Support Us

ޢިބްރަތްތެރި ވާހަކަ: ފިރިމީހާއާ ގުޅުން ހިންގި ދެ އެކުވެރިންގެ ވާހަކަ

އަޅުގަނޑުގެ މައިންބަފައިންނަކީ އެހައި ތަނަވަސް ބައެއް ނޫން ނަމަވެސް ލިބޭ މިންވަރުން ފުއްދައިގެން އުފަލުގައި ދިރިއުޅެމުން އައި ބައެކެވެ. ގޯތީގެ ކަނެއްގައި ކުޑަ ގެއެއްވެސް އެޅިއެވެ. ދެބުރި ކުއްޔަށް ދިނެވެ. އަނެއްބައިގައި ދިރިއުޅުނީއެވެ.

ގެއަޅަން ނެގި ލޯނު ދައްކައި ނިމުނުތަނާހެން ދެމަފިރިން ދުނިޔެ ދޫކޮށްފިއެވެ. ބަލިވެ އުޅެފައެއްވެސް ނޫނެވެ. އެހެންވެ އެމީހުންނަށް މާބޮޑު ޚިދުމަތެއް ކުރާނެ ފުރުޞަތެއް ނުލިބުމުން ހުރީ ވަރަށް ދެރަވެފައެވެ.

ދިރިއުޅޭ ބައަކީ ތިން ކޮޓަރީގެ އެޕާޓްމަންޓެކެވެ. އެެހެންކަމުން ދެ ކޮޓަރި ހުހަށް ބެހެއްޓުމުގެ ބަދަލުގައި އެއް ކޮޓަރި ކުއްޔަށްދިނީމެވެ. އަނެއް ކޮޓަރި ދިނީ ވަރަށް ގާތްކޮށް އުޅުނު ދެ އެކުވެރިންނަށެވެ. ދިނީވެސް ހަމަ ހިލޭސާބަހަށެވެ. އެއީ އެ ކުދިންނަކީ ވަރަށް ދަތި ޙާލުގައި ދިރިއުޅެމުން އައި ދެކުދިން ކަމަށްވުމުންނެވެ.

އެ ދުވަސްވަރު ބައްދަލުވި ފިރިހެނަކު ދެއްކި ވާހަކަތައް ޤަބޫލުކުރެވި އޭނާ ދެކެ ލޯބިވެވި ކައިވެނިވެސް ކުރީމެވެ. ކައިވެނީގައި ދެ އަހަރު ވީތަނާ ދަރިއަކުވެސް ލިބިއްޖެއެވެ. ދަރިފުޅު ލިބުމުން ވަޒީފާއިން ވަކިވެ ދަރިފުޅު ބަލަން ގޭގައި އިންނަން ފެށީމެވެ.

އެއް ދުވަހެކެވެ. ބޮޑުދައިތަ ބުނެގެން ދަރިފުޅު ގޮވައިގެން އެގެއަށް ދިއައިމެވެ. ދިއައީ އިރުއޮއްސެން ކައިރިވުމުން ގެއަށް އަންނާނެ ވާހަކަ ބުނެފައެވެ. ނަމަވެސް ދަރިފުޅަކު ބަލިވެގެން ހޮސްޕިޓަލަށްދާން ބޮޑުދައިތައަށް ޖެހުމުން ހަވީރު ހަތަރެއް ޖެހިތަނާ ގެއަށް އަތުވެއްޖައީމެވެ.

ގެއަށްވަދެ ކޮޓަރި ހުޅުވައިލުމުން ފެނުނީ ޤަބޫލުކުރަން އުނދަގޫވި މަންޒަރެކެވެ. އެހެންވެ ލޮލަށް މި ފެންނަނީ ރަނގަޅަށްތޯ ބަލައިލަން ވެޓްޓިޝޫއަކުން ލޯފުހެލާފައި ބަލައިލުމުންވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. ފިރިމީހާ އާއި އަޅުގަނޑުގެ ދެ އެކުވެރިން އަޅުގަނޑުގެ ގޭގައި އަޅުގަނޑުގެ ކޮޓަރީގައި އަޅުގަނޑުގެ އެނދުގައި ނިދާފައި އެތިބީ ފޭރާމެއް ނެތިއެވެ. ގައިމަތީގައި ބެޑްކަވަރު އަޅާލައިގެން ތިން މީހުން އެއް ކަވަރުގެ ދަށުގައެވެ. ފިރިމީހާގެ ދެފަރާތުގައި ދެ އެކުވެރިންނެވެ.

ދަރިފުޅު ގެންގޮސް ކުއްޔަށް އުޅޭ މީހުންނާ ޙަވާލުކޮށްފައި އައިސް ފާޚާނާއަށް ވަދެ ފެންހޮޅި ދޫކޮށްލައިގެން އެނދަށް ފިސާރި ރަނގަޅަށް ފެންޖަހައިލީމެވެ. ތިން މީހުން ފުންމައިގެން ތެދުވީމާ ގަދައަށް ހޭންފެށީމެވެ. ކުލީ ކޮޓަރީގައި އުޅޭ މީހުންނަށް ގޮވައި އެމީހުންނަށްވެސް މަންޒަރު ދެއްކީމެވެ.

ދެއެކުވެރިންނާއި ފިރިމީހާ ވަރަށް ގިނަ ވާހަކަތައް ކިޔައިދޭން އުޅުނެވެ. އަޅުގަނޑު ބުނީ ތިން މީހުންވެސް އަވަހަށް ގެއިން ނުކުމެގެން ގޮސް ތިން މީހުން އެކުގައި ތިބެގެން ވާހަކަތައް ދެއްކުމަށެވެ. އަޅުގަނޑަށް އިތުރަށް ކިޔައިދޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

ކޮންމެއަކަސް ހަމަ އެވަޤުތުން ފެށިގެން ތިން މީހުން ގެއިން ނެރެލައި އެކަނިވެރި ދިރިއުޅުމެއް އުޅެމުން އައިސް ދެ އަހަރު ވީފަހުން ކައިވެނިކޮށް ދެވަނަ ކައިވެނީގައި މިހާރު 10 އަހަރުވެއްޖެއެވެ. ފިރިމީހާއަކީ ވަރަށް ތަޤްވާވެރި، ރަނގަޅު މީހެކެވެ. ކޮންމެ ރެއަކު ދަމުނަމާދަށްވެސް ހޭލައްވައެވެ.

ނާހިދު ލިޔާ ވާހަކަތައް ކިޔާ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި މިކަންތަކުގެ ވާހަކަ މިކިޔައިދިނީ ކިތަންމެ ހެޔޮކޮށް ހިތައިގެން އެކުވެރިން ގާތުގައި ގެންގުޅުނު ނަމަވެސް ބައެއް އެކުވެރިންގެ ފަރާތުން ކަންކަން ކުރިމަތިވާ ގޮތުގެ ވާހަކަ ކިޔައިދިނުމަށެވެ. މިކިޔައިދެވުނީ އެފަދަ ވާހަކައެކެވެ. އެއްވެސް ޙާލެއްގައި ހުރިހާ އެންމެން އެއްގޮތް ކުރާކަށް ނެތީމެވެ. ނަމަވެސް މިއަދު ގިނައީ މިފަދަ އެކުވެރިން ކަމުގައި ބުނަން އެބަޖެހެއެވެ.

ޙަޤީޤަތުގައި މިވާހަކަ ކިޔައިދޭން ޖެހުނު އެއް ސަބަބަކީ އެއީ މީގެ 12 ވަރަކަށް އަހަރު ކުރިނަމަވެސް މިދިއަ ޑިސެމްބަރުމަހުވެސް ހަމަ މިފަދަ ޙާދިސާއެއް އަޅުގަނޑުގެ ދެބެންގެ ދެދަރި ކޮއްކޮއަކަށް ކުރިމަތިވެއްޖެއެވެ. އެދުވަހު ވަރަށް ދެރަވިއެވެ. އަޅުގަނޑަށް އެހާލުގައި ޖެހުނު ދުވަހަށްވުރެވެސް މާބޮޑަށް ދެރަވިއެވެ. އިންސާނުންނަށް މިއަދު މިތިބީ ކިހިނެއްވެފައި ކަމާމެދުވެސް ސުވާލު އުފެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *