Support Us

ކެޔޮނިރު ކޮލަމް

ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ބިނާކުރާ ބިޔަ ރަށް!

ވާވު އަތޮޅަކީ ގުދުރަތީ ގޮތުން ދެއަތޮޅެކެވެ. އެއީ އަސްލު ވާވު އަތޮޅާއި، އެއަތޮޅު ކައިރީ އޮންނަ "ވައްޓަރު" ނަމަކަށް ކިޔާ ގުދުރަތީ ކުޑަ އަތޮޅެކެވެ. ވާވު އަތޮޅަކީ ސައިޒުގެ ގޮތުންވެސް އަދި އާބާދީގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ކުޑަ އަތޮޅެވެ. އަތޮޅުގައި 21 ވަރަކަށް ރަށް އޮތްއިރު މީހުން އުޅެނީ އެންމެ ފަސް ރަށުގައެވެ. އަދި މުޅި އަތޮޅުގެ އާބާދީ އަކީ ގާތްގަނޑަކަށް 2000 އެވެ. ވާވު އަތޮޅުގެ އެންމެ އިރުމަތީ ފަރާތުން ފުއްތެޔޮމުލިން ފެށިގެން އަތޮޅުގެ އެންމެ ހުޅަނގު ފަރާތުން ފުއްސަރާ ދެމެދު، އަތޮޅުގެ ފުޅާމިނުގައި 57 މޭލު ހުރެއެވެ.

އަތޮޅުގެ 2000 ވަރަކަށް އާބާދީ އެހެން އަތޮޅަކަށް ބަދަލުކޮށް، ބަދަލުކުރި މީހުންނަށް ސަރުކާރުން ގެދޮރާއި ބަދަލު ދިނުމަށް ފަހު، ޑީޕްސީ ޑްރެޖިން ހަދައިގެން މުޅި ވާވު އަތޮޅު ހިއްކުމަކީ މީގެ ވިއްސަކަށް އަހަރު ކުރީން ހަފުތާ މަޖައްލާ "މަންޑޭޓައިމްސް" ގައި ލިއުނު ލިއުމުން ފެށިގެން އަޅުގަނޑު ފާޅުކުރަމުން އަންނަ ޚިޔާލެކެވެ. މިއީ ޓެކްނިކަލް ގޮތުން މިހާރު ދުނިޔޭގައި ޓެކްނޮލޮޖީ ހުރި، އަދި ކުރެވިދާނެ ކަމެކެވެ. ޚަރަދަށް ބަލާއިރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމުން، ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ހިންގިދާނެ ބިޔަ މަޝްރޫއެކެވެ.

ޑީޕްސީ ޑްރެޖިން އަކީ މާކަނޑުގެ އަޑިން ޕަމްޕް ކޮށްގެން ވެލި ނެގުމަށް ކިޔާ ނަމެކެވެ. މިގޮތަށް ބިން ހިއްކައިގެން، މުޅި ވާވު އަތޮޅު އެއްކޮށް، ކަނޑުގެ ލޮނުގަނޑުން ފެށިގެން މަދުވެގެން 15 ފޫޓުގެ އުސްމިނަށް ހިއްކުމުން، އެއްފަސްކޮށް އުފެދޭ ބޮޑުސިންގާ ރަށް ވެގެން ދާނީ މަދުވެގެން އެއް މިލިއަން މީހުންނަށް އެއްފަހަރާ އުޅެވޭ ފަދަ "ސޭފް އައިލޭންޑް" އަކަށެވެ.

ވާވު އަތޮޅަކީ ރާއްޖޭގެ ވެރިރަށް މާލެއާވެސް އެހާ ދުރު އަތޮޅެއް ނޫނެވެ. ސްޕީޑް ލޯންޗްގައި ދޮޅުގަޑިއިރުން ދެވެއެވެ. މިފަދަ ބިޔަ މަޝްރޫއެއް ހިންގާނަމަ ވާވު އަތޮޅުގައި މިހާރު އޮތް ދެ ރިސޯޓްވެސް ބަދަލު ދީފައި، (އެހެން އަތޮޅަކުން ދެ ރަށް ދީފައި) ނަގަން ޖެހޭނެއެވެ.

ވާވު އަތޮޅުގެ އެތެރެވަރީގައި އެންމެ ފުން ހިސާބުގެ ފުންމިނަކީ 73 މީޓަރެވެ. މިސާލަކަށް ބަލާނަމަ ސިނަމާލެ ބްރިޖްގެ މައި ތަނބުތައް އެވަނީ ކަނޑުގެ އަޑިން 100 މީޓަރ ފުނަށް ފައްތާފައެވެ. އެހެންކަމުން މިޒަމާނުގެ ޓެކްނޮލޮޖީ ބެނުންކޮށްގެން 73 މީޓަރ ފުން ވާވު އަތޮޅު އެއްކޮށް ހިއްކާލުމަކީ ނުކުރެވޭ ވަރު ކަމެއްނޫނެވެ. އަދި ދާދިފަހުން ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ސަރުކާރުން ބިންހިއްކައިގެން އުފައްދާފައިވާ ބޮޑެތި ރަށްތަކަށް ބަލާއިރު ވާވު އަތޮޅު އެއްކޮށް ހިއްކުމުގެ ޓެކްނޮލޮޖީއާއި ތަޖުރިބާ، އަދި ކޮންޓްރެކްޓަރ ފައިނޭންސަށް ބޭނުންވާ ފައިސާވެސް ޗައިނާއިން ލިބޭނެއެވެ. އަދި ޗައިނާ ނޫނަސް ޔޫރަޕްގެ ހޮލެންޑް ފަދަ ޤައުމުތަކަކީވެސް މިފަދަ ޓެކްނޮލޮޖީ އާއި ފައިނޭންސް ހުރި ޤަމުތަކެވެ.

މިގޮތަށް ވާވު އަތޮޅު (ވައްޓަރުވެސް ހިމެނޭ ގޮތަށް) ހިއްކައިފިނަމަ ގާތްގަނޑަކަށް 3000 އަކަމޭލުގެ ބިޔަ ރަށެއް އުފެދޭނެއެވެ. އެއީ ގަތްގަނޑަކަށް މާލެވަރުގެ 1000 މާލޭގެ ބިމެވެ. އެފަދަ ބިޔަ ރަށެއް، ކަނޑުގެ ލޮނުގަނޑުން ފެށިގެން 15 ފޫޓު އުސްކޮށް ހިއްކައިފި ނަމަ، އެރަށް ވެގެންދާނީ، ތިމާވެއްޓަށް އަންނަ ބަދަލެއްގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ ނަމަ، ދިވެހި ރައްޔިތުންގެ ނުވަތަ ދިވެހި ރާއްޖޭގެ މުސްތަޤްބަލް، އިންޝާﷲ، ޔަގީންކޮށްދޭނެ ބިޔަ ރަށަކަށެވެ. ހަމަ އެފަދައިން އިގްތިސޯދީ ބިޔަ އިންޖީނަކަށެވެ!

މިތަނުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި، ބޮޑެތި އާގު ބޯޓު އެލޯންގްސައިޑް ކުރެވޭ ވަރުގެ  ޓްރާންސްޝިޕްމެންޓް ބަނދަރަކާއި ތަފާތު އުފެއްދުންތައް އުފައްދާ ކާރުހާނާތަކާއި ސްކޫލް، ހޮޓެލް އަދި ކޮންޑޮމީނިއަމްސް އާއި ފްލެޓް ފަދަ ހުރިހާ ވަސީލަތްތައް ޤާއިމް ކުރެވޭނެއެވެ. އަދި ދަނޑުވެރިކަން ކުރާނެ ބޮޑެތި ދަނޑުތަކާއި ކުކިންގ އޮއިލް، ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ސޯސް، ހިކި ކިރު، ގެރި ކިރު، ދިޔާ ކިރު ޕެކެޓް، ކުކުޅުގެ ބާވަތްތައް، ހަކުރު، ނޫޑުލްސް، ހަނޑޫ، ބިސްކޯދު، އިންޖީނު އޮއިލް، ކޫލެންޓް ފަދަ، އާއްމުކޮށް ބޭނުންކުރާ ތަފާތު މުދާ އުފައްދާ ނުވަތަ ޕެކް ކުރާ ކާރުޙާނާ ތަކާއި، މޮޓޯރ ސައިކަލް ފަދަ ތަކެތި އެސެމްބުލް ކުރާ ކާރުހާނާތައްވެސް ހުންނާނެއެވެ. މިތަނުގައި ބޮޑެތި އަދަދުން (މިލިއަނުން) އިންވެސްޓް ކުރާ ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ޕާމަނެންޓް ރެސިޑެންސީ ދެވޭނެއެވެ. ޕާމަނެންޓް ރެސިޑެންސީ އަކީ ރައްޔިތަކަށް ވުމެއްނޫނެވެ. އެއީ ރައްޔިތަކަށް ލިބޭ ވޯޓުލުމުގެ ހައްޤު ފަދަ ހައްޤުތައް ނުލިބޭ، އެހެނަސް ވިސާއާ ނުލާ ރާއްޖޭގައި ދާއިމަށް އުޅުމުގެ ހުއްދައެވެ.

ދިވެހިރާއްޖެއިން އެތެރެކުރާ ބާވަތްތަކުގެ ތެރެއިން އާއްމުކޮށް ބޭނުންކުރާ ކައްކާ ތެޔޮ ފަދަ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭ މިންވަރު ބަލައި، އެކަމަށް ރިޢާއަތްކޮށް، އެތަކެތި ދިވެހިރާއްޖޭގައި އުފައްދައި، ނުވަތަ އެތަކެތި ގަނޑުކޮށް ނުވަތަ 'ރޯކޮށް' ރާއްޖެ އެތެރެކޮށް، ރިފައިންކޮށް، ޕްރޮސެސްކޮށް އަދި ބަންދުކޮށް ދިވެހި ބާޒާރަށް ނެރުމަށް ބޭނުންވާ ފެކްޓަރީތައް އެއިރުން ހެދޭނީ ވާވު އަތޮޅުގެ ބިޔަ ރަށުގެއެވެ. މިރަށަށް ކީދާނެ އެއް ނަމަކީ "ވާވު-ސޭފް-އައިލޭނޑް" އެވެ!

ވާވު އަތޮޅު ހިއްކާއިރު، ވައްޓަރު ވެސް ހިއްކޭނެއެވެ. ވައްޓަރަކީ ގުދުރަތީ ބޮޑު ސިންގާ ހާބަރެކެވެ. ވައްޓަރު ހިއްކާނީ އެތަނުގެ ގުދުރަތީ ހާބަރު އޮންނަ ގޮތަށް ވައްޓަރުގެ ވަށައިގެންނެވެ. މެދުގަ އޮންނަ ގުދުރަތީ ހާބަރު ނުހިއްކާ ބާއްވާ ގޮތަށެވެ. އެއަށްފަހު ވައްޓަރާއި "ވާވު-ސޭފް-އައިލޭންޑް"އާ ދެމެދު ބްރިޖަކުން ގުޅާލުމަށް ފަހު ވައްޓަރު ބަނދަރު ވެގެންދާނީ ބޮޑު ސިންގާ، ބިޔަ، ޓްރާންސްޝިޕްމެންޓް ކޮންޓެއިނަރ ބަނދަރަކަށެވެ. މިކޮންޓެއިނަރ ބަނދަރާއި، ވާވު-ސޭފްއައިލޭންޑްގައި ހަދާ އިންޓަރނޭޝަނަލް އެއަރޕޯރޓާއި ފެކްޓަރީތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރގެ ސަބަބުން ވާވު ވެގެންދާނީ މެދުސައިޒުގެ ބޮޑު ޤައުމެއް ފަދަ ތަނަކަށެވެ. ހަމައެކަނި އެތަނުގެ އިގްތިސޯދުން މުޅި ދިވެހިރާއްޖޭގެ ހަރަދުތައް ޗަލުވާލެވޭވަރުގެ ބިޔަ އިގްތިސޯދަކަށެވެ. އެ ސަރަހައްދަކީ ޚާއްސަ އިކޮނޮމިކް ޒޯނަކަށް ހަދައި، އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ދެވިގެން ދާނެއެވެ.

މިއީ ބިޔަ ތަސައްވުރެކެވެ. މި ދިވެހި ޤައުމުގެ އިގްތިސޯދީ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ކުރިމަގުގެ ފޯރުންތެރިކަމާއި ޤައުމުގެ ތަރައްޤީ، އަދި، ރައްކާތެރިކަމާ ގުޅިފައިވާ ބިޔަ ތަސައްވުރެކެވެ. "ވިޝަން 2025″ އެކުލަވާލައި، އޭގެ އެންމެ މުހިއްމު ބައެއްގެ ގޮތުގައި "ވާވު-ސޭފް-އައިލޭންޑް"ގެ ތަސައްވަރު ހަޤީގަތަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ފަށަންވީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
712

One Response

  1. މާލެ ދޫކޮށް ރާއްޖޭގެ އެހެން ރަށެއްގައި ތިޔަފަދަ ވިޜަން އެއް ހުރެގެން މަސައްކަތްކުރާނެ ސިޔާސީ މީހެއް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެންނާކަށް ނެތް. ކުދި ސިޔާސީވެރިންގެ ތެރޭގައިވެސް އެފަދަ މީހެއް ފެންނާކަށް ނެތް. ކޮންމެ މީހަކުވެސް އަމިއްލަ ޖީބު ބަރުކޮށްލެވޭތޯ ބަލަނީީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *