުބާރު ވަނީ ޝެއިހް އިމްރާނަށް ގެއްލިފައެވެ. ވަރަށް ފަހުން ނުކުމެގެން އުޅޭ ކަނބަލެއްގެ އޯޑިއޯއެއްގައި، ޝެއިޚް އިމްރާނާ ބެހޭ ގޮތުން ދައްކައިފައި ހުރި ވާހަކަތައް އަޑުއިވުމުންވެސް ލަދުތުވެތިވެ، އަންތަރީސްވި އެެވެ. އަދި ސިހުރު ފަންޑިތައިގެ މައިތިރިއަށް ޝެއިހް އިމްރާން ރުގްޔާ ކުރައްވާ ވީޑިއޯ އާއި ސިހުރު ނައްތާލަން މާފަންނު ސަހަރާ ކޮނުނު ވާހަކަވެސް މިއީ އިހަށް ދުވަހުގެ ވާހަކަތެކެކެވެ.

އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުންނާ ގުޅުވައިގެން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އެތައް ވާހަކައެއް މީޑިއާގައި ދެކެވެއެވެ. މަސްލަހަތު ފުށުއަރާ ފަދަ ވާހަކަތަކެވެ. މިކަމުގެ ސަބަބުން ދިވެހި ދައުލަތުގެ ބަންޑާރަ ނައިބަކަށް ކުރަންޖެހޭ އިތުބާރު އެމަނިކުފާނަށް ކުރެވޭނެތޯ އެއީ އުފެދޭ ސުވާލެކެވެ. ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އިންޑިއާގެ ކުންފުނިތަކަކާ ގުޅިގެން ބޮޑެތި މަޝްރޫއުތަކެއް އެ ފަރާތްތަކަށް ލިބޭ ގޮތަށް އަޑިއަޑިން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންތަކުގެ ވާހަކަ ވެސް އަޑު އިވެއެވެ. އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީގެ ވަޒީފާއަކީ، ޝެއިހް އިމްރާން ފަދައިން، އެކަކަށް ވުރެ ގިނައިން އަނެކަކަށް ހިނިތުންވެވޭތޯ ބެލުން ކަމުގައި ފާހަގަ ކުރެވެއެވެ.

ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެގެން ފަރުމާކޮށްފައި އޮތް ރާއްޖޭގެ އިގްތިސޯދުގެ ފައުންޑޭޝަން މަސްވެރިކަމާއި ދަނޑުވެރިކަން އަދި އެހެނިހެން ސިނާއަތްތައް ހިމެނޭ ގޮތަށް ފުޅާކުރަން ޖެހޭކަން މި އެނގުނީ ކޮވިޑް19 އައުމުންނެވެ. ދަނޑުވެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ސިނާއަތަށް ހާއްސަ ވުޒާރާއެއް ހެދުން ވަރަށް މުހިއްމު ކަމަށް ފެނެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތްވެސް ހަރަކާތްތެރިވުމުގެ ބަދަލުގައި ފެންނަނީ، ޒަހާ ވަހީދުވެ ވަޒީރުކަމުގެ ދަށުން، ވަރަށް ބަރުހެލިކޮށް ކުރިއަށްދާ ތަނެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމްގައި ހުންނެވީ އަދާލަތު ޕާޓީން ނަގައި ދެއްކި ބޭފުޅެކެވެ. މިނިސްޓަރ އަހްމަދު ޒާހިރުގެ ނަމުގެ ކުރިއަށް "ޑޮކްޓަރ" އޮތަސް، އެމް.ޑީ.އެން މައްސަލައާއި އުތެމައިގެ ޑްރާމާ ކުޅެވިގެން ދިޔައިރު އިސްލާމިކް މިނިސްޓަރ ފެނުނީ މެނިކުއިންއެއް ފަދައިން ގާވެފައި ހުރިތަނެވެ. ހައްޤު ބަސް ވިދާޅުވާން ޖެހުނު ދަނޑިވަޅު، ނުކެރިފައި ހުންނެވި ތަނެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓަކީ ހަމައެކަނި ފުޓްސެލް ދަނޑު އަޅާފައި އެތަންތަނުގެ ފޮޓޯ ޓްވީޓްކޮށްފައި، މިނިސްޓަރުގެ ދެކަނބަލުން ޓޮއިލެޓް ޕޭޕަރ އިން ފުޓްބޯޅަ ކުޅޭ ވުޒާރާއެއް ފަދަ އެވެ. މިނިސްޓަރ އަހްމަދު މަހުލޫފް އަބަދުވެސް ފެންނަނީ ސަމާލުކަން ހޯދަން އިންޑިއާގެ ފިލްމުތަކުގެ ނުބައިބައި ކުޅޭ މީހުންނާއި ކޮމެޑީ ބައި ކުޅޭ ތަރިންނާއި އެ ނޫން ވެސް އެކިއެކި މީހުންނާ ބައްދަލުކޮށް، ފޮޓޯ ޓްވީޓްކޮށް، އަގުބޮޑު ގަމީސް ތުރުކުރައްވައި، އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ޖަދަލުކޮށްވެސް ބަލި ޤަބޫލުކުރަން ޖެހުނު ފަރާތެއްގެ ގޮތުގައެވެ. މަހުލޫފު ފެންނަނީ، ރާއްޖޭގައި ހުރި ހުރިހާ ކުލަބު/ޖަމްއިއްޔާތައްވެސް އޭނާގެ ވުޒާރާގެ ކަބަޑަކަށް ލައިގެން ބަރުހެލިވެފަ ހުރިތަނެވެ.

ކެބިނެޓުގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ކުރިއަށް ދަނީ -ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ވާހަކަ ދެން ދައްކާނެވެސް ކަމެއް ނެތެވެ. އަތުކުރީގެ އަގުބޮޑު ގަޑިއެވެ. މިނިސްޓަރުގެ އޮފީސް، ސިންޑްރެއްލާ ވާހަކައިގެ ރަސްގެފާނުގެ ގަނޑުވަރުގެ ސްޓައިލަށް، ފްރެންޗް ރެނެސޯންސް ޑިޒައިނަށް ހެއްދެވުމުގައި އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ފައިސާއިން ހަރަދު ކުރައްވައިފިއެވެ. ކޮވިޑް19 ޖެހިގެން ރާއްޖޭގައި މިހާތަނަށް 19 މީީހުން މަރުވިއިރު އެބަލި ކޮންޓްރޯލް ކުރުމުގެ ނަމުގައި އެއް ބިލިއަން ދިވެހި ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް މިހާތަނަށް ޚަރަދުކޮށް، އަދިވެސް ހަރަދުކުރުން ކުރިއަށް އޮތްއިރު، ބަލި ކޮންޓްރޯލް ވީތަނެއް ނުފެނެ އެވެ. ގެންނަން ޖެހޭ ވެންޓިލޭޓަރު ތަކެއް ނުގެނެވެ އެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް މިބަލި ޖެހުނު އެއްވަނަ ޤައުމަކީ ދިވެހި ރާއްޖެއެވެ. މިނިސްޓަރުގެ ކަމަކީ އެއްފައި މައްޗަށް އަނެއްފައި ލައްވައިގެން އޮބާމާ ހެދިފައި ބޭބޭފުޅުންނާ ބައްދަލުކުރައްވައި، އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް މިނިސްޓަރުގެ ނަލަ ފޮޓޯތައް ލެއްވުމެވެ. ކަމަކު ނުދެއެވެ. އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިކޭޝަންގެ ދަށަށް ވޮކޭޝަނަލް ޓްރެއިނިންގ ގެންގޮސް، އެ މިނިސޓްރީގެ ނަން މިނިސްޓްރީ އޮފް ހަޔަރ އެންޑް ވޮކޭޝަނަލް އެޑިކޭޝަނަށް ބަދަލުކޮށް، އެމަޤާމަށް ތަންކޮޅެއް ލޮނުގަދަ ބޭފުޅަކު ލާން ފެނެއެވެ. މިހާރު އެ މިނިސްޓްރީއާ ހަވާލުވެ ހުންނެވި ޑރ. އިބްރާހިމް ހަސަން އާމެދު ބުނެވޭނީ އަޑެއްބަޑެއް ނީވުމަކީ ވެސް މައްސަލައެކޭ އެވެ. މިނިސްޓަރެއް ނަމަ ކޮންމެވެސް އަޑެއްވެސް އިވެން ޖެހެއެވެ. ދާދި ފަހުން އައްޔަން ކުރެވުނު ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އާއީ އަލަށް އައްޔަން ކުރެވުނު ޓޫރިޒަމް މިނިސްޓަ އަބްދުﷲ މައުސޫމް ވެސް މަސައްކަތް ކުރައްވަން ޖެހެނީ މި އުސޫލުގެ ދަށުންނެވެ. އަޑު އިވެންޖެހޭނެއެވެ. އިނގިރޭސި ބަހުން ބުނަނީ ނަމަ ޕްރޯއެކްޓިވް ވާންޖެހެއެވެ. އާ ކަންކަން ކުރަން ޖެހެއެވެ. އާ ވާހަކަ ދައްކަން ޖެހެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަކީ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ކަމުގައި ވުމުގެ އިތުރުން ކެބިނެޓް މަޤާމެއް ދޭންޖެހޭ އެހެން އެއްވެސް ސަބަބެއް ނެތް ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތި ހުރިހައި ރައްޔިތުންނާ ގުޅޭ އެންމެ ބޮޑު ސެކްޓަރު ހިންގަވަން ހުންނެވުމަކީ އެކަމުގެ ތަފާތު މައްސަލަތައް ނުކުމެގެންދިޔަ ކަމެކެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އެތައް މުވައްޒަފުންނެއް ވަނީ ކަނޑާލަައިފަ އެވެ. ރާއްޖޭގެ ކަނޑާއި ވަޔާއި އެއްގަމުގ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓަވާ ވަޒީރެއްގެ ގޮތުގައި ނަހުލާ ހުންނެވިއިރު، ފިރިކަލުން ގާސިމް އިބްރާޙިމްގެ ފްލައިމީ އާއި މާމިގިލީ އެއާޕޯޓުގެ ކަންކަމުގައި "ކޮންފްލިކްޓް އޮފް އިންޓަރެސްޓް" ހިމެނޭ އެތައް ކަމެއް ދަނީ ހިނގަމުންނެވެ. ކޮވިޑްގެ ސަބަބުން މާލެ ލޮކްޑައުންގައި އޮތްއިރު، ޓެކްސީއާއި އެހެނިހެން ދަތުރުފަތުރު ކުރުމަށް ހުރަސްތައް ކުރިމަތިވިކަމުގެ ޝަކުވާތަކުގެ އަޑުތައް ގަދަވި އެވެ. މިނިސްޓަރު ނުފެނިގެން ކޮބައިތޯ ބެލިއިރު، އެކަމާ ހުންނެވީ އާއިލާއާއެކު ރިސޯޓަށް ވަޑައިގެންނެވެ.

ކޯލޝަންގެ ކޭކު ފަޅައިފައި އެކި ޕާޓީތަކަށް ކެބިނެޓްގެ އެކި މަޤާމް ދިނަސް ޕާޓީތަކުން ދައްކާ ކޮންމެ މީހަކަށް މިނިސްޓަރުކަން ދީގެން ނުވާނެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަކީ އުމުރުންނާއި ތަޖުރިބާގެ ގޮތުން ހަގު ބޭފުޅެކެވެ. މަތިން އަންނަ އޯޑަރަށް ކަންކުރުން ފިޔަވައި އަމިއްލަ އިސްނެގުމަށް ޤައުމުގެ އިގްތިސޯދާއި މާލިއްޔަތު ކޮޅަށް ޖެހޭފަދަ ޤާބިލް ފަރާތެއް ކަމަކަށް ނުފެނެއެވެ. ފައިސާ ހުސްވީމަ ފަސް ބިލިއަން ރުފިޔާ ޗާޕްކޮށްގެން އިގްތިސޯދުގެ ތެރެއަށް ނެރުމުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގު ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި، އިގްތިސޯދު ފުނޑޭނެއެވެ. ހެސްކިޔާފަ އިންޑިއާއިން ލޯނުނަގައިގެން އިންޑިއާގެ ދަރަނީގެ ދަންތުރާގައި ރާއްޖެ ޖެހި ނިމެނީއެވެ. އާރިފް ހިލްމީ އާއި މުހައްމަދު ޖަލީލު ފަދަ ކުރީގެ ފިނޭންސް މިނިސްޓަރުން ތިއްބަވަނިކޮށް މިފަދަ ތަޖުރިބާއެއް ނެތް، އެމް.ޑީ.ޕީގެ އެކްޓިވިސްޓަކަށް ފިނޭންސް މިނިސްޓަރުކަން ދިނުމުން ވާނެ ގޮތް ދިވެހި އިގްތިސޯދަށްވެ މި ނިމެނީއެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމަކީ އެމް.ޑީ.ޕީގެ ރިއާސީ ވައުދު ލިސްޓުން އެއް ވައުދެވެ. ކޮމިއުނިކޭޝަންސް މިނިސްޓަރުގެ ވެސް ވައުދެކެވެ. އެކަން ނުވެ ދައުރުގެ ދެވަނަ އަހަރު ނިމޭއިރު މިނިސްޓަރު މަލީހު ޖަމާލަށް ކުރެއްވުނު ހަމައެކަނި ދެކަމަކީ މިނިސްޓަރުގެ އޮފީސްކޮޅު އެމެރިކާގެ ރައީސްގެ އޯވަލް އޮފީސްގެ ބައްޓަމަށް ޑިޒައިންކޮށްލުމާއި، މަލީހުގެ އަމިއްލަ ގެކޮޅުގެ ބެލްކަނީގައި ދަނޑުވެރިކަން ކުރެއްވުމެވެ. އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. ހަމައެކަނި ލޮނު މަޑީކީ ނޫނެވެ. ލޮނުގެ އެއްވެސް އަލާމާތެއްހާ މިންވަރު ވެސް ނެތީއެވެ.

މިނިސްޓަރ އޮފް އާރްޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނަށް ދެއަހަރު ތެރޭ ކުރެއްވުނުހާ ވެސް ކަމަކީ ބޮޑުބޭބެ ރައީސް ޔާމީނު ރޫޅާލެއްވި ކަޅުވަކަރު މިސްކިތް އަލުން ރާވާލެއްވުމެވެ. މަރާމާތަށް މާލޭ ހުކުރު މިސްކިތް ބަންދުކޮށްފައި ހުންނަތާ ވެސް ވީ ދުވަހެއް ނޭނގެ އެވެ. ރައީސް މައުމޫނުގެ ދަރިކަނބަލަކަށް ވިއަސް އަދި މިނިސްޓަރު ކަމަށް ކުފޫ ހަމަނުވާކަމުގެ މިސާލަކަށް ޔުމްނާ އާއި ދުންޔާ ފުދެއެވެ. އެއަށް ކިޔަނީ ޓްރޮފީ މިނިސްޓަރުންނެވެ.

އެންވަޔަރަންމެންޓް މިނިސްޓަރު ހުސެން ރަޝީދަކީ ވެސް ނަމުގެ ކުރިއަށް "ޑޮކްޓަރ" އޮތް، ނަމަވެސް، ނެގިމަޑުވެފައި ހުންނެވި މިނިސްޓަރެކެވެ. ޒަހާ ވަހީދާއި އިސްލާމިކް މިނިސްޓަރ ޒާހިރު ފަދައިން އަޑެއްބަޑެއް ނީވި، ގޮނޑި ހޫނުކުރައްވާ ބޭފުޅެކެވެ. ރުކާއި ގަހާ ކަނޑާވަރުން ކަނޑައި، ފަޅުތަކުން ވެލި ނަގައި ފަޅުތައް އެގޮތްމިގޮތަށް ހިއްކުން ހަމަ މެކުހަށް ޖަހާފައެވެ. މިނިސްޓަރުގެ ކަމަކީ ހެޑްލައިން ހަދަން ޖަލްސާތަކަށް ގޮސް މޮޅެތި ވާހަކަ ދެއްކެވުމެވެ.

މަތީގައިވާ ޕޮއިންޓްތަކަށް ވިސްނާލުމުން ދޭހަވަނީ މުޅި ކެބިނެޓް ކަހަލަ ގޮތަކަށް ކަމުނުދާ ކަމެވެ. ބަދަލުކުރަން ޖެހޭ ކަމެވެ. އެއްބައި މިނިސްޓަރުންގެ އަޑެއް ބަޑެއް ނީވި، ނެގިމަޑުވެފައެވެ. އަޑެއް ބަޑެއް އިވޭ މިނިސްޓަރެއް ނަމަ އަޑު އިވެނީ އެމް.ވީ ލީކްސް އިން ކޮންމެވެސް ކޮރަޕްޝަނެއްގެ އަޑެވެ. ކަމަކު ނުދެއެވެ. އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ. ދެން ހުރީ ރައީސުލް ޖުމްހޫރިއްޔާ އެވެ. ކަމުދޭތޯއެވެ؟ އަބަދު ސެލްފީ ނެންގެވުމަކީ ވެރިކަމަށް ޤާބިލްވުން ކަމުގައި ވާނަމަ ރާއްޖެދުށް އެންމެ ޤާބިލް ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި އެސެސްމެންޓް ބަދަލުކުރުމުގެ ފުރުސަރު އަދި ތިން އަހަރު ދުވަހަށް ރައީސް ސޯލިހަށް އެބައޮތެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިފޭނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. ރައީސް ނަޝީދުގެ ހިޔަނިން ސަލާމަތްވެ، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަވައި، އެމްޑީޕީގެ ކޮންޓްރޯލް ރައީސް ސޯލުގެ އަތްޕުޅަށް ނަންގަވައި، މުޅި ޤައުމުގެ އިގްތިސޯދުގެ މިސްރާބު ބަދަލުކޮށްގެނެވެ. މާލޭ ސަރަހައްދުގެ ބްރިޖް މަޝްރޫއު މަޑު ޖައްސާލައި، އިންޑިއާ ނުރުހުނަސް، އައިހެވަން ޕްރޮޖެކްޓް ފަށައިގަނެގެންނެވެ. ޤައުމުގެ ޚާރިޖީ ސިޔާސަތު އިންޑިއާއަށް ބުރަވެފައި އޮތް އޮތުން ބަދަލުކޮށް، ހުރިހާ ކޮޅަކަށް ބެލެންސް ކޮށްގެންނެވެ. ރައީސް ސޯލިހުގެ ލެގަސީ ޑިފައިން ކުރެވޭނީ މިބަދަލުތައް ގެނެވޭ ގޮތަކުންނެވެ. ޤައުމާއި ރައްޔިތުން ގޮވަނީ އެފަދަ ވަރުގަދަ ބަދަލަކަށެވެ. މިއީ އެފަދަ ބަދަލަކަށް އެންމެ އެކަށީގެންވާ ވަގުތެވެ. އަވަސް ކުރައްވާށެވެ. ވަރަށް ހެޔޮ ދުއާ ސަލާމް.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
15232

4 Responses

  1. Varah molhu ekulavaalume mi Qaumu mifenvaruga baavaygen balanthibaa fennaanee dheengehli. minivan kamaa corruption aa dharanieega bedhi dhen athunujehey hissaba Goss ovaa

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *