Support Us

ޢިބްރަތްތެރި ވާހަކަ: ދަރިން ބައްޕައާ ވައްތަރުނުވުމުން ޒިނޭގެ ތުހުމަތު އެޅުވި ބައްޕަގެ ވާހަކަ

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުންދިއަ ދެމަފިރިންނެވެ. ކައިވެންޏަށް ދެ އަހަރުވެސް ނުވަނީސް ފިރިހެން ދަރިއަކު ލިބުނެވެ. ދަރިފުޅުގެ ބައްޕައާ ވަރަށް ވައްތަރު ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ.

އޭގެ ދެ އަހަރު ފަހުން ދެވަނަ ދަރިފުޅު ލިބުނެވެ. ނަމަވެސް ފިރިމީހާއަކާ ވެސް މަންމައަކާވެސް ވައްތަރެއް ނޫނެވެ. ފިރިމީހާ ވަޤުތުން އަނބިމީހާގެ މައްޗަށް ޝައްކުކުރިއެވެ. އަނބިމީހާގެ ކިބައިން އެއްވެސް ކުށެއް ފެނިފައިނުވާއިރުވެސް ޒިނޭގެ ތުހުމަތު އެޅުވިއެވެ.

އެވަރުން ނިންމައިލީއެއްވެސް ނޫނެވެ. ޚިޔާނާތްތެރިއަކާއެކު ދިރިއުޅެން ބޭނުން ނޫން ކަމަށްބުނެ އަނބިމީހާ ވަރިވެސް ކުރިއެވެ. ދޮށީ ދަރިފުޅު އަތުލާފައި އަނބިމީހާ އާއި ކުޑަ ދަރިފުޅު ގެއިން ބޭރުކޮށްލީއެވެ. ބޭނުން ނެތްނަމަ، ވަރިކުރި ނަމަވެސް، ދަރިފުޅާ ވަކިނުކުރުން އެދި މަންމަ އާދޭސްކޮށް ރޮއި ކަރުނަ އެޅުމުންވެސް ފިރިމީހާއަށް އެއްވެސް އަސަރެއް ނުކުރިއެވެ.

އަނބިމީހާ ހަދާނެ އެއްވެސް ގޮތެއް ނެތުމުން ކުޑަދަރިފުޅު ގޮވައިގެން ދިއައީ އޭނާގެ ރަށަށެވެ. ރަށުގައި އިންދައި ބައްދަލުވި މީހަކު އޭނާއާ ކައިވެނިކުރިއެވެ. އެއީ ވަރަށް ރަނގަޅު މީހެކެވެ. އޭނާގެ ދަރިފުޅަށްވެސް ބައްޕައެއްގެ ފުރިހަމަ ލޯބި ދީގެން ބަލައި ބޮޑުކުރިއެވެ.

އެއިރު ކުއްޖާގެ ޢުމުރުން ދެ އަހަރުވެސް ނުވާތީ ކުއްޖާއަކަށް އޭނާގެ ހަގީގީ ބައްޕައަކީ ކާކުކަމެއް ނުއެނގެއެވެ. އެހެންވެ އަޞްލު ބައްޕަ ހޯދަން މަސައްކަތެއްވެސް ނުކުރެއެވެ.

ފިރިމީހާ އަކީ ވިޔަފާރިކުރާ މީހެކެވެ. އޭނާގެ ވިޔަފާރިކުރިއަރައި އަތްމަތި ތަނަވަސްވުމުން ހުޅުމާލެއިން ފްލެޓެއް ގަތެވެ. އޭނާގެ ދެ ދަރިންނަށާއި ދޮންދަރިފުޅަށް ރަނގަޅު ތަޢްލީމެއް ދިނުމަށްޓަކައި ރަށްދޫކޮށް ހުޅުމާލެއަށް ބަދަލުވިއެވެ. ހުޅުމާލެއިން ފިހާރައެއް ކުއްޔަށް ހިފައިގެން ވިޔަފާރިކުރަން ފެށިއެވެ.

ދެމަފިރިން އެމީހުންގެ ތިން ދަރިން ގޮވައިގެން އުފަލުގައި ދިރިއުޅެމުން ދަނިކޮށް އެއް ދުވަހަކު އޭނާގެ ކުރީގެ ފިރިމީހާ އާއި ދޮށީ ދަރިފުޅާ ބައްދަލުވިއެވެ. ބީޗްގައި ހުރި ކެފޭއަކުން ސައިބޯން ތިއްބައެވެ. އެއިރު އެދެމަފިރިންވެސް ތިބީ ތިން ކުދިން ގޮވައިގެން ސައިބޯށެވެ.

ކުރީގެ ފިރިމީހާއަށް އޭނާގެ ދެވަނަ ދަރިފުޅު ފެނުމުން އުނދަގޫތަކެއް ވާންފެށިއެވެ. އޭނާ ގޮވައިގެން އިން ދަރިފުޅާ ވައްތަރުކަމުންނެވެ. ވަރަށް ގިނައިރު ބަލަން އިނދެފައި މޭޒުގައި ތިބި ތިން ކުދިން ތެދުވެގެން ބީޗަށް ދިޔަ ތަނާ ތެދުވެގެން ގޮސް ކުއްޖާ އިން މޭޒުކައިރިއަށް ގޮސް ކުއްޖާގެ މަންމައަށް ރަނގަޅަށް ބަލައިލިއިރު އެއީ އޭނާގެ ފުރަތަމަ އަނބިމީހާއެވެ.

އެ ހިސާބުން އެއީ އޭނާގެ ދަރިފުޅުކަން ވިސްނުނެވެ. ބޮޑުވުމުން ދެބެއިން ވައްތަރުވީއެވެ. އެކަން ވިސްނުމުން އެދެމަފިރިންނާ ވާހަކަ ދައްކާލަން ބޭނުން ކަމަށް ބުންޏެވެ. ނަމަވެސް އަނބިމީހާ ބުނީ ތިން މީހުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަހަރުތަކެއް ފަހުން ނަމަވެސް އަހަރެންނަކީ ފާފައެއް ކުރި އަންހެނަކު ނޫންކަން ކަލޭގެ ލޮލަށް ފެނި ޤަބޫލުކުރެވުނު ކަމަށްޓަކައި ﷲ އަށް ޙަމްދުކުރާ ކަމަށެވެ.

"ކަންބޮޑުނުވާށެވެ! ކަލެއާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. މާފުވެސް ކޮށްފީމެވެ. ކަލޭ ދިން އަނިޔާގެ ސަބަބުން އޮހޮރަން ޖެހުނު ކަރުނަ އެއިރު ވަރަށް ހިތްޗެވެ. ނަމަވެސް ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ވަނީ މާމުޔަށްވުރެ ފޮނި އެއްޗަކަށް ބަދަލުވެފައެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. ތިން ދަރިން އެތިބަ އަންނަނީއެވެ. އަވަހަށް މިތަނުން ދުރަށްދާށެވެ.

"ކަލޭގެ ގާތުގައި އިން އަހަރެންގެ ދަރިފުޅު ފެނުމުން އަހަރެންނަށްވެސް އަސަރުތަކެއް އެބަ ކުރެއެވެ. ގާތަށް ނުގޮސް ކެތްތެރިވެގެން މި އިންނަނީ ބައްދާލާފައި ރޮއިލާފައި އަންނަން ބޭނުން ނުވާތީއެވެ. މިތާ އިނދެގެން މިރޮނީ އެހެންވެގެންނެވެ. އެކަމުން އެދަރިފުޅަށް ކުރާނެ އަސަރު މާބޮޑުވާނެތީއެވެ.

"ކަލޭ ބޭނުންނަމަ އަހަރެންގެ ދަރިފުޅު މިވަޤުތުވެސް އަހަރެންނާ ޙަވާލުކުރެވިދާނެއެވެ. ފިރިމީހާ އެއިނީ ދަރިފުޅާ ޙަވާލުވާށެވެ! އަހަރެމެން ދިރިއުޅެނީ ފްލެޓުގައެވެ. ބޭނުންނަމަ ވިސްނާލާފައި ފަހުންވެސް ގެނެސްދެވިދާނެއެވެ. ނަމަވެސް ގެނެސްދޭންވާނީ އެކުގައެވެ. އަނބުރާ ގެންދާ ގޮތަކަށް ނޫނެވެ."

އެހެން ބުނުމުން އިސްދަށަށް ޖަހައިގެން ހުރެފައި އޭނާ ދިއައީއެވެ. އެއިގެ ތިން ދުވަސް ފަހުން އޭނާ ދަރިފުޅު ގެނެސް މަންމައާ ޙަވާލުކުރިއެވެ. ބުނީ ބަލިވެ އުޅޭތީ އަތްމަތި ވަރަށް ދަތިކަމަށެވެ. އެހެންވެ ޚަރަ ދުދޭން ނުލިބޭނެ ކަމަށެވެ. ދޮންބައްޕަ ބުނީ އެއްވެސް ޚަރަދެއް ބޭނުންނުވާ ކަމަށެވެ.

ﷲ އަށް ހާސް ފަށުން މަންމަ ޙަމްދުކޮށް ޝުކުރުކުރިއެވެ. އެއީ ގެއްލިފައިވީ އެދަރިފުޅު އަނބުރާ ދެއްވެވީތީއެވެ. އެ ދަރިފުޅާ ހުރެ ކުރަމުން އައި ހިތާމަ ނިމުމަކަށް އައުމުންނެވެ.

ނާހިދު ޔޫސުފް ލިޔާ އިބުރަތްތެރި ވާހަކަތައް ފޫހިކަމެއްނެތި ކިޔާ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ލިބޭ ދަރިން ވަކި މީހަކާ ވައްތަރުވުމާއި ނުވުމުން މަންމަ ކުށްވެރިނުކުރާށެވެ! އެންމެ ކުޑަމިނުން ޑީއެންއޭ ހަދައިލާށެވެ. އެފަދަ ޢިލްމުތައް އިންސާނުންނަށް ދެއްވަވާފައިވަނީ އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ.

ތައުބާވެ ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފަން އޮތުމުން ޒިނޭގެ ތުހުމަތު އެޅުވުމަކީ ކިހައި ބޮޑު ފާފައެއްކަން އެބަ އެނގެއެވެ. ދެރަވަނީ އެކަން އެނގިތިބެވެސް އެ ބޮޑުފާފަކުރަން ބިރުނުގަންނާތީއެވެ. ރުޅިއަންނައިރަށް "ކަލޭ ވިހާފައި އެތިބީ އަހަރެންގެ ދަރިން ނޫން ކަމަށް" ބުނެލަން މިއަދު ކަންބޮޑު ނުވިނަމަވެސް ކަންބޮޑު ވާންޖެހޭނެ ދުވަސް އެބައޮތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *