Support Us

ކޮލަމް ގަލަން: އާސަންދަ ހުސްނުވާ ގޮތަށް ދަމަހައްޓާނެ މެނިފެސްޓޯއެއް

ރާއްޖެއިން ބޭރަށާއި އެތެރޭގެ ޕްރައިވެޓް ސެކްޓަރަށް ހިފެހެއްޓުމެއްނެތި އާސަންދަ ދޫކޮށްގެން ތިބުމުގެ ހިތި ނަތީޖާ އަކީ އާސަންދަ ބަނގުރޫޓުވުމާ ގާތްވުމެވެ. އާސަންދަ ބޮއްސުންލައިގެން ދިއުމުން ތުހުމަތު އެޅުވީ ރައްޔިތުންގެ ބޮލުގައެވެ. އަދި އެކަމުގެ އަގު ދައްކަންޖެހުނީ ވެސް ރައްޔިތުންނަށެވެ. ސަރުކާރަށް އާސަންދަ ކުރިޔަށް ނުގެންދެވޭނެހެން ހީވުމުން ސަރުކާރުން ބޭނުންވަނީ ރައްޔިތުން ގިންތިތަކައް ބަހައިލައިގެން އެއްބަޔަކު އެ ޚިދުމަތުން މަހުރޫމުކޮށްލުމަށެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. ރާއްޖޭގެ ސިޔާސީ ނައުގައި ތިބި ގިނަ މީހުންގެ އަމަލުތައް ހުންނަ ގޮތަކީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް މަތިމައްޗަށް ލޯނު ނަގަމުން، ޑިއުޓީ ބޮޑުކުރަމުން، ފައިސާ އިތުރަށް ޗާޕުކުރަމުން ގެންދިއުމެވެ. އެގޮތުން މި ގައުމު މިއޮތީ އިފުލާސް ކުރުމުގެ ފަހު ސްޓޭޖުގައި ކަމަށް ވެސް ބުނެވިދާނެއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ބާރުތަކުން އަރައި ގަދަވެގަންނަނީ އަމިއްލައަށް ދިފާއުވާން ނޭނގޭ ބަލިކަށި ގައުމުތަކަށް ކަމެވެ. މި ޒަމާނުގެ އިސްތިއުމާރާއި ފިކުރީ ހަނގުރާމައިން ގައުމާއި ރައްޔިތުން ވިސްނުންތެރިކަމާއެކު ސާލާމަތް ކުރަން ޖެހޭނީ ރައްޔިތުން ހޮވާފައި އޮންނަ ސަރުކާރަކުންނެވެ. ބަޔަކަށް ކިތަންމެ ވަރަކަށް ހަޖަމު ނުކުރެވުނަސް މި ދަންނަވަނީ ހަގީގަތެވެ. ލިބޭ އާމުދަނީއަކުން ދެކޮޅުޖައްސައި ރޭވުންތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުން ބޭނުންވާ އަސާސީ ބޭސްފަރުވާއާއި ބޯހިޔާވަހިކަމާއި ތައުލީމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ރައްޔިތުންގެ ހައްޤުގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކެކެވެ.

އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަށް ލިބޭ އާމުދަނީއަށް ބަލާއިރު ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ބޭސްފަރުވާ އާސަންދައިން ދެވިދާނެ ކަމަށް ގިނަ ދިވެހިންނަށް ޤަބޫލުކުރެވެއެވެ. އާސަންދަ ބަނގުރޫޓުވަނީ ދިވެހިންނަށް ބޭސްކުރާތީއެއްނޫނެވެ. އާސަންދަ ބަނގުރޫޓުވަނީ ބޭރުގެ ކާހިނުންނާއި އަދުއްވުންގެ މަޅީގައި ޖެހިގަތުމުންނެވެ.

ހިތާމައިގެ ކޮޅެއްނެތެވެ. މިހާރު އާސަންދަ ބައްޓަންކޮށްފައިވަނީ ރާއްޖެތެރޭގެ ނިކަމެތީން މާލެ ނައިސް ބޭސްފަރުވާ ނުކުރެވޭ ގޮތަށެވެ. ވަރަށް ދަތި ހާލުގައި އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އެ މަރުހަލާ ބައެއް މީހުން ކަޑައްތުކޮށްލައެވެ. ދެން އެއަށް ފަހު ކޮންމެވެސް އަވަށްޓެރި ގައުމަކަށް ވެސް ބައި އެޅޭގޮތަކަށެވެ. އަވަށްޓެރި ގައުމުތަކަށް އާސަންދަ ލިބޭ މީހުންގެ ނިމުމަކީ ނުކެވިގެން ނުބޮވިގެން ހޮޓަލު ކުލި ނުދެއްކިގެން ސަލާން ޖަހަން ޖެހުމެވެ. އާސަންދައިގެ ފައިސާ ލައްކައިން ގޮސް ވަންނަނީ ބޭރު މީހުންގެ ޖީބަށެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ދިވެހި ޒުވާނުންގެ މުސްތަގުބަލުގެ ބަނަކަމާއެވެ! ގައުމުގެ އިގުތިސާދަށް ހުރި ނާމާންކަމެއްގެ ބޮޑުކަމާއެވެ!

މައްސަލައަކާ މެދު ވާހަކައެއް ދައްކައިފި ނަމަ، އެ ކަމުގެ ހައްލު ބަޔާންކޮށްދިނުމަކީ ފާޑުކިޔުމުގެ އެންމެ އަދަބުވެރިގޮތެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމާއި އާސަންދައިގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ލިބިދެނިވި ގޮތެއްގައި ފަރުމާކުރުމަށް ރިޢާޔަތް ކޮށްލަންޖެހޭ ބައެއް މުހިންމު ނުކުތާތައް ފާހަގަކޮށްލާނަމެވެ.

އެކެއް: ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ނިޒާމު ތިން މަރުހަލާއަކަށް ބައިކުރުމެވެ. އެއީ ޕްރައިމެރީ ކުލިނިކު (އަވަށު ކުލިނިކު) އާއި ސެކަންޑަރީ ހޮސްޕިޓަލް (އަތޮޅު ހޮސްޕިޓަލް) އާއި ޓާޝިއަރީ (ސަރަހައްދީ ހޮސްޕިޓަލް) އެވެ. އަދި އަވަށު ކުލިނިކުން ރެފަރަލް ލިބިގެން ނޫނީ ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ ސަރަހައްދީ ހޮސްޕިޓަލަށް އާސަންދަ ނުލިބޭ ގޮތަށް ހަމަޖެއްސުމެވެ.

ރާއްޖެ ތިން ސަރަހައްދަކަށް ބަހައި އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގައި ސަރުކާރުގެ ޓާޝިއަރީ ހޮސްޕިޓަލްތައް ހުރުމެވެ. މިއީ ސަރުކާރުން ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ކުރާ ކަމަކަށް ވާތީވެ މިފަދަ ހޮސްޕިޓަލްތަކުގެ ލޮކޭޝަން އިންސާފުން ކަނޑައެޅުން މުހިންމެވެ. މިސާލަކަށް ކޮންމެ ސަރަހައްދެއް ވެސް ހަމަޔަށް ބަހައި މެދަށް ވަނީ ކޮން ރަށެއްތޯ ބަލައި އެ ތަނެއްގައި އެ ހޮސްޕިޓަލެއް އެޅުމެވެ. އެ ގޮތުން ދިމާވާ ރަށަކީ މިވަގުތު މީސްކޮޅު މަދު، ހިދުމަތްތައް ނިކަމެތި ރަށަކަށް ވިޔަސް މިފަދަ މަޝްރޫއެއްގެ ސަބަބުން އެ ސަރަހައްދެއް ތަރައްގީވުން ވެސް އެކަށީގެންވެއެވެ.

ދޭއް: ދިވެހިރާއްޖޭގައި ޕްރައިމެރީ ހެލްތުކެއާ އާއި ފެމިލީ މެޑިސިންގެ ނިޒާމު އުފައްދައި ބަލިން ރައްކާތެރިވެ، ބަލިތައް މެނޭޖުކޮށް، ސިއްހީ ޚިދުމަތް އިސްރާފު ކުޑަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކަށަވަރު ކުރުމެވެ. އެގޮތުން އަވަށު ކުލިނިކުތައް އުފެއްދުމެވެ. އާސަންދައިގެ ދަށުން ބަލިމީހާ އެންމެ ފުރަތަމަ ބޭސްކުރުމަށް ދާންޖެހޭނެ ތަނަކީ އަވަށު ކުލިނިކު ކަމުގައި ހަމަޖެއްސުމެވެ. ސަރުކާރުގެ އަވަށު ކުލިނިކެއް ހުރެއްޖެ ނަމަ އެ އަވަށުގައި ހުންނަ ޕްރައިވެޓު ކުލިނިކަކަށް އާސަންދާ ދިނުމުގެ ބޭނުމަކީ ފަހެ ކޮބާހެއްޔެވެ؟

އަޅުގަނޑު ދެކޭގޮތުގައި އަވަށު ކުލިނިކަކީ ވަރަށް އެކްޓިވްވާންޖެހޭނެ ތަނެކެވެ. މިސާލަކަށް ހަކުރުބަލީގެ މީހަކު ދައްކަން އޮންނަ މުއްދަތުގައި ހާޒިރުނުވެއްޖެ ނަމަ އެ މީހަކާ ގުޅައި އަދި ނާދެވޭނެ ފަދަ އުޒުރެއް ބުނެފި ނަމަ އެ މީހެއްގެ ގެއަށް ގޮސްގެން ވިޔަސް ހަކުރު ޗެކުކޮށް ދޭންޖެހޭ ފަރުވާ ފޯރުކޮށްދީ ހެދުމަކީ އަވަށު ކުލިނިކުގެ މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު އަދާކުރުމުން އޭގެ ބޮޑު ފައިދާއެއް ބަލިމީހާގެ އިތުރުން އާސަންދައަށް ވެސް ލިބޭނެއެވެ. އެހެނީ މިސާލަކަށް ހަކުރުބަލި މޭނޭޖުނުކޮށް ހުއްޓައި ހަކުރު މަތިވެއްޖެ ނަމަ ދެން ޖެހޭނީ މަތީ މަރުހަލާގެ ހޮސްޕިޓަލަކަށް ގެންގޮސްގެން އެޑުމިޓުކޮށް/ އައިސީޔޫގައި ބާއްވައިގެން ބޮޑު ފަރުވާއަކަށް ދާށެވެ. އެ ހިނދު ފަހަރެއްގައި ބޮޑު އެއްޗެއް އާސަންދައިން ޚަރަދުކުރަން ޖެހިދާނެއެވެ. ހަކުރުގެ މީހަކު އެޑުމިޓުކޮށްގެން ހަކުރު ދަށްކޮށް ނިމޭއިރު ބައެއް ފަހަރު އެތަކެއް ހާސް ރުފިޔާ އަރައިދެއެވެ. އެހެންކަމުން ފެމިލީ މެޑިސިން ތައާރަފުކޮށްގެން އަވަށު ކުލިނުކުގެ ޚިދުމަތް ދޭން ފަށައިފި ނަމަ އާސަންދަ ހުސްނުވެ އޮތުމަށް މަގުފަހިވާނެއެވެ.

ހަކުރުބަލީގެ މިސާލެއް ދިން ކަމުގައިވިޔަސް ލޭގެ ބައްޔާއި ކޮލެސްޓްރޯލް މޮނީޓަކޮށް އަވަށުގެ މީހުން ދުޅަހެޔޮކުރުމަކީ ވެސް އަވަށު ކުލިނިކުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން މިކަމުގެ މޭސްތެރިންނަކީ ވަރުގަދައަށް ތަމުރީނު ލިބިފައިވާ ދިވެހި ފެމިލީ މެޑިސިން ޑޮކްޓަރުން ކަމުގައި ވާންޖެހެއެވެ. މަދުން ނަމަވެސް އެ ވާހަކަ ދައްކާތާ އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް އެކަމައް އެކަށީގެންވާ ބަދަލެއް ފެނިފައެއްނެތެވެ. އެއީ އަވަށްޓެރި ބައެއް ގައުމުތަކުގެ ނުފޫޒުން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ސަރުކާރުގައި އެކަމުގެ ތަޖުރިބާއާއި ގާބިލުކަން ނެތީކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ފެންނަނީ ބައެއް ޕްރައިވެޓު ކުލިނިކުތަކުން ހުސްނުވާ އާސަންދަ ހުސްކުރާ މަންޒަރުތަކެވެ. ސަރުކާރުގެ ހޮސްޕިޓަލުން ޚިދުމަތެއް ލިބިލިބި ހުއްޓާ ކައިރީގައި ހުރި ޕްރައިވެޓު ކުލިނިކަށް އެ ޚިދުމަތަށް އާސަންދަ ދިނުމުން ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ޝައްކު އުފެދެއެވެ. ނުވަތަ މަކުނުތަކެއް ކޭކެއް އަތުޖެހުމުން ކާލާ ގޮތަށް ގައުމު ކައިލަނީތޯއެވެ؟

ތިނެއް: މިހާރު ރާއްޖޭގައި ބޭސްފަރުފާއަށް ޚަރަދުކުރާ މޮޑެލް (ނެޝަނަލް ހެލްތު އިންޝުއަރެންސް) ބެވަރިޖު މޮޑަލަށް ބަދަލުކުރުމެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑެލަކީ ސަރުކާރާއި ޕްރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތް ލިބިދެވޭ މޮޑެލެކެވެ. މިހާރު ރާއްޖޭގައި މި އޮތް އާސަންދަ މޮޑެލަކީ ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑެލެކެވެ. އެއީ ވަރަށް ގިނަ ފަހަރަށް ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ނުފޫޒު ވަދެދާނެ މޮޑެލެކެވެ. އާސަންދަ ބަނގުރޫޓުވީ ވެސް އެހެންވެގެން ކަމަށް ވެދާނެއެވެ. އެއާ ޚިލާފަށް ބެވަރިޖު މޮޑެލަކީ މައިގަނޑު ގޮތެއްގައި ސަރުކާރުގެ ހޮސްޕިޓަލުތަކުން ޚިދުމަތް ލިބިދެވޭ މޮޑެލެކެވެ. ޕުރައިވެޓު ހޮސްޕިޓަލަކުން އެ މޮޑެލުގެ ދަށުން ފަރުވާއެއް ލިބޭނީ ދެވަނަ ގޮތެއް ނެތް ހާލަތެއްގައެވެ.

ގިނަ ޔޫރަޕުގެ ޤައުމުތަކުގައި ގެންގުޅެނީ ބެވަރިޖު މޮޑެލެވެ. ނަމަވެސް އެ ގައުމެއްގެ ވައްޓަފާޅިއަށް ބަދަލުކޮށް ފަރުމާކޮށްގެންނެވެ. ވީމާ ރާއްޖޭގެ އާސަންދަ ވެސް ބެވަރިޖު މޮޑެލަކަށް ހަދައިގެން ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ނުފޫޒުން ސަލާމަތްކުރުން ބުއްދިވެރިއެވެ.

ހަތަރެއް: އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ނަރުހުން ތަމުރީނުކޮށް، އެހެން ގައުމުތަކަށް މުހުތާދުވެފައިވާ މިންވަރު ކުޑަކުރުމެވެ. ރާއްޖޭގެ އާބާދީއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ނިސްބަތް ވަރަށް މަދެވެ. އެހެންކަމުން އެކަމަށް މަގުފަހިކޮށްދިނުން މުހިންމެވެ. އެގޮތުން ބައެއް ޑޮކްޓަރުން ތަމުރީނު ކުރުމަށް ޓަކައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ފޮނުވައި އެ މީހުން ލައްވާ ރާއްޖޭގައި އެ ޤައުމުތަކާ އެއް ފެންވަރަށް މުހިންމު ދާއިރާތަކުގެ ސްޕެޝަލައިޒޭޝަން ތަމްރީނުކުރާން ފެށުމެވެ. ނަމަވެސް މިއީ ވެސް ހިތާމަކުރަންޖެހޭ މައްސަލައެކެވެ. ރައްޔިތުން ހަޅޭއްލަވައިގަތުމުން ޑޮކުޓަރުން ސްޕެޝަލައިޒުވުމަށް ސަރުކާރުން ލޯނު އިއުލާން ކޮށްލައެވެ. ނަތީޖާ އަންނައިރު 99 ޕަސެންޓު ޑޮކުޓަރުން ތިބެނީ ޑިސްކޮލިފައިވެފައެވެ.

ދާދި ފަހުން "މެޑިކަލް ޑޮކުޓަރުން ސްޕެޝަލައިޒޭޝަން ސްކޯލަޝިޕު 2023″ގެ ނަމުން ފުރުސަތެއް ހުޅުވާލިއެވެ. އެނަސްތީސިއޮލެޖީއަށް ހަތް ޑޮކުޓަރުން ހުށަހެޅިއެވެ. ސެލެކްޓްވީ އެންމެ ޑޮކްޓަރެކެވެ. ޖެނެރަލް ސާޖަރީއަށް ހަތް ޑޮކުޓަރުން ހުށަހެޅިއެވެ. ސެލެކްޓްވީ އެންމެ ޑޮކްޓަރެކެވެ. ގައިނަކޮލެޖީއަށް ހަ ޑޮކުޓަރުން ހުށަހެޅިއެވެ. ސެލެކްޓުވީ އެންމެ ޑޮކްޓަރެކެވެ. އިންޓާނަލް މެޑިސިނަށް 22 ޑޮކްޓަރުން ހުށަހެޅިއެވެ. ސެލެކްޓްވީ އެންމެ ޑޮކްޓަރެކެވެ. ޕީޑިއަޓްރެކްސްއަށް ހަ ޑޮކުޓަރުން ހުށަހެޅިއެވެ. ސެލެކްޓުވީ އެންމެ ޑޮކްޓަރެކެވެ. ބައެއް ޑޮކުޓަރުންގެ ރިމާކުސްގައި "ކޮލިފައި ވެއްޖެއޭ އެކަމަކު ނުހޮވުނޭ" ވެސް އޮތެވެ. އަނެއްބައި ޑޮކުޓަރުންގެ ރިމާކްސްގައި "ކޮންމެވެސް ލިޔުމެއް މަދުވާތީ" ކަމަށް ވެސް އޮތެވެ. އަދި ބައެއް ޑޮކުޓަރުންގެ ރިމާކްސްގައި ކޮންމެވރސް ތައްގަނޑެއް ނުޖަހާ އޮތުމުން ކަމަށް ވެސް އޮތެވެ. އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި އޮތް ކަމަށްޓަކައިވެސް ޑިސްކޮލިފައި ކުރުން ހުއްދަކުރެވިފައިވެއެވެ.

ކޮންމެއަކަސް މިފަދަ މަންޒަރުތަކުން ދައްކުވައިދެނީ ގައުމުގެ ސިއްހީ ތަރައްގީގެ މުސްތަގުބަލުގެ ބަނަކަމެވެ. ދިވެހިރާއްޖެއިން އެކި ކަންކަމަށް ނަގާ ލޯނާ އަޅާބަލާއިރު އަދި ލިބޭ އާމުދަނީއަށް ބަލާއިރު އިސްވެ ދެންނެވުނު ޑޮކުޓަރުންނަށް ސްޕެޝަލައިޒު ވުމަށް ލޯނު ނުދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ގަބޫލުކުރެވޭ ގޮތުގައި ބެލެވެނީ މިއީ ހައްތަހާވެސް އަވަށްޓެރި ބައެއް ގައުމުތަކުގެ ނުފޫޒުކަމަށެވެ. އެމް.ބީ.ބީ.އެސް ނަގާފައި ހުންނަ ޑޮކުޓަރަކަށް ސްޕެޝަލައިޒުވުމުގެ ފުރުސަތު ގެއްލުވާލަނީ ތައްގަނޑެއް ނުޖެހިގެން ނުވަތަ އައިޑީ ކާޑުގެ މުއްދަތު ހަމަވެގެން ނުވަތަ ފައިސާ ނެތިގެން ނަމަ މި ގައުމުގައި ހެލްތު މިނިސްޓަރަކު ހުންނަވާބާވައޭ ވެސް ހިތަށް އަރައެވެ!؟ (އިސްވެދިޔަ ޑޮކުޓަރުންގެ މައުލޫމާތު ތިރީގައި އެވާ ލިންކަށް ފިއްތަވާލައްވާށެވެ.)

ލިންކް:

އާދެ! އާސަންދަ ދެމެހެއްޓެނިވި ގޮތުގައި ހުސްނުވެ އޮންނާނެހެން ދިގު މުއްދަތަކައް ރާވައި މަސައްކަތް ކުރުމަކީ ވެރިންގެ ބޮލުގައި އެޅިފައިވާ ބިޔަ މަސްއޫލިއްޔަތެވެ. އެ ހައްގު ލިބިގަތުމަށް ވާހަކަ ދެއްކުމަކީ ދިވެހީންގެ ހައްގެކެވެ.