Support Us

ފާފަތައް ކުރުމަށްފަހު ބައިވެރިޔާ ކުށްވެރިނުކުރޭ!

ފުރަތަމަ ބަލައިލަންވީ ކައިވެނީގެ ޢަހްދު އުވާލުމަކީ ކޮބައިތޯއެވެ؟ ކައިވެނީގެ އަހުދުތައް ކައިވެނީގެ ޚުޠުބާގައި އެ ކިޔައިދެނީއެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު އެއްކަމަކީ ދެމަފިރިންވެސް އެކަކު އަނެކަކަށް ވަފާތެރިވުމެވެ. ވީމާ ބޭވަފާތެރިވެއްޖެނަމަ އެކުރެވޭ ކަމަކީ ވަފާތެރިވުމަށްވީ ޢަހުދު އުވާލުމެވެ.

ދެން ބަލައިލަންވީ "ބޮޑެތި ފާފަތައް ކުރުމަށްފަހު ބައިވެރިޔާ ކުށްވެރިކުރުމަކީ އިބިލީސް ﷲ ތައާލާ ކުށްވެރިކުރުން ފަދަ ކަމެއް" ކަމަށް މިބުނީ ކީއްވެގެންތޯއެވެ. ކީރިތި ޤުރްއާނަށް ބަލާށެވެ! ﷲ ތަޢާލާ އާދަމްގެފާނަށް ސަޖިދަކުރައްވަން އެންގެވުމުން އިބިލީސް އެކަން ނުކުރީއެވެ. ނުކިޔަމަންތެރިވުމުން ﷲ ތަޢާލާ އިބިލީހަށް ލަޢްނަތްލެއްވެވުމުން އިބިލީސް ކުށްވެރިކުރީ ﷲ ތަޢާލާއެވެ. އިބިލީސް މަސައްކަތްކުރީ އެއީ އޭނާ ކުރިކުށެއް ނޫން ކަމަށާއި ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެއްކަން ބަޔާން ކުރުމަށެވެ.

ދެން ބަލައިލަންވީ ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވުމަށްފަހު ބުނާ ބަހަށެވެ. ގިނަ ފަހަރު ތިމާއަށް ކުރެވުނީ ކުށެއް ކަމަށް ނުވަތަ ކުށެއް ކުރެވުނުކަން ޤަބޫލެއް ނުކުރެއެވެ. ކުށެއް ކުރެވުނުކަން ޤަބޫލުކުރުމަށް ފަހުގައިވެސް މިބުނަނީ އެކުށް ކުރެވުނީ ބައިވެރިޔާ މިވެނި އެވެނި ކަމެއް ކުރީތީ ކަމަށެވެ. މިއީ ބުނެވިގެންވާނެ ބަހެއް ނޫނެވެ.

ބައިވެރިޔާ ކުރާ ކަމަކުން އެކުގައި އުޅެވެން ނެތް ކަމަށް ޤަބޫލުކުރެވިއްޖެނަމަ އޮތީ ވަރިކުރުމެވެ. ނުވަތަ ވަރިވުމެވެ. އިސްލާމް ދީނުގައި އޮތީ ވަރިކުރުމާއި ވަރިވުން ހުއްދަ ކުރައްވައިފައެވެ. އެހެން ނަމަވެސް ބައިވެރިޔާ ނުބައި ކަމެއް ކުރުމުން އެއްވެސް ފާފައެއް ކުރަން ހުއްދައެއް ނުކުރައްވަތެވެ. ބައިވެރިޔާ ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް ތިމާ ފާފައެއް ކޮށްފިނަމަ ފާފަވެރިވާނީ ބައިވެރިޔާއެއް ނޫނެވެ. ފާފަކުރި މީހެކެވެ.

ބިރުވެތިވާން މިބުނަނީ އެހެންވެގެންނެވެ. ބައިވެރިޔާ ކުރި ނުބައި ޢަމަލަކަށް ބަދަލުހިފަން ނަމަވެސް ތިމާ ފާފައެއް ކޮށްފިނަމަ ފާފަވެރިވާނީ ތިމާ ކަމުގައިވާތީއެވެ. އެމީހަކު ކުރި ފާފައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށެވެ. އެހެން މީހަކަށް ނޫނެވެ.

ދެން މިބުނެލަނީ މިފަދަ ޙާލަތްތަކުގައި ޝައިޠޯނާ އަދާކުރާ ނުބައި ދައުރުގެ ވާހަކައެވެ. ބުނާނެއެވެ. ވަސްވާސްދޭނެއެވެ. ކަލޭގެ ފިރިމީހާ ނުވަތަ އަނބިމީހާ މިވެނި މީހަކާއެކު މިވެނި ކަމެއް ކޮށްފިއެވެ. މިވެނި މީހަކާއެކު ގުޅުން ހިންގައިފިއެވެ. ބަދަލު ހިފަން ނުކެރި ފިނޑިވެފައި ތިޔަ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ކަލޭދެކެ ލޯބިވާ މީހުން ބައިވަރެވެ. މިވެނި މީހަކީ ކިހައި ރީތި، ރަނގަޅު މީހެއް ހެއްޔެވެ؟ އަޅެ ނިކަން އޭނާއަށް ގުޅައިލަބަލާށެވެ. ގުޅައިލުމަކީ ފާފައެއްވެސް ނޫނެއް ނޫންހެއްޔެވެ؟

ފުރަތަމަ ވަސްވާސްދޭނީ ގުޅައިލުމަށެވެ. އޭނާއާއެކު ފާފައެއް ކުރުމަކަށް ނޫނެވެ. ޝައިޠޯނާގެ ބަހަށް ހެއްލި ގުޅާލައިފިނަމަ އެ ހިސާބުން މަޑުމަޑުން ލަވަމުން ލަވަމުން ގެންގޮސް ފާތަކަށް މަގުފަހިކުރުވައި ފާފަކުރުވާނެއެވެ.

އަނެއްކާވެސް ބުނަން އޮތީ ހަމަ ބިރުވެތިވާށެވެ! ޝައިޠޯނާއަކީ އެންމެހައި އިންސާނުންގެ އެންމެ ބޮޑު ޢަދުއްވުކަން ޤުރްއާނުން އެނގެން އެބައޮތެވެ. އަހަރެމެން އެންމެން ނަރަކައަށް ވައްދުވަން ކުރެވެން އޮތްހައި މަސައްކަތެއް ކުރުވާނެކަންވެސް އެނގެން އެބައޮތެވެ. ވީމާ އަހަރެމެންނަށް އޮތީ ﷲ ތަޢާލާއަށް ބިރުވެތިވެ އެއްވެސް ފާފައަކަށް އަރައި ނުގަނެ ހުންނަން މަސައްކަތްކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *