Support Us

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހިމް އިންޓަވިއު ދެއްވަނީ
ރިޔާސީ އިންތިހާބު 2023:

ތަޖުރިބާރުކޮށްލަން ވެސް މިފަހަރު ގާސިމް ވެރިކަމަށް ގެނައުމަށް އެދިވަޑައިގެންފި

ދިވެހި ގައުމު މިހާރު މިއޮތް ހާލަތު ބަދަލުކޮށްލެވޭނެ ފެންވަރުގެ މީހަކާ ގައުމުގެ ވެރިކަން ހަވާލުކުރުމަށާއި އެކަން ތަޖުރިބާރުކޮށްލަން ވެސް ދިވެހި ރައްޔިތުން އެ ފުރުސަތު އެމަނިކުފާނަށް ދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް "ގާސިމްގެ ތަސައްވަރު 2023″ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް، 2013 ވަނަ އަހަރު ޕީޕީއެމަށް، އަދި އޭގެ ފަހުން 2018 ވަނަ އަހަރު އަނެއްކާ ވެސް އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބުނީ ޖުމްހޫރީ ޕާޓީން އެ ޕާޓީތަކަށް އެއްބާރުން ދީގެން ކަމަށެވެ. އެހެން ކަމުގައިވާއިރު އެ މަނިކުފާނަށް މިފަހަރު ރައްޔިތުން ވޯޓް ނުދޭންވީ ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ތަޖުރިބާކޮށްލީމާ ނޫންތޯ އެނގޭނީ. އަޅުގަނޑު ދަންނަވާލަން އޮތީ ވިސްނުންތެރިކަމާ އެކު ވިސްނައިފައި ދިވެހި ރައްޔިތުން މިތިބަ ހާލުން ނަގައިދެވޭނެ މީހަކާ މިގައުމުގެ ވެރިކަން ހަވާލުކުރުމުގެ ވިސްނުން ގެންގުޅުނިއްޔާ ކީއްތޯއޭ؟" ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ލީޑަރު ވިދާޅުވި އެވެ.

މީގެ ސާޅީހަކަށް އަހަރު ކުރިން ފެށިގެން، ރާއްޖޭގެ ސިޔާސީ އިސްލާޙީ މަސައްކަތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ގާސިމް ވިދާޅުވީ ދިވެހި ގައުމުގެ ވެރިކަން ހިންގަން އެމަނިކުފާނަށް ވެސް "ހަވާލުކޮށްލީމަ ނޫނީ އެކަން ނޭނގޭނެ" ކަމަށެވެ.

"މުސްކުޅިން ބުނެއުޅޭ، ވަކަރަށް ޖަހާލީމައޭ އެނގޭނީ ވަކަރުލާ މިންވަރެއް ރުކެއްގަ ވިއްޔާ. ވަކަރަށް ޖަހާލަންވެސް އެ ފުރުސަތު ރަނގަޅު ނޫންތޯ އަޅުގަނޑަށް ދެއްވަން،" ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށް ވެވަޑައިގެން ހުންނަވައި، 1984 އިން ފެށިގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމަށް ވެސް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީއަށް ވެސް "އެ ބޮޑުކަން އަދި ވެރިކަން ވެސް ލިބުނީ ޖުމްހޫރީ ޕާޓީން އެއްބާރުލުން ދީގެން" ކަމުގައި ވިދާޅުވި އެވެ. ނަމަވެސް އެ ޕާޓީތަކާ އެކު ޖޭޕީން ހެދި ކޯލިޝަން އެއްބަސްވުންތަކާ އެއްގޮތަށް އެ ޕާޓީތަކުން އަމަލްކޮށްފައިނުވާކަން ގާސިމް ފާހަގަކުރެއްވި އެވެ. އަދި އެ ޕާޓީތަކުން ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް އަމަލްނުކޮށް "ކޯލިޝަންތަކުން ޖޭޕީ ބޭރުކޮށްލީ" ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓްލުމަކީ ކޮންމެ ރައްޔިތެއްގެ ހައްގެއް ކަމުގައިވާއިރު ވޯޓްލާއިރު ވޯޓް މިދެވެނީ ކިހާވަރެއްގެ މީހަކަށްތޯ އާއި އެމީހަކީ މިހާތަނަށް ދިވެހި ރައްޔިތުންށަށް ކޮންކޮން ކަންތައްތަކެއް ކޮށްދީފައިވާ މީހެއްތޯ ބަލާލަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ރަސްމީކޮށް އިޢުލާން ކުރުމުން އެ ބޭފުޅުންނާ ބެހޭ އިންޓަލެކްޗުއަލް އޮޑިޓެއް ކަމާ ބެހޭ ފަރާތްތަކުން ހަދައިގެން ނަމަވެސް ރައްޔިތުންނަށް ވޯޓް މިދެވެނީ އެންމެ ރަނގަޅު ކެންޑިޑޭޓަށްތޯ ބުނެދޭން އެބަޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އދ. މާމިގިލީގެ ނިކަމެތި އާއިލާއަކަށް އުފަންވެވަޑައިގެން، އެންމެ ޒުވާން އުމުރުގައި މާލޭ މަގުމަތީގައި ތެޔޮ ފީފާ ފުރޮޅުއްވަމުން، ވަރަށް އާދައިގެ ގޮތަކަށް ވިޔަފާރީގެތެރެއަށް ވަންނަވައި، ވަރުބަލިވުމެއްނެތި ކުރެއްވި ބުރަ މަސައްކަތުން ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށް ވެވަޑައިގަތުމުގެ އިތުރުން، ފިނޭންސް މިނިސްޓަރުކަމާއި އެމް.އެމް.އޭގެ ގަވަރުނަރުކަން ވެސް ކުރައްވައި އަދި އެންމެފަހުން ދިވެހި ރުފިޔާގައި ސޮއި ވެސް ކުރައްވައިފައިވާ ގާސިމު ގެންދަވަނީ އެ މަނިކުފާނުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިޖުތިމާއި އަދި އިގުތިސޯދީ ހާލަތު ބަދަލުކޮށްލެއްވުމުގެ ޕްލޭނަކާއެކު މެނިފެސްޓޯއެއް ތައްޔާރުކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *