އިސްލާމީ މަޝްހޫރު ޢާލިމެއް ކަމުގައިވާ މަޙްމޫދު ޝާކިރުގެ ރައުޔުގައި ރޯދައަކީ އަޅުވެތިކަމުގެ ތަފާތު ބާވަތްތަކުން (ޙަޔާތުގެ އަޅުވެތިކަން- ހަށިގަނޑުގެ އަޅުވެތިކަން- ވިސްނުމުގެ އަޅުވެތިކަން– ނަފްސުގެ އަޅުވެތިކަން) އިންސާނާ މިނިވަންކޮށްދޭ އަޅުކަމެކެވެ.
އޭނާ މިކަމާ ބެހޭގޮތުން ލިޔުއްވި މަޒްމޫނެއްގައި ވިދާޅުވިއެވެ. "މާތްﷲ މުސްލިމު އިންސާނާގެ މައްޗަށް ފަރްޟެއްގެ ގޮތުގައްޔާއި ސުންނަތެއްގެ ގޮތުގައި ހިފަން އަމުރުކުރެއްވި ރޯދައިގެ އަމާޒުފަތްގަނޑަކީ މުސްލިމު އިންސާނާ މިނިވަންކުރުމެވެ. އިންސާނާގެ ހަށިގަނޑުގެ އެންމެ ބޮޑެތި މުހްތާދުތައް ފުއްދުމުގައި ވެސް އޭނާ އަޅުވެތިކަމަށް ބޯނުލަނބާނެތެވެ. މި އަޅުކަމުން އޭނާއަށް އުނގަންނައިދެއްވަނީ މާތްﷲ އޭނާ މި ބިމުގައި ﷲގެ ޚަލީފާއެއް ކަމުގައި ލެއްވީ ޙައްޤު ގޮތުގައި އެ ބިން އާރާސްތު ކުރުމަށެވެ. ޙައްޤު ގޮތުގައި އެތާނގައި ދުވަސްތައް ހޭދަކުރުމަށެވެ. ޙައްޤު ގޮތުގައި އެތާނގައި މަސައްކަތްކޮށް އުޅުމަށެވެ.
އިސްލާމީ އަދީބެއް ކަމުގައިވާ މަޙްމޫދު މުޞްޠަފާ އައްރާފިޢީ ވިދާޅުވިއެވެ. "ރޯދައަކީ ފަރުވާގެ ބާވަތެއް ނަމަ ރަމަޟާން މަހުގެ ދުވަސްތައް ވާނީ ތިރީސް ބޭސް ގުޅައަށެވެ. އޭނާގެ މަޢިދާ ވަރުގަދަކުރުމަށާއި ލޭ ސާފުކުރުމަށާއި ހަށިގަނޑުގެ ހަތާރުތައް އައުކޮށްދިނުމަށް ޓަކައި ކޮންމެ އަހަރަކު ދެވޭ ގުޅަކޮޅެކެވެ. އިސްލާމީ މި ފިކްރުގެ ފަހަތުގައި އައުވެއައުވެ އޮންނަ ޙަޤީޤަތްތަކެއް ވެއެވެ. ފަސޭހަކަމާއެކު އަރުތެރެއިން މި ދީން އެތެރެ ވަނީ މިހެންވެގެންނެވެ. މި ދީން ސައެންސީ ސިއްރުތަކުން ޞައްޙަ އަމާޒުތަކަށް އިންސާނާ މިސްރާބު ކުރުވާތީއެވެ. އިޖްތިމާޢީ މަޒްހަބުތައް މި ދުނިޔެއަށް ޙާޞިލްކޮށްދިނުމަށް ނުކުޅެދުންތެރިވެފައިވާ އިންސާނިއްޔަތާ ހަމައަށް ގެންގޮސްދޭތީއެވެ.
"ރޯދައިގެ ފަލްސަފާ" މި ސުރްޚީގެ ދަށުން، ރަމަޟާން މަހުގެ ރޯދައިގެ ފަލްސަފީ ދުރުމިންތައް ހާމަކޮށް ދެއްވުމަށް ރާފިޢީ މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ. ރޯދައިގެ އަޅުކަމުގައި ހިމެނޭ ޙިކްމަތްތަކަށް ބައްލަވައިލައްވައިފައި ވެއެވެ. އޭނާ ވިދާޅުވިއެވެ. "ރޯދައަކީ ހަށިގަނޑުގެ ޝަހްވަތްތަކުން މި ހަށިގަނޑު ޙިރްމާން ކުރުމުގައި އެންމެން ހަމަހަމަވާ ގޮތަށް އޮތް މަޖްބޫރީ ފަޤީރުކަމެކެވެ. ނަމާދު ހުރިހާ އެންމެން ބޮޑާކަމުން މިނިވަންކޮށްދެއެވެ. ޙައްޖުގައި އިޖްތިމާޢީ ތަފާތުތަކުގެ މަޒާހިރުތައް ނެތިގެން ދެއެވެ. އިންސާނިއްޔަތުގެ މުޞީބާތް އަންނަނީ ބަނޑުންނެވެ." ރާފިޢީ ވިދާޅުވިއެވެ. ބަނޑުހައިވެފައިވާ މުއްސަނދިމީހާގެ ނަފްސުގައި ހައިހޫނުކަމުގައި އުޅޭ ފަޤީރު މީހާއާމެދު ރަޙްމު އުފައްދާ ޢަމަލީ ތަރްބިޔަތު ހައިހޫނުކަމުން ލިބެއެވެ. މި ކަމުގެ ސަބަބުން ހަމަހަމަކަން ޙާޞިލުވެގެން ދެއެވެ.
އައްރާފިޢީ ވިދާޅުވާ ގޮތުގައި ރޯދައަކީ އިރާދަތު ބިނާކުރުމަށް ވެސް ލިބޭ ތަރްބިޔަތެކެވެ. އެއީ އޭނާ އަމިއްލަ އިޚްތިޔާރުގައި ޝަހްވަތްތަކާ ދުރުހެލިވާތީއެވެ. މި ޢަމަލީ ތަމްރީނުގެ ސަބަބުން ލިބޭ އިޖްތިމާޢި ދަރަޖަ ޢިލްމާއި ވިސްނުމުން ލިބޭ ދަރަޖައަށްވުރެ މަތިވެރިއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ބިމުގައި ރޯދަހިފުން ޢާންމުވެއްޖެނަމަ މި ބިމުން އެންމެހައި ނުބައި ކަންތައްތައް ފުހެވިގެން ހިނގައިދާނެތެވެ.
މުޞްޠަފާ އައްސިބާޢީ ވިދާޅުވާ ގޮތުގައި ރޯދައަކީ އުޑަށް އެރުމަށް ޓަކައި މުސްލިމުންނަށް ލިބިގެންވާ ސިޑިއެކެވެ. މި މަތިވެރިކަން ލިބޭނީ ﷲއަށް ޚުޝޫޢަތްތެރިވެވުނު މިންވަރަކުންނެވެ. އެއަށްވުރެ މަތިވެރި މަޠުލަބެއް ޙާޞިލުކުރެވޭނީ ދުނިޔަވީ ލައްޒާތުތަކުން ދުރުހެލިވެވުނު ވަރަކުންނެވެ. މި މާތް މަޠުލަބަކީ ﷲގެ ކަލިމަފުޅު މަތިވެރިކުރުމެވެ.އޭނާ ވިދާޅުވިއެވެ. ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެގެންދާއިރު ބުނެތެވެ. އެންމެހާ މުސްލިމުންނޭވެ! ޙަޔާތަކީ ނިޢުމަތެކެވެ. ޝުކްރުވެރީންނަށް މެނުވީ މި ނިޢުމަތް ޙައްޤުވެގެން ނުވެއެވެ. ޝުކްރުކުރުމަކީ މުޞީބާތްތަކުގެ ކުރިމަތީގައި ފައިތިލަ ސާބިތުކޮށްގެން ހުރުމެވެ. ދުޝްމަނުންގެ ނުބައި ރޭވުންތަކަށް ހޭލައި ހުރުމެވެ. އިސްލާންދީން ފަތުރައިގެން ދުނިޔެ އާރާސްތުކުރުމެވެ.




advertisment