(އަމިއްލަ ރާގެއްގެ ލަވަޔެއް)
ހަނދު ނެތި އުޑުގައި، ކަޅުފޮއި ރޭރޭ
ހަނދުމަޔަކުން ފުދިދޭހޭ؟
ބަދު އެ ދުޢާއެއް އަހަރެން ނުކުރަން
’ބަދުރު‘ އެކަމު ހަމަ ނުފެނޭ!
ހަނދު ނެތި އުޑުގައި…
ބެދި އަރު ސިއްރުން، ރޮއިރޮއި އަބަދަށް
ތަދު މި އަޑުން ނުފިލާތީ
މަދު މިންވަރަކުން ދެއްވައިތޯ އަދު
ނަދުރު ގޮވައިވެސް ނުފުދޭ!
ހަނދު ނެތި އުޑުގައި…
ވަނދުމާހު އެ ފެން އެޅި ހުނިހަކުރާ
ކަދުރު ނިކަން ކާހިތްވޭ
ވަނދު ގޮބޮޅިން ހައިފިލުވަން ޖެހުމުން
ލަދުވެސް ވަލުގަ ފިލަންދޭ!
ހަނދު ނެތި އުޑުގައި…
ނިދި ހުވަފެން ފޮނި ފެނި ހޭލެވުމުން
ރެނދުލައި ހިތް ކުނޑިކުނޑިވޭ
އެނދުގަ މިހެން އާގަމަވެފަ އޮވެވޭ
ތެދުވަން ހިތްވަރު ނެތިދޭ!
ހަނދު ނެތި އުޑުގައި…