Support Us

ކޮލަމް ތަޖޫގެ ދުލުން

ބޭކާރުބޯ މަށަށް އޮޅިއްޖެއެވެ.

މި ބަންގްލަދޭޝް މީހުންނަކީ ބޭކާރު ބައެކޭ، ޖެހިފައި އޮތް ބޮޑު މުސީބާތެކޭ ކަލޭ ތިބުނަނީ ކީއްވެހެއްޔެވެ؟ މިހާރު އެއީ ގައުމީ ދޫންޏޭ، ކޮތަރު ބައިގަނޑެކޭ ތި ކިޔަކީ ކީއްވެގެން ހެއްޔެވެ؟ އެމީހުން "ކާނެއަނގަ" ތަކަކަށް ވެގެން "ބަލަދު އަރާފައި ތިބި ބޯތަކަކަށް" ވެގެން ރަނޑާލި އަންހެނަކު ދުވާހެން ރަށު ތެރޭގައި ރަބަތަޅުވަމުން ތިދުވަނީ އަޅެ ކީއްވެގެން ހެއްޔެވެ؟ އެމީހުން މި ގައުމަށް ކޮށްދިން ޚިދުމަތާއި އޮހޮރިދާ "ކޮވިޑް" އާއި ހަމައިން ހަނދާން ނެތުން ގޮތެއް މަށަށް އަޅެ ކިޔައިދީ ބަލާށެވެ.

މަށަށް ހީވާ ގޮތުން ކަލެއަށް އެމީހުން ކަމުނުގޮސްގެން ތިއުޅެން ފެށީ ހަމަސް ހަތް މަސް ވަންދެން އެމީހުން ލައްވާ މީހަކު ގުލާނު ތަޅުވާފައި އުޖޫރަނުދީގެން އެވެރިން މަގުމައްޗަށް ނިކުތް ހިސާބުންނެވެ. ރަނގަޅެވެ. އެމީހުން އެކުރި މުޒާހަރާތަކާއި ހިންގި ހަމަނުޖެހުން ރަނގަޅެއް ނޫނެވެ. އެކަމަކު މަ އަޖައިބުވަނީ އެމީހުންނަކީ ބޭކާރު ބޯތަކެކޭ ބުނާތީ އެވެ.

ފުރަތަމަ ކަލޭގެ ދުވަސް ފަށާ ހިސާބަށް ފިކުރު ހިނގާލަބަލާށެވެ. އެނދުން ހިއްލާލާ ގޮތަށް ގޮސް ތި އިށީންނަނީ އަލިމަނިކުގެ ހޮޓަލުގައެވެ. އެތަނުން ހުސް ގޮހޮރާ އިނދެ ކަލޭ ތި ބޯލާ ކަޅު ކޮފީތަށި ގިރަނީ ހަމަ ގައިމުވެސް ތޮއްޑޫ ސޯސަން ކުލަބު އަންހެން ކުއްޖެއްގެ ހިމަ ހޯލި އިނގިލިތަކަކުން ނޫނެވެ. އެކޮފީ ތަށި ގިރަނީ ހަމުގެ ކުލަ ކަޅު،ސުބުޖުގެ އަތުންނެވެ. ދެން ކަލޭ ގެއިން ތިކާ ރަހަމީރު ކެއުން ކައްކަނީ ކަލޭގެ އަނބިކަނބަލުންގެ އެ ފަރި އަތްޕުޅަކުން ނޫނެވެ. އެ ހުރިހާ މަސައްކަތެއް ކުރަނީ ތިން އިރަށް ތިގެއަށް ކަންކަން އަންނަ ބޭގަމްގެ އޯގާތެރި ދެ އަތުންނެވެ. ދަރި ދޮއްވާ ތާހިރުކޮށް އެ ދަރިން ނިންދަވާ ސްކޫލް ދޮށަށް ހިނގާ ހަދަނީ ކަލޭ ތިބުނާ ބޭކާރު ބޮލުގެ ފައުޖުގައި ހިމެނޭ އަމްލިކާ ކަން ކަލެއަށް ނޭނގެނީ ހެއްޔެވެ؟

ގިނަ ދުވަސް ދުވަހު ދަރިފުޅު ލޮލަށް އަމާ ނުވެސް ފެންނާނެ އެވެ. އަމްލިކާ ބަނޑުއަޅާ އެ ދަރި ނުވިހާ ކަމެވެ. ދެން ކަލޭމެންގެ އިއްޒަތް ބޮޑުކަން ނިކަން ދެކެބަލާށެވެ. ކަންމަތީ ފިހާރައާ ހަމައަށް ޖެހިލަން ވެސް އެއީ ކަލޭމެންގެ ނަޒަރުގައި ހުޅުމާލެއިން ހިނގާފައި މާލެ ދިއުމަށްވުރެ ބޮޑު ކަމެކެވެ. ޑެލިވަރީ ހިފައިގެން ތިގެއަށް އިރުއިރުކޮޅުން އެ އަންނަ ކަމަލް މިއާ އާއި ސުމަން ނެތް ދުވަހަކުން ކަލެއާއި އަނބިދަރިން ބަނޑަށް މަރުވާނެކަން މަށަށް ކަށަވަރެވެ. ގެއަށް މަސްގަތުމާއި ފާޚާނާ ދޮވެ ސާފުކުރުމަކީ އޮފީހުގައި އުޅޭ ނޫރުލްއިސްލާމްގެ ޒިންމާއެކެވެ. އެ ފަކީރު ނިދާ ތަނުގައި ފާޚާނާ ނުހުންނަ ކަމާއި ޝަހީދު އަލީ މިސްކިތު ފާޚާނާއަށް ގަޟާހާޖާ ކުރާށާއި ފެންވަރަން އޭނާ ދާކަން ކަލެއަށް ނޭނގެނީ ހެއްޔެވެ؟ ކަލޭގެ ލަގްޒަރީ ފާޚާނާ ފެނުމުން އޭނާގެ ހިތް ފުނޑުފުނޑު ވާނޭކަން ކަލެއަށް ހަމަ ފަހުމް ނުވަނީ ހެއްޔެވެ؟ ދެން އޮތީ ދަރިފުޅު އުފާކުރުމަށް އިރުއިރުކޮޅުން ތިގެންނަ ސަބްމެރިން އާއި ޕިއްޒާގެ ވާހަކަ އެވެ. ދަރިފުޅަށް ކަލޭގެ ފުށުން ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ އެއީ އެވެ. އެ ދަރިފުޅަށް އެ ވަރަށް މީރެވެ. އެ ކައިގެން އޭގެ ރަހަމީރުވެގެން ދަރިފުޅު މީހަކު ދެކެ ލޯބިވަންޏާ ވާނީ އަނެއްކާ ވެސް އެއްކަލަ ބަންގްލަދޭޝް ދެމީހަކު ދެކެ އެވެ. ޕިއްޒާ އަޅަނީ ކަބީރުގެ އަތުންނެވެ. ސަބްމެރިން ހަދަނީ ރުބެލްގެ އަތުންނެވެ. އެ ހިފައިގެން މިގޭ ދޮށަށް އަންނަނީ ޖޯޝިމް ނޫން ހެއްޔެވެ؟

ދެން އޮތީ ކަލޭ ތި ކޮށާ ބޮލާއި ބާލާ ތުނބުޅީގެ ވާހަކަ އެވެ. ރަނގަޅެވެ. އެތަން ގޮނޑެވެ. މުޑުދާރެވެ. އެތަން ކުނިގޮނޑެއްހެން އޮތަސް މަނިކުމިއާ ނޫން މީހަކު ކަލޭގެ އިސްތައްޓެއްގައި ޖެހިލާކަށް ކަލޭ ނުރުހޭނެ ވިއްޔާ އެވެ. ދެން ކަލޭގެ ގެވެސް ތި ފޮޅުވަނީ މުނީރުބާއީ ހަދައިގެން އުޅޭ ކޮމްޕެނީއަކަށް ދީގެންނެވެ. ގައިމު އެ ބޭކާރު ބިދޭސީންނަށް ނުދީ ހަންކަޅު ދިވެއްސަކާއި ހަވާލު ކޮށްލަން ވީނޫން ހެއްޔެވެ؟

ދެން ކަލޭ ތިބުނަނީ ބިދޭސީން ލާރި އައިގެން ތިބެނީ ބޫތު ކައިފަ އެވެ. ބޫތު ކެޔަސް ތޫތު ކެޔަސް ތޫތު ގަހެއް އިންދިޔަސް ހަގީގަތަކީ މި ގައުމުގައި ކޮޅަށް ޖެހިފައިވާ ހުރިހާ އިމާރާތެއްހެން އެއީ އެމީހުންގެ މިންނެތް މަސައްކަތާއި އެ ހަށިތަކުން އޮހޮރުވި ދަލުގެ ފޮނިމީރުކަމެވެ. ހަގީގަތަކީ އަހަރެމެން ދިވެހިންގެ ކަންނެތް ފުޅަ ކަމެވެ. ޚާޢްސަކޮށް ގިނަ ޒުވާނުންނެވެ. ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލުގެ ތެރެއިން އެއް ބަޔަކު ޕަބްޖީގަ އެވެ. އަނެއް ބަޔަކު ފުޅަށް ބުޑުގައި ބިއްޖެހިފަ އެވެ. ދެން ތިބި ބަޔަކު ކޮފީގަ އާއި ޖަލުތަކުގަ އެވެ. މަސައްކަތް ލިބޭނީ މަސައްކަތް ކުރަން އުޅޭ ބަޔަކަށެވެ. އެކުވެރިޔާ އެވެ. ރުޅިމަޑު ކުރާށެވެ. "ބޭކާރު ބޮލާ" "ކާނެ އަނގަތަކެއް" މަށަށް މިހާރު އޮޅިއްޖެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1735

4 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *