Support Us

މިނިވަން އުފާ ކާނިވަލް ރައީސްގެ ދެކަނބަލުން ހުޅުއްވައިދެއްވައިފި

މިނިވަން އުފާ ކާނިވަލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިރޭ ހުޅުއްވައިދެއްވައިފިއެވެ.

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އަރބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލް ހުޅުވުމުގެ ރަސްމީޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިސަލް ނަސީމާއި ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް ބައްލަވާލައްވާފައެވެ. މިގޮތުން، ސްޓޭޖް ހަރަކާތްތަކާއި، ޑްރޯން ޝޯ އަދި ހަވާގެ ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

މި ކާނިވަލްގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައި ކަމަށް އާބަންކޯ އިން ބުނެއެވެ. މިގޮތުން، ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަރ ޓެގްގެ ހަރަކާތްތައް ހިމެނިފައިވެއެވެ.

"މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުނަށް ވެސް ބައިވެރިވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާއިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެއެވެ." އާބަންކޯ އިން ބުނެއެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ކާނިވަލަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކިއު.އާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓަރ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާއި އެކު އިންޑޮނީސިއާގެ ބާލީއަށް ހަތް ރޭ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާ އެކު ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.