Support Us

ސުންނަތް ނަމާދެއް ކުރުމުން ފަރްޟް ނަމާދެއް ނުކޮށް ފުދޭނެތަ؟

ސުންނަތް ނަމާދާއި ފަރުޟު ނަމާދަކީ އަދާކުރުމުގެ ގޮތުން ތަފާތު ދެނަމާދެކެވެ. މާތް ﷲ މުސްލިމުންނަށް ރެއާއި ދުވާލު އެކަލާނގެއަށް އަޅުކަން ކުރުމުގެ ގޮތުން ފަސް ނަމާދު ފަރުޟު ކުރެއްވިއެވެ. މިގޮތުން ކޮންމެ މުސްލިމެއްގެ މައްޗަށް ރެއާއި ދުވާލު ފަސް ނަމާދު އަދާކުރުން ފަރުޟު ވެގެންވެއެވެ.

ނަމާދަކީ މާތް ﷲ އަށް ކުރެވޭ މާތް، މަތިވެރި އަޅުކަމެކެވެ. ކީރިތި ރަސޫލާ ނަމާދުގެ މިޘާލު ޖައްސަވާފައިވަނީ އިސްލާމް ދީނުގެ ތަނބުގެ ގޮތުގައިއެވެ. މިގޮތުން ފަރުޟު ފަސް ނަމާދުގެ އިތުރަށް ސުންނަތްވެގެންވާ ނަމާދުތަކަކާއި ސުންނަތްކަން ގަދަވެގެންވާ ނަމާދު ތަކެއްވެއެވެ. ސުންނަތް ނަމާދާއި ސުންނަތްކަން ގަދަވެގެންވާ ނަމާދާއި ފަރުޟު ނަމާދުގެ ހުކުމްތައް ތަފާތެވެ. ފަރުޟު ނަމާދުގެ ތެރެއިން ވަކި ދުވަހެއްގައި ވަކި ވަގުތެއްގައި ޖަމާޢަތުގައި ނޫނިއްޔާ ނުކުރެވޭ ނަމާދަކީ ހުކުރު ނަމާދެވެ.

އާދެ ދަތުރުވެރިއަކަށް ނުވާ، ޞިއްޙަތު ސަލާމަތުން ހުރި، بالغ ވެފައި ވާ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޒިރުވެ އެ ނަމާދު ކުރުން ފަރުޟުވެގެންވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ )

( އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާ ނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.)

މައުޟޫ އަކީ ޢީދު ދުވަހާއި ހުކުރު ދުވަސް އެއް ދުވަހަކަށް ވުމުން ޢީދު ނަމާދާއި ހުކުރު ނަމާދު ކުރުމެވެ.

އާދެ ޢީދު ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ޢީދު ނަމާދު ކުރިއަސް ހުކުރު ނަމާދު ކުރުން ވާޖިބުވާނެކަމުގެ އެތައް ސަބަބު ތަކެއް އެބަހުއްޓެވެ. ޢިލްމުވެރިންގެ މެދުގައި މި މައްސަލާގައި ދެ ރަޢުޔުއެއް އެބަ އޮތެވެ. ސުންނަތް ނަމާދެއް ނުކޮށް ދޫކޮށް ލެވުނަސް ފަރުޟު ނަމާދެއް ނުކޮށް ދޫކޮށް ނުލެވޭނެއެވެ. އަދި ހުކުރު ނަމާދަކީ متواتر ކޮށް އައިސްފާވާ قطعي ދަލީލުން ސާބިތުވާ ނަމާދެކެވެ. އާދެ ކީރިތި ޤުރުއާންގެ سورة الجمعة ގެ 9 ވަނަ އާޔަތަކީ متواتر ހުކުރު ނަމާދަކީ ފަރުޟު ނަމާދެއްކަމުގެ ދަލީލެކެވެ. އަދި މާތް ނަބަވީ ސުންނަތުގައި ހުކުރު ނަމާދާ ބެހޭ ގޮތުން އައިސްފައިވާ ހުރިހާ ޙަދީޘްފުޅުތަކެއް އެއްކޮށްލުމުން ހުކުރު ނަމާދުގެ ވާޖިބު ކަމަށް އެ ލިބޭ ޙުއްޖަތަކީ ވެސް ހަމަ އެހާ ވަރުގަދަ ހެއްކެކެވެ.

އުޞޫލު ފިޤުހުން ކަނޑައަޅާ ހަމަތަކުގެ މަތިން ބަލާއިރު ހުކުރު ދުވަހަކީ ޢީދު ދުވަހަކަށް ވެފައި ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޒިރުވި ޞިއްޙަތު ސަލާމަތުން ހުރި، ދަތުރުވެރިއަކަށް ނުވާ މުސްލިމު ފިރިހެނާގެ ކިބައިން ހުކުރު ނަމާދަށް ޙާޒިރު ވުމުގެ ވާޖިބު ކެނޑިގެންނެއް ނުދާނެއެވެ. މިއީ حنفي މަޒްހަބާއި، مالكي މަޒްހަބާއި، شافعي މަޒްހަބުގެ ޢިލްމު ވެރިންނާއި ޖުމްހޫރު ފިޤުހު ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތެވެ. އަދި حنبلي މަޒްހަބުގެ ބައެއް ޢިލްމު ވެރިން ވެސް މިގޮތަށް ތާއީދު ކުރައްވައެވެ.

ދެވަނަ ރައުޔަކީ ޢީދު ނަމާދު ޖަމާޢަތުގައި ކޮށްފި މީހަކަށް އެ ދުވަހުގެ ހުކުރު ނަމާދުގެ ޖަމާޢަތް ދޫކޮށްލައި، އޭގެ ބަދަލުގައި މެންދުރު ނަމާދު ކުރުމުގެ رخصة އޮންނަ ކަމަށް ބުނާ ރައުޔެވެ. މިއީ ޙަންބަލީ މަޒްހަބުގެ ޢިލްމުވެރިންގެ ރަޢުޔުއެވެ. މި ރަޢުޔަށް އިބުނު ތައިމިޔާ އާއި އިބުނު ޢުޘައިމީން އާއި އިބުނު ބާޒު ތާއީދު ކުރައްވައެވެ.

ޙަންބަލީ މަޒްހަބުގައި މިއީ އެ މަޒްހަބުގެ ޢިލްމުވެރީންގެ މެދުގައި ދެބަސްވުން އޮތް މަސްއަލައެކެވެ. މިހާރުގެ ޢިލްމުވެރީންގެ ތެރެއިން އައްޝައިޚު ޖަބްރީން ވިދާޅުވެފައިވަނީ (ހުކުރު ދުވަހާއި ޢީދު ދުވަސް އެއް ދުވަހަކަށް ވެއްޖެނަމަ ޖުމްހޫރުންގެ ރައުޔަކީ ހުކުރު ނަމާދު ކުރުން ވާޖިބުވާނެއެވެ. ޢެހެނީ ޢީދު ނަމާދަކީ ސުންނަތް ނަމާދެކެވެ. ހުކުރު ނަމާދަކީ ވާޖިބު ނަމާދެކެވެ. ހުކުރު ނަމާދަށް ދިޔުން ވެއްޓިގެންދާނަމަ، ވެއްޓިގެންދާނީ ސަހަރާގެ ދުރު ރަށްތަކުގައި އުޅޭ ރަށްފުށުގެ މީހުންނަށެވެ. ބަންގީގެ އަޑު އިވޭ ހިސާބުގައި އުޅޭ މީހުން ޢީދު ނަމާދު ވެސް އަދި ހުކުރު ނަމާދު ވެސް ކުރަން ޖެހޭނެއެވެ.)

ޙަންބަލީ މަޒްހަބުގެ ބައެއް ޢިލްމު ވެރިން މި ރައުޔަށް ތާއީދު ކުރައްވަނީ عبد الله بن عباس ގެ ބަސްފުޅަކަށާއި عبد الله بن الزبير رضي الله تعالى عنهم ގެ ޢަމަލުފުޅަކުން ދަލީލު ނަންގަވައިގެންނެވެ. عثمان رضي الله عنه ގެ خلافة ގައި ހުކުރު ދުވަހާ ޢީދު ދުވަސް ޖަމާވުމުން ހުކުރުގެ ޖަމާޢަތަށް ހާޒިރުނުވެ ގޭގައި މެންދުރު ނަމާދު ކުރުމުގެ ލުއިކަން ދެއްވީ މަދީނާ އަށް އައިސް المسجد النبوي ގައި ހުކުރު ނަމާދު ކުރުން އެބަޔަކަށް ވާޖިބު ނުވާ ފަދަ ދުރު ހިސާބެއްގައި (މަދީނާގެ ރަށްބޭރުގައި) ދިރިއުޅޭ ބަޔަކަށެވެ. ވީމާ عثمان رضي الله عنه ޢަމަލުފުޅުން ޙަންބަލީ ރައުޔަށް ދަލީލެއް ނުލިބެއެވެ.

އަދި ހުކުރު ނަމާދު ދޫކޮށްލެވިދާނެ ކަމަށް ބުނާ ޙަދީޘަށް ބަލާއިރު މިހަދީޘްގެ ސަނަދުގައި ބަލިކަށި ކަމެއް ވާކަމަށް ޢިލްމު ވެރީން ވިދާޅުވެއެވެ. ބަލިކަށި ބަހަކުން ފަރްޟު އެއް ވެއްޓިގެން ނުދާނެތެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙައްޖުތުލްވަދާޢުގައި ޢީދު ދުވަސް ދިމާވެފައިވަނީ ހުކުރު ދުވަހާއެވެ. އެކަލޭގެފާނު ޢީދު ނަމާދު ވެސް އަދި ހުކުރުނަމާދު ވެސް ކުރެއްވިއެވެ. ޢީދު ނަމާދު ކުރައްވައިފައި ހުކުރު ނަމާދު ދޫކޮށެއް ނުލައްވައެވެ. މިހެންވެ ޙަނަފީންނާއި، މާލިކީންނާއި ޝާފިޢީންގެ ބަހަކީ މިއެވެ. ޙަންބަލީ މަޒްހަބުގައި ވެސް މި ރައުޔު އައިސްފައި ވެއެވެ. ވީމާ ތަބާވާން ޖެހޭ ރައްކައުތެރި ސަލާމަތްކަން ބޮޑު އަދި ދީނުގެ އުޞޫލުތަކާ ގުޅޭ ފިޤްހީ ބަހަކީ މިއެވެ.

އާދެ ހުކުރު ދުވަހު ޢީދު ނަމާދު ކުރި މީހުންނަށް އެ މީހުންގެ އަވަށްތަކުގައި ތިބެ މެންދުރު ނަމާދު ކުރުމުގެ ހުއްދަ ދެއްވީ ސަބަބަކަށްޓަކައެވެ. އެއީ ރުޚްޞާއެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (قَدْ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ؛ فَمَنْ شَاءَ أَجْزَأَهُ مِنْ الْجُمُعَةِ، وَإِنَّا مُجَمِّعُونَ) ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހުގައި ދެ ޢީދު އެކުއެކުގައި އަތުވެއްޖެއެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން އެދޭ މީހަކަށް ހުކުރު ފުދިގެން ވެއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ޖަމްޢުކޮށް ނަމާދު ކުރައްވާ ބޭކަލަކީމުއެވެ.) މި ޙަދީޘް ތަފާތު އެތައްއެތައް ގޮތަކަށް ވާރިދުވެފައިވެއެވެ. މީގެތެރެއިން ބައެއް ރިވާޔަތްތައް އޮތީ ރަށްފުށުގެ މީހުންނަށް އެކަނި އޮތް ރުޚްޞާއެއްކަން ދޭހަވާ ގޮތަށެވެ.

ޙަނަފީންނާއި މާލިކީންނާއި ޝާފިޢީން ވިދާޅުވާ ގޮތުގައި މިއީ މަދީނަތުލްމުނައްވަރާގެ ރަށްބޭރުގައި ދިރިއުޅޭ މީހުންނާ ބެހޭ ގޮތުން ޙަދީޘްކުރެއްވި ބަސްފުޅެކެވެ.

މި މައްސަލާގައި ޒަމާނުންސުރެން ދިވެހިރާއްޖެގައި ޢަމަލުކުރަމުން އައިސްފައިވަނީ ޝާފިޢީ މަޒުހަބާއި ޖުމްހޫރު ފިޤުހު ޢިލްމުވެރިންގެ ރަޢުޔަށެވެ. ހުކުރު ދުވަހާއި ޢީދު ދިމާވި ކަމުގައި ވީނަމަވެސް ހުކުރުގެ ޖަމާޢަތަށް ހާޟިރުވުމުގެ ރަޢުޔުއަށެވެ. މި ރަޢުޔުއަށް ތާއީދު ކުރައްވާ ދިވެހި ރާއްޖޭގެ ފަހުގެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި އައްލްއުސްތާޛު އިބުރާހިމް ރަޝީދު މޫސާ އާއި ފަޟީލަތުއްޝައިޚް ހުސައިން ރަޝީދު އަޙްމަދާއި ފަޟީލަތުއް ޝައިޚު މުހައްމަދު ނަޝީދު އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒިޔާދު ފަދަ ބޮޑެތި ޝަރުޢީ ޢިލްމުވެރި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އާދެ އަޅުގަނޑުމެން ޢަމަލު ކުރުން ވާޖިބުވެގެން ވަނީ މުޙްކަމާތު ބަސްފުޅުތަކާ އެއްގޮތަށެވެ. މުތަޝާބިހާތު ބަސްތަކާ ދުރުހެލިވެގެންނެވެ. ޢަޒީމަތާއި ރުޚުޞަތާއި ފަރުޟާއި މަންދޫބާއި ސުންނަތް ވަކިކުރަން އެގެންވާނެއެވެ. ޢިލްމުވެރީންގެ ރައުޔު ތަފާތުވެފައިވާ މަސްއަލަތަކުގައި ޢަމަލު ކުރަން ޖެހެނީ ގިނަ ޢިލްމުވެރީން އިޖުމާޢުވެލައްވާ ބަސްފުޅުތަކާ އެއްގޮތަށެވެ.

ރާއްޖޭގެ ރަށްތަކަކީ ކުދިކުދި ރަށްތަކަކަށްވެފައި އެއިން އެއްވެސް ރަށެއްގައި ބަންގި ގޮވާ އަޑު ނީވޭހާ ދުރު ހިސާބެއްގައި ބަޔަކު އުޅޭނެހެނެއް ހީއެއް ނުވެއެވެ. އެހެންކަމުން ހުކުރު ނަމާދުގެ ބަންގީގެ އަޑު އިވޭ މީހާ އެދުވަހުގެ ޢީދު ނަމާދު ކުރި ނަމަވެސް މިސްކިތުގެ ޖަމާޢަތަށް ހާޟިރުވެ ހުކުރު ނަމާދު ކުރުން ވާޖިބުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. Hussain Rasheed akee fahuge bodu dheenee ilum veriyekey liyuvvumun mi liyuh vumuge thedhukan gellijje. E beyfulhaa ah shaikh kiyas dheenee ilumee faaheh novey.

  2. އިސްލާމް ކުއެސްޝަން އެންޑް އާންސަރ ވެބްސައިޓްގަ މިވާހަކަ ބަޔާންކޮށްފަ އޮތްގޮތް ބަލާލާ. އެއީ ޒަމާނުއްސުރެ އިތުބާރު ހިފޭ ވެބްސައިޓެއް. އޭގަ އިލްމުވެރިން ނެރެފަ އޮތް ފަތުވާގަ އޮންނަނީ ދެއީދު އެއްވާ ދުވަހެއްގަ އީދުނަމާދު ކުރާ މީހުން މެންދުރު ނަމާދު ކުރަންޖެހޭ ކަމަށް. ދެން ޔަޤީންތޯ ހުސެން ރަޝީދު ޝެއިޚެއްކަން؟އެއީ ދީނުގަ ކަން އޮންނަ ގޮތަށްވުރެ ވަކި މީހަކު ރުއްސަން ވާހަކަ ދައްކާ ބޭފުޅެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *