Support Us

ވ. ތިނަދޫ އިންޖީނުގެ ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވައިފި

ވ. ތިނަދޫ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ތިނަދޫ އައު އިންޖީނުގެއަކީ އެރަށުގައި ކުރިން ކަރަންޓުގެ ހިދުމަތް ދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އިންޖީނުގެ ދުމާއި، އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި، އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް އަދި ފަތުރުވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިއުމާއި ގުޅިގެން، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަޅާފައިވާ އިންޖީނުގެއެކެވެ.

ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެއެވެ.

"ސްޓެލްކޯއިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެއް. އެހެން ނަމަވެސް، މިއަދު އަލަށް ރަސްމީކޮށް ހުޅުވުނު އިންޖީނުގެ ހުޅުވުމާ ހަމަޔަށްވެސް، ބައު އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް މިކުންފުނިން ވާނީ ފޯރުކޮށްދީފައި،" ސްޓެލްކޯ އިން ބުންޏެވެ.

"މިކުންފުނީގެ ހިދުމަތް ގުޅިފައި ވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށްވުމާއެކު، ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި މިކުންފުނީގެ ދައުރު ބޮޑުކަމަށް ދެކި، ބައު އިންޖީނުގެއަކީ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމުގައިވެސް ދަތިތަކެއް ހުރިތަނަކަށްވުމުން، އައު އިންޖީނުގެއެއް އެޅުމަށް ނިންމާ، އެ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ގައި."

ތިނަދޫ ބައު އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް، ތިނަދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެވަޑައިގެންނެވި، ވައުދާ އެއްގޮތަށް މިއަދު ތިނަދޫގައި ރަސްމީކޮށް، ހުޅުވި އިންޖީނުގެއަކީ އެންމެ ޒަމާނީ، އަޑުމަޑު އިންޖީނުގެއެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ތިނަދޫގެ އައު އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ. މީގެ އިތުރުން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އައު އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *