Support Us

ކޮވިޑް19 އަކީ ރަޙުމަތެއްތަ ނޫނީ ހަނދާންކޮށްދިނުމެއްތަ؟

މިއަދު އިންސާނިއްޔަތަށް ބޮޑު ބިރަކަށް ވެގެން މިއުޅެނީ ލޮލަށް ނުފެންނަ ކުޑަކުޑަ މަޚުލޫޤެއްގެ ސަބަބުންނެވެ. އެކަމާ ބިރުނުގަންނަ އިންސާނަކު ނެތޭ ދެންނެވުމީ ދޮގަކަށް ވެދާނެ ކަމަށް ހިއެއްނުކުރެވެއެވެ.

މިއަދު މުޅި ދުނިޔެ މިވަނީ ހުއްޓުވާލައިފައެވެ. އިންސާނުންނަށްވުރެ ބާރުގަދަވެގެން މިއުޅެނީ ކިހާވަރެއްގެ ބާރެއް ލިބިފައިވާ މަޚުލޫޤެއްތޯއެވެ؟ މިފަދަ ބޮޑު ބިރުވެރިކަމެއް އިންސާނުންނަށް ކުރިމަތިވެގެން މިއުޅެނީ ކީވެތޯއެވެ؟ މީ ރަޙުމަތެއްތޯއެވެ؟ ނުވަތަ އިމްތިހާނެއްތޯއެވެ؟ މީކޮން ކަހަލަ ކަމެއްތޯއެވެ؟ ދުނިޔެއަށް މިއުޅެނީ ކިހިނެއްވާންބާވައެވެ؟ މާތް ﷲ އެކަލާނގެ މާތްކުރެއްވި އިންސާނާ ދެކެ ކޯފާވެވޮޑިގަތީތޯއެވެ؟ އެހެންވެދާނެތޯއެވެ؟ މިފަދަ އެތަކެއް ސުވާލު ހިތުގެތެރޭ ދައުރުވާ މީހުންވެސް މަދެއްހެނެއް ހިއެއްނުވެއެވެ. ވިދާޅުވަމުން ކުރިޔަށް ވަޑައިގަންނަވާށެވެ. ބޮޑު މަޚުލޫޤެއް ކުޑަކަކޫ މައްޗަށް ތިރިކޮށްލީ ލޮލަށް ނުވެސް ފެންނަ ވަރުގެ ކުޑަކުޑަ މަޚުލޫޤެކެވެ. މާތް ﷲ އާދަމްގެފާނު އެކަލާންގެ يدقدرةފުޅުން (އަތްޕުޅުން) އުފެއްދެވިއެވެ. އެކަމަށް އިޝާރަތް ކުރައްވާ ސޫރަތުއް ޞާދުގެ 75 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައި ވަނީ މިފަދައިންނެވެ. (قَالَ يَا إِبْلِيسُ مَا مَنَعَكَ أَنْ تَسْجُدَ لِمَا خَلَقْتُ بِيَدَي)

މާނައީ (އެކަލާނގެ وحىކުރެއްވިއެވެ. އޭ إبليسއެވެ! ތިމަންރަސްކަލާނގެ يدقدرةފުޅުން (އެއްވެސް واسطއަކާނުލައި) ހެއްދެވި މީހަކަށް سجدةކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟) އަދި މަލާތްއިކަތް ބޭކަލުންނަށް އެކަލާނގެ އަމުރުފުޅުކުރެއްވީ އާދަމްގެ ފާނަށް ސަޖިދަ ކުރުމަށެވެ. އެކަމަށް އިޝާރަތް ކުރައްވާ ސޫރަތުއް ބަޤަރާގެ 35 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ މިފަދައިންނެވެ. (وَإِذْ قُلْنَا لِلْمَلائِكَةِ اسْجُدُواْ لآدَمَ فَسَجَدُواْ إِلاَّ إِبْلِيسَ أَبَى وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ)

މާނައީ (އަދި آدمގެފާނަށް ތިޔަބައިމީހުން سجدةކުރާށޭ ތިމަންރަސްކަލާނގެ ملائكةންނަށް وحىކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، إبليس ފިޔަވައި، އެ ملائكةން سجدةކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، كبرވެރިވީއެވެ. އަދި كافرންގެ ތެރެއިން އެކަލޭގެވިއެވެ.)

އާދެ މާތް ﷲގެ އަމުރުފުޅަށް ހުރިހާ މަލާއިކަތް ބޭކަލުން އާދަމުގެފާނަށް ސަޖިދަ ކުރެއްވުމުން އެނގިގެންދަނީ އިންސާނާގެ މާތްކަމާއި މަތިވެރިކަމާއި ކަރާމަތްތެރިކަމެވެ.

އަދި މާތް ﷲގެ ރޫޙުފުޅުން އިންސާނާއަށް ފުމެލައްވާ ފުރާނަ އެޅުއްވިކަމަކީވެސް އިންސާނާގެ ދަރަޖަ އުފުލިގެންވާ ކަމެކެވެ. އެކަމަށް އިޝާރަތްކުރައްވާ އަލްޙިޖުރު ސޫރަތުގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރެއްވިއެވެ. ( فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِنْ رُوحِي فَقَعُوا لَهُ سَاجِدِينَ )

މާނައީ (ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: آدمގެފާނު) ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روحފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدةއަށް ތިރިވާހުށިކަމެވެ!)

އާދެ ކުޑަކޮށް މިދަންނަވާލެވުނީ މާތް ﷲ އެކަލާންގެ އަތްޕުޅުން އުފައްދަވާ އެކަލާންގެ ރޫޙުފުޅުން ފުރާނަ އެޅުވި އިންސާނާގެ ވާހަކައެވެ. އެކަލާނގެ އިންސާނުންނަށް އެއްވެސް ހިނދެއްގައި ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ.

އާދެ އިންސާނުން ދުނިޔޭގައި ދިރިއުޅެމުން ދަނީ ފުރިހަމަ އާރާއި ބާރާއި އެމީހުނަށް އެކަލާނގެ ދެއްވި ފުރިހަމަ އިޚުތިޔާރުގައެވެ. އެކަލާނގެ އަހަރެމެން އުޅެންވީ ގޮތާއި ނޫޅެންވީގޮތް ދަސްކޮށްދެއްވިއެވެ. ނަމަވެސް އިންސާނުންނަށް ވީތީވެ ކަންކަން ހަނދާނުން ކައްސާލުމީ އެމީހުންގެ ތަބީއަތުގައިވާ ސިފައެކެވެ. މިހެންވެ ދުނިޔޭގެ ދިރިއުޅުން އުފަލާއި ހިތާމައިގެ ތަނަކަށްވިއެވެ. ދުޅަހެޔޮކަމާއި ބަލިމަޑުކަމުގެ ތަނަކަށްވިއެވެ.

އާދެ ކޮންމެ ބައްޔަކަށް ވެސް ފަރުވާއެއް ލެއްވިއެވެ. އަދި ބަލީގެ ފަރުވާ ހޯދުމުގެ ގާބިލުކަން އިންސާނާއަށް ދެއްވިއެވެ.

އާދެ ދިރިއުޅުން އިމްތިހާނުގެ ގޮވައްޗަކަށް ވިއެވެ. ނޭވާލާ ކޮންމެ ހިނދުކޮޅަކީވެސް އިމްތިހާނެކެވެ. އިމްތިހާނުގައި ކާމިޔާބާއި ނާކާމިޔާބާ ލެއްވިއެވެ. އިމްތިހާނާ ކުރިމަތިލާންޖެހޭނެ ކަމަށް އިޝާރަތްކޮށް ބަޤަރާ ސޫރަތުގެ 156 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރެއްވިއެވެ. (وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الأَمْوَالِ وَالأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ )

މާނައީ (ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!)

މާތް ﷲގެ މިވަހީ ބަސްފުޅާ މެދު ފުންކޮން ވިސްނާލައްވާށެވެ. މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެގެން މިއުޅޭ ކޮރޯނާ ވައިރަސް އިން އިންސާނުންނަށް ނަގާ މިދެނީ ކޮން ފިލާވަޅުތަކެއްތޯއެވެ؟ މިކަމާމެދު ވިސްނާ ފިކުރު ކުރިވަރަކަށް އަޅުގަނޑުމެންގެ ޢަޤީދާ އަށް އިތުރު ތާޒާކަމާއި ރޯޝަނީ ކަމެއް ނުލިބޭތޯއެވެ؟ އުފާވެރިކަމެއް ނުލިބޭތޯއެވެ؟ ހިތްހަމަޖެހުމެއް ނުލިބޭތޯއެވެ؟

މިހުރިހާ ސުވާލެއްގެ ޖަވާބު އޮތީ މާތް ﷲގެ ކަލާމްފުޅަށް ފުރިހަމަ އަށް އީމާންވެ އެކަލާނގެ އެންގެވި ގޮތުގައި ހިފައިގެން ތިބުމުންނެވެ. މާތް ﷲ އިންސާނުން އުފައްދަވާ އެމީހުން އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް އަދި އެމީހުންގެ ވެށި ހުންނަންޖެހޭނެ ގޮތް ވަނީ ދަސްކޮށްދެއްވާފައެވެ. މިއަދު މިވަނީ އެކަން ހަނދާނުން ކައްސާލައިގެން ގޮސްފައެވެ. އަލުން މިވަނީ ހަނދާންކޮށް އަސްލު ދިރިއުޅުމަށް އެނބުރިދާންޖެހިފައެވެ. އެކަންކަން ހަނދާންކޮށްދިނުމަށް މާތް ﷲ މެދުވެރި މިކުރެއްވީ ލޮލަށް ނުފެންނަ ކުޑަކުޑަ މަޚުލޫޤެކެވެ. މިއަދު މިވަނީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ސާފުތާހިރުކަމާއި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މާތް ނަބިއްޔާ އުންމަތަށް ދެއްވި އިރުޝާދާ އެއްގޮތަށް ޢަމަލުކުރަންޖެހިފައެވެ.

އާދެ ކުރިން އުޅެމުން ދިޔަ ހުރިހާ ނުރަނގަޅު ގޮތްތައް ދޫކޮށް އެފަދަ ނުރަގަޅު ކަންކަން ކުރާ ތަންތަންވެސް ބަންދު ކުރެވިފައިއެވެ.

އާދެ މިފަދަ ބަލިމަޑުކަމެއްގެ ސަބަބުން ދުނިޔެ ދޫކޮށް ދިއުމަކީ މުސްލިމުންގެ ހިތަށް އުފާވެރިކަން ނޫނިއްޔާ ނުގެނުވާނެ ކަމެކެވެ. އެމީހުން އެމީހުނަށް މާތް ﷲގެ ތަނަވަސް ރަހުމަތް ވާކަމާމެދު ޝައްކެއް ނުކުރާނެވެ. މާތް ﷲގެ މި ވަހީ ބަސްފުޅުގައި އެވަނީ މިފަދަ ކަންކަމާއިމެދު ކެތްތެރިވި މީހުނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފައިއެވެ.

އެކަމަށް އިޝާރަތްކުރައްވާ ބަޤަރާ ސޫރަތުގެ 215 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރެއްވި އެވެ. ( أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّى يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَى نَصْرُ اللَّهِ أَلا إِنَّ نَصْرَ اللَّهِ قَرِيبٌ )

މާނައީ (ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ حالތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. رسولއާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި إيمانވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّهގެ
نصر އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ نصرވަނީ ދާދި ގާތުގައެވެ.)

އާދެ މިއަދު ފެންނަމުން މިދަނީ އިންސާނާގެ ނިކަމެތިކަމެވެ. ނުކުޅެދުންތެރިކަމެވެ. އާދެ މުޅި ދުނިޔެ މިދަނީ ބޮޑު ކަންބޮޑުވުމެއްގެ ތެރެއަށް ގެނބި ގަރަގުވަމުންނެވެ. ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކާއި މުދާތައް ނެތި ފަނާވަމުންދަނީ އެވެ. ބަލިވާ މީހުންނާއި ބަލިން ސަލާމަތްވާ މީހުންނެވެ. ބަލިން ސަލާމަތް ވުމަށް ފަރުވާއެއް ހޯދުމުގައިވެސް މިވަނީ ނުކުޅެދިފައިއެވެ. އާދެ ދަނޑުތަކާއި މުދާތަކާއި ނަފުސުތަށް ނެތި ދަނީ އިންސާނުންގެ ލޯ ކުރިމަތީގައެވެ. މިކަންކަމާމެދު ފުންކޮށް ވިސްނާލުމުން ކީރިތިވަންތަ މާތް ﷲގެ ގަދަ ކީރިތިވަންތަކަން ހިތުތެރެއަށް ވަދެއެވެ. މިއަދު މުޅި ދުނިޔެ ގޮވަމުން ދަނީ މުސްލިމުންގެ ހެޔޮ ދުޢާއަށް އެދިއެވެ. އާދެ ބަންދުކޮށްފައި ހުރި އެތަށް މިސްކިތްތައް ހުޅުވި އެތަންތަނުގައި ނަމާދު ގައިމުކުރެވެން ފަށައިފިއެވެ. ކަނީސާތަކަށް ބަދަލުކުރެވިފައިވާ އެތަކެއް މިސްކިތް މިއަދު ހުޅުވިގެން ދިއުމަކީ މާތް ﷲގެ ރަހުމަތް އެކަލާނގެ އަޅުތަކުންގެ މައްޗަށް ތަނަވަސްވެގެންވާ ކަމުގެ އަލިގަދަ ބުރުހާނެކެވެ.

އާދެ މިއަހަރުގެ މާތްވެގެންވާ ޙައްޖުގެ އަޅުކަން މުސްލިމުން ފުރިހަމަކުރީ އުފަލާއި ހިތްހަމަޖެހުމުގައެވެ. މިކަމުންވެސް މުސްލިމުންނަށް އުފާވެރިކަމާއި މާތް ﷲގެ ރަހުމަތް އެމީހުންނަށް ތަނަވަސް ވެގެންވާތީއެވެ. އަދި މިފަދަ ބޮޑު އަޅުކަމެއް އަދާކޮށް ނިންމާލީ މާތް ﷲގެ ރަހުމަތުން އެއްވެސް ހައްޖުވެރިއަކަށް މި ނުރައްކާތެރި ކޮވިޑު19ގެ ބަލިމަޑުކަމާ ކުރިމަތިނުވެއެވެ.

އާދެ ކޮވިޑް19ގެ ފުރަތަމަކޮޅު ދުނިޔޭގެ ހުރިހާ މިސްކިތެއް ބަންދުކޮށް އިންސާނުންގެ ދިރިއުޅުން ބަންދުވެ ގޮތް ހުސްވެގެން ދިޔައިރުވެސް މުސްލިމުންގެ އީމާންތެރިކަން އައީ ވަރުގަދަވަމުންނެވެ. އާދެ މާތް ﷲ އަށް ވަކީލުކޮށް އެކަލާނގެ އަށް ދުޢާ ކުރުމުގައި އަތްތައް އުފުލާލަމުންނެވެ. އައްނަމްލު ސޫރަތުގެ 62 ވަނަ އާޔަތުން ހިތްވަރު ލިބިގެނެވެ. (أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ)

މާނައީ (ނުވަތަ ދަތި އުނދަގޫ حالޖެހިފައިވާ މީހާ، އެކަލާނގެއަށް دعاءކުރާ ހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفةއިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّهއާއެކު އެހެން إلهއަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.)

އާދެ މިސްކިތްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރުމަށްފަހު ގައިދުރުކަމާ އެކު ނަމާދު ގާއިމުކުރުމަށް މިސްކިތްތައް ހުޅުވާލެވުނީ ދުނިޔޭގެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ރައުޔާއި އެކުގައި ނަމާދުގެ ސަފުތައް ކޮވިޑް19ގެ ހާލަތުގައި ގައިދުރުކޮށް ހެދުމަށް އެއްބަސްވެވިގެންނެވެ. ދުނިޔޭގެ ބޮޑެތި ފިޤުހު ޢިލްމުވެރިން އިސްލާމީ ޝަރިޢަތުން މިކަމަށް ގިނަ ދަލީލުތައް ދެއްކެވިއެވެ. އުޞޫލު ފިޤުހުގެ ޤާއިދަ އަކީވެސް ތިމާގެ ނަފުސަށް ގެއްލުން ނުދިނުމާއި އެހެން މީހުންނަށް ވެސް ގެއްލުންވެދާނެ ކަމެއް ނުކުރުމެވެ. ފެން ނުލިބުނު މީހާ ހިރަފުހުން ތަޔައްމަމު ކުރުމެވެ. ތަޔައްމަމު ކުރެވޭނެ ހާލަތެއްވެސް ނެތް މީހާ ވުޟޫއަކާ ނުލާވެސް ނަމާދު ޞައްޙަވާނެކަމުގެ ދަލީލުތައް ދެއްކެވިއެވެ.

މިސްކިތުގައި ނަމާދަށް ހުންނައިރު މިފަދަ ހާލަތުގައި މާސްކު އެޅުމަކީ ޒަރޫރީ ކަމެއް ކަމުގައި ޢިލްމުވެރިން ކަނޑައެޅުއްވިއެވެ. މައްކާ އާއި މަދީނާގެ ދެ ހަރަމްފުޅުގައި ނަމާދުގެ ސަފުތައް ގައިދުރުކޮށް ހަދަންފެށުނެވެ. އިސްލާމް ދީނުގެ އެންމެބޮޑު އަޅުކަން ޙައްޖު ވެސް ކުރެވި ނިމިގެން ދިއައީ ގައިދުރުކޮށެވެ.

ގައިދުރުކޮށް ސަފުހެދުމާއި މާސްކު އަޅައިގެން ހުރެ ނަމާދު ކުރުން މިވަނީ ޒަރޫރަތަކަށްވެ ކޮންމެހެން ކުރަންޖެހިފައެވެ. މިފަދަ ހާލަތުގައި އަޅުގަނޑުމެން ވިސްނާލަންވީ މާތް ﷲގެ ވަހީ ބަސްފުޅާ މެދުއެވެ. އައްނަމްލު ސޫރަތުގެ 73 ވަނަ އާޔަތުގެ މާނާގައި ވެއެވެ. (ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުންގެ މައްޗަށް فضلވަންތަ ވެރިރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއް ކަމަކު، އެއުރެންކުރެ ގިނަ މީހުން شكرއެއް ނުކުރެތެވެ.)

އާދެ މާތް ﷲގެ ރަހުމަތަށް އެދި އެކަލާނގެ އަށް އަޅުކަންކޮށް މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ކަންތައްތަކުގައި ފުރިހަމަ އަށް ހިފާށެވެ. މިސްކިތުގެ ޖަމާޢަތުގައި ގައިދުރު ކުރާށެވެ. މާސްކު އަޅުއްވާށެވެ. މީސްތަކުން ގިނަވާ ތަންތަނާ ދުރުހެލިވާށެވެ. ސާފުތާހިރުކަމަކީ އީމާންކަމުގެ ތެރެއިން ވާކަމެކެވެ.

މާތްﷲ އަށް ބިރުވެތިވާށެވެ. އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ރިޒުޤު ތަނަވަސްކޮށްދެއްވާނެއެވެ. ޒުމަރު ސޫރަތުގެ 52 ވަނަ އާޔަތުގެ މާނާގައިވެއެވެ.

(އަދި ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزقތަނަވަސްކުރައްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވާކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمانވާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.)

މާތް ﷲގެ ރަހުމަތުން އުއްމީދު ކަނޑާނުލާށެވެ. މާޔޫސްނުވާށެވެ. އެކަލާނގެ ރަހުމަތް އެކަލާނގެ އަޅުތަކުންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގެ މާނާގައިވެއެވެ.

(ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسرافކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.)

މާތް ﷲގެ عذابއައުމުގެ ކުރިން އެކަލާނގެއަށް توبةވެ، އެކަލާނގެއަށް ކިޔަމަންވާށެވެ! އެކަލާނގެ عذابއައުމަށްފަހު ދެން نصرއެއް ނުލިބޭނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *