Support Us

ތިޔަ ގެންގުޅެނީ ކޮން ކަހަލަ ފިރިއެއް؟

މީހަކަށް ލިބޭނެ އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރޭގައި، ރަނގަޅު އަނތްބަކު ނުވަތަ ފިރިޔަކު ލިބުން ހިމެނެއެވެ. އުފާވެރި ދިރިއުޅުމެއްގެ ބިންގަލަކީ ދެމަފިރީން އެކަކު އަނެކަކުގެ ހައްގުތައް އަދާކުރުމެވެ. އަޅައިލައި އޯގާތެރިވުމެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން، އެންމެ ފަހު ނޭވާއާ ހަމައަށްވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވުމެވެ. އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރުމާއެކު ވަފާތެރިކަމުގެ ސިފަ ދެމެހެއްޓުމެވެ. މިއީ ކަން އޮންނާންޖެހޭ ގޮތް ނަމަވެސް، ކައިވެންޏަށްފަހު މިކަންކަން ބަދަލުވެ ދިރިއުޅުން ބަނަވާ ހާލަތްތައް އަންނަނީ މަދެއްކޮށެއްނޫނެވެ. ބައެއް ފަހަރަށް އަނބިމީހާގެ ސަބަބުންނެވެ. އަދި އަނެއްބައި ފަހަރަށް ފިރިމީހާގެ ސަބަބުންނެވެ. މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ ކައިވެންޏަށްފަހު ފިރިމީހާގެ އުޅުމަށް އަންނަ ބައެއް ބަދަލުގެ މައްޗަށެވެ.

އާއްމު ގޮތެއްގައި ކޮންމެ ފިރިޔަކުވެސް ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރާނެއެވެ. ނުވަތަ ވަޒީފާއެއް އަދާކުރާނެއެވެ. ކައިވެންޏަށް ދުވަސްކޮޅެއް ވުމުން، ބައެއް ފިރީންނަށް އެމީހުންގެ އަނބިމީހާއަށްވުރެ އޭނާގެ ވަޒީފާ މުހިއްމުވާ ކަމަށްވެއެވެ. އެފަދަ މީހުން ވަޒީފާ އުޒުރަކަށް ހަދައިގެން، އާއިލާގެ ޒިންމާތަކުން ބައެއް ދޫކޮށްލައެވެ. ކިތަންމެ އިރަކު ބޭރުގައި އުޅުނަސް އަނބިދަރީންގެ މަތިން ހަނދާންވާ ކަމަކަށް ނުވެއެވެ. ކައިވެނީގެ ކުރީން، "އުޑުން ތަރި ބޭލި ދުވަސްވަރު" ބޭނުންކުރި ބަސްކޮށާރުން އަނބިމީހާއާ މުޚާޠަބުކޮށްލެވޭނެ ވަގުތެއް ނޯވެއެވެ. އެއީ މިޒަމާނުގައި މެސެޖަކުންވެސް ކޮށްލެވޭނެ ފަސޭހަ ކަމެކެވެ. އަދި އޭރުގައި ނިކަން ގިނައިން ކޮށްއުޅުނު ކަމެއްވެސްމެއެވެ.

މިބައިގައި ހިމެނޭ މީހުންގެ އިތުރު ސިފަތަކަށް ބަލަމާހެއްޔެވެ.

ގެއިން މީހަކު ބަލިވެ އުޅޭކަން އެނގުނަސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ހިތާވެގެން އުޅުނުއިރު ކަންކުރި ފަދައިން، މާބޮނޑިއާއި ސެންޓާއި އެނޫންވެސް ހަދިޔާގެ "ސަޕްރައިޒް"ތައް ދިނުމެއް ނޯންނާނެއެވެ. ލޯބިވާ ވާހަކައާއި ހަނދާންވާ ވާހަކަ ދެއްކުން ވަރަށް ބޮޑަށް މަދުވާނެއެވެ. ނުވަތަ އެކަން އެއްގޮތަކަށްވެސް ނުކުރާނެއެވެ. މަސައްކަތުގައި އުޅެނިކޮށް އަނބިމީހާ ގުޅުމުން، އެއީ އުނދަގޫ ކުރުންކަމަށް ދެކޭނެއެވެ. ގެއަށް ބޭނުންވާ އެއްޗެއް ގަންނާން ބުނެފައި އޮތަސް އެ އެއްޗެއް ނުލައި ދިއުން އެއީ އާއްމު ކަމަކަށް ހަދާނެއެވެ. ތިން ހަތަރު ބުރަށް ކޮފީއަށް ގޮސް ގިތްކިޔާފައި ކައިގެން އަންނައިރު، އަނބިދަރީން ތިބީ ކައިގެންތޯ ބަލައެއްނުލާނެއެވެ.

ރައްޓެހީންނާއެކު ވަގުތު ހޭދަކޮށްލުމީ އޮތް ކަމެއްނަމަވެސް މިކަމުގައި ހައްދު ފަހަނައަޅައިދާ މީހުން އުޅެއެވެ. ވަޒީފާ އަދާކޮށް ނިންމުމަށްފަހުވެސް ރޭގަނޑު އެތައް ދަމެއްވާންދެން ބޭރުގައި އުޅުމީ ބައެއް މީހުންގެ އާދައެކެވެ. އެވަގުތުތަކުގައި އަނބިމީހާ ގޭގައި ކުރާ ގިނަ މަސައްކަތްތަކާމެދު ވިސްނައިލުމެއް ނޯވެއެވެ. ގެއަށް އަންނައިރު ހުރިހާ ކަމެއް ހުންނާންޖެހެނީ އެންމެ ފުރިހަމައަށެވެ. ކައްކާ ކާންހަދައި ގޭތެރެ ސާފުކޮށްފައެވެ. ދަރީން ތިބިނަމަ އެކުދީންގެ ކަންކަން ހަމައަކަށް އަޅުވާފައެވެ. އަނެއް ދުވަހު ލާނެ ހެދުން ދޮވެ އިސްތިރިކޮށްފައެވެ. އެކި ކަންކަމަށް އޭނާ ބޭނުންކުރާ ތަކެތިވެސް ހޯދާންޖެހޭނީ އަނބިމީހާގެ ދެލޮލުންނެވެ. އެހާވެސް ގޭތެރޭގެ ކަންކަމާ ބީރައްޓެހިވާނެއެވެ. މި ހުރިހާ ކަމަކާއެކު…. ވަރުބަލިވެ އަވަދިވެފައިވާ އަނބިމީހާ…. ފުރަ މެންދަމު، އެއްކަލަ ފިރިމީހާއަށް އެންމެ މަތީ ދަރަޖައިގެ ހިތްހަމަޖެހުން ހޯދައިދޭން ޖެހިދެއެވެ. ޖަޒުބާތުން އެއްކިބާވެ ސަލާމަތް ބުއްދިއަކުން ވިސްނަމާ ހިނގާށެވެ. ބަޔާންވެދިޔަ ކަންތައްތަކާއި އަނބިމީހާ ހުންނާނެ ހާލަތަށް ބަލާއިރު އެކަން އެގޮތަށްވުން ފަސޭހަވެދާނެހެއްޔެވެ؟

އަނބިމީހާގެ މައްޗަށް ފިރިމީހާއަށް ދަރަޖައެއް ލިބިގެންވާ ކަމަށް އަންގަވާފައިވަނީ ފިރިމީހާ ބޭނުންހައި ގޮތެއް އަނބިމީހާއަށް ހަދާކަށްނޫނެވެ. އެއީ އަނބިމީހާއަށް ޚަރަދުކުރުމާއި އޭނާގެ އެންމެހައި ކަންކަން ބަލައި ބެލެހެއްޓުމުގައި ދެމިހުރުމުގެ މައްޗަށް ފިރިމީހާއަށް ލިބިގެންވާ އިސްކަމެކެވެ. ދަރަޖައެއް ދެއްވިކަމަށް އޮތް އާޔަތުގެ ކުރީބައިގައިވަނީ މިފަދައިންނެވެ. وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ (އަލްބަޤަރާ: 128) "އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާ ފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ."

އަނބީންނާ މެދުގައި ހެޔޮކޮށް ހިތުމަށް ކީރިތި ރަސޫލާ ﷺ ވަޞިއްޔަތް ކުރައްވާފައިވެއެވެ. (ބުޚާރީ: 3153) އަދި އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާ ކަމަށާއި، އިތުރު އެކަލޭގެފާނަކީ އަނބީންނަށް އެންމެ ހެޔޮ މީހާ ކަމަށް ޙަދީޘްކުރައްވާފައިވެއެވެ. (ތިރުމިޛީ: 3892) ހަމަ މިއާއެކު، އަޅެއް ފަދައިން އަނބިމީހާގެ ގައިގައި ތަޅައި އިހާނެތިކުރުމަށްފަހު، އޭގެ ފަހުގެ ވަގުތެއްގައި އޭނާއާ އެއްދާން ނުކުރުމަށް ކީރިތި ރަސޫލާ ﷺ އަންގަވާފައިވެއެވެ. (متفق عليه) މި ޙަދީޘުން ދޭހަވާ ގޮތުގައި އެފަދައިން އަމަލު ކުރުމަކީ އެއީ ގަބޫލުވެވިގެންނުވާ ލާއިންސާނީ އަމަލެކެވެ. އަނބީންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވާ ބަސްފުޅުތަކުގެ ތެރޭގައި މި ބަސްފުޅުވެސް ހިމެނެއެވެ. "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ." (އައްނިސާ: 19)

ވީމާ، އަނބިމީހާއާ މެދު ކަންތައް ކުރެވެނީ ކިހިނެއްތޯ ބަލައި އިޞްލާޙު ކުރަންޖެހޭ ކަމެއް ވާނަމަ އެކަމެއް ރަނގަޅުކުރަމާ ހިނގާށެވެ. އަނބީންނަށް ހެޔޮކޮށް ހިތުމާމެދު އައިސްފައިވާ ދަލީލުތަކާމެދު ފުންކޮށް ވިސްނައި ނަފުސު ހަމަ މަގުގައި ބަހައްޓަން އަޒުމު ކަނޑައަޅަމާ ހިނގާށެވެ. އުފާވެރި ދިރިއުޅުމެއްގެ ފޮނިމީރުކަން ލިބޭނީ އޭރުންނެވެ. ވަރި މަދުކޮށް، ބަދަހި ޢާއިލާތަކެއް ދިރިއުޅޭ މުޖުތަމަޢެއް ބިނާކުރެވޭނީވެސް އޭރުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *