Support Us

3،000 ބައިވެރިންނާއެކު ހުޅުމާލެ ސާފުކޮށްފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އާބަންކޯއިން އިފްތިތާހުކޮށްފައިވާ "ދުނިޔެ މަގޭ" ކެމްޕޭންގެ ދަށުން 3،000 ބައިވެރިންނާ އެކު މިއަދު ހުޅުމާލެ ސާފުކޮށްފިއެވެ.

ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތައް އަދި މާލެ ސަރަހައްދުގެ ސްކޫލްތަކާއި އެކި ޖަމިއްޔާތަކުން ބައިވެރިވި މި ހަރަކާތުގައި މުޅި ހުޅުމާލޭގެ ފޭސް 1 އަދި 2 ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދެއް ހަތް ބަޔަކަށް ބަހާލައިގެން ވަނީ ސާފުކޮށްފައެވެ. މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގަތެވެ.

މި އިވެންޓު ނިންމާލުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައި، މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޚާއްސަ ހަނދާނީ ފިލައެއް ވަނީ ދީފައެވެ.

ދުނިޔެ މަގޭ – ކްލީނަޕް ޗެލެންޖް ސްޓެލްކޯއަށް

އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބާއްވާ މި އިވެންޓުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދެވޭ ކަމަކަށް ހެދުމަށް އަރބަންކޯގެ ފަރާތުން މިއަދު ވަނީ ޚާއްސަ ޗެލެންޗެއް ތައާރަފްކޮށްފައެވެ.

އެގޮތުން މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސް ދުވަސް ތެރޭގައި އެއް މެގަ ކްލީނަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން އަރބަންކޯއިން މިއަދު ބޭއްވި އިވެންޓަށް ފަހު ޗެލެންޖުކޮށްފައި ވަނީ ސްޓެލްކޯއަށެވެ. މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަށަންދަތި ދޭންޖެހެއެވެ. އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވަނީ ރަމްޒީ މަށަންދަތީގެ ފިލާ ސްޓެލްކޯއަށް ދީފައެވެ.