Support Us

ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ޚާއްޞަ ދުޢާއެއްވޭތަ؟  

ރަމަޟާން މަސް އައުމާ ވިދިގެން ވެބްސައިޓްތަކުގައްޔާއި މީސްމީޑިޔާގެ އޮޅިތަކުގައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ކިޔާނެ ޚާއްޞަ ދުޢާއެއް ޝާއިޢުކޮށް ފަތުރަމުންދާތަން ފެނެއެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ދުޢާތަކަކީ ރަމަޟާންމަހަށް ޚާއްޞަ ދުޢާތަކެއް ނޫންކަން ފާހަގަކުރަމެވެ. އެއީ ޢާންމު ދުޢާތަކެކެވެ. ކޮންމެ ވަގުތަކަށް ވެސް އެކަށީގެންވާ ދުޢާތަކެކެވެ. މި ދުޢާތައް ކިޔުމުގައި ވަކި ޒަމާނެއް ނެތެވެ. ވަކި މިންވަރެއް ވެސް ކަނޑައަޅުއްވައިފައެއް ނެތެވެ. ވަކި ވަގުތެއް ވެސް ނެތެވެ. އެކަމާ ބެހޭ އެއްވެސް ދަލީލެއް ނެތެވެ.

ކީރިތި ރަސޫލާ ﷺގެ ޠާހިރު ސުންނަތުގައި ރަމަޟާންމަހުގެ ކޮންމެ ދުވަހަކަށް ޚާއްޞަ ދުޢާއެއް ވާރިދުވެފައި ވޭތޯއެވެ؟ އާދެ! އެއްވެސް ޝައްކެއްނެތް ގޮތުގައި ދުޢާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މުއުމިނާގެ ހަތިޔާރެވެ. އޭނާގެ އައްޑަނައެވެ. ރަމަޟާން މަހުގައި ދުޢާކުރުމަކީ މަންދޫބު ކަމެކެވެ. ރޯދަވެރިޔާ ރޯދަވީއްލާއިރު ދުޢާކުރުމަށް އަންގަވައިފައި ވެއެވެ. އެ ދުޢާ އިޖާބަ ކުރައްވާނެކަން ވެސް އަންގަވައިފައި ވެއެވެ. މާތް ﷲ ރަޙްމަތްލެއްވި އިބްނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ. "ކީރިތި ރަސޫލާ ﷺ ރަމަޟާން މަހުގައި އަޅުކަންތައް ވަރަށް ގިނަކުރެއްވިއެވެ. ރަމަޟާން މަހުގައި އެކަލޭގެފާނު ޖިބްރީލުގެފާނާއެކު ކީރިތި ޤުރްއާން މުދާރަސާކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ އަކީ ރަމަޟާންމަހުގައި އާދަޔާޚިލާފަށް ދީލަތި ބޭކަލެކެވެ. އެކަލޭގެފާނުގެ ދީލަތިފުޅުކަން ނަލަ ވައިރޯޅިއަކަށް ވުރެ ނަލައެވެ. ދީލައްޗެވެ. އެކަލޭގެފާނު ޞަދަޤާތް ކުރައްވައި ހެޔޮ ފޯރުއްވެވިއެވެ. ޤުރްއާން ކިޔަވާވިދާޅުވެ ޒިކްރުކުރައްވައި އިޢުތިކާފު ކުރެއްވިއެވެ."

ރަމަޟާން މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާ ދެއްވާތީ ﷲގެ ދަރުމައަށާއި ސަވާބަށް އެދި ދުޢާކުރުން ގިނަކުރާން ވާނެއެވެ. ރަމަޟާން މަހު ނަރަކައިގެ ދޮރުތައް ބަންދު ކުރައްވާތީ އެ ތަނުން ސަލާމަތްކޮށް ދެއްވުމަށް އެދި ދުޢާކުރާން ވާނެއެވެ. މި އިން އެނގޭ ގޮތުގައި ދުޢާކުރުން ގިނަކުރުމަކީ ރަމަޟާން މަހުގައި މަންދޫބު ކަމެކެވެ. މުސްތަޙައްބު ކަމެކެވެ.

މާތްﷲ މި މަހުގައި ގޮވައިލައްވަނީ ((يا باغيَ الخيرِ أقْبِل [1]– ހެޔޮ ކަންތަކަށް އެދޭ މީހާއޭވެ! ކުރިމަތިލާށެވެ!)) ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ [2] – -އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.))

މި އާޔަތުގައި މާތް ﷲ އެކަލާނގެ އަޅުންނަށް މި އަންގަވަނީ ދުޢާކުރުމަށެވެ. މި އާޔަތުގައި މުއުމިނުންނަށް ﷲގެ ޙަޟްރަތާ ކުރިމަތިލާނެ ގޮތް އަންގަވައިފައި ވެއެވެ. މި އާޔަތް ބާވައިލެއްވުނު ސަބަބާ ބެހޭގޮތުން ތަފްސީރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޚައިބަރު ހަނގުރާމައިގައި މުސްލިމުން އަޑުހަރުކޮށް މާތް ﷲ އަށް ދުޢާ ދަންނަވާ އަޑު ކީރިތި ރަސޫލާ ﷺ އަށް އިވިވަޑައިގަތުމުން ވިދާޅުވިއެވެ. ((ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ސަމާލުވާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަ ދުޢާ ދަންނަވަނީ ބީރުފަރާތަކަށް ނޫނެވެ. އަދި ދުރުގައިވާ ފަރާތަކަށް ވެސް ނޫނެވެ. ތިޔަބައިމީހުން ތިޔަ ދުޢާ ދަންނަވަނީ ތިޔަބައިމީހުންގެ ގާތުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ދުޢާގެ އަޑު އިވިވަޑައިގަންނަވާ ފަރާތަކަށެވެ.))

ޤަތާދާ ރިވާކުރައްވައިފައިވާ ގޮތުގައި ކީރިތި ރަސޫލާގެ ޞަޙާބީން ދެންނެވިއެވެ. ((އޭ ﷲގެ ނަބިއްޔާއޭވެ! އަޅަމެންގެ ވެރިރަސްކަލާނގެއަށް ދުޢާ ދަންނަވާނީ ކިހިނަކުންތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި މި އާޔަތް ބާވައިލެއްވިއެވެ. އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގެ ރޯދައިގެ ޙުކުންތަކުގެ ތެރޭގައި ދުޢާކުރުމުގެ ވާހަކަ އައުމުން އެނގެނީ ރޯދަވީއްލާ ކޮންމެ ވަގުތަކު ދުޢާކުރުން މުހިއްމު ކަމެވެ. ދުޢާކުރުމުގައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެކަމެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((للصائِمِ عندَ إفطارِهِ دعوةٌ مستجابَةٌ [3]– ރޯދަވެރިޔާއަށް ރޯދަވީއްލާއިރު އިޖާބަވަނިވި ދުޢާއެއް ލިބިގެން ވެއެވެ.)) މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބިން ޢަމްރުގެފާނަކީ ރޯދަފުޅު ވީއްލަވާއިރު އަނބިކަނބަލުންނާއި ބޭފުޅުން ގެންނަވައިގެން ދުޢާކުރެއްވި މާތް ޞަޙާބީއެކެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅެއްގައި ވެއެވެ. ((إن للصائم عند فطرة دعوة ما ترد[4]– ހަމަކަށަވަރުން އެ ދުޢާ އިޖާބަނުކުރައްވާ ރައްދު ނުކުރެވޭނެ ދުޢާއެއް ރޯދަވެރިޔާއަށް ލިބިގެންވެއެވެ.))

ކީރިތި ރަސޫލާ ﷺ ގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((ثلاثُ دَعَواتٍ مُستجاباتٍ: دعوةُ الصائِمِ، ودعوةُ المظلُومِ،ودعوةُ المسافِرِ[5] އިޖާބަކުރެއްވިގެންވާ ތިން ދުޢާއެއް ވެއެވެ. އެއީ ރޯދަވެރިޔާގެ ދުޢާއާއި ބޭއިންސާފުން އަނިޔާލިބިފައިވާ މީހާއާއި ދަތުރުވެރިޔާގެ ދުޢާއެވެ.))

މި ހުރިހާ ބަސްފުޅުތަކަކުން އެނގެނީ ކޮންމެ ދުވަހަކު ރޯދަވެރިޔާ ދުޢާކުރުމަކީ މުސްތަޙައްބު ކަމެއް ކަމެވެ. އައްޝައިޚު ބަކްރު އަބޫ ޒައިދު ވިދާޅުވާ ގޮތުގައި ރޯދައިގެ ޙުކުންތަކާ ބެހޭ ވާހަކަތަކުގެ މެދުތެރޭގައި ދުޢާކުރުމާ ބެހޭ ވާހަކަ އައުމުން ދުޢާކުރުމުގައި ރޯދަވެރިޔާ ގަދައަޅައި މަސައްކަތް ކުރަންޖެހޭކަން އެނގެއެވެ. ކީރިތި ޤުރްއާނާއި ކައު ރަސޫލާގެ ސުންނަތުގައި ވާރިދުވެފައިވާ އެންމެހައި ދުޢާތަކުން ދުޢާ ކުރެވިދާނެއެވެ. ވަކި ދުވަހަކަށް ކަނޑައެޅިފައިވާ ވަކި ދުޢާއެއް ނެތެވެ.

ރަމަޟާން މަހަކީ ދުޢާ އިޖާބަކުރެއްވުމުގެ މައްސަރެވެ. މި ފުރްޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭނެއެވެ. އެހެނަސް ދުޢާއަކީ ޢިބާދާތުގެ ތެރޭގައި ހިމެނޭކަމެކެވެ. ޢިބާދާތުގެ ކަންތައްތަކަކީ ތަޢުޤީފީ ކަމެކެވެ. އެހެންކަމުން ޝަރްޢުގައި އަންގަވައިފައިވާ ގޮތާ އެއްގޮތަށް މެނުވީ އެ ކަންތަކެއް ނުކުރެވޭނެއެވެ. ވަކި ދުވަހަކަށް ވަކި މޫސުމަކަށް ވަކި ތަނަކަށް ވަކި ދުޢާއެއް ޝަރްޢު ކުރައްވައިފައި ނުވާނަމަ އެ ކަމެއް ނުކުރެވޭނެއެވެ. އެ ކަންތައް ވާނީ ބިދްޢައަކަށެވެ.

މާތް ﷲ ރަޙްމަތް ލެއްވި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. "ޒިކްރުކުރުމާއި ދުޢާކުރުމަކީ އެންމެ މާތް އަޅުކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ ހަވާނަފްސަށް ދޫކޮށްލެވިފައިވާ ކަމެއްނޫނެވެ. ޒިކްރުކުރާ މީހުންނާއި ދުޢާކުރާ މީހުން ޒިކްރުކުރާންވަނީ އަދި ދުޢާ ކުރާން ވާނީ ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އެ ދުޢާތަކުންނާއި ޒިކްރުތަކުންނެވެ. އެހެން ޒިކްރުތަކާއި ދުޢާތައް ޙަރާން އެއްޗަކަށް ވެސް މަކްރޫހަ އެއްޗަކަށް ވެސް އަދި ކިއެއް ހެއްޔެވެ! ޝިރްކަކަށް ވެސް ވެދާނެއެވެ."

އެހެންވީމާ އެއްވެސް މީހަކަށް ދުޢާތައް ހެދުމާއި ޒިކްރުތައް އެކުލަވައިލުމުގެ ބާރު ލިބިގެން ނުވެއެވެ. ވެބްސައިޓްތަކުގައި ނުވަތަ މީސްމީޑިއާގެ  އޮޅިތަކުގައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކަށް ވަކި ދުޢާއެއް ކިޔުމަށް ގޮވައިލާ ގޮވައިލުމާމެދު ވިސްނަން ޖެހޭނެއެވެ. އެއީ މާތްﷲ ބާވައިލައްވައިފައިވާ ނުވަތަ ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ އެއްޗެއް ނޫނެވެ. އެ އެއްޗެއްސަށް ފޮތާއި ސުންނަތުން ޙުއްޖަތް ލިބިގެންނުވެއެވެ.

[1]  – أخرجه النسائي (٢١٠٧) واللفظ له، والطبراني (١٧/١٣٢) (٣٢٥)، وأبو نعيم في «حلية الأولياء» (٨/٣٠٦)

[2]  –  البقرة : 186

[3]  – أخرجه الطيالسي في «المسند» (٢٣٧٦)، والبيهقي في «شعب الإيمان» (٣٩٠٧) وابن عساكر في «معجم الشيوخ» (٣٦٥)

[4] –  رواه ابن ماجه

[5]  – أخرجه الطبراني في «الدعاء» (١٣١٣) والبيهقي في «الدعوات الكبير» (٦٤٨)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *