ނިންޖެއް ނުވެސްޖެހޭނަން ވިންދެއް ހިތުން ޖަހަންޏާ
ބިންދެއް ބަޔަކު ޖެހޭނީ ހޭލާނުތިބެ ނިދަންޏާ
މޮޔައޭ މަށަށް ކިޔަސް ވެސް ދެރައެއް މަށެއް ނުވާނަން
ދެރަވާން މަށަށް ޖެހޭނީ މޮޔައޭ ވެރިން ކިޔަންޏާ
ޖާހިލުކަމުން މަގޭހުރި ލަދަކުން ނުވެސް ފިލާނަން
ލަދުވެތި މަ ވާންޖެހޭނީ ޖާހިލު ވެރިން ތިބެންޏާ
ދޮގުވެރިއަކަށް މަ ހެއްޖަސް ހިތަކަށް ދުކެއް ނުދޭނަން
ދުކު އުފުލުމަށް ޖެހޭނީ ދޮގުތައް ވެރިން ހަދަންޏާ
ވައްކަމުގެ ތުހުމަތެއްގައި ދައްޗެއް މަހިތް ނުވާނަން
ހިތްދަތިވެ ރޯންޖެހޭނީ ވައްކަން ވެރިން ކުރަންޏާ
ގަދަރެއް މަގޭ ނެތަސް ވެސް ކަންބޮޑު މަށެއް ނުވާނަން
ކަންބޮޑު މަ ވާން ޖެހޭނީ ވެރިކަމުގެ ގަދަރު ދަންޏާ
ނެތަކަސް ފުރާޅު ގޭގާ ޑަރެކޭ ނުވެސް ހިތާނަން
ޑަރު ހީވުމަށް ޖެހޭނީ ކަރުމަރު ވެރިން ހިފަންޏާ
އެރިޔަސް ފުރޭތަ ބޭރުން ބިރަކުން ނުވެސް އުޅޭނަން
ބިރުގާ ތެޅެން ޖެހޭނި އަނިޔާ ވެރިން ކުރަންޏާ
ޖަލުގައި މަ ބަންދު ކުރިޔަސް ކަށަވަރު މަށެއް ނުރޯނަން
ރޮއި ގިސްލެވެން ޖެހޭނީ ކަސްތަޅު ގައުމު އެޅެންޏާ