ޙަސަދަ އުފެދިއްޖެނަމަ ފިތުނަ އުފެދޭނެޔޭ
ފިތުނަ އުފެދިއްޖެނަމަ ޞުލްޙަ ގެއްލޭނެޔޭ
ހަތުރުވެރިކަމުގެ ގިނި ހުޅުފަޅައިދާ ހިނދުން
މިތުރުނަށް ހުތުރު ނަން ދޭން ފަށައިފާނެޔޭ
އައިބު ހޯދައި ކިޔާތީ މި ބޮޑު ޢާއިލާ
މައިބަފައިން ދަރީން ވަކިވެރޫޅެނެޔޭ
ގަދަހަދާފައި ހަޅޭއްލައި މަގަށް ނުކުތުމުން
ތަދުނުވާ ހަމައެކަކު ރަށަކު ނޫޅެނެޔޭ
ޖާހު އުންމަތުގެ އުފުލުމުގެ ފުރުސަތު ލިބޭ
ސާހިބުންނަށް ކުރާ ޤަދަރު ނެތިދާނެޔޭ
އަބުރުވެރިކޮށް އުޅުނު ދިރިއުޅުން ގެއްލުމުން
އަނބިދަރީން ރާއްޖެ ދޫކޮށް ހިނގައިދާނެޔޭ
ލޯބިވާ ޤައުމު އަޅުވެތިވެ ދިޔަ ފަހަރުތައް
ހޯދިވަރަކަށް މިބުނިބަސް ޔަގީން ވާނެޔޭ
ފިތުނަޔާ ޖެއްސުމާ ކޯޅުމާ ކުޓުވުމުން
އިތުރުވީ ނިޢުމަތެއް ތާކު ނޯންނާނެޔޭ