Support Us

ބަދްރު ހަނގުރާމަ: އިސްލާމީ އުއްމަތުގެ އަރާއަރަފޯދުން

ބަދްރު ހަނގުރާމައަކީ އިސްލާމީ އުއްމަތުގެ އަދި ކީއްތޯއެވެ! ދުނިޔޭގެ ތާރީޚުގެވެސް މަލަތައް ބަދަލުކޮށްލި މުހިއްމު ހާދިސާއެކެވެ. އެއީ އެތައް މުޢުޖިޒާތްތަކެއް ހިމެނޭ ހާދިސާއެކެވެ. މި ހަނގުރާމައާއެކު އިންސާނިއްޔަތުގެ ރާސްތާއަށް ހެޔޮބަދަލުތަކެއް އަންނަން ފެށްޓެވެ.

ހިޖްރައިން ދެ ވަނަ އަހަރުގެ ރަމަޟާންމަހުގެ 17ވީ ހުކުރު ދުވަހު ހެނދުނު ހިނގި މި ހަނގުރާމައިގެ ސަބަބުން އިސްލާމީ ދުނިޔޭގެ ޗާޓު މި ބިންމަތީގައި ކުރެހެން ފެށުނެވެ. އަދި ހަމަ އެއާ އެކު މުޅި ދުނިޔޭގެ ޗާޓުވެސް އަލުން ކުރެހެން ފެށުނެވެ. މި ހަނގުރާމައިގައި މުސްލިމުންނަށް މާތް ﷲ ދެއްވި ބޮޑު ކާމިޔާބާއި ނަޞްރުގެ ސަބަބުން ދުނިޔޭގެ އޭރުގެ ބޮޑު ދެ ބާރު (ރޯމަން ބާރާއި ފާރިސީ ބާރު) މުސްލިމުން ދެކެ ބިރުގަންނަން ފަށައިފިއެވެ. މުސްލިމުންގެ ކުރިއެރުންތަކަށް ކަޅިއަޅައި މުސްލިމުންނާ ދެކޮޅަށް ތެދުވުމަށް މަސައްކަތް ފެށިއެވެ.

ކީރިތިޤުރްއާން ބުނާގޮތުގައި ބަދްރު ހަނގުރާމައަކީ "يَوْمَ الْفُرْقَانِ [1]" އެވެ. ނުވަތަ އެއީ "يَوْمَ الْتَقَى الْجَمْعَانِ [2] އެވެ. ތާރީޚު ފޮތްތައް ބުނާގޮތުގައި އެއީ "غَزْوَةُ بَدْرِ الكُبْرَى" [3] އެވެ.

ހަނގުރާމައިގެ ކުރި

ކީރިތި ރަސޫލާ ﷺ މަދީނާއިން ނުކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ 313 ނުވަތަ 314 މީހުންނެވެ. މުސްލިމުންގެ ލަޝްކަރަކީ މާއްދީގޮތުން ބަލާއިރުގައްޔާޢި ޢަދަދުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ބަލާއިރު، މުޝްރިކުންގެ ލަޝްކަރަށްވުރެ މާ ނިކަމެތި ލަޝްކަރެކެވެ. މި ލަޝްކަރު މަދީނާއިން ނުކުތީ ހަނގުރާމައެއް ކުރާކަށް ނޫނެވެ. އެހެނަސް އަބޫ ސުފްޔާނުގެ ވިޔަފާރި ޤާފިލާއަށް ހުރަސްއެޅުމަށް ޓަކައެވެ. މުޝްރިކުން މައްކާއިން ނުކުތީ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެގެން ހަނގުރާމަ ކުރުމަށްޓަކައެވެ. އެހެންކަމުން ރަސޫލުﷲގެފާނަށް ވަރަށް މުހިއްމު ޤަރާރެއް ކަނޑައަޅުއްވަން ޖެހިވަޑައިގަތެވެ. މުސްލިމުންގެ ޢަދަދު މުޝްރިކުންގެ ޢަދަދަށްވުރެ ތިންގުނަ މަދެވެ. މުސްލިމުންގެ އަތުގައި ހުރި ހަތިޔާރަކީ ހަނގުރާމައެއް ކުރުމަށް އެކަށީގެންވާ ވަރަށްވުރެ މާ ދެރަ ހަތިޔާރުތަކެކެވެ. އެހެންކަމުން އެކަލޭގެފާނު، އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާ ކުރެއްވިއެވެ. ޝޫރާއަކީ އިސްލާމީ ދައުލަތް، އިސްލާމީ މުޖްތަމަޢު އޭގެމަތީގައި ކީރިތި ރަސޫލާ ﷺ ބިނާކުރެއްވި އަސާސުތަކުގެ ތެރެއިން އެއް އަސާސެވެ. ކީރިތި ރަސޫލާ ﷺ ޞަޙާބީންނާއެކު މަޝްވަރާ ކުރެއްވީ ހަނގުރާމަކުރުމާ ބެހޭގޮތުންނެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ކިބައިން ލިބިވަޑައިގެން ޖަވާބަކީ އެކަލޭގެފާނާމެދު އެބޭކަލުން ކުރައްވާ އިތުބާރުގެ ބޮޑުކަން ހާމަކޮށްދިން ޖަވާބެކެވެ. އެއީ އެކަމާމެދު އެކަލޭގެފާނު ހިތްޕުޅު ހަމަޖެހުނު ޖަވާބެކެވެ.

މުހާޖިރުންގެ ފަރާތްޕުޅުން އަލްމިޤްދާދު ބްނު ޢަމްރު ތެދުވެވަޑައިގެން ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތަކަށް ކަންތައް ކުރައްވާށެވެ. އަޅުގަނޑުމެން މި ތިބީ ކަލޭގެފާނާ އެކުގައެވެ." އެހެން ބޭބޭކަލުންވެސް ހަމަ މިމޭރުމުން ވާހަކަފުޅު ދެއްކެވިއެވެ.  އެއަށްފަހު ސަޢުދު ބުން މުޢާޛު ވާހަކަފުޅު ދެއްކެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެންގެ ބަހަކަށް ކަލޭގެފާނު އިންތިޒާރުކުރައްވާ ކަމަށް ފެނެއެވެ." އެހިނދު ރަސޫލުﷲގެފާނު އާނއެކޭ ވިދާޅުވުމުން ސަޢުދުގެފާނު ދެންނެވިއެވެ. "އަޅުގަނޑުމެން މިތިބީ ކަލޭގެފާނަށް އީމާންވެގެންނެވެ. ކަލޭގެފާނު ތެދުކޮށްގެންނެވެ. ކަލޭގެފާނު އެކަންކަމައިގެން ވަޑައިގެންނެވި ހުރިހާ ކަންތައްތަކަކީ ޙައްޤުކަމަށް އަޅުގަނޑުމެން ހެކިވަމުއެވެ. ކަލޭގެފާނުގެ ބަސްފުޅު އަޑުއަހައި ކިޔަމަން ގަތުމަށް އަޅުގަނޑުމެން މިތިބީ ވަޢުދުވެގެންނެވެ. ޢަހްދު ކަށަވަރު ހިފައިގެންނެވެ. އެދިވަޑައިގަންނަވާ ގޮތަކަށް ކުރިއަށްވަޑައި ގަންނަވާށެވެ! އަޅުގަނޑުމެން މިތިބީ ކަލޭގެފާނުގެ އަރިހުގައެވެ. ކަލޭގެފާނު ޙައްޤު ގޮތުގައި ފޮނުއްވި ފަރާތް ގަންދީ ދަންނަވަމެވެ. މިއޮތް ބޮޑު ކަނޑަށް އެރިވަޑައިގަތް ކަމުގައިވިޔަސް އަޅުގަނޑުމެން ކަލޭގެފާނު އަރިހުގައި އެކަނޑަށް އެރޭނޫއެވެ!"

މިބަސްފުޅުތައް އިވިވަޑައިގަތުމުން ރަސޫލުﷲގެފާނު ވަރަށް އުފާފުޅުވިއެވެ. މޫނުފުޅު އަލިވެ އުޖާލާވިއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ކުރިއަށްދާށެވެ! އުފާވެރިކަން ހުށްޓެވެ! ހަމަކަށަވަރުން މާތްﷲ ދެކަމުންކުރެ އެއްކަމެއް ތިމަންކަލޭގެފާނަށް ދެއްވަން ވަނީ ވަޢުދުވެ ވޮޑިގަންފައެވެ. ތިމަންކަލޭގެފާނުގެ ޤައުމުގެ ބޮޑުން ހަނގުރާމައިގެ މައިދާނަށް ވެއްޓެމުންދާތަން ފެނިވަޑައިގަންނަވާ ކަހަލައެވެ." ކީރިތިރަސޫލާގެ ޤަރާރަކީ މިއީއެވެ.

މުސްލިމުންގެ ލަޝްކަރު ގޮސް ބަދްރުގެ ފެންގަނޑާ ކައިރި ހިސާބަކަށް ފޭބުމުން އަލްޙުބާބު ބުނުލް މުންޛިރު[4] ދެންނެވިއެވެ. މިއީ މާތްﷲ އަންގަވައިގެން ފައިބާވަޑައިގަން ތަނެއްތޯއެވެ؟ ނުވަތަ މިއީ މަޝްވަރާކުރުމާއި ޚިޔާލުފާޅުކުރުން އޮތްކަމެއްތޯއެވެ؟ ހަނގުރާމައަކީ މަކަރާއި ޙީލަތް އެކަމުގައި ހިމެނޭ ކަމެއް ތޯއެވެ؟ މިއީ ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން އޮތްކަމެއް ކަމުގައި ކީރިތި ރަސޫލާ ﷺ ވިދާޅުވުމުން، މިއީ ފައިބާ ތިބުން ރަނގަޅު މަންޒިލެއް ނޫން ކަމަށް ދަންނަވާ ބަދްރުގެ ފެންގަނޑުގެ އެހެން ހިސާބެއް ދެއްކެވިއެވެ. އެ ހިސާބަށް ފައިބައިފިނަމަ މުސްލިމުންނަށް ފެން ލިިބި، މުޝްރިކުންނަށް ފެން ނުލިބޭނެ ގޮތް ހަދައިލެވިދާނެ ކަމަށް ޙުބާބު ދެންނެވިއެވެ. ކީރިތި ރަސޫލާ ﷺ އަލްޙުބާބުގެ ޚިޔާލު ރަނގަޅު ޚިޔާލެއް ކަމަށް ދެކެވަޑައިގެން އެގޮތަށް ޢަމަލުކުރެއްވިއެވެ. [5] މިއީ ޝޫރާގެ މުހިއްމުކަން ހާމަކޮށްދިން ހާދިސާއެކެވެ. އަދި މި ހާދިސާއިން މަޝްވަރާކުރެވޭނެ ކަންތައްތަކާއި މަޝްވަރާ ނުކުރެވޭނެ ކަންތައްތައް ހާމަވިއެވެ. ދީނުގައި ވަކި ގޮތަކަށް ކަމެއް ކުރުމަށް އަންގަވައިފައި ނުވާ ކޮން މަސްއަލައެއްގައި މަޝްވަރާކުރެވޭނެއެވެ.

ކީރިތި ރަސޫލާ އާއި މުސްލިމުން ރަމަޟާންމަހުގެ 16ވީ ބުރާސްފަތި ދުވަހު ބަދްރުގައި ހަމަޖެހިއްޖެއެވެ. އެދުވަހު ހަވީރު ކީރިތި ރަސޫލާ މާތްﷲއަށް ނަޞްރު ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވަން ފެށްޓެވިއެވެ. މިއިން އެނގެނީ ހަނގުރާމައަށާއި އެހެނިހެން ކަންތައްތަކަށް މާއްދީގޮތުން ތައްޔާރު ވާންޖެހޭ މިންވަރަށް ތައްޔާރުވުމަށްފަހު ކާމިޔާބީއަށް އެދި މާތްﷲގެ ޙަޟްރަތަށް ދުޢާކުރަން ޖެހޭނެކަމެވެ. ނަޞްރަކީ އެކަލާނގެ ދެއްވާ އެއްޗަކަށް ވާތީއެވެ.

ހުކުރު ދުވަހު ހެނދުނު (އެއީ ރަމަޟާންމަހުގެ 17 ވަނަ ދުވަސް) ދެ ލަޝްކަރު ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައިފިއެވެ. އެއް ލަޝްކަރަކީ މުސްލިމުންގެ ލަޝްކަރެވެ. މި ލަޝްކަރު ދިފާޢުކުރަނީ ޙައްޤެވެ. އަނެއް ލަޝްކަރަކީ މުޝްރިކުންގެ ލަޝްކަރެވެ. އެއީ ޝައިޠާނާ ދިފާޢުކުރާ ލަޝްކަރެވެ. ހަނގުރާމަ އެންމެ ގަދަވި ވަގުތު މުސްލިމުންނަށް ހިތްވަރުދެއްވުމަށާއި މަދަދު ދެއްވުމަށްޓަކައި މާތްﷲ މަލާއިކަތުންގެ ފައުޖެއް ފޮނުއްވިއެވެ.

ހަނގުރާމަ ނިމިގެން ދިޔައީ މުސްލިމުންނަށް ވަރުގަދަ ނަޞްރަކާއި ކާމިޔާބީއެއް ލިބިގެންނެވެ. މުޝްރިކުންގެ ބޮޑެތި ފަހުލަވާނުންތަކެއް ޤަތުލުވެ މަރުވެގެންނެވެ. އެމީހުންގެ ތެެރެއިން 70 މީހަކު މަރުވެ، 70 މީހަކު އަސީރުންގެ ގޮތުގައި ހައްޔަރުވެގެންނެވެ. މުސްލިމުންގެ ތެރެއިން 14 މީހަކު ޝަހީދުވެގެންނެވެ.

ހަނގުރާމަ ނިމުމުން މުޝްރިކުންގެ ތެރެއިން ހައްޔަރުކުރެވުނު އަސީރުންނާމެދު ކަންތައްކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެކަލޭގެފާނަކީ ލަޝްކަރުގެ ވެރިޔާ ކަމުގައި ވިޔަސް އަމިއްލަފުޅަށް ޤަރާރު ކަނޑައެއް ނާޅުއްވައެވެ. މިއީ އިސްލާމްދީނުގައިވާ ޝޫރާގެ އުޞޫލުތައް އުގަންނައިދެއްވުމަށް އެކަލޭގެފާނުގެ މަދްރަސާގެ ދަރިވަރުންނަށް ދެއްވި ފިލާވަޅެކެވެ.

މުސްލިމުންނަށް ނަޞްރު ލިބުނީ ކީއްވެ؟

މުސްލިމުންނަށް މިފަދަ މަތިވެރި، މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނީ ކިހިނަކުންތޯއެވެ؟ މި ސުވާލު އެތައް ސަބަބުތަކަކާ ހެދި ކުރަން އެބަޖެހެއެވެ. މުސްލިމުން ނުކުތީ ހަނގުރާއެއް ކުރާކަށް ނޫނެވެ. މުސްލިމުން ތިބީ ހަނގުރާއެއް ކުރަން ތައްޔާރުވެގެނެއް ވެސް ނޫނެވެ. މުސްލިމުންގެ އަތުގައި ހަތިޔާރެއް ނެތެވެ. މުޝްރިކުންނާ އަޅައިބަލާއިރު މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މީގެ އިތުރަށް ވަގުތަކީ މުސްލިމުންނަށް މުނާސަބު ވަގުތެއް ވެސް ނޫނެވެ. ރަމަޟާން މަސް ކަމުގައިވާތީއެވެ. ރަމަޟާންމަހަކީ ޢާއްމު ގޮތެއްގައި ޢަރަބިން ހަނގުރާމަކޮށް އުޅޭ މަހެއްނޫނެވެ. މިޒަމާނުގެ ޢަސްކަރީ މިންގަނޑުތަކުން ބަލާއިރު މުސްލިމުންނަށް ބަދްރު ހަނގުރާމާގައި ކާމިޔާބު ލިބިގެން ނުވާނެއެވެ.

ނަމަވެސް ﷲގެ މިންގަނޑު ތަފާތެވެ. މާތްﷲ މި ހަނގުރާމާގައި ސާފު ހެކިތަކުން ބަޔާންކޮށްދެއްވި އެއްކަމަކީ ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއް ކަމެވެ. މާތްﷲ އަށާއި ﷲގެ ރަސޫލާއަށް ނަޞްރު ދޭ ބަޔަކަށް މާތްﷲ ނަޞްރު ދެއްވާނެ ކަމެވެ.

މުސްލިމުން މި ހަނގުރާމަ ކުރީ ވަރުގަދަ ޢަޤީދާއަކާއި އިޚްލާޞްތެރިކަމަކާ އެކުގައެވެ. މޮޅުވެއްޖެނަމަ އެމީހުންނަށް އޮތީ މުޅިންވެސް ކާމިޔާބުކަން ދަނެ ތިބެއެވެ. ހަނގުރާމަކޮށް މޮޅުވެއްޖެނަމަ ނަޞްރާއި ޣަނީމާތަކެވެ. ހަނގުރާމަކޮށް ޝަހީދުވެއްޖެނަމަ ސުވަރުގެއެވެ.

މުސްލިމުން ހަނގުރާމަ ކުރީ އެމީހުންގެ އިސްވާރަށް ފުރިހަމައަށް ކިޔަމަންގަނެ އިތުބާރު ކޮށްގެންނެވެ. ކީރިތި ރަސޫލާ އެންގެވި ގޮތަށެވެ. އެކަލޭގެފާނުގެ އެއްވެސް ބަސްފުޅަކާ ޚިލާފު ނުވެއެވެ.

ހައްޔަރުކުރެވުނު ކާފިރުންނާމެދު ކަންތައް ކުރެއްވިގޮތް

ޤުރައިޝުންގެ ތެރެއިން ހައްޔަރުކުރެވުނު ކާފިރުންނާމެދު ކީރިތި ރަސޫލާ ﷺ ކަންތައް ކުރެއްވިގޮތާމެދު ވިސްނައިލަމާތޯއެވެ؟ އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވައެވެ. ފިދްޔަ އަތުލައްވައިފައި އެމީހުން ދޫކޮށްލެއްވީއެވެ. ކީރިތި ރަސޫލާ ﷺ މައްކާ ފަތަޙަ ކުރެއްވި ދުވަހު ވެސް މައްކާ މީހުންގެ ކިބައިން ބަދަލެއް ނުހއްޕަވައެވެ. އެމީހުންނަށް މާފު ދެއްވައިފާ ދޫކޮށްލެއްވީއެވެ. މިއިން އެނގެނީ އިސްލާމްދީނުގެ ސަމާޙަތެވެ. ޓޮލަރެންސެވެ. ވީމާ މުސްލިމުންގެ ބުރިކަށިތަކުގައި ހަރުކަށި ޢަމަލުތަކުގެ މަރުކާތައް ތަތްކުރެވިދާނެތޯއެވެ؟ އިސްލާމްދީނުގެ ޢަދުއްވުން ދުނިޔޭގައި މިއަދު ހިނގަމުންދާ ހަރުކަށި ޢަމަލުތައް އިސްލާމްދީނުގެ ބޮލުގައި އަޅުވަން އުޅުނަސް އެމީހުންނަށް މި ކަމުގައި އެއްވެސް ޙުއްޖަތެއް ނެތެވެ. އިސްލާމްދީނާ ނިރުބަވެރިކަމާ އެއްވެސް ގުޅުމެއް ނެތެވެ. އިސްލާމްދީނަކީ ޞުލްޙަ މަސަލަސްކަމުގައި އެންމެން އެކުގައި އުޅުމަށް ގޮވައިލާ ދީނެވެ.

ބަދްރު ހަނގުރާމައިން ދަސްކުރަންޖެހޭ ދަރްސުތައް ވަރަށް ގިނައެވެ. ކާމިޔާބު ލިބޭނީ ވެރިންނަށް ކިޔަމަންވެގެންކަން އެނގެއެވެ. ކާމިޔާބު ލިބޭނީ މަތިވެރި ޢަޒްމަކާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްގެންކަން ވެސް އެނގެއެވެ. އަދި މުސްލިމުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނީ ﷲގެ ބަސްފުޅު މަތިވެރި ކުރުމަށްކަންވެސް އެނގެއެވެ.

ބަދްރު ހަނގުރާމައިގައި ހައްޔަރުކުރެވުނު އަސީރުންގެ ތެރޭގައި ތިބި މާލީ ތަނަވަސްކަން ނެތް މީހުންގެ ފިދްޔައެއް ކަމުގައި ރަސޫލުﷲގެފާނު ހެއްދެވީ މުސްލިމުންގެ 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ. އިސްލާމްދީން ތަޢުލީމަށާއި ޢިލްމަށް ދޭ އަހައްމިއްޔަތާއި ޤަދަރު މިކަމުން ހާމަވެއެވެ. ތަޢުލީމަކީ މިނިވަންކަން ކަން އެނގެއެވެ. އަދި ޖާހިލުކަމަކީ އަޅުވެތިކަމާ އެއްފަދަ ކަމެއްކަންވެސް އެނގެއެވެ.

[1] – سورة الأنفال: 41 މާނައަކީ ޙައްޤާ ބާޠިލު ވެގެންދިޔަ ދުވަހެވެ.

[2] – سورة الأنفال: 41 މާނައަކީ ދެ ބައިމީހުން ބައްދަލުވި ދުވަސް

[3] – ބަދްރުގެ ބޮޑުހަނގުރާމަ

[4] – ތާރީޚީ ބައެއް ފޮތްތައް ބުނާ ގޮތުގައި އޭނާގެ ނަންފުޅަކީ ޚައްބާބެވެ.

[5]–  ބައެއް ރިވާޔަތްތައް ބުނާގޮތުގައި އެވަގުތު ޖިބްރީލުގެފާނު ފައިބާވަޑައިގެން ޙުބާބު ދެންނެވިގޮތަށް ޢަމަލުކުރެއްވުމަށް މާތްﷲ އެންގެވިކަމަށް ދެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *