Support Us

ސުޢޫދިޔާއާއި އޯޕެކް+ އިން އުފައްދާ ތެޔޮ މަދުކުރަނީ

އޯޕެކް+ ގެ ޤައުމުތަކާއެކު އެއްބަސްވެވުނު އެއްބަސްވުމުގެ ދަށުން ސުޢޫދީ ޢަރަބިއްޔާއިން މި އަންނަ ޖުލައި މަހުގެ ތެރޭގައި އެ ޤައުމުން އުފައްދާ ތެލުން ބޮޑު މިންވަރެއް މަދުކުރުމަށް ނިންމައިފިއެވެ.

މި ގޮތަށް ފިޔަވަޅު އެޅުމަށް ނިންމީ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމާއި ބާޒާރުގައި ތެޔޮ ހިސާބަށްވުރެ ގިނަވުމުގެ ސަބަބުންނެވެ. ސުޢޫދީ ތެލާބެހޭ ވަޒީރު ޢަބްދުލް ޢަޒީޒު ބިން ސަލްމާން ހާމަކުރެއްވި ގޮތުގައި ސުޢޫދީން އުފައްދާ ތެލުން ދުވާލަކު އެއް މިލިއަން ފީފާ މަދުކުރެވޭނެއެވެ. އަދި މި ކަން ޖުލައިގެ ފަހަށް ދެމިގެންދާނެތެވެ.

މިކަމާބެހޭގޮތުން  ވިއެނާގައި ބޭއްވެމުންދާ އޯޕެކް+ ބައްދަލުވުމުގައި ތެޔޮ އުފެއްދުމާބެހޭ ސިޔާސަތު ކަނޑައެޅުމާ ބެހޭގޮތުން ހަތް ގަޑި އިރުގެ ދިގު މަޝްވަރާތަކެއް ވަނީ ބޭއްވިފައެވެ. އެއަށްފަހު މި ޤައުމުތަކުން ނިންމީ 2024 ގައި ދުވާލަކު އުފައްދާ ތެލުން 1.4 މިލިއަން ފީފާ އިތުރަށް މަދުކުރުމަށެވެ. 

އިތުރު މަދުކުރުމެއް 

ރިޕޯޓާރުން ބުނާގޮތުގައި މި މަދުކުރުން ޙަޤީޤަތުގައި މަދުކުރުމަކަށް  ނުވާނެއެވެ. މި މަދުކުރުމުގެ އަމާޒަކީ ރަޝިޔާއާއި ނައިޖީރިޔާއާއި އެންގޯލާފަދަ ޤައުމުތަކެވެ. އަނެއްކޮޅުން އޯޕެކް ބުނާގޮތުގައި އިމާރާތަށް ވަނީ އެ ޤައުމުން އުފައްދާ ތެލުގެ މިންވަރު އިތުރުކުރުމަށް ހުއްދަދީފައެވެ.

އޯޕެކް+ ޖަމާޢާތުގެ ޤައުމުތަކުން އުފައްދާ ތެލަކީ ސާފުނުކުރާ ތެލުގެ 40% ކަމަށް ވާތީ މި ޤައުމުތަކުން ތެޔޮ އުފެއްދުން މަދުކުރުމުން ތެލުގެ އަގަށް ބޮޑު އަސަރެއް ކުރާނެއެވެ. 

މި ދިޔަ އަހަރު އޯޕެކް+ ގެ ޤައުމުތަކުން ވަނީ ދުވާލަކު އުފައްދާ ތެލުގެ މިންވަރުން އެއް މިލިއަން ފީފާ މަދުކުރަން ނިންމައިފައެވެ. އޭގެ ފަހުން މި ދިޔަ އެޕްރީލް މަހު ވަނީ ދުވާލަކު އުފައްދާ ތެލުން މަޖްބޫރުކަމެއް ނެތި އިޚްތިޔާރީ ކަމެއްގެ ގޮތުގައި 1.6 މިލިއަން ފީފާ މަދުކުރަން ނިންމައިފައެވެ. މި ނިންމުމަށް މިއަހަރު ނިމެންދެން ޢަމަލު ކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ. 

މި ގޮތަށް ނިންމުމާ ވިދިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 87 ޑޮލަރަށް މައްޗަށް ދިޔައެވެ. އެހެނަސް ކުޑަ ދުވަސްކޮޅެއްގެ  ތެރޭގައި މި އަގު ވަނީ ދަށަށް ގޮސްފައެވެ. މި ދިޔަ ހުކުރު ދުވަހުގެ ތެޔޮ ފީފާއެއްގެ އަގަކީ 76 ޑޮލަރެވެ.

އޯޕެކްގެ މި ފިޔަވަޅަކީ އެކަމާ ހުޅަނގު ވަރަށް ބޮޑަށް ދެކޮޅު ހަދާ އަދި ފާޑުކިޔާ ކަމެކެވެ. ހުޅަނގުން ބުނާގޮތުގައި މިއީ ރަޝިޔާއާ އެއްކޮޅަށް އަޅައިފައިވާ ފިޔަވަޅެކެވެ. މި ކަމުގެ ސަބަބުން ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އަޅަމުންދާ ފިޔަވަޅުތައް ދަނީ ބޭކާރުވަމުންނެވެ. ރަޝިޔާ އަތުން އެންމެ ގިނައިން ތެޔޮ ގަންނަ ދެ ޤައުމަކީ ޗައިނާއާއި އިންޑިޔާއެވެ. ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެ ދެ ޤައުމުން އިޖާބަނުދޭނެ ކަމަށް ބުނެއެވެ. 

އެމެރިކާއަށާއި ހުޅަނގަށް ރައްދުދެމުން އޯޕެކް ބުނާގޮތުގައި ވޭތުވެދިޔަ ދަހަރުގައި ދުނިޔޭގެ ލާދަ މައްޗަށް ދިޔައީ ޑޮލަރު ޗާޕުކުރަމުންދާތީއެވެ. މިކަމާ ހެދި އޯޕެކަށް ތެލުގެ އަގު ހިފެހެއްޓުމަށް ޓަކައި ފިޔަވަޅު އަޅަން މަޖްބޫރުވީއެވެ.   

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް