Support Us

ހުޅުމާލެ ވޯޓަރ ސްޕޯޓްސްތަކުން ދޭ ޚިދުމަތް ފުޅާކުރުމަށް ބިމުގެ ޖާގަ އިތުރުކޮށްދީފި

ހުޅުމާލޭގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އާބަންކޯ އިން އިތުރުކޮށްދީފިއެވެ.

އާބަންކޯ އިން ބުނީ ހުޅުމާލޭގެ 12 ސަރަހައްދެއްގައި ވޯޓަރ ސްޕޯޓްސް ހިންގުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިހާރު ވަނީ ވޯޓަރ ސްޕޯޓްސް ޚިދުމަތަށް ދޫކޮށްފައިވާ ކޮންމެ ސަރަހައްދަކުން 20 ފޫޓު އިތުރުކޮށްދީފައި ކަމަށާއި މި ޖާގަ އިތުރުކޮށްދީފައިވަނީ އެ ސަރަހައްދުތަކުން އާންމުންނަށްދޭ ޚިދުމަތްތައް އިތުރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް ވެސް އާބަންކޯ އިން ބުނެއެވެ.

"އޭގެ ތެރޭގައި ބީޗަށް ދާ ހުރިހާ އާންމު ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ޕަބްލިކް ޓޮއިލެޓަކާއި، އައުޓްޑޯރ ޝަވަރެއް ގާއިމްކުރަން ޖެހެއެވެ. އަދި އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެކެވެ." އާބަންކޯ އިން ބުނެއެވެ.

"އަރބަންކޯއިން މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށެވެ. މި މަގްސަދުގައި މީގެ ކުރިން މި ކުންފުނިން ވާނީ ވޯޓަރސްޕޯޓްސް ހިންގާ ފަރާތްތަކަށް ޓޭކްއަވޭ ޚިދުމަތްދިނުމުގެ ހުއްދަވެސް ދީފައެވެ. އޭގެ ސަބަބުން ބީޗަށް ދާ ފަރާތްތަކަށް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގު ވާނީ ފަހިވެފައެވެ."

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވެސް އާބަންކޯއިން ފާހަގަކުރެއެވެ.