Support Us

މުރައިދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ފެނަކަ އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައިފި

ހއ. މުރައިދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެ ރަށު ފެނަކަ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. އަދި އެރަށުގެ ފުޓުބޯޅަ ދަނޑު ވެސް ވަނީ ހުޅުއްވައިދެއްވައިފައެވެ.

މުރައިދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، 129 ގެއަކަށް މިހާރު ވަނީ، ކަނެކްޝަން ގުޅައިދީފައެވެ.

މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހާއި ވަޒީރުންނާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢުގެ ދަށުން، މުރައިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ވަނީ ފޯރުކޮށްދީފައެވެ.

މުރައިދޫގެ ފެނުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 46.85 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ސަބަބުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

ފެނަކައިން މުރައިދޫގައި އިމާރާތްކުރި އައު އިންޖީނުގެއާއި އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެކެވެ. އަދި ކުރިން ހުރި އިންޖީނުގެ ހުރީ އަވަށުތެރޭގައި ނަމަވެސް އައު އިންޖީނުގެއާއި އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 620ކިލޯވޮޓް އެވެ. އަދި ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޢިމާރާތެކެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައި ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ.